މަކަރާއި ހީލަތުން ފައިސާ ހޯދަނީ.. ސަމާލުވޭ!

9 މާރިޗު 2018 2

އޮޅުވާލައިގެން މަކަރާއި ހީލަތުން އާއްމު ރައްޔިތުންގެ އަތުން ފައިސާ ފޭރުމަކީ މި ކުޑަ ދިވެހި ޤައުމުގައި ވަރަށް ފޯރިޔާއެކު ބަޔަކު ހިންގަމުން އަންނަ ބޮޑު ޖަރީމާއެކެވެ.

ތަފާތު ކުންފުނިތަކުން ހިންގާ ޕްރޮމޯޝަންތަކުގެ ނަމުގައެވެ. އަގުހުރި އިނާމުތައް ހުށަހެޅިފައިވާ ލަކީޑްރޯ ތަކުގެ ގޮތުގައެވެ. މިހާ ފުޅާދާއިރާއެއްގައި ހިންގަމުންދާ މިވައްކަމަކީ އަދު އާންމުވެފައިވާ ކަމެއް ނަމަވެސް މި މަޅީގައި ޖެހޭ މީހުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ. އަތްވާއި ވާރޭގައި ބުރަ މަސައްކަތް ކޮށްގެން ދިރިއުޅުމުގެ މުހުތާދުތައް ފުއްދުމަށް ހޯދާ ފައިސާކޮޅު އަޅުގަނޑުމެންގެ އަތުން ނުދަންނަ "ބީރައްޓެއްސަކަށް" ދެނީ އެއްވެސް ވިސްނުމެއް ނެތިއެވެ. ނުވަތަ ލަކީޑްރޯ ކުރިއަށް ގެންދާ ޕްރެސެންޓަރ ހަމަ މޮޅީއެވެ.

މިފަދަ ކެހިވެރި މަޅި ތަކުގައި އިހަވަންދޫގެ ބައެއް ރައްޔިތުން ޖެހެމުންދާކަމުގެ އަޑުތައް މި ފަހަކަށްއައިސް ރަށުތެރޭގައި މިވަނީ ގަދަވެފައެވެ. ރާސްޓަސް ނުވަތަ ރީލޯޑް ކޮށްދީގެން ފައިސާ ފޭރިގަތުމާއި ކޭޝްކާޑްގެ މައުލޫމާތުތައް ހޯދައިގެން އެކައުންޓުން ފައިސާ ހޯދުން މިދުވަސްވަރު މިވަނީ އާންމުވެފައެވެ.

ޔަޤީން ކުރެވިފައިވާ ގޮތުގައި މި ފަހުން އިހަވަންދޫގެ އެތައްބަޔަކު މިފަދަ މަޅިތަކުގައިޖެހި، ގާތްގަނޑަކަށް ދޮޅު ލައްކައެއްހާ ރުފިޔާ އެމީހުންގެ އެކައުންޓްތަކުން މިވަނީ ގެއްލިފައެވެ. އެހެންކަމުން އަޅުގަނޑުމެން ވަރަށްބޮޑަށް ސަމާލުވާން ވެއްޖެއެވެ.

ރަސްމީ އެއްވެސް ފަރާތަކުން ކޭޝް ކާޑުގެ "އެއްވެސް" މައުލޫމާތެއް ހޯދާކަށް ނުގުޅާނެއެވެ. އެފަދަ މައުލޫމާތު ހޯދަން އުޅުމާއި ހިއްސާ ކުރުމަކީ ވެސް މަނާކަމެކެވެ. ރާސްޓަސް އަދި ރިލޯޑް އަޅައިގެން ކުރިއަށްގެންދާ އެއްވެސް ޕްރޮމޯޝަނެއް ނުވަތަ ލަކީ ޑްރޯއެއް ރަސްމީ އެއްވެސް ފަރާތަކުން ކުރިއަށް ގެންގޮސްފައެއް ނުވެއެވެ. އަދި ނުވެސް ގެންދާނެއެވެ. އަންނަ ފޯނުކޯލަކުން ކޭޝްކާޑުގެ މައުލޫމާތު ދިނުމަށް އެދޭނަމަ ނުވަތަ ރާސްޓަސް އަދި ރީލޯޑް ކުރަން އެދޭނަމަ އެއީ އަނދަވަޅެއްކަން ދަންނާށެވެ. އެފަދަ ކޯލުތަކަށް ސަމާލުވާށެވެ. އަދި ކަމާބެހޭ ފަރާތްތަކަށް ރިޕޯޓްކުރާށެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

އިހަވަންދޫ ކުދިންގެ އަތުން ދޮޅު ލައްކައެއްހާ ރުފިޔާ ފޭރުނީމަ މަމެންނަށް އެނގެނީ އިހަވަންދޫ މީހުން ހޭލުންތެރިކަން ނުވާވަރު․

– 10 މާރިޗު 2018 0

މިހާރަކަށް އައިސް މީހުންވެސް ހިސާބަށްވުރެ ގަމާރީ․

– 10 މާރިޗު 2018 1