ނިޒާމެއްގެ ތެރެއިން ނަމުން ކަންކުރުމަށްވުރެން ކަމުން ކަން ކުރުން މުހިއްމެވެ. — Ihavandhoo.com

އިހަވަންދޫ ސުކޫލުގެ ރަންޔޫބީލް ގުނާނަ

64 ދުވަސް

ނިޒާމެއްގެ ތެރެއިން ނަމުން ކަންކުރުމަށްވުރެން ކަމުން ކަން ކުރުން މުހިއްމެވެ.

8 މާރިޗު 2016 4

މި ފަހަރު ޙިޔާލު ފާޅުކޮށްމި ލެވެނީ އިހަވަންދޫ ސްކޫލުއާއި މެދުއެވެ. އެއީ އަޅުގަނޑުގެ މަދަރުސީ ހަޔާތް ޔުނިފޯރމަކާއި އެކު ގްރޭޑު 2 ން 1992 ވަނަ އަހަރު ފެށި މަކްތަބެވެ. އެ ސްކޫލަކުން ބަރާބަރު 9 އަހަރު ތަޢުލީމު ހާޞިލްކޮށް ހޯދުނު ރަނގަޅު ނަތީޖާގެ ފޮނި މީރުކަން ރައްދުކުރަނީ އެ އިރުގެ ސްކޫލުގެ ހިންގުންތެރިންނަށާއި މުދައްރިސުންނަށެވެ. މައިންބަފައިންނާއި ޢާއިލާއިން ވެދެއްވި އެހީތެރިކަމަށް ނުހަނު ޝުކުރުވެރިވަމެވެ. އެންމެ އުފާވަނީ، އެ ސްކޫލަކުން ތަޢުލީމު ހާޞިލްކުރި ސްކޫލުގެ އެންމެ އިސްވެރިޔަކަށް ހުރެ އިހަވަންދޫގެ މުޖުތަމަޢުއަށް ޙިދުމަތްކުރުމުގެ މަގު މާތް ﷲ ތަނަވަސްކޮށްދެއްވުމުންނެވެ.

14 މެއި 1979 ގައި ރަސްމީކޮށް ހުޅުވުނު އިހަވަންދޫ ސްކޫލުގެ ދިގު ތާރީޙުގެ ވެރިންގެ ލިސްޓަށް އަޅުގަނޑު ނަން އެރުވުމަށް ވުރެން މަސައްކަތްކުރީ ޒަމާނީ ގޮތްތައް އެންމެންގެ ބައިވެރިކަމާއެކު ސްކޫލުގެ ހިންގުމުގެ ނިޒާމުގައި އަށަގެންނެވުމަށާއި ސްކޫލުގެ ވަޞީލަތްތައް ތަރައްޤީ ކުރުމަށެވެ. ހިންގުންތެރިންނަށާއި ވެރިންނަށް ފާޑުކިޔާ އުޞޫލުން، އަޅުގަނޑުގެ މަސައްކަތްތަކާއި ގުޅިގެންވެސް މުޖުތަމަޢުގައި ފާޑު ކިޔާނެ މީހުން އުފެދޭނެކަން އަޅުގަނޑަށް އިނގެއެވެ. އަދި އެ ފާޑު ކިޔުންތައް އަޅުގަނޑު ބަލައިގަތީ، މަސައްކަތްތައް އަވަސް ދުވެލީގައި ރައްޔިތުން ބޭނުންވާގޮތަށް ކުރުމަށެވެ. ނަމަވެސް، ހަގު އުމުރުގައި، 1200 އެއްހާ ކުދިންނާއިއެކު 100 މުވައްޒަފުންގެ ސްކޫލެއް ހިންގުމުގައި ގިނަ ގޮށްޖެހުންތަކެއް ހީކުރިގޮތަށް ކުރިމަތި ކުރުވިއެވެ.  ސްކޫލުގެ އެތެރޭގެ މާހައުލާއި، ސަރުކާރާއި އަދި އެ ދެވަސްވަރުގެ ސިޔާސީ ވެށިން ކުރިމަތި ކުރުވި ގޮށްޖެހުންތަކެވެ.

އަބަދުވެސް އިހަވަންދޫ ސްކޫލުގެ ވެރިންނަށް ރައްޔިތުންގެ ފާޑިކިޔުންތައް އަމާޒުވެފައިވާ ކަމީ އެންމެން ދަންނަ ހަޤީޤަތެކެވެ. މެނޭޖުމަންޓުގައި އެއްފަރާތްތަކެއް ގިނަދުވަސްތަކެއް ވަންދެން އިހަވަންދޫ ސްކޫލުގައި މަސައްކަތްކުރަން ޖެހިފައި އޮތް އޮތުން އެއީ މި ފާޑު ކިޔުމުގެ އަސްލަކަށް ވެދާނެއެވެ. ހެދޭ ގޯހެއްވެސް އަދި ރަގަޅެއްވެސް ހެދޭނީ ހަމަ އެއްބަޔަކަށް ވާކަމެވެ. ދެވަނަ ކަމަކަށް، ފާޑުކިޔުން ބިނާވި އަނެއް ހަޤީޤަތަކީ، އެއް އާއިލާއަކަށް ނިޞްބަތްވާ ގިނަ ބައެއް އެއް އޮފީހެއްގައި މަސައްކަތްކުރުމެވެ. ކުޑަ ކުޑަ މުޖުތަމަޢު ތަކުގައި ތަޢުލީމަށް އިސްކަންދޭ ޢާއިލާތަކަށް މިފަދަ ފުރުޞަތު ތައް ތަނަވަސްވެފައި އޮތުމީ އެބޭފުޅުންގެ މައްސަލައެއް ނޫންކަމަށް އަޅުގަނޑަށް ދަންނަވަން ޖެހެއެވެ.

ކުރެވުނީ ކޮންކަމެއް ހެއްޔެވެ؟ ސިޔާސީ ގޮތުން ފިތިބާރުނުވެ މަސައްކަތްތަކެއް ކުރެވުނެވެ. ދަރިވަރުންނަށް ބޭނުންވާ ޒަމާނީ ކުޅިވަރު ސާމާނު ހޯދުނެވެ. އިންޓަކޮމް ގެ ވަޞީލަތްތަކުން ސްކޫލުގެ ވެރިންނާއި މުވައްޒަފުންނާއި އަދި ބެލެނިވެރިން ގުޅާލެވި، އެތަކެއް ވަގުތުތަކެއް ސަލާމަތް ކުރެވުނެވެ. ހިޔާލު ފާޅުކުރުމުގެ ފުރުޞަތުތައް ފުޅާ ދާއިރާއެއްގައި ހުޅުވާލެވި ހުރިހާ މުވައްޒަފުންނަށް ވާހަކަ ދައްކާނެ ފުރުޞަތު ހޯދައި ދެވުނެވެ. ކުރު މުއްދަތުގެ ތަމްރީނުގެ ފުރުޞަތުތައް މުވައްޒަފުންނަށް އެއް ހަމައަކުން ލިއްބައިދީ ،މުވައްޒަފުންގެ ތަޢުލީމަށް ހިތްވަރުދެވުނެވެ. ޢިމާރާތްމަރާމާތު ކުރުމަށާއި ކުލަލުމަށް ބަޖެޓުގެ އެންމެ ބޮޑު މިންވަރު ބޭނުން ހިފުނެވެ. ގިނަ ގުނަ އިތުރު ހަރަކާތްތައް ހިންގުނެވެ. ކުރިއެކޭ އެއްގޮތަށް ސްޑޫޓަންޑު ބޮޑީސްތައް އެކުލަވާލެވި، ސުޓޫޑަންޓު ކައުންސިލް އެއް އުފެއްދުނެވެ. ސްކޫލުގެ ލައިބުރަރީ ތަރައްޤީ ކުރުމާއި، ކޮންޕިޔުޓަރ ލެބު ތަރައްޤީ ކުރުމާއި އައި.ޓީ ގޮތުން އެންމެ ވަރުގަދަ އެއް ސްކޫލަށް އިހަވަންދޫ ސްކޫލު ހެދުނެވެ. ސްކޫލުގެ އައި.ޓީ ޓެކްނީޝަނުގެ ހިއްޞާ މިކަމުގައި ބޮޑު ކަމަށް ދަންނަވަންޖެހެއެވެ. އޭ.ވީ ރޫމު ތަރައްޤީ ކުރުމަށް މަސައްކަތްތައްކެއް ކުރެވުނެވެ. ދަތި އުދަގޫ ތަކާއި އެކުނަމަވެސް، ސެން ކުލާސް ފެއްޓުނެވެ. ދަރިވަރުންގެ އަޙުލާޤު ބަށްޓަން ކުރުމަށް ޑިސިޕްލިން ޕޮލިސީއެއް ހެދުނެވެ. ސްކޫލުގެ ވިޝަން އާއި މިޝަން އެކުލަވާލައި އަމާޒު ތަކާއި ލަނޑުދަޑިތައް ކަނޑައެޅުނެވެ. ސްކޫލުގެ ވިޝަން އާއި މިޝަން އާންމުކުރުން މުހިއްމު ކަމަށް އަޅުގަނޑަށް ފެނެއެވެ. ސްކޫލުގެ ޑިވެލޮޕްމަންޓުއާއި ސްޓްރެޓިޖިކް ޕްލޭން ހެދުނެވެ. ދަރިވަރުންނަށް ދީނީ ޕްރޮގްރާމްތަކާއި ނަޞޭޙަތްތައްދެވި، ސްޓަޑީ ކޭމްޕުތައް ބޭއްވުނެވެ. ޖުމުލަގޮތެއްގައި ބަލާއިރު އިހަވަންދޫ ސްކޫލު ޒަމާނީ ތަޢުލީމު އާއި ދިމާއަށް މިޞްރާބު ބަށްޓަން ކުރެވުނެވެ.ޖީ.ސީ.އޯލެވެލް ގެ ހަމަ ނަތީޖާ ދެނެގަތުމަށް އެއްވެސް ގޮތަކަށް ނުފުރާނަ، ދަރިވަރުން ކިޔަވަން ބޭނުންވާ މާއްދާ ހެދުމުގެ ފުރުޞަތު ހުޅުވާލެވުނެވެ.  އަދިވެސް ފާހަގަ ނުކުރިޔަސް މިފަދަ ކިތައްމެ ކަމެކެވެ. މިދެންނެވުނު ކަންތައްކުރެވުމުގެ އަޞްލަކީ މުވައްޒަފުންނާއި ބެލެނިވެރިންނާއި ވެރިން ގުޅިގެން ކުރެވުނު މަސައްކަތެވެ. ހުރިހާ ކަމެއްގައިވެސް ދަރިވަރުންގެ ފުރިހަމަ އެއްބާރުލުން ލިބުނެވެ.

ފާޑުކިޔުމުގެ ތެރެއިންވެސް އަޅުގަނޑުމެން ދެނެގަންނާންވީ ދެކަމެއް އަޅުގަޑަށް ފާހަގަވިއެވެ. ފުރަތަމަ ކަމަކީ، ފާޑުކިޔާފަރާތްތަކާއި މެދު ނަފުރަތުކަން ނުއުފައްދައި، ހިތް ހެޔޮ ކުރުމެވެ. ދެވަނަ ކަމަކީ، ކިޔާ ފާޑުކިޔުންތަކުން ސިސްޓަމަށް ބޭނުން ހިފޭނެފަދަ އެންމެހާ ޙިޔާލުތައް ނަގައި ކޮށައި މަށައި ހިމުން ކޮށްލުމެވެ. ކޮންމެޔަކަށް ޤަބޫލުކުރަންޖެހޭ ހަޤީޤަތަކީ، ފާޑު ކިޔުމާއި އަމާޒުވުމުގައި ކޮންމެވެސް ސަބަބު ތަކެއް ވާނެކަން ކަށަވަރެވެ.

އެހެން މުހިއްމު ނުކުތާއެއް ފާހަގަކޮށްލާނަމެވެ. އޮފީހެއްގައި ހާއްޞަކޮށް މަސައްކަތްކުރާއިރު، ރީތި ނަމާއި ޝަރަފާއި، ފަޙުރު ހޯދައިދޭންވީ އެ މުއައްޞަޞާ އަށް ކަމެވެ. ވަކި މީހަކަށް ނޫނެވެ. ނުވަތަ ވަކި ޓީމަކަށް ނޫނެވެ. ޓީމް ވެގެން، ގްރޫޕުވެގެން މަސައްކަތްތައް ބަށްޓަން ކުރުމަކީ ހިންގުމަށް ހުރި އެންމެ ބޮޑު ގޮށްޖެހުމެވެ. ތިމާ ވަކި ޓީމަށް ދާންޖެހޭނެ އެއްވެސް ސަބަބެއް ނެތެވެ. ދަޢުލަތަށް ތަފާތު ޓެކްސް ތަކުން ލިބޭ ފައިސާ ތިމާ މުސާރަ ނަގާނަމަ، ޙިދުމަތް ކުރުމުގެ ރޫހު ކުރިއަރުވާށެވެ. ތިމާ އާއި މަތިކޮށްފަ އޮންނަ މަސައްކަތް ޒިންމާދާރު ކަމާއި އެކު ކުރެވޭތޯ ބަލާށެވެ. އެހެންމީހުން މަސައްކަތް ބަރާބަރަށް ނުކުރުމާއި، ޒިންމާދާރުކަން ކުޑަވުން، އެއީ ތިމާ މަސައްކަތަކަށް ފަރުވާ ކުޑަކުރަންވީ ސަބަބެއްކަމުގައި ތިމާ ދެކޭނަމަ، މިކަމަށް ހައްލެއް އެބައޮތް ތޯއެވެ؟

ކަންދިމާކުރިގޮތުން، އަޅުގަނޑަށް މަސައްކަތްކުރަން ޖެހުނީ، އަޅުގަނޑު ސްކޫލުދައުރުގެ މުދައްރިސުންގެ މަތިން، އެބޭފުޅުންނަށް އަމުރުކުރާ ވެރިއެއްގެ ގޮތުގައެވެ. މިއީ ގޮށްޖެހުމަކަށްވުރެން ބޮޑަށް އަޅުގަނޑަށް ބެލެވުނީ ލިބުނު ނަޞީބެއްގެ ގޮތުގައެވެ. އެއީ އަތޮޅުގެ ބަޖެޓުގެ ގޮތުންނާއި، ދަރިވަރުންގެ ޢަދަދާއި އަދި ވަޞީލަތްތަކުގެ ގޮތުގެ ވަރުގަދަ އެއްސްކޫލު ހިންގުމުގައި އެބޭފުޅުންގެ ޢަމަލީ ތަޖުރިބާ އާއި ހިކުމަތް ބޭނުން ކުރެވޭނެތީއެވެ. ޙީޔާލުތަފާތުވެގެން ނޫނީ ކަންތައްތަކުގައި ރަނގަޅު ގޮތް ކުރުމުގެ ކުރިން އެނގެން އުދަނގުލެވެ.

މިކަމުން އަޅުގަނޑަށް ލިބުނު ފިޅާވަޅެއް ދަންނަވާލާނަމެވެ. ޢަމަލީ ދިރިއުޅުމުގައި ތިމާގެ "މަޤާމު" އެއީ ބަދަލުވާ އެއްޗެއްކަން ތިމާ ޤަބޫލުކުރަން ޖެހެއެވެ. އެފަދަ ބަދަލުވުން ތަކަކީ އަހަރެމެންގެ އަގު ވެއްޓޭކަންތައްތަކުގައި ބަލައިގެން ނުވާނެއެވެ. އިންސާނާ އަޤުއުފުލިގެންދަނީ އެމީހެއްގެ ތަޤްވާވެރިކަމުގެ މައްޗަށެވެ. އެހެންވީމާ، ބަދަލުވާ މަޤާމަށް މީހާ ހެޔޮވަރު ވާށެވެ. ކުރިއަށްދިއުމުގެ މަޤު އެއީ ހުޅުވާލެވިފައިވާ މަޤެކެވެ.

ޓައީ އެއް އެޅުކަމީ ކޮންމެ މީހަކަށްވެސް ކުރެވިދާނެ ކަމެކެވެ. ނަމަވެސް، ޓައީ ގޮށް މި މުޖުތަޢުގައި އަދިވެސް ޖަހަން އެނގެނީ މަދު ބަޔަކަށެވެ. އެހެން ކަމަށްވާނަ، ޓައީ އެއް ފަރުމާ ކުރުން އެއީ އަދި މާއުދަނގޫ ކަމެކެވެ. އަހަރެމެން ޓައީ އެޅުމުގެ ބަދަލުގައި ޓައީ ފަރުމާކުރަން ދަސްކުރުން ކީއްތޯ؟

ނިޒާމުގެ ތެރެއިން ކަންކުރުން މުހިއްމުވަނީ، ނަމުން ކަންކުރުމަށްވުރެން ކަމުން ކަންކޮށް ، ހެޔޮ ގޮތް ހޯދުމަށް އެފަދަ ނިޒާމުތައް ބާރު އަޅާނެތީއެވެ. ތަޢުލީމަކީ ހުރިހާ ޒަމާނެއްގައިވެސް އަގު ހުރިއެއްޗެކެވެ. އެއަށްދެވޭ ސަމާލުކަން ކުޑަކޮށްގެން ނުވާނެއެވެ. ހަޤީޤީ ތަޢުލީމުގެ ފަލްސަލާއަކީ ރަނގަޅު އަޙުލާޤާއި ތަރުބިއްޔަތެވެ. އިހަވަންދޫ ސްކޫލަށާއި ހުރިހާ ބޭފުޅުންނަށް ހެޔޮ ގޮތްތަކަށް އެދެމެވެ. އާމީން!

އިހަވަންދޫ މަދަރުސާ, ފެންތަށި

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

ސްކޫލުގެ ގިނަވެރިން އަމިއްލަ އެދުމުން ފޯވެފަ․ މިހާރުގެ ޕްރިންސިޕަލް މާ ސިޔާސީ․

– 8 މާރިޗު 2016 0

ޤަބޫލުކުރެވޭ ވާހަކަ ތަކެއް․ ތޭންކްސް

– 8 މާރިޗު 2016 0

ފިރާޒަކީ ކިތަންމެ ސިޔާސީ މީހަކަސް މިހާރުގެ ސިޔާސީ ވެރިންނާ ވަރަށް ތަފާތު ގޮލައެއްކަން ފާހަގަކޮށްލަން․ ހަނދާންވަނީ ޕީޕީއެމް އެކްޓިވެސްޓެއްގެ ދަރިއަކަށް ހައްޤުވާ ވަޒީފާ ހޯދައިދިނުމަށް އަމިއްލަ ޕާޓީގެ ބޮޑުންނާ ދެކޮޅަށް ކުރި މަސައްކަތް․ <br>ޕީޕީއެމް މެމްބަރެއްގެ ހައިސިއްޔަތުން ބުނެލަން․ މިހާރު އިހަވަންދޫގައި ސިޔާސީ މަޤާމެއްގައިހުރި އެކަކަށްވެސް ނުކެރޭނެ އެފަންވަރު ދައްކާލާކަށް․

– 8 މާރިޗު 2016 1

ފިރާޟަކީި ސިޔާސީ މީހެއްނޫން․ ވަަރަން ވިސްނުންތޫނު މީހުންނަށް ހިތްހެޔޮ ބޭފުޅެއް․ އެބޭފުޅާ ބޭނުން މަޤާމެއް އެމް․ޑީ․ޕީ އިން ދިންކަން އަޅުގަނޑަށް އިނގޭ․ ސިޔާސީ ބޭފުޅެއްނަމަ، ސިޔާސީ ކެރިއަރު ބަށްޓަން ކުރެއްވީ އިނގޭތޯ

– 9 މާރިޗު 2016 1