ރަމަޟާން މަހާއި ލަޢިލަތުލް ޤަދުރި ވިލޭރޭ — Ihavandhoo.com

އިހަވަންދޫ ސުކޫލުގެ ރަންޔޫބީލް ގުނާނަ

04 ދުވަސް

ރަމަޟާން މަހާއި ލަޢިލަތުލް ޤަދުރި ވިލޭރޭ

13 މެއި 2019 0

ރަމަޟާންމަހަކީ ޙައްޤާ ބާޠިލު ވަކިކޮށްދެނިވި ޝަރިއްޔަތް އެންމެ ފުރަތަމަ ބާވައިލެއްވުނު މައްސަރެވެ. މިކަމަށް އިޝާރާތް ކުރައްވާ ﷲ ވަޙީ ކުރައްވާފައި ވެއެވެ. شَهْرُ رَمَضَانَ الَّذِي أُنزِلَ فِيهِ الْقُرْآنُ هُدًى لِّلنَّاسِ وَبَيِّنَاتٍ مِّنَ الْهُدَىٰ وَالْفُرْقَانِ ﴿ބަޤަރާ185﴾ މާނައީ "ރަމަޟާން މަހަކީ އެމައްސަރެއްގައި ޤުރްއާން ބާވައިލެއްވި މައްސަރެވެ. (އެއީ ލަވްހިލް މަޙްފޫޡުން ދުނިޔޭގެ އުޑަށް ޖުމުލަކޮށް ބާވައިލެއްވުމެވެ. އެބައިވާލެއްވުން ބާވައިލެއްވީ ލައިލަތުލް ޤަދުރި ވިލޭރެއެއްގައެވެ.) އެޤުރްއާން ބާވައިލެއްވީ މީސްތަކުންނަށް ތެދުމަގު ދެއްކެވުމުގެ ގޮތުންނެވެ. އަދި ތެދުމަގާއި ޙައްޤާއި ބާޠިލު ވަކިކޮށްދޭ އެތަކެއް ދަލީލާއި އިރުޝާދުގެ ގޮތުންނެވެ."

ޤުރްއާން ބާވައިލެއްވުނީ ރަމަޟާން މަހެއްގައެވެ. އަދި ޤުރްއާން ބާވައިލެއްވުނީ މަތިވެރި ވެގެންވާ ބަރަކާތްތެރި ރެއެއްގައެވެ. މާތް ﷲ ވަޙީ ކުރެއްވިއެވެ. إِنَّا أَنزَلْنَاهُ فِي لَيْلَةٍ مُّبَارَكَةٍ ﴿ދުޚާން3﴾ "ހަމަކަށަވަރުން ތިމަންރަސްކަލާންގެ އެފޮތް ޔަޢުނީ ކީރިތި ޤުރްއާން ބާވައިލެއްވީ ބަރަކާތްތެރިވެގެންވާ ރެއެއްގައެވެ." ޤުރްއާން ބާވައިލެއްވުނު ރެއަކީ ކޮބައިކަން ބަޔާން ކުރައްވާ ސޫރަތުލް ޤަދުރުގައި ﷲ ވަހީ ކުރައްވާފައި ވެއެވެ. إِنَّا أَنزَلْنَاهُ فِي لَيْلَةِ الْقَدْرِ ﴿١﴾ މާނައީ "ހަމަކަށަވަރުން އެ ޤުރްއާން ލައިލަތުލް ޤަދުރި ވިލޭރޭ (މިންވަރު ވެގެންވާރޭ) ގައި ބާވައިލެއްވީމެވެ."

ލައިލަތުލް ޤަދުރި ވިލޭރޭވަނީ ރަމަޟާން މަހުގެ އޮނަހިރި ރޭތަކުގެ ތެރެއިން ރެއެއްގައެވެ. ބައެއް ޢިލްމުވެރިން ވިދާލުވަނީ ފަހު 15 ގެ ރޭތަކުގެ ތެރެއިން އޮނަހިރި ރެއެއްގައެވެ. ޖުމުޙޫރު ޢިލްމުވެރިން ވިދާޅުވަނީ ރަމަޟާން މަހުގެ ފަހު ދިހާގެ އޮނަހިރި ރޭތަކުގެ ތެރެއިން ރެއެއްގައި ކަމެވެ. ކީރިތި މާތް ނަބިއްޔާ ޙަދީޘް ކުރައްވާފައިވާ ކަމަށް ޞަހީޙު މުސްލިމުގައި އައިސްފައި ވެއެވެ. عَنْ سَالِمٍ، عَنْ أَبِيهِ، - رضى الله عنه - قَالَ رَأَى رَجُلٌ أَنَّ لَيْلَةَ الْقَدْرِ لَيْلَةُ سَبْعٍ وَعِشْرِينَ ‏.‏ فَقَالَ النَّبِيُّ صلى الله عليه وسلم ‏ "‏ أَرَى رُؤْيَاكُمْ فِي الْعَشْرِ الأَوَاخِرِ فَاطْلُبُوهَا فِي الْوِتْرِ مِنْهَا ‏"‏ ‏( މުސްލިމް1165) މާނައީ ” ސާލިމް އެކަލޭގެފާނުންގެ ބައްޕަގެ ކިބައިން ރިވާކުރެއްވިއެވެ. މީހަކަށް ހުވަފެނުގައި ލައިލަތުލްޤަދްރި ވިލޭރޭއަކީ 27 ވިލޭރޭކަމުގައި ފެނުނެވެ. ދެން ސަލާމާއި ޞަލަވާތްލެއްވި ކީރިތިރަސޫލާ ޙަދީޘްކުރެއްވިއެވެ” ތިޔަބައިމީހުންގެ ހުވަފެންތަކުން އެނގެނީ އެއީ ފަހުދިހައިގެ ރެއެއްކަމެވެ. ފަހެ ތިޔަބައިމީހުން ފަހު ދިހައިގެ އޮނަހިރި ރޭތަކުގައި އެރޭގެ ދަރުމައާއި ޘަވާބުހޯދުމަށް އެދޭށެވެ!

 އެރޭގެ މާތްކަމާ ބެހޭ ގޮތުން ﷲ ވަހީ ކުރައްވާފައި ވެއެވެ.  لَيْلَةُ الْقَدْرِ خَيْرٌ مِّنْ أَلْفِ شَهْرٍ﴿ޤަދުރި3﴾ " ލައިލަތުލް ޤަދުރި ވިލޭރޭއަކީ އެއްހާސް މައްސަރަށްވުރެއް ހެޔޮވެގެންވާ ރެއެކެވެ. (އެބަހީ އެރޭކުރާ އަޅުކަން އެނޫން އެއްހާސް މައްސަރުގެ އަޅުކަމަށްވުރެ ހެޔޮވެގެންވާ ވާހަކައެވެ.)" އެއްހާސް މައްސަރަކީ 83 އަހަރާ 4 މަހެވެ. އިންސާނެއްގެ އާއްމު އުމުރަށް ވުރެ ދިގު މުއްދަތެކެވެ. އެރޭގެ ބަރަކާތްތެރިކަމަށް އިޝާރާތް ކުރައްވާ ﷲ ތަބާރަކަ ވަތަޢަލާ ސޫރަތުލް ޤަދުރިގެ 4 އަދި ވަނަ އާޔަގގައި ވަހީ ކުރައްވާފައި ވެއެވެ. تَنَزَّلُ الْمَلَائِكَةُ وَالرُّوحُ فِيهَا بِإِذْنِ رَبِّهِم مِّن كُلِّ أَمْرٍ ﴿٤﴾ ملائكة ންނާއި، جبريل ގެފާނު އެބޭކަލުންގެ ވެރިރަސްކަލާނގެ إذن ފުޅާއެކު، ހުރިހާ أمر ފުޅަކާއިގެން އެރޭ ފައިބައިވަޑައިގަންނަވާނެތެވެ. سَلَامٌ هِيَ حَتَّىٰ مَطْلَعِ الْفَجْرِ ﴿٥﴾ އެއީ فجر ގެ އަލިކަން ފާޅުވެއްޖައުމަށްދާނދެން، أمان ކަމާއި، ސަލާމަތްކަން ލިބިގެންވާ ރެޔެކެވެ.

ލައިލަތުލް ޤަދްރި ވިލޭރޭ ހޯދުމަށްޓަކައި ކުރާނެ އަޅުކަންތައްތަކުގެ ތެރޭގައި އިއުތިކާފަށް އިނުމާއި ތަރާވީޙު ނަމާދާއި ދަމުނަމާދުގެ އިތުރަށް ޤުރްއާން ކިޔެވުމާއި ﷲ އަށް ޒިކުރު ކުރުން ހިމެނެއެވެ. އެރޭގައި ކިޔުމަށް ރަސޫލާގެ އަރިހުން ވާރިދުވެގެން އައިސްފައިވާ ދުޢާއެއް މިތަނުގައި ޛިކުރު ކޮށްލާނަމެވެ. عَنْ عَائِشَةَ قَالَتْ قُلْتُ يَا رَسُولَ اللَّهِ أَرَأَيْتَ إِنْ عَلِمْتُ أَيُّ لَيْلَةٍ لَيْلَةُ الْقَدْرِ مَا أَقُولُ فِيهَا قَالَ قُولِي اللَّهُمَّ إِنَّكَ عُفُوٌّ كَرِيمٌ تُحِبُّ الْعَفْوَ فَاعْفُ عَنِّي (ތިރުމިޛީ : 3435 )

މާނައީ ” މާތް ﷲ ރުއްސުންލެއްވި ޢާއިޝާގެކިބައިން ރިވާވެގެންވެއެވެ. އެކަމަނާ ވިދާޅުވިއެވެ” ތިމަން ދެންނެވީމެވެ. އޭ ﷲގެ ރަސޫލާއެވެ! ތިމަންކަމަނާއަށް ލައިލަތުލް ޤަދްރިވިލޭރޭއާއި ދިމާވެއްޖެނަމަ، ތިމަންކަމަނާ ކިޔަންވީ ކޮން ދުޢާއެއްތޯއެވެ؟ އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. ” اللَّهُمَّ إِنَّكَ عُفُوٌّ كَرِيمٌ تُحِبُّ الْعَفْوَ فَاعْفُ عَنِّي ” މިދުޢާކިޔާށެވެ! މި ދުޢާގެ މާނައީ ” ހައްދަވަ ބޮޑުކުރެއްވި ރަސްކަލާކޮ! ހަމަކަށަވަރުން އިބަރަސްކަލާނގެއީ ޢަފޫކުރައްވާ އޯގާވަންތަ ، ޢަފޫކުރެއްވުމަށް ލޯބިވެވޮޑިގަންނަވާ ރަސްކަލާނގެއެވެ. ފަހެ މިއަޅާއަށް މިއަޅާގެ ފާފަތައް ޢަފޫކުރައްވާންދޭވެ!

އަޅުގަނޑުގެ ދުޢާއަކީ އަޅަމެން އެންމެނަކީ އިސްލާމްދީނުގައި ސާބިޠުވެ ތިބޭ ބައެއްކަމުގައި ލައްވާ ލައިލަތުލް ޤަދުރި ވެލޭރޭގެ ބަރަކާތްތެރިކަން އަޅަމެން އެންމެންނަށް މިންވަރު ކުރެއްވުމެވެ. އާމީން!

ނޯޓް: މި ލިޔުމުގައިވާ އާޔަތްތަކުގެ ތަރުޖަމާ ނަގާފައިވާނީ 2006 ގައި އަބޫބަކުރު އިބްރާހިމް އަލީ ލިޔެ ނެރުއްވާފައިވާ ޤުރްއާން ތަރުޖަމާއިން.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ