މޮޅަދޫ ބަނދަރުގެ މަސައްކަތް ފައްޓަވައި ދެއްވައިފި — Ihavandhoo.com

މޮޅަދޫ ބަނދަރުގެ މަސައްކަތް ފައްޓަވައި ދެއްވައިފި

23 ނޮވެމްބަރު 2019 0

ހއ. މޮޅަދޫ ބަނދަރު ހެދުމުގެ އަމަލީ މަސައްކަތް ނައިބު ރައީސް ފައިސަލް ނަސީމް މިއަދު ފައްޓަވައި ދެއްވައިފި އެވެ.

ބަނދަރުގެ މަޝްރޫޢު ފައްޓަވައިދެއްވައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި ސަރުކާރެއްގެ އެންމެ ބޮޑު ބޭނުމަކީ ރައްޔިތުންގެ ހުރި ދަތިތައް ޙައްލުކޮށްދިނުންކަމަށް ވިދާޅުވިއެވެ. އެގޮތުން މި ސަރުކާރުން ރަށްރަށަށް އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ރަށެއްގެ ކުޑަބޮޑުމިނަށް ނުބައްލަވާ ތަރަޢްޤީ ގެނެސްދެއްވުމަށް މަސައްކަތް ކުރައްވާނެކަމުގައިވެސް ރައީސުލްޖުމްހުރިއްޔާގެ ނައިބު ވިދާޅުވިއެވެ. އަދި މި ސަރުކާރުން ފާއިތުވި 1 އަހަރުގެ ތެރޭގައި އެންމެ ބޮޑަށް މަސައްކަތްކުރެއްވީ ޤައުމަށް ހަމަޖެހުން ގެނެސްދިނުމަށް ކަމަށާއި އެހެންކަމުން ޤައުމުގެ ހަމަޖެހުން އެގޮތުގައި ދެމި އޮތުމަށް ހުރިހާ ފަރާތްތަކުން އެކުވެރިކަމާއެކު ގުޅިގެން މަސައްކަތް ކުރަންޖެހޭކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

އިހަވަންދިއްޕޮޅުގައި މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން، ލަފާފުރުމަށް ބަނދަރެއްނެތް ހަމައެކަނި ރަށަކީ މޮޅަދޫއެވެ. އެހެންކަމުން އެރަށުގައި ބަނދަރެއް ހެދުމަކީ އެރަށުގެ ރައްޔިތުންގެ ޒަމާންވީ އުއްމީދެކެވެ. މޮޅަދޫގައި ޒަމާނީ ބަނދަރެއް ހަދައިދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެކެވެ.

 

ހއ. މޮޅަދޫގެ ބަނދަރު ހެދުމުގެ މަޝްރޫއު، 26 މިލިއަން ރުފިޔާ އަށް ހަވާލުކޮށްފައި ވަނީ ސުރީލަންކާގެ ކުންފުންޏެއް ކަމަށްވާ، ސެނޮކް ޓްރޭޑް ކޮމްބައިން އާ އެވެ. ޕްލޭނިން މިނިސްޓްރީން ބުނެފައި ވަނީ އެއް އަހަރު ތެރޭ ނިންމަން ހަވާލުކޮށްފައިވާ މި މަޝްރޫއުގައި މޮޅަދޫގައި 232  މީޓަރު ކަނޑު ތޮއްޓަކާއި 200 މީޓަރުގެ އެއްގަމު ތޮށްޓެއް ލާނެ ކަމަށެވެ. އަދި 42 މީޓަރު ރިވެޓްމެންޓް ޖަހާނެކަމަށް ވެސް ބުނެފައި ވެއެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ