ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމް ފޮނުއްވުމުގެ ބޭނުން / ދަލާއިލުއް ތައުޙީދި - 9 — Ihavandhoo.com

ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމް ފޮނުއްވުމުގެ ބޭނުން / ދަލާއިލުއް ތައުޙީދި - 9

14- ﷲ ސުބްޙާނަހޫ ވަތަޢާލާ، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ފޮނުއްވީ ކޮންކަމަކައިގެން؟

ޖަވާބު: އެއީ ހަމައެކަނި ﷲ ސުބްޙާނަހޫ ވަތަޢާލާއަށް އަޅުކަންކުރުމަށާއި އެއިލާހާ ޝިރުކުނުކުރުމަށާއި، އަދި ﷲ އާއެކު އެހެނިހެން އިލާހުންތަކަށް އަޅުކަން ނުކުރުމަށް ގޮވާލެއްވުމަށާއި، މަޚްލޫޤުތަކުންނަށް އަޅުކަންކުރުން ކަމުގައިވާ މަލާއިކަތުންނަށް އަޅުކަންކުރުމާއި ނަބިއްޔުންނަށް އަޅުކަންކުރުމާއި ޞާލިޙުންނަށް އަޅުކަންކުރުމާއި ގަސްގަހާގެއްސާއި ހިލަތަކަށް އަޅުކަންކުރުން ނަހީކުރެއްވުމަށެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވާ ފަދައިންނެވެ. “وَمَا أَرْسَلْنَا مِنْ قَبْلِكَ مِنْ رَسُولٍ إِلَّا نُوحِي إِلَيْهِ أَنَّهُ لَا إِلَهَ إِلَّا أَنَا فَاعْبُدُونِ” الأنبياء: ٢٥  މާނަ: ” އަދި “ތިމަންއިލާހު ފިޔަވައި ޙައްޤުވެގެން އަޅުކަންވެވޭ އިލާހަކު ނުވެޔޭ އެހެންވެ ތިޔަބައިމީހުން ތިމަން ހަމައެކަނި ތިމަންއިލާހަށް އަޅުކަންކުރާށޭ” އެބޭކަލަކަށް ވަޙީނުކުރައްވާ އެއްވެސް ރަސޫލުބޭކަލެއް ކަލޭގެފާނުގެ ކުރީގައިވެސް ރަސޫލުކަމައިގެން ތިމަން އިލާހު ނުފޮނުއްވަމެވެ.” އަދިވެސް އެއިލާހުގެ ވަޙީ ބަސްފުޅުގައިވެއެވެ. “وَلَقَدْ بَعَثْنَا فِي كُلِّ أُمَّةٍ رَسُولًا أَنِ اُعْبُدُوا اللَّهَ وَاجْتَنِبُوا الطَّاغُوتَ”  النحل: ٣٦ މާނަ: “އަދި ހަމަކަށަވަރުން ކޮންމެ އުއްމަތަކަށް ތިމަންއިލާހު ރަސޫލުބޭކަލަކު ފޮނުއްވީމެވެ. އެއީ ތިޔަބައިމީހުން ﷲ އަށް އަޅުކަންކުރުމަށާއި އަދި ތާޣޫތާ ދުރުހެލިވެގަތުމަށް އެންގެވުމަށެވެ.” އަދިވެސް އެއިލާހުގެ ވަޙީ ބަސްފުޅުގައިވެއެވެ. “وَاسْأَلْ مَنْ أَرْسَلْنَا مِنْ قَبْلِكَ مِنْ رُسُلِنَا أَجَعَلْنَا مِنْ دُونِ الرَّحْمَنِ آَلِهَةً يُعْبَدُونَ”  الزخرف: ٤٥  މާނަ: “އަދި ތިމަންއިލާހުގެ ރަސޫލުންގެ ތެރެއިން ކަލޭގެފާނުގެ ކުރިން ތިމަންއިލާހު ފޮނުއްވި ރަސޫލުންކުރެން އައްސަވާށެވެ! (އެބަހީ: އެބޭކަލުންގެ ޝަރީޢަތުން ބައްލަވާށެވެ!) ރަޙްމާންވަންތަ އިލާހު މެނުވީ، އަޅުކަންވެވޭ އެހެން އިލާހުންތަކެއް ތިމަންއިލާހު ލެއްވިންހެއްޔެވެ؟” އަދިވެސް އެއިލާހުގެ ވަޙީ ބަސްފުޅުގައިވެއެވެ. “وَمَا خَلَقْتُ الْجِنَّ وَالْإِنْسَ إِلَّا لِيَعْبُدُونِ”  الذاريات: ٥٦  މާނަ: “އަދި ތިމަންއިލާހު ޖިންނީންނާއި އިންސީން ހަމައެކަނި ތިމަން އިލާހަށް އަޅުކަންކުރުމަށް މެނުވީ ނުހައްދަވަމެވެ.”

އެހެންކަމުން، ﷲ ސުބްޙާނަހޫ ވަތަޢާލާ ޚަލްޤުތަކުން ޚަލްޤުކުރެއްވީ ހަމައެކަނި އެއިލާހަށް އަޅުކަންކުރުމަށާއި އެއިލާހު އެއްކައުވަންތަކުރުމަށެވެ. އަދި އަޅުތަކުންގެ ގާތަށް ރަސޫލުން ފޮނުއްވީވެސް އެކަމަށް އަމުރުކުރެއްވުމަށްޓަކައެވެ.

= ޝައިޚުލް އިސްލާމް މުޙައްމަދު ބިން ޢަބްދުލްވައްހާބް ލިޔުއްވާފައިވާ ރިސާލާ، ދަލާއިލުއްތައުޙީދި (ތައުޙީދުގެ ދަލީލުތައް) ގެ ތަރުޖަމާ =

ދަލާއިލުއް ތައުޙީދި

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ