ޕީ.ޕީ.އެމް ޖަލްސާއަށް ސިއްޙީމަރުކަޒުގެ މުވައްޒަފުން ދިޔަ މައްސަލާގައި ކޮރަޕްޝަނެއް ނެތް!

3 ނޮވެމްބަރު 2017 0

4 ނޮވެމްބަރ 2016 ވީ ހުކުރުދުވަހުގެރޭ "އަސްލު" ގެ ނަމުގައި ޕީޕީއެމްއިން ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާއަށް އިހަވަންދޫ ސިއްޙީމަރުކަޒުގެ މުވައްޒަފުން ރަސްމީ ހައިސިއްޔަތުން ފޮނުވި ކަމަށް ބުނެ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހެޅި މައްސަލަ ބެލުމަށްފަހު އެކަމުގައި ކޮރަޕްޝަނުގެ ކުށެއް ނެތްކަމަށް ނިންމައިފި އެވެ.

އޭސީސީން އާންމުކޮށްފައިވާ މިމައްސަލަ ނިންމިގޮތުގެ ރިޕޯޓްގައި ވާގޮތުން، މިމައްސަލަ ހުށަހަޅާފައިވަނީ އިހަވަންދޫ ސިއްޙީމަރުކަޒުގެ 4 މުވައްޒަފަކު 4 ނޮވެމްބަރ 2016 ވީ ހުކުރުދުވަހުގެރޭ "އަސްލު" ގެ ނަމުގައި ޕީޕީއެމްއިން ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާއަށް، އިހަވަންދޫ ސިއްޙީމަރުކަޒުގެ މުވައްޒަފުން ދިއައީ ރަސްމީ ހައިސިއްޔަތުން ހާޒިރުވުމަށް އަންގައިގެންކަމަށް ސިއްޙީމަރުކަޒުގެ މުވައްޒަފަކު މީޑީއާގައި ވިދާޅުވެފައިވާކަމަށް ބުނެއެވެ. އަދި ޖަލްސާއަށްދިޔަ 4 މުވައްޒަފުން އެދުވަސްތަކުގައި އޮފީހަށް ވަކިއެއްޗެއް އަންގާފައިނުވާތީ އެއީ އެމުވައްޒަފުން ވަޒީފާއަށް ހާޒިރުނުވާ ދުވަސްތަކެއްކަމަށް ހާޒިރީ ބަލަހައްޓާ މުވައްޒަފުން ނޯޓްކުރުމުން، އެ ހަތަރު މުވައްޒަފުން އެދުވަސްތަކުގައި ރަށުން ބޭރުގައި ތިބީ އޮފީހުގެ ބޭނުމުގައި ކަމަށް ލިއުމަށް ހާޒިރީ ބަލަހައްޓާ މުވައްޒަފުންނަށް އޭނާ (މުވައްޒަފުން ދިޔައީ ރަސްމީ ދަތުރެއްގައި ކަމަށް މީޑިއާއަށް މައުލޫމާތުދިން މުވައްޒިފު) އަމުރުކޮށްފައިވާކަމަށްބުނެ އެއީ މަޤާމްގެ ނުފޫޒު ނާޖާއިޒް ބޭނުންކުރުންކަމަށް އޭސީސީއަށް ހުށަހަޅާފައިވާ މައްސަލާގައިވެއެވެ.

2016 ވަނައަހަރުގެ ނޮވެމްބަރުމަހުގެ 8 ވަނަދުވަހު، އިހަވަންދޫ ހެލްތު ސެންޓަރުގެ ސީނިއަރ އެޑްމިނިސްޓްރޭޓަރ އަލްފާޟިލާ ޝަހުމާ މޫސާ މިނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައިވަނީ ޕީ.ޕީ.އެމް 4 ނޮވެމްބަރ 2016 ގައި ބޭއްވި ޖަލްސާއަށް އިހަވަންދޫ ހެލްތު ސެންޓަރުގެ މުވައްޒަފުން ގޮސްފައި ވަނީ ހެލްތު މިނިސްޓްރީން އަންގައިގެންކަމުގައެވެ. "ތީގަ އަޅުގަނޑު ބުނެލަން އޮތީ އަޅުގަނޑުމެން ދިޔައީ އަޅުގަނޑުމެން މުއައްސަސާގެ މުވައްޒަފުން ގޮސް އިންނާނީ ހެލްތު މިނިސްޓްރީން ސީދާ ގުޅައިގެން މުވައްޒަފުން ފޮނުވަން ބުނެގެންނޭ. އެ ނޫން ގޮތަކަށް އަޅުގަނޑުމެން ނީންނާނެ އަމިއްލައަކަށް އެއްވެސް މުވައްޒަފަކު ގެންގޮސްފައެއް. އަޅުގަނޑު އަމިއްލަ ބާރަކުއެއް. ރަސްމީ ހައިސިއްޔަތުން އަޅުގަނޑުމެން ދިޔައީ" މިނޫހަށް މައުލޫމާތު ދެއްވަމުން ޝަހުމާ ވިދާޅުވިއެވެ.

އޭސީސީން މިމައްސަލަ ނިންމާފައިވާގޮތުގެ ރިޕޯޓްގައި ވާގޮތުން މިމައްސަލަ ގައި ބުނާ ހަތަރު މުވައްޒަފުން އިހަވަންދޫ ހެލްތު ސެންޓަރުގެ ސީނިއަރ އެޑްމިނިސްޓްރޭޓަރ ޝަހުމާ މޫސާއަށްގުޅައި ސަލާމްފޮނުވިކަމަށާއި، ނަމަވެސް އެކަމަނާ ހަނދާންނެތުމުގެ ސަބަބުން އެމުވައްޒަފުން ސަލާން ފޮނުވިކަން ރެސެޕްޝަނަށް ނޭންގުނުކަމަށާ އެކަމުގެ ސަބަބުން އެމުވައްޒަފުންގެ ސަލާން ނޯޓްނުކުރެވިވާކަމަށް އިހަވަންދޫ ސިއްޙީމަރުކަޒުން މައުލޫމާތު ދީފައިވާކަމަށް ފާހަގަކޮށްފައިވެއެވެ. އަދި ފާހަގަކޮށްފައިވަނީ އޭގެތެރެއިން 2 މުވައްޒަފަކު އޮފީހަށް ނުކުތްދުވަހު ސަލަންފޯމް ހުށަހަޅާފައިވާކަމަށެވެ. ނަމަވެސް އެމުވައްޒަފުން ސަލާންފޯމް ހުށަހެޅި ތާރީހުގައި އެފޯމް އޮފީހަށް ބަލައިގަނެފައި ނުވަކަމަށާއި އަދި އެމުވައްޒަފުން ހުށަހެޅި ސަލާންފޯމްތަކުގައި ސްޕަވައިޒަރުން ސޮއިކޮށްފައިވަނީ 2017 ވަނައަހަރުގެ ޖުލައިމަހުގެ 4 އަދި 5 ވަނަދުވަހުކަމަށް އޭސީސީން ފާހަގަ ކުރާއިރު އެތާރީހަކީ މިމައްސަލައާއި ގުޅުންހުރި ލިއެކިޔުން ފޮނުވުމަށް އެސީސީން އެދުނު ތާރީހަށްވުރެ ފަހުގެ ތާރީހެއްކަމަށް އޭސީސީން ފާހަގަކޮށްފައިވެއެވެ. އަދި 2016 ވަނައަހަރު ނޮވެމްބަރު މަހުގެ ތެރޭގައި އިހަވަންދޫ ސިއްހީމަރުކަޒަށް އެ ސަލާން ފޯމްތައް ލިބުނުކަން ސިއްހީމަރުކަޒުގެ އެންޓްރީން އެގެންނެތްކަންވެސް އޭސީސީން ފާހަގަކޮށްފައިވެއެވެ. އަދި ހާޒިރީގައި އެމުވައްޒަފުން ސަލާމުގައި ތިބިކަމަށް ޖަހާފައިވަނީ ކުރިން ލިއެފައިވާ އެއްޗެއް ފޮހެފައިކަން އޭސީސީގެ ތަހުޤީގަށް އެނގޭތީ އެމައްސަލަތައް ބަޔާންކޮށް ސިވިލްސާވިސް ކޮމިޝަނުގެ ސަމާލުކަމަށް އެކަން ގެނައުމަށް ނިންމާފައިވާކަމަށް އޭސީސީން މައްސަލަ ނިންމިގޮތުގެ ރިޕޯޓްގައިވެއެވެ.

ނަމަވެސް އެމައްސަލައިގައި ޤާނޫނު ނަންބަރު 2000/2 (ކޮރަޕްޝަން ހުއްޓުވުމާ މަނާކުރުމުގެ ޤާނޫނު) ގައި ބަޔާންކޮށްފައިވާ ފަދަ ކޮރަޕްޝަނުގެ ޢަމަލެއް ހިންގާފައިވާކަން ފާހަގަކުރެވިފައި ނުވާކަމަށް އޭސީސީއަށް ފެންނާތީ އެމައްސަލަޔަކީ ކޮރަޕްޝަނުގެ ކުށެއް އެކުލެވިގެންނުވާ މައްސަލައެއްކަމަށް އޭސީސީން މައްސަލަ ނިންމި ގޮތުގެ ރިޕޯޓްގައިވެއެވެ.

އިހަވަންދޫ ސިއްޙީ މަރުކަޒު

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ