ނަލަ މައިޒާން ހުރި ބިން އިސްމާޢީލަށް ދޭން އުޅުމުން އޭސީސީން ހުއްޓުވައިފި

 

ހއ. އިހަވަންދޫ ދިލްކުޝާގޭ އިސްމާޢީލް ރަޝީދަށް ކުއްޔަށް ދޫކޮށްފައިވާ އިހަވަންދޫ ރައްޔިތުންގެ ތެޔޮ ފިހާރައެއް ކަމުގައިވާ ބަނޑަހައިގެ އިރުމަތީ ފަރާތުން 2000 އަކަ ފޫޓްގެ ބިން އިތުރުކޮށްދިނުމަށާއި، އަދި ބަނޑަހައިގެ ކުލީ މުއްދަތު އިތުރު 10 އަހަރަށް އިތުރުކުރުމަށް، މޯލްޑިވްސް ލޭންޑް އެންޑް ސާވޭ އޮތޯރިޓީން އިހަވަންދޫ ކައުންސިލަށް އަންގާފައި ވަނީ ގަވާއިދާ ޚިލާފަށް ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ނިންމަވައި އެ ކަން ކަމާބެހޭ އިދާރާތަކަށް އަންގަވައިފިއެވެ.

  - ބިން އިތުރުކޮށްދޭން އުޅުނީ ގަވާއިދާ ޚިލާފަށް

  - އެއީ ނާޖާއީޒް ފައިދާ ހޯދައިދޭން އުޅުން

  - ލޭންޑް ސާވޭ އޮތޯރިޓީގެ އެންގުން ބާޠިލް

  - އެ އެންގުމަށް ޢަމަލު ނުކުރުމަށް ކައުންސިލަށް ވަނީ އަންގައިފަ

އޭ.ސީ.ސީން މި ގޮތަށް ނިންމަވާފައި ވަނީ، ބަނޑަހައިގެ އިރުމަތީ ފަރާތުގައި ހުރި ނަލަ މައިޒާން ނަގައި އެ މައިޒާން ހުރި ބިން ހިމެނޭ ގޮތުން ބަނޑަހައިގެ އިރުމަތީ ފަރާތަށް ބިން އިތުރުކޮށްދިނުމަށާއި ކުލީ މުއްދަތު އިތުރުކޮށްދިނުމަށް މޯލްޑިވްސް ލޭންޑް އެންޑް ސާވޭ އޮތޯރިޓީން އިހަވަންދޫ ކައުންސިލަށް އަންގާފައި ވަނީ ފަސާދަ ހިމެނޭ ގޮތަށްކަމަށް ބުނެ އިހަވަންދޫ ކައުންސިލް މެމްބަރ އަޙްމަދު ރިޟްވާން އޭ.ސީ.ސީއަށް ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ.

މި މައްސަލަ ނިންމެވި ގޮތް ކަމަށް ބުނެ އޭ.ސީ.ސީން ރިޟްވާނަށް ފޮނުއްވި ސިޓީގައި މައިގަނޑު 6 ނުކުތާއެއް ފާހަގަކުރައްވާފައިވެއެވެ.

މި ގޮތުން، އިސްމާޢީލް ރަޝީދަށް ދޫކޮށްފައިވާ "ބަނޑަހަ" ކިޔާ ޢިމާރާތަކީ އެ ރަށު ރައްޔިތުންގެ ޢިމާރާތެއްކަމަށާއި އެ ޢިމާރާތް ހުރި ބިމަކީ ހއ. އިހަވަންދޫ ކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި ތަންތަން ކަމާއި އެ ބިމާއި ޢިމާރާތް އިސްމާޢީލް ރަޝީދަށް ކުއްޔަށް ދޫކޮށްފައި ވަނީ އާންމުކޮށް އިޢުލާނުކޮށްގެންކަމަށާއި، އެ ތަން ކުއްޔަށް ދިނުމަށް ވެފައިވާ އެއްބަސްވުމުގައިވާގޮތުން އެ ބިމުގެ ބޮޑުމިނަކީ 3000 އަކަ ފޫޓުކަމާއި އެ ބިމާއި ޢިމާރާތް އިސްމާޢީލް ރަޝީދަށް ކުއްޔަށް ދޫކޮށްފައި ވަނީ 24 އޮކްޓޫބަރ 2013 އިން ފެށިގެން 10 އަހަރު ދުވަހުގެ މުއްދަތަށްކަމަށާއި، އެ ގޮތުގެމަތިން އެ ބިމާއި ޢިމާރާތް އޭނާއަށް ކުއްޔަށް ދީފައިވަނިކޮށް، އެ ބިމާ އިންވެގެން އިރުމަތީ ފަރާތުން 2000 އަކަފޫޓްގެ ބިން އެ ބިމަށް އިތުރުކޮށް 10 އަހަރު ދުވަހުގެ މުއްދަތަށް އެ ބިން އޭނާއަށް ދިނުމަށް މޯލްޑިވްސް ލޭންޑް އެންޑް ސާވޭ އޮތޯތިޓީން 11 ޖަނަވަރީ 2018 ގައި އިހަވަންދޫ ކައުންސިލްގެ އިދާރާއަށް އަންގަވާފައިވާކަމަށާއި، ކައުންސިލަރުން ސަސްޕެންޑް ކުރިފަހުން 04 ފެބްރުއަރީ 2018 ގައި އެ އިދާރާ ހިންގުމާ ޙަވާލުވެ ހުންނެވި އެސިސްޓެންޓް ޑިރެކްޓަރ މުޙައްމަދު އިބްރާހީމަށް އެކަން ކުރުމަށް ތަކުރާރުކޮށް އަންގާފައިވާކަމަށް، ސިޓީގައި ފާހަގަކުރައްވާފައި ވެއެވެ.

ބަނޑަހަ ހުރި ބިމަކީ ވިޔަފާރިކުރުމުގެ މަސައްކަތްކުރުމަށް ދޫކުރެވޭ ބިމަކަށްވެފައި އެއީ ކުރިން ދޫކުރެވުނު ބިމުގެ އިތުރަށް ދޫކުރެވޭ ބިމަކަށްވާއިރު، ވިޔަފާރިކުރުމަށް ބިން ދޫކުރެވޭނީ އާންމުކޮށް އިޢުލާނުކޮށްގެން ކަމަށް "ދިރިއުޅުމަށް ދޫކުރާ ބަންޑާރަ ގޯތި ފިޔަވައި އެހެނިހެން ބޭނުންތަކަށް ސަރުކާރާއި އަމިއްލަ ފަރާތްތަކަށް ބިން ދޫކުރުމާބެހޭ ގަވާއިދު"ގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަމަށާއި، "ރާއްޖޭގެ ބިނާވެށި ޕްލޭންކުރުމާއި ހިންގުމުގެ ޤަވާޢިދު"ގެ އެނެކްސް 1 ގެ 3 ވަނަ ނަންބަރުގައިވާ ގޮތުން ސިމެންތި ވިއްކުމާއި ސިމެންތި ގައު އެޅުން ފަދަ ކަންތައްތައް ފިޔަވައި އެހެނިހެން ވިޔަފާރިކުރުމަށް ބިން ދޫކުރެވޭނެ އެންމެ ބޮޑުމިނަކީ 1500 އަކަފޫޓު ކަމަށްވުމާއި، ތެލުގެ ވިޔަފާރިވެސް ހިމެނެނީ އެބައިގެ ތެރޭގައިކަން އެ ލިޔުމުގެ 3.9 ވަނަ ނަންބަރުން އެނގެން އޮންނަކަމަށް، ރިޟްވާނަށް އޭ.ސީ.ސީން ފޮނުވި ސިޓީގައި ބަޔާންކުރައްވާފައިވެއެވެ.

ސިޓީގައި އިތުރަށް ފާހަގަކުރައްވާފައި ވަނީ " ... އިސްމާޢީލް ރަޝީދަށް އިތުރު 2000 އަކަފޫޓުގެ ބިން ދޫކުރަން އަންގާފައި ވަނީ އެ (ސިޓީގައި ބަޔާންކޮށްފައިވާ) ގަވާއިދުތަކާ ޚިލާފަށްކަން ފާހަގަކުރެވޭކަމާއި އަދި އިޢުލާނު ނުކޮށް ގަވާއިދުތަކާ ޚިލާފަށް އެ ގޮތަށް ވަކި ފަރާތަކަށް ބިން ދޫކޮށްފި ނަމަ އެކަމުގެ ސަބަބުން އެ ފަރާތަށް ނާޖާއީޒު ފައިދާތަކެއް ލިބޭނެކަމަށް ފެންނާތީ، އެ އެންގެވުން ބާޠިލްކުރުމަށް މޯލްޑިވްސް ލޭންޑް އެންޑް ސާވޭ އޮތޯރިޓީގައި ދެންނެވިފައި ވާތީ އާއި އަދި އެ އެންގެވުމަކީ ކުރިން ބުނެވުނު ގަވާއިދުތަކާ ޚިލާފަށް އަންގާފައިވާ އެންގެވުމަކަށް ވާތީ، އެ އެންގެވުމަށް ޢަމަލު ކުރަން ނުފެންނަ ... " ކަމަށެވެ.

އޭ.ސީ.ސީން މި ގޮތަށް ނިންމަވާފައި މި ވަނީ ބަނޑަހައިގެ އިރުމަތީ ފަރާތުގައި ހުރި ނަލަ މައިޒާން ނަގާފައި ވަނީ ވަކި ފަރާތަކަށް ނާޖާއީޒް މަންފާ ހޯދައިދިނުމަށްކަމަށް އިހަވަންދޫ ކައުންސިލަރުން ތުހުމަތުކުރަމުން ދަނިކޮށެވެ. އިހަވަންދޫ ކައުންސިލްގެ މެމްބަރަކު މި ނޫހަށް ކުރިން ބުނެފައި ވަނީ އެ ކައުންސިލްގެ ހުރިހައި މެމްބަރުން ސަސްޕެންޑްކޮށްފައި ވަނީ މޯލްޑިވްސް ލޭންޑް އެންޑް ސާވޭ އޮތޯރިޓީގެ މި "ޣައިރުޤާނޫނީ" އެންގުމަށް ތަބާ ނުވެގެން "ނުފޫޒު ގަދަ މީހެއް ބޭނުންވާ ގޮތަށް" އިހަވަންދޫ ރަށު ކައުންސިލް ތެރެއިން ކަންތައްތަކެއް ފަހިކުރުމަށް ކަމަށެވެ.

އިހަވަންދޫ ރަށު ކައުންސިލްގެ މެމްބަރުން ސަސްޕެންޑް ކުރިފަހުން، ފުލުހުން ނިކުމެ ނަލަ މައިޒާން ވަނީ ރޫޅާލައިފައެވެ. އަދި މިކަމާ ހިތްހަމަ ނުޖެހިގެން މި މައިޒާން އާންމުކޮށް ބޭނުންކުރާ މީހުން ވަނީ "ކައްވާލި" ނަމުގައި ފިއްލަދޫގޭގައި އައު މައިޒާނެއް ހަދައި ހުޅުވައިފައެވެ.

އިހަވަންދޫ ކައުންސިލް

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

އިސްމާއިލާ ތި ކުޅެނީ․․ މިފަހަރު އޭސީސީ ވެސް ސަސްޕެންޑު ކުރާނެ ކަމަށް ބެލެވޭ․

– 16 އޭޕުރީލު 2018 0

އޭސީސީ ސަސްޕެންޑު ކުރުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށް އެބަދޭ․ <br>އެލްޖީއޭ އިން އިހަވަންދޫ ކައުންސިލަރުން ސަސްޕެންޑުކޮށް، ޒިންމާދާރުކަމެއްނެތް ޒިންމާދާރު ވެރިޔަކު ކައުންސިލް ހިންގުމަށްލާގެން ހާވަން އުޅުނު ހަޑިތައް އޭސީސީ އިން ހުއްޓުވުމަކީ މަމެން ނުހަނު ކަންބޮޑުވާ ކަމެއް․ އޭސީސީއާ ދެކޮޅަށް ފިޔަވަޅު އަޅަން ޖެހޭ․

– 18 އޭޕުރީލު 2018 0