މަދިރިޔަށް ފޮގް ނުކުރަންވީ 5 ސަބަބެއް

7 ޖުލައި 2015 2

މިދުވަސްވަރު ދިވެހިރާއްޖޭގައި ވަރަށް ހަލުވި ކަމާއިއެކު ޑެންގީ ހުން ދަނީ ފެތުރެމުންނެވެ. ކޮންމެއަކަސް މި ނުރައްކާތެރި ހުން ފެތުރުން ހުއްޓުވޭނީ މަދިރި މަދުކޮށްގެން ކަމަށް އެންމެންވެސް ގަބޫލުކުރެއެވެ.

ދެބަސްވެވެނީ މަދިރި މަދުކުރަން ހަދާނެ ގޮތަކާއި މެދުއެވެ. ގިނަމީހުންނަށް ފެންނަ ފުރަތަމަ ހައްލަކީ މަދިރިއަށް ފޮގްކުރުމެވެ. ނަމަވެސް އެއީ އެންމެ ފަހުން ކުރަންޖެހޭ ކަންތަކެވެ. 5 ސަބަބެއް ތިރީގައި ހިމަނާލީމެވެ.

  1. ފޮގްކޮށްގެން ބޭނުންވާ ނަތީޖާ ހާސިލެއް ނުވޭ! އެމެރިކާގެ ސެންޓަރ ފޯރ ޑިސީސް ކޮންޓްރޯލްގެ ތަޖްރިބާކާރުން ވިދާޅުވާގޮތުގައި މަދިރި ނައްޓައިލުމަށް ފޮގްކޮށްގެން ބޭނުންވާ ނަތީޖާ ހާޞިލްވަނީ ވަރަށް ކުޑަކޮށެވެ. އެބޭފުޅުން ވިދާޅުވާ ގޮތުގައި ފޮގްކުރުމުން މަރުވަނީ އުދުހިއުޅޭ މަދިރިއެވެ. މަދިރީގެ ބިހާއި މަދިރި ފަނި މަރެއް ނުވެއެވެ. ވުމާއި އެކު ފޮގްކޮށް ނިމުމާއި އެކު އަނެއްކާވެސް މަދިރި ފަނިތައް މަދިރިއަށް ބަދަލުވެ މިނިވަންކަމާއި އެކު އުދުހެން ފަށައެވެ. ވީމާ ފޮގް ކޮށްގެން ބޭނުންވާ ނަތީޖާ ހާސިލްކުރުމަށް ފޮގްކުރުމާއި އެކު މަދިރި އުފެދޭ ތަންތަން ނައްޓައިލުމަށް ހާއްސަ ސަމާލުކަމެއް ދިނުން މުހިއްމެވެ.
  2. މަދިރި ޝިކާރަކުރާ ޝިކާރަވެރިންނަށް ފޮގްގެ ގެއްލުން މާބޮޑު! މަދިރިއަށް ފޮގްކުރުމުން މަދިރިއަށް ލިބޭ ގެއްލުމަށްވުރެ މަދިރި ޝިކާރަކޮށްގެންކާ ޝިކާރަވެރި ސޫޕިތަކަށް ލިބޭ ގެއްލުން މާބޮޑުކަމަށް ކަމާބެހޭ ތަޖްރިބާކާރުން ވިދާޅުވެއެވެ. ވުމާއިއެކު ފޮގްކުރުމަށްފަހު މަދިރިތަކުގެ އާބާދީ ގިނަކޮށްލުމަށް މަދިރިތަކަށް ލިބެނީ ރަނުގެ ފުރުސަތެކެވެ. މަރުނުވެ ދިރިތިބި މަދިރި ފަނިތައް މަދިރީގެ ގޮތުގައި ފައްކާވާއިރު އެއެއްޗިއްސަށް އެއްވެސް ބިރުވެރިކަމެއް ނޯންނާނެއެވެ. ގުދުރަތީގޮތުން ލައްވާފައިވާ ދުޝްމަނުންނެއް ނުތިބޭނެއެވެ. އެމެރިކާގެ ނިޔުޔޯކްގައި ހެދުނު ދިރާސާއަކުން ދައްކާގޮތުގައި ގަވާއިދުން 11 އަހަރުވަންދެން ފޮގްކުރުމަށްފަހު ބެލިބެލުމުން މަދިރީގެ އާބާދީ ވަނީ 15 ގުނަ އިތުރުވެފައެވެ.
  3. ފޮގަށް މަދިރި ހޭނުން! މީވެސް އާންމުކޮށް ފޮގްކުރުމުން ނުކުމެފައިވާ ނަތީޖާއެކެވެ. އެފްރިކާގެ ބައެއް ޤައުމުތަކުގައި މިކަމުގެ ސަބަބުން ފޮގްކުރުމަކީ ބޭކާރު ކަމަކަށް މިހާރުވަނީ ވެފައެވެ. ކިތަންމެވަރަށް ފޮގްކުރިޔަސް މަދިރި މަރުނުވަނީއެވެ. ބައެއް ފަހަރު މިހެންވަނީ ރައްކާތެރި ނޫންގޮތުގައި ފޮގް ކުރެވޭތީއެވެ. ފޮގްކުރަން ބޭނުން ކުރާ އިންސެކްޓިސައިޑް އެކަށީގެންނުވާ މިންވަރަށް މިކްސްކޮށްގެން ފޮގްކުރުން ފަދަ ކަންކަމުންނެވެ. ވުމާއި އެކު ފޮގްކުރަންޖެހޭ ޙާލަތެއް ކުރިމަތިވި ނަމަވެސް ކަމާބެހޭ ފަރާތްތަކުގެ ލަފަޔާއިއެކު ގައިޑްލައިންތަކަށް ތަބާވެތިބެ ފޮގްކުރުން މުހިންމެވެ. އަދި ކަމާބެހޭ ފަރާތްތަކުގެ ހުއްދަނެތި ފޮގްނުކުރުން މުހިންމެވެ.
  4. ފޮގްކުރުމުން އިންސާނުންގެ ސިއްހަތަށްވެސް ގެއްލުންވޭ! ފޮގްގެ އަސަރު އިންސާނުންގެ ސިއްހަތަށްކުރަނީ ދެގޮތަކަށެވެ. އެއީ ވަގުތުން ފެންނަ ސިއްޙީ މައްސަލަތަކާއި ދިގުމުއްދަތެއްގެ ފަހުން ކުރިމަތިވާ ސިއްޙީ މައްސަލަތަކެވެ. މަދިރިޔަށްޖަހާ ފޮގްގެ ސަބަބުން އެންމެ ބޮޑަށް މައްސަލަތައް ކުރިމަތިވަނީ ކުޑަ ކުދިންނާއި، މާބަނޑު އަންހެނުންނާއި މުސްކުޅިންނާއި ކެންސަރު ބަލީގެ ބަލިމީހުން އަދި ނޭވަޔަށް ހިއްލުންފަދަ ބަލިތަކުގައި އުޅޭ ބަލިމީހުންނަށެވެ. އަދި ދިގުމުއްދަތަކަށް މަދިރިޔަށްކުރާފޮގަށް ހުށަހެޅުމުން އޭޑީއެޗްޑީ ފަދަ ޖެނެޓިކް މައްސަލަތައް ހުންނަ ކުދިން ލިބުމަށް މަގުފަހިވާކަމަށްވެސް ދިރާސާތަކުން ދައްކައެވެ. އަދި ބައެއް ތަހުލީލުތަކުން ދައްކާގޮތުގައި ފިރިހެނުންގެ ދަރިފަނި ފޮގްގެ ސަބަބުން ނިކަމެތި ކުރުވައެވެ. ވީމާ ފޮގްކުރުމުގެ ކުރިން ފޮގްކުރުމަށް ހަމަޖެހިފައިވާ ސަރަހައްދުގައި ދިރިއުޅޭ މީހުންގެ ސަމާލުކަމަށް އެކަން ގެނައުން މުހިންމެވެ.
  5. ތިމާވެއްޓަށާއި އިޤްތިސާދަށްވެސް ފޮގްކުރުމުން ގެއްލުންވޭ! މަދިރިޔަށް ކުރާ ފޮގަކީ ޕެސްޓި ސައިޑް ނުވަތަ ތަފާތު އިންސެކްޓިސައިޑް އެވެ. އެއީ ހަމައެކަނި މަދިރި މަރަން ހަދާފައި ހުންނަ އެއްޗެއްނޫނެވެ. އޭގެ ސަބަބުން ވަރަށްގިނަ އެހެން ސޫފާ ސޫފިވެސް މަރުވެއެވެ. އޭގެތެރޭގައި ގަސްގަހާ ގެއްސަށް ނުހަނު ފައިދާހުރި ސޫފާސޫފިވެސް ހިމެނެއެވެ.  ވުމާއިއެކު އެފަދަ ސޫފާސޫފި މަރުވުމުން ބައެއްކަހަލަ ގަސްތައްވެސް މަރުވެއެވެ. ދިވެހިރާއްޖޭގައިވެސް ފޮގްކުރުމުގެ ސަބަބުން ބައެއްކަހަލަ ގަސްތަކަށް އެކަމުގެ އަސަރު ކޮށްފައި އެބަހުއްޓެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

އިހަވަންދޫގައި ފޮގުކޮށްގެން ނައްތާލީ މީހުން ދިރިއުޅޭ ގެތަކުގަ އުޅުނު މަދިރި ތަކެވެ․ މަދިރި އުފެދިގެން އެ ގެތަކަށް މަދިރި އަންނަ ތަންތަނެއް ނައްތައެއް ނުލައެވެ․ އެހެންކަމުން ގެތަކުގަ އުޅޭ މަދިރީގެ އަދަދަކަށް އެއްވެސް ބަދަލެއް ނާދެ އެވެ․ ހުރިހާ ކަމެއްމެ އެނގި ހުރެ އެކަން އެގޮތަށް ކުރީ ރަށުގެ ހިތްހަރު ވެރިން ނެވެ․ މާތްﷲ އާ އެންމެ ދުރު ހިތްތަކުގެ ވެރިންނަކީ ހިތްހަރުވެފައިވާ މީހުންނެވެ. އެމީހުންގެ ސިފަ ޙައްޖު ސޫރަތުގެ 53 ވަނަ އާޔަތުގައި ބަޔާން ކުރައްވާފައިވަނީ "އެއުރެންގެ ހިތްތައް ހަރުކަށިވެފައިވާ މީހުން" މި ގޮތަށެވެ. ސިޔާސީ ގޮތުން މޮޅު ނަމެއް ހޯދުމަށްޓަކައި ނަމަވެސް މިހާލަތުގައި އޮތް ރަށެއްގައި ފޮގު ކުރުމަކީ ރައްޔިތުންގެ ކަރުގައި ވަޅިއެޅުން ކަހަލަ ކަމެކެވެ․

– 7 ޖުލައި 2015 0

ހިތްތައް ގައު ވެފައިވާ ބަޔަކަށް ކިތަންމެ ވަރަކަށް ކިޔައިދިނަސް އަސަރެއް ނުކުރާނެއެވެ․

– 8 ޖުލައި 2015 0