މަންމަގެ ހިތުލޯތްބަށް ނިމުމެއް ނެތެވެ.

15 އޭޕުރީލު 2014 0

 

އަހަރެންގެ މަންމަ އޮތީ ވަރަށްބޮޑަށް ބަލިވެފައެވެ. މަންމަ ހަނގުރާމަކުރަމުން އެދަނީ، ސިކުނޑީގެ ކެންސަރާއެވެ. މަންމަ ގުނަމުން އެދަނީ ހަޔާތުގެ އެންމެ ފަހު މިނިޓް ތަކެވެ. އަހަރެންގެ މަންމަގެ ކައިރީގައި، ޑޮކްޓަރުންނާއި ނަރުހުން ހަރަކާތްތެރިވަމުން ދެއެވެ. އެމީހުންގެ މޫނުމަތިން ފާޅުވަމުންދަނީ ނާއުންމީދުގެ ކުލަވަރުތަކެވެ. އަންހަރެންގެ އިތުރުން މަންމައަށް އަވަސް ޝިފާއަކަށްއެދި، ބައްޕަވެސް ހިތާހިތުން ދުޢާ ކުރަމުން ދިއައެވެ. އާއިލާގެ އެހެން މެންބަރުންވެސް މެއެވެ.

ޑޮކްޓަރުންނާއި ނަރުހުން، މަންމަގެ ވަށައިގެން ލެވިފައިވާ ފަރުދާ ދުރުކޮށްލާ ބޭރަށް ނުކުތީ އެވަގުތުއެވެ. އަހަރެންގެ ހިތް ބާރަށް ތެޅިގަތެވެ. ވިންދު އަވަސްވެގެން ދިއައެވެ. ބައްޕަގެ މޫނަށް ބަލައިލީމެވެ. ބައްޕަ އަލި ނިއްކުރިމަތިން، ދާތިކިތައް ފޫދާލިއެވެ. ޑޮކްޓަރާ ދިމާއަށް ބައްޕަ ބަލަމުން ދިއައީ ސުވާލުގެ ނަޒަރަކުންނެވެ.

ޑޮކްޓަރު ދެފަރާތައް ބޯހޫރާލީ ލަސްލަހުންނެވެ. މަންމަގެ ފުރާނަ ސަލާމަތް ކޮށް ނުދެވުނީތީ މަޢާފުކުރާށޭ ބުނާފަދައެވެ. އަހަރެންނަށް، ޑޮކްޓަރުގެ އެއިޝާރާތުގެ މާނަ ކުރެވުނެވެ. އިހްތިޔާރަކާނުލާ އަހަރެންގެ ލޮލުން ކަރުނަ ފޫދާލިއެވެ. ބައްޕަ އަހަރެންގެ ގައިގާ އޮޅުލައިގަތުމުން އަހަރެން "ބަޑިފަޅައިގެން" ދިއައެވެ. އަޑު ހިންދަން މަސައްކަތް ކުރިނަމަވެސް އެކަން ކާމިޔާބެއް ނުވިއެވެ. އަހަރެންގެ ލޮލުން ކަރުނަ ހުސްވަންދެން ރުއީމެވެ. ހިތް ފުރެންދެން ރުއީމެވެ.

އަހަރެން ގެއަށް ދިއައީ ކާރުގައެވެ. ބައްޕަގެ އުނގުގައި ބޯއަޅާލައިގެން ކާރުގެ ފަހަތު ސީޓްގައި އަހަރެން އޮތް އިރުވެސް އަހަރެންނަށް ގިސްލެވެއެވެ. އެގޮތުގައި ފަނަރަ މިނެޓް ހޭދަކޮށް ގެއަށް އައީމެވެ.

ގެއަށް ވަދެވުމާއެކުގައި މަންމަގެ ހަނދާންތައް އާވާން ފެށިއެވެ. ސިޓިންގ ރޫމުގައި މަންމަ، އަހަރެންނާ އެކުގައި ކުޅެން ހޭދަކުރި ވަގުތުތަކުގެ ހަނދާނެވެ. ކައިގެ މޭޒުމަތީގައި އަހަރެން ބައިންދައިގެން މަންމަގެ ލޯބިލޯބި އަތުން އަހަރެންނަށް ކާންދޭ ހަނދާނެވެ. ގޭގެ ތެރޭގައި އަހަރެންނާ އެކުގައި ދުވެ، ފީކޮއި ކުޅެ އުޅޭ ހަނދާނެވެ. އާހުއެވެ. އެހަނދާންތައް އަހަރެން ރޮއްވާލައިފިއެވެ.

ގިސްލެވޭ ހާލު، މަންމަގެ ހަނދާންތަކުން ހިތަށް ތަދުވަމުން ދިއެވެ. ކޮޓަރިތެރެއަށްވަދެ އެނދުމަތީ އޮށޯއޮވެ، ހިތްފުރޭންދެން ރޯލާހިތްވިއެވެ. ކޮޓަރިއަށް ވަދެވުމާއެކުގައި، އަނެއްކައިވެސް މަންމަގެ ހަނދާންތަކެވެ. ތަންމަތީގައި ބާއްވާލައިގެން އަހަރެންގެ ބޮލުގައި ފިރުމައިދިން ހަނދާންތަކެވެ. ވާހަކަ ކިޔާދޭ ހަނދާނެވެ.

އަހަރެންގެ ލޮލުގައި އަޅައިގަތީ އަހަރެންގެ ލިޔާ މޭޒުމަތީގައި އޮތް ގަނޑުކޮޅެވެ. އެގަނޑުކޮޅު ނަގާ ނިއުޅާލީމެވެ. އޭގެތެރެއިން ބޭސްގުޅައެއް ވެއްޓުނެވެ. އަހަރެން އެނަގައި ކިޔާލީމެވެ.

" ދަރިފުޅާ، މަންމައަށް އެނގޭ ދަރިފުޅު ވަރަށް ގިނައިން ރުއިކަން. ދަރިފުޅު އެހާގިނައިން ރޮއިފި ނަމަ ދަރިފުޅަށް އަރިދަފުސް ޖެހޭނެ. މިބޭސްގުޅަ ކައިލާތި. ދަރިފުޅުދެކެ ލޯބިވާ މަންމަ. "

މަންމަ ކިހާ އޯގާތެރި ހެއްޔެވެ؟ މަންމަ އަހަރެންގެ މަތިން އަބަދުވެސް ހަނދާންކުރެއެވެ. ކިތަންމެ ކައިރީގައިވިޔަސް، ކިތަންމެ ދުރުގައިވިޔަސް މެއެވެ. މަންމަގެ ހިތުގައިވާ ލޯތްބައް ނިމުމެއް ނެތެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ