ޕޯލްސްޓަރ އިން މައިކަޕްގެ ތަށި ވެސް ވިއްކާ ހެއްޔެވެ؟ — Ihavandhoo.com

ޕޯލްސްޓަރ އިން މައިކަޕްގެ ތަށި ވެސް ވިއްކާ ހެއްޔެވެ؟

21 ޑިސެމްބަރު 2014 10

ނިކަ ޗެއިން އާއި އެންވީކޭ ދަ ކިންގް ބައްދަލުކުރި މެޗްގެ ތެރެއިން

މައިކަޕް ފުޓްބޯޅަ މުބާރާތުގެ 8 ވަނަ މުބާރާތް ކުރިޔަށް ދަނީއެވެ. ސްޕޯޓްސް ކްލަބުން މުބާރާތް ނުހިންގައިގެން ޕޯލްސްޓާރއާ މުބާރާތް ހަވާލުކޮށްގެން ހިންގާ މިއީ ދެ ވަނަ މުބާރާތެވެ. ގިނަ ބަޔަކު އުންމީދު ކުރަނީ ކޮންމެ އަހަރަކު ވެސް މުބާރާތުގެ އިންތިޒާމުތައް އިތުރަށް ފުރިހަމަވާނެ ކަމަށެވެ.

މުބާރާތަށްޓަކައި އެތައް ހާހަކުން ގުނާލެވޭހާ ފައިސާ ކޮންމެ ޓީމަކުންމެ ޚަރަދު ކުރެއެވެ. އެތައް ވަގުތެއް މުބާރާތައް ޓަކައި ދުއްވާލައެވެ. ރަށުން ބޭރުގައި ވަޒީފާތަކުގައި ތިބި އެތައް ޒުވާނުންނެއް މުބާރާތަށްޓަކައި ރަށަށް އާދެއެވެ. ފުޓްބޯޅަ  ކުޅުމުގެ ރޫހުގައި ވާދަވެރިކަން ދެއްކުމަށްޓަކައެވެ. އިނާމަށް ލިބޭ އެއްޗެއް ބޮޑުކަމަކުން ނޫނެވެ.

މައިކަޕްގެ ތާރީޚުގައި ތަފާތު ބޮޑެތި މައްސަލަތައް ޖެހި ގަޔަށް އަތްލާ ހިސާބަށް ބައެއް މައްސަލަތައް ހޫނުވެފައިވެއެވެ. ނަމަވެސް އެއިން އެއްވެސް ފަހަރަކު އެކަށީގެންވާ ފިޔަވަޅެއް އެއްވެސް ޓީމަކާމެދު ނުވަތަ ކުޅުންތެރިއަކާ މެދު އެޅިފައި ނުވެއެވެ. މައްސަލަތައް ހައްލުނުވެ ހަމަ އެއް މައްސަލަތަކަކާ ކޮންމެ އަހަރަކުމެ ކުރިމަތިލާން ޖެހެނީ މި ސަބަބާހުރެއެވެ.

މުބާރާތުގެ ވާދަވެރިކަން އަތޮޅު ތެރެއަށް ފުޅާވެ މުބާރާތުގެ ކުރިމަތިލުން އިންތިހާއަށް ބޮޑުވެފައިވާ މި ދަނޑިވަޅުގައި މުބާރާތާ މެދު ޓީމުތަކުން ކުރާ އިތުބާރާއި ސަޕޯޓަރުން ދެކޭ ހުވަފެންތަކާ އެއްވަރަށް މުބާރާތުގެ އިންތިޒާމްތައް ފުރިހަމަވާން ޖެހެއެވެ.

ހިނގަމުން މިދާ މުބާރާތުގެ 13 މެޗެވެ. ބައްދަލު ކުރީ ނިކަ ޗެއިނާއި އެންވީކޭ ދަ ކިންގެވެ. މެޗް ފެށުނީ ވާދަވެރިކޮށެވެ. ނިމުނީ ދެ ޓީމުން ބޭނުންވިހެން މެޗް އެއްވަރު ކޮށްލައިގެންނެވެ. މެޗް ބެލި ހުރިހާ މީހުންނަށް ވެސް ދެ ޓީމްގެ ޑްރާމާ ސާފުކޮށް ފެނުނެވެ. ގްރޫޕްގައި އޮތް އަނެއް ޓީމް ކަމުގައިވާ ކޭއެމްޖީ ނިއު ޖަނެރާޝަނަށް ބޮނޑި ދީފައި މާ ކުރިން އެއްބަސްވެ ޕްލޭން ކޮށްފައިވާ ގޮތަށް ނަތީޖާ ނެރެ ނިންމާލީއެވެ. މުބާރާތުގެ ފަނޑިޔާރުންގެ ކޮމިޓީއަށް އެކަން އިހްސާސް ކުރެވިގެން އެ ކޮމިޓީން ފިޔަވަޅު އަޅާ ކޮމިޓީއަށް މައްސަލަ ފޮނުވިއެވެ. ފިޔަވަޅު ވެސް އަޅައިފިއެވެ. ފިޔަވަޅުގައި އޮތީ 5000 ރުފިޔާ ދިނުމަށެވެ. އޭރުން މައްސަލައެއް ނެތް ކަމަށެވެ.

މި ދައްކަނީ އާދައިގެ ކަމެއްގެ ވާހަކައެއް ނޫނެވެ. މެޗެއް ފިކްސް ކުރި ވާހަކައެވެ. މެޗް ފިކްސް ކުރުމަކީ ކުޅިވަރު މުބާރާތްތަކުގައި ހިންގޭ އެންމެ ބޮޑު ޖަރީމާއެވެ. ކުޅިވަރަށް އޮތް އެންމެ ބޮޑު ހުރަހެވެ. މުޅި ކުޅިވަރުގެ އާއިލާގައި އަށަގެންފައިވާ އެންމެ ނުބައި އެންމެ ނުރައްކާ ބައްޔެވެ.

މެޗް ފިކްސް ކުރުމަކީ މެޗެއްގައި ނުވަތަ މުބާރާތެއްގައި ބައިވެރިވާ ޓީމްތަކަކުން ނުވަތަ ކުޅުންތެރިން ތަކެއް ނުވަތަ އެހެންވެސް އޮފިޝަލުންތަކެއް ގުޅިގެން މެޗެއްގެ ނުވަތަ މުބާރާތެއްގެ ނަތީޖާ، ކުޅިވަރުގެ ހަގީގީ ވާދަވެރިކަން ދޫކޮށްލައި ކުރިން އެއްބަސްވެވިފައިވާ ގޮތެއްގެ މަތިން ނެރުން ނުވަތަ އެފަދަ ކަމެއް ކުރުމެވެ. ބޭނުމަކީ އެ ކަމުގައި ބައިވެރިވާ ޓީމްތަކަށް ފައިދާއެއްވުން ނުވަތަ އެހެން ޓީމަކަށް ގަސްދުގައި ގެއްލުންދިނުމެވެ.

މެޗް ފިކްސިންގެ ބޮޑެތި ހާދިސާތައް ފުޓްބޯޅާގައި ވެސް ހިނގާފައިވެއެވެ. އަދި އެފަދަ ހާދިސާތަކާ ގުޅިގެން ބައެއް ޓީމްތަކުގެ ނަމުގައި އެއްވެސް މުބާރާތެއްގެ ބައިވެރި ނުވެވޭގޮތަށް ބައެއް ޓީމުތަކާމެދު ފިޔަވަޅު އަޅާފައިވެއެވެ. އަދި ބޮޑެތި ޢަދަދުތަކުން ބޮޑެތި ބައެއް ކްލަބްތައް ވެސް ޖޫރިމަނާކޮށް، ބައެއް ކުޅުންތެރިން އުމުރު ދުވަހަށް މުބާރާތްތަކުގައި ބައިވެރި ނުވެވޭނެ ގޮތަށް ފިޔަވަޅު އަޅައި، ބޮޑެތި ޢަދަދުތަކުން ޖޫރިމަނާކޮށް، ކުރިން ހޯދާފައިވާ މެޑެލިތަކާއި ޓްރޮފީތަކާއި ލަގަބުތައް އަތުލާފައިވެއެވެ. އަދި މެޗް ފިކްސިންގައި ބައިވެރިކަމުގެ ކުށުގައި ބައެއް ރެފްރީންނާމެދު ވެސް ހަރުކަށި ފިޔަވަޅު އަޅާފައިވެއެވެ. އަދި ގިނަ ގައުމުތަކުގައި މެޗް ފިކްސް ކުރުން ފަދަ ކަންކަން ރާވައި އެފަދަ ކަންކަމުގައި ބައިވެރި ވުމަކީ ބޮޑު ޖިނާޢީ ކުށެކެވެ. މިފަދަ ކުށްކުށުގެ ތުހުމަތުގައި ކޮންމެ އަހަރަކު ވެސް ކުޅުންތެރިން ވެސް ހިމެނޭ ގޮތަށް އެތައް ބަޔަކަށް ބޮޑެތި އަދަބުތައް ދެވެމުންދެއެވެ.

މެޗެއް ފިކްސްކޮށްފިކަން ސާބިތު ވެއްޖެ ނަމަ އެ މެޗެކާ މެދު ދެ ގޮތަކަށް ޢަމަލު ކުރެއެވެ. އެއްގޮތަކީ މެޗް ފިކްސް ކުރިކަން ސާބިތުވީ އެ މެޗް ހިމެނުނު މުބާރާތް ނިމުނު ފަހުން ކަމަށް ވާނަމަ އެ މެޗެއް ހިމެނިގެން މުބާރާތުގެ ނަތީޖާތައް ތަރުތީބުވި ގޮތް އަލުން ބަދަލު ނުކުރުމެވެ. ސަބަބަކީ އަލުން މުބާރާތް ކުޅުމަކީ ކުރެވޭނެ ކަމެއް ކަމަށް ނުވާތީއެވެ. ނަމަވެސް ތާރީޚަށްޓަކައި އެ މެޗްގެ ނަތީޖާ ބާޠިލްކުރެވެއެވެ. އަދި މެޗް ފިކްސިންގައި ބައިވެރިވި ޓީމަށާއި އެ ޓީމްތަކުގައި ހިމެނޭ ކުޅުންތެރިންނަށް އެ މުބާރާތުގައި އެއްވެސް ވަނައެއް ނުވަތަ މަގާމެއް ލިބުނު ނަމަ ރަސްމީކޮށް އެ ވަނައެއް އަދި މަގާމެއް އަތުލެވެއެވެ. އަދި އެ ޓީމަކާމެދު ހަރުކަށި ބޮޑެތި ފިޔަވަޅުތައް އަޅައެވެ.

އަނެއް ގޮތަކީ މުބާރާތެއް ނިމުމުގެ ކުރިން އެ މުބާރާތުގެ މެޗެއް ފިކްސް ކޮށްފިކަން ސާބިތުވުމެވެ. މި ހާލަތުގައި އެ މެޗެއްގެ ނަތީޗާ ބާޠިލްކޮށް، މެޗް ފިކްސް ކުރުމުގައި ބައިވެރިވި ޓީމްތައް މުބާރާތުން ޑިސްކޮލިފައިކުރުމަކީ އެއްވެސް ޝަރުތެއް އެއްވެސް އުޒުރަކާ ނުލާ ވަގުތުން ވަގުތައް އަޅަން ޖެހޭނެ ފިޔަވަޅެކެވެ. އަދި މި ފިޔަވަޅަކީ ކޮންމެހެން ވެސް އަޅަން ޖެހޭ އަސާސީ ފިޔަވަޅެކެވެ. އެހެން ޓީމްތަކުގެ މަސްލަހަތާއި މުބާރާތުގެ އިތުބާރާއި ކުޅިވަރުގެ ރޫހައްޓަކައި ކޮންމެހެން ވެސް ކުރާން ޖެހޭ ކަމެކެވެ. އަދި މި ފިޔަވަޅުތަކުގެ އިތުރުން އެ ޓީމްތަކާ މެދު އަދި ކުޅުންތެރިންނާ މެދު ހަރުކަށި ފިޔަވަޅުތައް އަޅަން ޖެހެއެވެ.

ރަށު ފެންވަރުގައި ކުޅޭ މުބާރާތެއްގައި އެންމެ ހަރުދަނާ ހަރުކަށި ފިޔަވަޅު އެޅުމުގައި ހުރަސްތަކެއް ހުރެދާނެކަމަށް ގަބޫލުކުރަން ޖެހެއެވެ. ނަމަވެސް މުބާރާތުގައި ހިނގާ ކަންކަމާމެދު އަޅަންޖެހޭ އަސާސީ ފިޔަވަޅުތައް ކޮންމެހެން ވެސް އަޅާން ޖެހެއެވެ.

ވަކި ޓީމަކަށް ގެއްލުންވާ ގޮތަށް ގަސްތުގައި ވަކި ގޮތަކަށް ނަތީޖާ ނެރެ މެޗް ފިކްސް ކުރުމަކީ ކުޅިވަރުގެ ހަލާކެވެ. ކުޅިވަރުގެ އެންމެ ބޮޑު ފިތުނައެވެ. އެ ނުރައްކާތެރި ޢަމަލު ނިކަ ޗެއިނާއި އެންވީކޭ ދަ ކިންގުން އެ ވަނީ ހިންގާފައެވެ. އަދި އެކަން ސާބިތުވާ ކަމަށް ވެސް ފިޔަވަޅު އަޅާ ކޮމިޓީން އެ ވަނީ ނިންމާފައެވެ. ވީމާ އެ ޢަމަލާމެދު އަޅަންޖެހޭ އަސާސީ ފިޔަވަޅުތައް އެޅުމުގެ ހިތްވަރު ޕޯލްސްޓަރގެ ކިބައިގައި ހުންނަން ޖެހެއެވެ. ކުރިން ވަކިގޮތަކަށް ކަންތައް ހިނގާފައި ވާތީވެ، ނުވަތަ ފިޔަވަޅު އަޅަން ޖެހޭ ފަރާތްތަކުގެ މަސްލަހަތު ޕޯލްސްޓާރގައި އޮތީތީވެ މުބާރާތް ޚަރާބު ކޮށްލުމުގެ ފުރުޞަތު ދެވިގެން ނުވާނެއެވެ. މުބާރާތައްޓަކައި ޓީމްތަކުން ކުރާ ޚަރަދާއި ހޭދަކުރަމުންދާ ވަގުތު ތަކުގެ ހައްގުގައި އިންސާފް ގާއިމްކުރުމުގައި ޕޯލްސްޓަރ ފަހަށް ޖެހިގެން ނުވާނެއެވެ. އަދި މުބާރާތަށްޓަކައި ޢިއްޒަތްތެރި މެމްބަރު ކުރަމުންދާ ޚަރަދަކީ ފަނުފުލުން ދާ އެއްޗެއް ކަމަށް ވިޔަ ނުދިނުމަށްޓަކައި ހަރުދަނާ ފިޔަވަޅުތައް އެޅުމުގެ ހިތްވަރު ޕޯލްސްޓަރ އިން ދައްކަން ޖެހެއެވެ.

މިވަރުގެ ބޮޑު، ކުޅިވަރުގެ ޖަރީމާއެއް މުބާރާތުގެ މެޗެއްގައި ހިންގިކަން ސާބިތުވެ އެ މެޗްގެ ނަތީޖާ އެ ގޮތުގައި ބާއްވައިގެން އެ މައްސަލަ ލާރިކޮޅަކުން ހައްލުކުރުމަށް ޕޯލްސްޓަރއިން އެދުމަކީ އެހެން ޓީމް ތަކަށާއި ކުޅުންތެރިންނާއި ސަޕޯޓަރުންނަށް އަދި މުބާރާތަށް ޚަރަދު ކުރާ ޢިއްޒަތްތެރި މެމްބަރަށް ކުރެވުނު ބޮޑު މަލާމާތެކެވެ. މެޗް ފިކްސް ކުރުމަކީ މުބާރާތުގެ އަސާސީ ގަވާއިދުގެ 18 ވަނަ މާއްދާގައި ސާފުކޮށް މަނާކޮށްފައިވާ ކަމެއް ކަމަށް ވާއިރު، އެ ފަދަ ޢަމަލު ތަކާމެދު އެ ގަވާޢިދުގެ 17 ވަނަ މާއްދާގެ ދަށުން ހަރުކަށި ފިޔަވަޅު އަޅަން ފުރުސަތު އޮވެމެ އެ ފުރުސަތުގެ ބޭނުނު ނުހިފައި، މި ބޮޑު ޖަރީމާ އެ ގޮތުގައި ބާއްވައިގެން މުބާރާތް ކުރިއަށް ގެންގޮސް ނިންމާލުމަށް ޕޯލްސްޓަރ އިން ނިންމުމަކީ އެ ކްލަބު ލަދުގަންނަން ޖެހޭނެ ކަމެކެވެ. ފުޓްބޯޅައިގެ އަސާސީ ހަމަތަކާއި ދުނިޔަވީ އާންމު އުސޫލުތަކާއި ޚިލާފަށް، ފައިސާ ކޮޅެއް ދިނުމުން މި ބޮޑު މައްސަލަ އޮއްބާލާނެ ކަމަށް ރަސްމީކޮށް ޕޯލްސްޓަރއިން އެ ޓީމްތަކަށް އެންގުމަކީ ދުނިޔަވީ ހުރިހާ ގޮތަކުން ބެއްޔަސް ވަރަށް ދަށު ދަރަޖައިގެ ޢަމަލެކެވެ. ރަސްމީ ރިޝްވަތަކުން މެޗް ފިކްސިންގެ މައްސަލަ އޮއްބާލުމަކީ އިންތިހާއަށް ޓީމްތަކުން ކަންބޮޑުވާން ޖެހޭކަމެކެވެ.

ވީއިރު މިއަދު ޓީމްތަކުން ސުވާލު ކުރަންވީ މުބާރާތުގެ ތަށި ޕޯލްސްޓަރއިން ވިއްކާ އަގަކާމެދުގައެވެ. ބޭނުންވަނީ ފައިސާއެވެ. ކުޅުންތެރިންނެއް ނޫނެވެ. ކުޅުމުގެ ބޭނުމެއްނެތެވެ. ފައިސާ ހުރިއްޔާ ތަށިވެސް ވިއްކާ ނުލާނެ ކަމުގެ ޔަގީން ކަމެއް މިއަދަކު ނެތެވެ!!

މައިކަޕް 2014, ޚާއްސަ ރިޕޯޓު

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

100 ކައިގެ ރިޕޯޓެއް․ ބައެއް ޓީމުތަކުން މިސައިޓާ ޖައްސާލާނެކަން ޔަގީން․ ޝުކުރިއްޔާ މުހައްމާ!

– 21 ޑިސެމްބަރު 2014 2

މައިކަޕްގެ މީޑިއާ ޕާޓްނަރޯ މަދެން ހީހީ

– 21 ޑިސެމްބަރު 2014 1

ވަރަށް ރަނގަޅު ވާހަކައެއް؟ 100 އިން 100 ދީފިން․

– 21 ޑިސެމްބަރު 2014 2

ޕޯލްސްޓާރ ހިންގާ ކޮމެޓީ އިސްތިއުފާ

– 21 ޑިސެމްބަރު 2014 1

ކުލަބް ޕޯލްސްޓަރ މުބާރާތް ހަވާލުކުރެވުނު ފަހުން މިހިގަނީ 2 ވަނަ މުބާރާތް: ޕޯލްސްޓާރ އިން ވަނީ މުބާރާތުގެ ތާރީހްގައިވެސް ކުޅުންތެރިންނާމެދު މީންދުވަހަކުވެސް އަޅާފައި ނުވާ ފިޔަވަޅުތައް އަޅާ މައްސަލަތައް ވަރަށް އަވަހަށް ބަލާ ނިންމާފަވާކަން އުފަލާއެކު ފާހަގަކުރަން․․ <br>މިމައްސަލަ ވެސް ބަލާ އަވަސް ފިޔަވަޅު އަޅާފައިވާތީ ޕޯލްސްޓަރ އަށް މަރުހަބާ ކިޔަން․․․ ގަވާއިދުގައި ވާގޮތުން މިފަދަ މައްސަލަ ތަކުގައި ޖޫރިމަނާކުރެވެން އޮތްކަން ފާހަނގަކުރަން އަދި ފިޔަވަޅު އެޅުމުގެ ފުރުސަތު އޮތްކަން ފާހަނގަކުރަން․․ އެގޮތުން ހިންގާކޮމެޓީގެ ގިނަ މެމްބަރުން އިއްތިފާގުން ނިންމާފައި ވަނީ ޑިމޮކްރަޓިކް އުސޫލުން މައްސަލަ ނިންމާ ގޮތައް․․ އާރޓިކަލް އެއް ލިޔާ ލިޔުންތެރިޔާ އަށް އަޅަންވީ ފިޔަވަޅު އެގެންޔާ ޑިސިޕްލަނަރީ ކޮމެޓީގެ ބޭނުމެއްނޯންނާނެ․․ މީގެ ކުރީގެ މުބާރާތް ތަކުގައި ވަކިބަޔަކު ބޭނުންވާ ފިޔަވަޅު އަޅަން ހަދާގެން އެއްވެސް ފިޔަވަޅެއް ނޭޅި އޮތި․․ ޤަބޫލް ކުރަންޖެހޭ ހަގީގަތަކީ ޕޯލްސްޓަރ އިން ވަނީ މުބާރާތުގެ ކަންކަން އިސްލާހުކޮށް ރަގަނޅު ފިޔަވާޅުތަކެއް އަޅާ މައްސަލަތައް ބަލާ ނިންމާފަ․․․ އެއީ ބޮޑުކުރިއެރުމެއްކަން ފާހަގަ ކުރަން․․․

– 22 ޑިސެމްބަރު 2014 1

އަޅަން ޖެހޭނީ އެކަމަކަށް އޮންނަ ފިޔަވަޅު

– 22 ޑިސެމްބަރު 2014 0

އަޅަން ޖެހޭނީ އެކަމަކަށް އޮންނަ ފިޔަވަޅު

– 22 ޑިސެމްބަރު 2014 0

ކުލަބް ޕޯލްސްޓަރ މުބާރާތް ހަވާލުކުރެވުނު ފަހުން މިހިގަނީ 2 ވަނަ މުބާރާތް: ޕޯލްސްޓާރ އިން ވަނީ މުބާރާތުގެ ތާރީހްގައިވެސް ކުޅުންތެރިންނާމެދު މީންދުވަހަކުވެސް އަޅާފައި ނުވާ ފިޔަވަޅުތައް އަޅާ މައްސަލަތައް ވަރަށް އަވަހަށް ބަލާ ނިންމާފަވާކަން އުފަލާއެކު ފާހަގަކުރަން․․ މިމައްސަލަ ވެސް ބަލާ އަވަސް ފިޔަވަޅު އަޅާފައިވާތީ ޕޯލްސްޓަރ އަށް މަރުހަބާ ކިޔަން․․․ ގަވާއިދުގައި ވާގޮތުން މިފަދަ މައްސަލަ ތަކުގައި ޖޫރިމަނާކުރެވެން އޮތްކަން ފާހަނގަކުރަން އަދި ފިޔަވަޅު އެޅުމުގެ ފުރުސަތު އޮތްކަން ފާހަނގަކުރަން․․ އެގޮތުން ހިންގާކޮމެޓީގެ ގިނަ މެމްބަރުން އިއްތިފާގުން ނިންމާފައި ވަނީ ޑިމޮކްރަޓިކް އުސޫލުން މައްސަލަ ނިންމާ ގޮތައް․․ އާރޓިކަލް އެއް ލިޔާ ލިޔުންތެރިޔާ އަށް އަޅަންވީ ފިޔަވަޅު އެގެންޔާ ޑިސިޕްލަނަރީ ކޮމެޓީގެ ބޭނުމެއްނޯންނާނެ․․ މީގެ ކުރީގެ މުބާރާތް ތަކުގައި ވަކިބަޔަކު ބޭނުންވާ ފިޔަވަޅު އަޅަން ހަދާގެން އެއްވެސް ފިޔަވަޅެއް ނޭޅި އޮތި․․ ޤަބޫލް ކުރަންޖެހޭ ހަގީގަތަކީ ޕޯލްސްޓަރ އިން ވަނީ މުބާރާތުގެ ކަންކަން އިސްލާހުކޮށް ރަގަނޅު ފިޔަވާޅުތަކެއް އަޅާ މައްސަލަތައް ބަލާ ނިންމާފަ․․․ އެއީ ބޮޑުކުރިއެރުމެއްކަން ފާހަގަ ކުރަން․․․ވާނުވާ ނޭގޭ މީހަކު ލިޔުންތައް ލިޔާތީ މައްސަލަ އަކީ ․․․ ފޮނުވާ ކޮމެންޓްތައް ނުޖަހާކަށް ފާހަގަ ކުރެވޭ․․

– 24 ޑިސެމްބަރު 2014 0

ވާނުވާ އެގޭމީހުން ކަންކަމަށް ލާބަލަ ․․ އިހަވަންދޫ ޑޮޓް ކޮމް

– 25 ޑިސެމްބަރު 2014 0

ކަލޭއަށް ތަ ހިންގަންދޭންވި!!!!!!!!!!

– 28 ޑިސެމްބަރު 2014 0