ޕާފޯމެންސް އިންޑެކްސް 2017: އިހަވަންދޫ ކައުންސިލަށް 56 ވަނަ — Ihavandhoo.com

އިހަވަންދޫ ސުކޫލުގެ ރަންޔޫބީލް ގުނާނަ

60 ދުވަސް

ޕާފޯމެންސް އިންޑެކްސް 2017: އިހަވަންދޫ ކައުންސިލަށް 56 ވަނަ

26 ފެބުރުއަރީ 2019 0

2017 ވަނައަހަރު ކައުންސިލްތައް ހިންގި ގޮތަށްބަލައި ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން މިއަދު އާންމުކުރި، 2017 ވަނަ އަހަރުގެ ރަށު ކައުންސިލަތަކުގެ ޕާފޯރމެންސް އިންޑެކްސްގައި ރާއްޖެއިން 56 ވަނައަށް އެންމެ ރަނގަޅު ކައުންސިލަށް އިހަވަންދޫ ކައުންސިލް ހޮވާފިއެވެ.

މިއީ 2016 ވަނަ އަހަރުގެ އިންޑެކްސް އާ އަޅާ ބަލާއިރު 10 ދަރަޖައިގެ ކުރިއެރުމެކެވެ. 2016 ވަނަ އަހަރުގެ އިންޑެކްސް ގައި އިހަވަންދޫ ކައުންސިލަށް ލިބިފައި ވަނީ މުޅި ރާއްޖެއިން 66 ވަނަ އެވެ.

2017 ވަނަ އަހަރުގެ އިންޑެކްސް އަށް ބަލާއިރު ހއ .އަތޮޅުގެ ރަށު ކައުންސިލް ތަކުގެ ތެރެއިން 1 ވަނަ ލިބިފައި ވަނީ މާރަންދޫ ކައުންސިލަށެވެ. ހއ .އަތޮޅުގެ 2 ވަނަ އުތީމް ކައުންސިލަށް ލިބިފައި ވާއިރު 3 ވަނަ ލިބިފައިވަނީ ތުރާކުނު ކައުންސިލަށެވެ. މިއީ މާރަންދޫ ކައުންސިލް ހއ އަތޮޅުން އެއްވަނަ ހޯދި 3 ވަނަ ފަހަރެވެ.

އަތޮޅު ކައުންސިލްތައް ގިންތި ކޮށްފައިވާ ގޮތަށް ބަލާއިރު ހއ އަތޮޅުކައުންސިލް އޮތީ 5 ވަނާގައެވެ. މިއީ 2017 ވަނައަހަރުގެ ޕާފޯމެންސަށް ބަލާއިރު 4 ދަރަޖައިގެ ކުރިއެރުމެކެވެ. މީގެ އިތުރުން ލާމަރުކަޒީ ޤާނޫނަށް އަމަލުކުރުމުގެ ބައިން ހއ އަތޮޅު ކައުންސިލް މުޅިރާއްޖެއިން އެއްވަނަ ހޯދާފައިވާކަން ފާހަގަކުރެވެއެވެ.

އެލްޖީއޭއިން ކައުންސިލްތައް ރޭންކުރާ އިންޑެކްސް ޖުމްލަ 5 ބަޔަށް ބަހާލާފައިވެއެވެ. އެއީ ސެކްރިޓީ، އެކައުންޓެބިލިޓީ، ޕާޓިސިޕޭޝަން، އިފެކްޓިވްނެސް އަދި ލާމަރުކަޒީ ޤާނޫނަށް އަމަލުކުރާ މިންވަރު ބަލާ އިންޑެކްސް އެވެ. ޖުމްލަ އިންޑެކްސް ބަލާފައި ވަނީ މި 5 ބައިން ހޯދާ ވަކިވަކި ނަތީޖާ އެއްކޮއްލައިގެންނެވެ.

ކައުންސިލްތަކުގެ 2017 ވަނަ އަހަރުގެ ޕާފޯމެންސް އިންޑެކްސް އިއުލާން ކުރީ ދިވެހި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގަން ފެށިތާ 8 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން މިއަދު ހެނދުނު އެލްޖީއޭއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. އެލްޖީއޭއިން ކައުންސިލްތައް ރޭންކް ކުރަން ފަށާފައި ވަނީ 2015 ވަނަ އަހަރުއެވެ. އަދި މިއީ އެލްޖީއޭއިން ކައުންސިލްތައް ރޭންކް ކުރާ 3 ވަނަ ފަހަރެވެ.

2017 ވަނައަހަރު ޖޫންމަހާއި ހަމަޔަށް ކައުންސިލްތަކުގައި މަސައްކަތްކުރައްވާފައިވަނީ ކައުންސިލްތަކުގެ 2 ވަނަ ދައުރުގެ ކައުންސިލަރުންނެވެ. ތިންވަނަ ދައުރުގެ ކައުންސިލަރުން ހުވާ ކުރައްވާފައިވަނީ 3 ޖޫން 2017 ގައެވެ.

 

އިހަވަންދޫ ކައުންސިލް, ހއ.އަތޮޅު ކައުންސިލް, ހއ. މާރަންދޫ, ހއ. އުތީމް, ހއ. ތުރާކުނު

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ