މާސް ބައްޔާއި މެދު ސަމާލުވާންޖެހޭ!


މާސް ބަލި ޖައްސާ ކޮެރޯނާ ވައިރަސް.

މެދުއިރުމަތީގައި 2012 ވަނަ އަހަރުގެ ހައްޖު މަހު ފެތުރެންފެށި ނުރައްކާތެރި ބައްޔެއް ކަމަށްވާ މިޑްލް އީސްޓް ރެސްޕިރޭޓަރީ ސިންޑްރޯމް (މާސް) ރޯގާ މިހާރު މިވަނީ އޭޝިޔާގެ ބައެއް ޤައުމުތަކުގައިވެސް ފެތުރެން ފަށާފައެވެ. އޭޝިޔާގެ ޤައުމުތައް ކަމަށްވާ ކޮރެއާ، ހޮންކޮޮންގް އަދި ތައިލޭންޑުންވަނީ މިބަލި ފެނިފައެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ރޭ ވަނީ އެކަމާއި ގުޅިގެން ހެލްތް އެލާޓެއްވެސް ނެރެފައެވެ. އެ އެލާޓުގައި ވަނީ މާސް ވައިރަސް ފެތުރޭ ގައުމުތަކަށް ޒިޔާރަތް ކުރުމުގައި، އަދި ހާއްސަކޮށް މެދުއިރުމަތީ ގައުމުތަކަށް ގޮސް އުޅުމުގައި ހާއްސަ ސަމާލުކަމެއް ދެއްވުމަށް އެދޭ ކަމަށެވެ. އަދި އެ ބަލި ފެތުރެމުން އަންނަ ގައުމުތަކުގެ ސިއްހީ ފަރުވާ ހޯދާ ތަންތަނަށް ވީހާ ވެސް މަދުން ޒިޔާރަތް ކުރުމަށާއި ޖަމަލު ފަދަ ޖަނަވާރުތަކުގައި އަތްލުމާއި އެފަދަ ތަކެތި އުޅޭ ތަންތަނަށް ގިނައިން ގޮސް ނުހެދުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ.

ކޮރޯނާ ވައިރަސް އެއްގެ ސަބަބުން ރޯގާއެއްގެ ސިފައިގައި ފެތުރެމުންދާ މާސް ބައްޔަކީ ފުއްޕާމެއަށް ޖެހޭ ބައްޔެކެވެ. މި ބައްޔަށް "މިޑްލް އީސްޓް ރެސްޕިރޭޓަރީ ސިންޑްރޯމް (މާސް)" މިނަން ދެވިފައިވަނީ މި ބަލި އެއްމެކުރިން ފެނިފައިވަނީ އަރަބި ކަރައިން ކަމަށް ވާތީއެވެ. މިހާރު ވެސް މާސް ބަލި ޖެހިފައިތިބި މީހުން އެއްމެ ގިނައީ ސައޫދީ އެރޭބިއާގައެވެ. މިކަން މިހެން އޮތުމަކީ ދިވެހިން މި ބައްޔާ މެދު އިތުރަށް ސަމާލުވާން ޖެހެއެވެ. މިހާރު އެތައްބަޔަކު ވަނީ ރަމްޟާން މަހުގެ ޢުމްރާއަށް ގޮހެވެ. ކުރިއަށް އޮތީ ހައްޖު މޫސުމެވެ. އަރަބި ކަރައިން އެނބުރި އަންނަ ޢުމްރާވެރިންނާއި ހައްޖާޖީންނާއެކު ރާއްޖެއަށް މާސް ރޯގާ އެތެރެވުމަކީ ދާދި ގާތް ކަމެކެވެ.

2003 ގައި ދުނިޔޭގައި ފެތުރުނު ސާްސް ބަލީގެ ވައިރަހާ މި(ކޮރޯނާ) ވައިރަހާ ދާދި އެއްގޮތް ކަމަށް ވިޔަސް، އެއީ ތަފާތު ދެ ވައިރަހެވެ. ނޭވާލާ ނިޒާމަށް ޖެހޭ އެހެން ބަލިތަކާ ހިލާފަށް، ވައިގެ ޒަރީއާއިން އެކެއްގެ ފަރާތުން އެހެން މީހަކަށް މާސް ވައިރަސް އެރުން އެހާ ގާތެއް ނޫނެވެ. އެކަމަކު ބަލި ޖެހިފައިވާ މީހުންނާ ގާތުގައި އުޅޭ އަދި ބަލި ޖެހިފައިވާ މީހުންނާއެކު ގިނަ ވަގުތު ހޭދަކުރާ ނަމަ ބަލި ޖެހެއެވެ. މި ބަލި ފެތުރުމަށް ބޮޑަށް ދިމާވެފައި ވަނީ ބަލި މީހުންނަށް ފަރުވާ ދިނުމުގަ އާއި އެ މީހުން ބެލެހެއްޓުމުގައި އުޅޭ ފަރާތްތަކުން އެކަށީގެންވާ ސާފުތާހިރު ކަމުގެ ފިޔަވަޅުތައް ނޭޅުމުގެ ސަބަބުން ކަމަށް ބެލެވެއެވެ.

މި ބަލި ޖެހުމުން ގަދައަށް ހުން އައިސް ކެއްސަނީއެވެ. ހާލު ބޮޑުވާމީހުން ނޭވާލާން އުނދަގޫވެއެވެ. އަދި ބަލި ޖެހޭ މީހުންގެ %30 މީހުން މަރުވާކަމަށް ރިޕޯރޓް ކޮށްފައިވެއެވެ. މި ބައްޔަށް ދެވޭނޭ ޚާއްސަ ފަރުވާއެއް އަދި ވެކްސިނެއްވެސް އަދި ނެތެވެ. އެހެން ކަމުން ބަލިމީހާއަށް ހަމައެކަނި ދެވޭނީ ބަލިމީހާއަށް ވާ އުނދަގޫތައް ލުއިކުރުމުގެ ގޮތުން ދެވޭ ފަރުވާއެވެ.

 

ބަލިތައް

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ