ބޯޕާލް ހާދިސާގައި ގެއްލުން ލިބުނު ފަރާތްތައް އަދިވެސް ވޭނާއި ނުރައްކަލުގައި — Ihavandhoo.com

ބޯޕާލް ހާދިސާގައި ގެއްލުން ލިބުނު ފަރާތްތައް އަދިވެސް ވޭނާއި ނުރައްކަލުގައި

4 ޖެނުއަރީ 2015 1

ބޯޕާލް ކާރިސާގައި ނިޔާވިބައެއް މީހުންގެ ހަށިތައް.

ދުނިޔޭގައި މިހާތަނަށް ހިނގި އިންޑަސްޓްރިއަލް އެންމެ ބޮޑު އެކްސިޑެންޓަށް 30 އަހަރު ވާ އިރު އެ ހާދިސާ ކުރިމަތިވި ހިސާބުގަނޑުގައިވާ (އިންޑިޔާގެ ބޯޕާލްގެ) އާރިފް ނަގަރު އަވަށުގައި އިންސާނުންނަށް ވުރެ ގިނައީ ގެރިބަކަރި އެވެ. ވަށައިގެންވާ ކޮންމެ އެއްޗެއްގައި ވިހައިގެ މާއްދާ ހިމެނޭކަން ޖަނަވާރުތަކަށް ނޭނގުނަސް އެ ހިސާބުގަނޑުގައި އުޅޭ މީހުން ގޭގެ ބޭރުން ޔޫނިއަން ކާބައިޑް ފެކްޓަރީއާ ދިމާއަށް ނަޒަރު ހުއްޓާލާ އިރު ސިކުނޑި އަށް ވެރިވާނީ ވޭނީ ހަނދާންތަކެވެ.

ޑިސެމްބަރު 3، 1984 ގައި އެ (ޔޫނިއަން ކާބައިޑް) ފެކްޓަރީގެ ޓޭންކަކުން ނުކުން ގޭހުގައި އެތައް ހާސް ބަޔަކު ވަނީ މަރުވެފަ އެވެ. އާރިފް ނަގަރު އަވަށާއި ފެކްޓަރީ ކައިރީގައި ހުރި އެހެން އަވަށްތަކުގެ އެތައް ހާސް ބަޔަކު 40 ޓަނުގެ މެތީލް އައިސޮކަޔަނޭޓް ވިހައިގެ ދުމުގެ ތެރޭގައި ކޮށި އަރައިގެން މަރުވީ ވަރަށް ހިތްދަތި ގޮތަކަށެވެ.

އަހަރެންގެ އަނގަ ތެރޭގައި ފޮނު ހެދެން ފެށި އަހަރެންގެ ދެ ލޯ ބޮޑުވެ ރަތްވި. އަހަރެން ހީކުރީ އަހަރެން މަރުވަނިއްޔޭ، ދެ ދަރިން މަރުވި ތަން ދުށް މިހާރު އުމުރުން 70 އަހަރުގެ ހާމިދު ހާން ބުންޏެވެ. އެ ހާދިސާގެ ފަހުން މިއަދާ ހަމައަށް ވެސް އޭނާ އަންނަނީ ތަފާތު ބަލިތަކަށް ފަރުވާކުރަމުންނެވެ. ގޭހުގެ އެކްސިޑެންޓް ކުރިމަތިވި އިރު ހާން އަކީ ދުވަހު މަސައްކަތްކޮށް އުޅުނު މީހެކެވެ. އެކަމަކު އެ ނުރައްކާތެރި ހާދިސާ އަށް ފަހު ގޭހުން ކުރި ނުބައި އަސަރާއި ވިހަ ވެފައިވާ ފެން ބޯން ޖެހުމުން އޭނާގެ ހަށިގަނޑުގައި ކަމެއް ކުރެވޭވަރުގެ ހަކަތައެއް ނެތެވެ. އެކްސިޑެންޓް ހިނގިތާ ފުރަތަމަ ތިން ދުވަހުގެ ތެރޭގައި 3،000 މީހުން މަރުވި ކަމަށް ސަރުކާރުން ބުނެ އެވެ. އެކަމަކު ކައުންސިލް އޮފް މެޑިކަލް ރިސާޗު (އައިސީއެމްއާރު) ގެ ތަފާސްހިސާބުން ދައްކާ ގޮތުގައި އެ މުއްދަތުގައި 8،000 އާއި 10،000 އާ ދެމެދުގެ އަދަދަކަށް މީހުން މަރުވެފައިވެ އެވެ.

މީހުންތައް ދިޔައީ ވެއްޓެމުން. މަގުމައްޗަށް ވެއްޓި ތިބެ ހޮޑުލަމުން ދިޔަ، ހޭނެތެމުން ދިޔަ، ކުއްލި ޝޮކް ޖެހެމުން ދިޔަ، އެކްސިޑެންޓް ހިނގި އިރު ބޯޕާލްގެ އެންމެ ބޮޑު އެއް ހޮސްޕިޓަލްގެ މެޑިކަލް ސުޕްރިންޓެންޑެންޓެއްގެ ވަޒީފާގައި ހުންނެވި އަދި އައިސީއެމްއާރުގެ ދިރާސާގައި އިސް ދައުރެއް އަދާކުރެއްވި އެން. އާރު ބަހަންދާރީ ވިދާޅުވި އެވެ. ހާދިސާ އިން ސަލާމަތްވި މީހުން ބުނާ ގޮތުގައި އެކަމަށް 30 އަހަރު ފުރުން ފާހަގަކުރާ އިރު އެއީ ސަރުކާރާއި ބޮޑެތި ކުންފުނިތަކުގެ ފަރުވާކުޑަކަމުން އާންމުންނަށް ލިބުނު ގެއްލުމުގެ އަނިޔާ އަނެއްކާ ވެސް ބޮޑުކޮށްދޭނެ ކަމެކެވެ. ބޯޕާލްގައި ފެކްޓަރީ ހިންގި ޔުނިއަން ކާބައިޑް ކުންފުނި 1999 ގައި ޑޯ ކެމިކަލް އިން ވަނީ ގަނެފަ އެވެ. އެކަމަކު ޑޯ ކެމިކަލް އިން ބުނާ ގޮތުގައި އެކްސިޑެންޓާ ގުޅިގެން އެމީހުން ނަގަން ޖެހޭ ހުރިހާ ޒިންމާތަކެއް ކޯޓުން ބޭރުގައި ސަރުކާރާ އެކު 1989 ގައި ވެވުނު 470 މިލިއަން ޑޮލަރުގެ އެއްބަސްވުމުގެ ދަށުން އެމީހުން ވާނީ ނަގައިފަ އެވެ. ޑޯ ކެމިކަލް އިން ބުނީ ހާދިސާ އަށް 30 އަހަރު ވިޔަސް އެއީ ހިތި ހަނދާންތަކެއް އެކުލެވޭ ވަރަށް ހިތާމަވެރި ހާދިސާއެއް ކަމަށެވެ. އަދި އެ ހާދިސާގައި ގެއްލުން ލިބުނު މީހުންނަށް އެހީތެރިވުމަށާއި ސުލްހަވެރިކަމާ އެކު ކަންކަން ހަމަޖައްސަން ވަރަށް ރަނގަޅަށް މަސައްކަތްކޮށްފައިވާނެ ކަމަށް ވެސް އެކުންފުނިން ބުނެފައިވެ އެވެ. ޑޯ ކެމިކަލް އިން ދެކޭ ގޮތުގައި އެ ހާދިސާ އަކީ ބައެއްގެ ރޭވުމެކެވެ. އަދި ފެކްޓަރީ ހުރި ތަން މީގެ 15 އަހަރު ކުރިން ސަރުކާރުން ނަގާފައިވާ ކަމަށާއި އެތަނުގައި ހުރި ވިހަ ކުނިބުނިތައް ސާފުކުރުމަކީ ވެސް މިހާރު ސަރުކާރުގެ ޒިންމާއެއް ކަމަށް އެކުންފުނިން ބުނެފައިވެ އެވެ. މި އަހަރުގެ ކުރީކޮޅު އިންޑިއާގެ ތިމާވެއްޓާ ބެހޭ މިނިސްޓަރު ޖިރާމް ރަމޭޝް ފެކްޓަރީ ހުރި ތަނަށް ވަޑައިގެން އަތުން ވެލިކޮޅެއް ނަންގަވައި އަހަރެންގެ ސިއްހަތު އަދިވެސް ރަނގަޅު ކަމަށް ވިދާޅުވުމުން ވަރަށް ގިނަ ބަޔަކު ހިތްހަމަނުޖެހުނެވެ. ސަރުކާރަކަށް ނޭނގޭ މީހުންނަށް ކުރާނެ އަސަރެއް. އަހަރެމެންގެ ދަރިންނަށް ވަމުން ދާ ގޮތެއް އެމީހުންނަކަށް ނޭނގޭ، ސިކުނޑީގެ އުނިކަން ހުރި ހަ އަހަރުގެ ދަރިފުޅު އަރާލައިގެން ހުރި މަމްތާ ސެން ބުންޏެވެ. އެ ހާދިސާގެ ސަބަބުން އާންމު ސިއްހަތަށް ކުރަމުން ދާ އަސަރުތަކާ ބެހޭ ގޮތުން އައިސީއެމްއާރުން ކުރަމުން އައި ދިރާސާ 1994 ގައި ހުއްޓާލީ ސަރުކާރުގެ އެންގުމަށެވެ. އެ ދިރާސާގެ ގިނަ ބައިތައް ހާމަކޮށްފައެއް ވެސް ނުވެ އެވެ.

ވެރިންނަކަށް ނޭނގޭ ސިއްހީ ކަންތައްތަކެއް އެކަމަކު ހުރިހާ ކަމެއް ކޮންޓްރޯލްކުރަނީ އެމީހުން، ބަހަންދާރީ ވިދާޅުވި އެވެ. ގޭސް ލީކުވުމުން ގިނަ ދުވަހަށް ދެމިގެންދާ އަސަރުތައް ދެނެގަތުމަށް އެ ދިރާސާ ކުރިއަށް ގެންދިއުން ވަރަށް މުހިންމު. އެކްސިޑެންޓުން ސަލާމަތްވި މީހުންނަށް ސިއްހީ ތަފާތު މައްސަލަތައް ދަނީ ކުރިމަތިވަމުންނެވެ. އޭގެ ތެރޭގައި ކިޑްނީ އާއި ނޭވާ ލުމުގެ ނިޒާމާ ގުޅޭ ބަލިތަކާއި ކެންސަރުގެ މައްސަލަ ވެސް ބޮޑެވެ. އަދި އޭގެ ފަހުން ވިހޭ ކުދިންނަށް ވެސް ވިހަ ފެނާއި މައިމީހާގެ ވިހަ ކިރުގެ ސަބަބުން ކުރިމަތިވާ ގެއްލުންތައް ވެސް ކުޑައެއް ނޫނެވެ. އެ ހިސާބުގައި އުފަންވާ ކުދިން މިހާރު ވެސް އައިބެވެ. އަތާއި ފައިގެ އިނގިލިތައް އެއްވެފައި ތިބި ކުދިން އުޅެ އެވެ. ބޮޑުނުވާ ކުދިން އުޅެ އެވެ. ސިކުނޑީގެ މައްސަލަ ހުރި ކުދިން އުޅެ އެވެ. ގެއްލުން ލިބުނު މީހުންނަށް 1،000 އާއި 2،000 ޑޮލަރާ ދެމެދުގެ އަދަދެއް ސަރުކާރުން ވަނީ ބަދަލުގެ ގޮތުގައި ދީފަ އެވެ. އެކަމަކު ހާދިސާގެ ސަބަބުން ގިނަ ދުވަހަށް ދެމިގެންދާ ސިއްހީ މައްސަލަތަކަށް ހޭދަކޮށް އެ ފައިސާ އާންމުންގެ އަތުން ވަނީ ހުސްވެފަ އެވެ. އައިސީއެމްއާރުގެ ދިރާސާ އިން ދައްކާ ގޮތުގައި 1984 ގެ ފަހުން އެ ހާދިސާގެ ސަބަބުން ކުރިމަތިވި ތަފާތު މައްސަލަތަކުގައި 25،000 މީހުން މަރުވެފައިވެ އެވެ. ދިރާސާގެ ފަހުން ސަރުކާރު ނެރުނު ހިސާބުތަކުން ދައްކާ ގޮތުގައި އެކްސިޑެންޓްގެ ސަބަބުން 100،000 މީހުން ބަލިވެފައިވެ އެވެ. އަދި ވިހަ ވެފައިވާ ފެން ހުރި ސަރަހައްދުގައި 30،000 މީހުން ދިރިއުޅެ އެވެ.

ވެރިރަށުގެ ގޮތުގައި ބޯޕާލް ހިމެނޭ މަދުޔަ ޕްރަދޭޝް ސްޓޭޓުގެ ސަރުކާރުން ކުރިން އޮތީ ޔޫނިއަން ކާބައިޑް ފެކްޓަރީ ހިންގި ތަން އާންމުންނަށް ދައްކާލަން ހުޅުވާލާ ގޮތަށެވެ. އެއީ އެފަދަ ނުރައްކާތެރި ހާދިސާއެއް ކުރިމަތިވި ގޮތް ބަލަން ޝައުގުވެރިކަން ހުރި މީހުންނަށް އެ ފުރުސަތު ދިނުމަށްޓަކަ އެވެ. އެކަމަކު ހާދިސާގެ ސަބަބުން އެތައް ވޭނެއް ކުރިމަތިވި މީހުންގެ ރުޅިވެރިކަމާ ހެދި ސަރުކާރުގެ ނިންމުން ވަނީ އަނބުރާ ގެންގޮސްފަ އެވެ. އެކްސިޑެންޓާ ގުޅިގެން ޔޫނިއަން ކާބައިޑްގެ ވެރިންނާ ދެކޮޅަށް އިންޑިއާގެ ތަފާތު ކޯޓުތަކަށް މައްސަލަ ހުށަހަޅާފައިވެ އެވެ. އެކަމަކު ބޭރުގެ އިންވެސްޓަރުންނަށް އިންޑިއާ ހުޅުވާލަން ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ދަނޑިވަޅުގައި އެ ކަހަލަ ގާނޫނީ ފިޔަވަޅެއް އެޅުން ދުރެވެ. ޑޯ އާއި ޔޫނިއަން ކާބައިޑަކީ އެމެރިކާގެ ކުންފުނިތައް، ވިހަ ގޭހުން ސަލާމަތްވުމަށްޓަކައި ދަރިފުޅު ގޮވައިގެން ދުވެފައި ދިޔަ މަގުމަތީގައި ދަރިފުޅު މަރުވި އެކަމަކު އެ ނުރައްކާތެރި ހާދިސާ އިން ސަލާމަތްވި އަފްރޯޒް ބީ ބުންޏެވެ. އަހަރެމެން ކަހަލަ ފަގީރުންނަށް އެމީހުންނާ ދެކޮޅަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް.

ނޯޓް: މިއީ އޭއެފްޕީ އަށް ޔާސްމީހުން މުހިންދީން ލިއެފައިވާ ރިޕޯޓެއްގެ ތަރުޖަމާއެކެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

ރޮވިއްޖެ․

– 4 ޖެނުއަރީ 2015 0