ރައްޔިތުން ބޭނުންވަނީ އައު ބަނދަރެއް! — Ihavandhoo.com

އިހަވަންދޫ ސުކޫލުގެ ރަންޔޫބީލް ގުނާނަ

04 ދުވަސް

ރައްޔިތުން ބޭނުންވަނީ އައު ބަނދަރެއް!

އިހަވަންދޫގެ ބަނދަރު މަރާމާތުކުރާއިރު އިހަވަންދޫގެ ބަނދަރަށް ގެންނަން ބޭނުންވާ ބަދަލުތަކާއި ގުޅޭގޮތުން ރައްޔިތުންނާއި މަޝްވަރާ ކުރުމަށްޓަކައި، ރައްޔިތުންނާއި ބައްދަލުކުރުމަށް އިހަވަންދޫ ކައުންސިލުން ރޭ ބޭއްވި ބައްދަލުވުމުގައި، ބޭނުންވަނީ އައު ބަނދަރެއްކަމަށްބުނެ ރައްޔިތުންގެ ތެރެއިން ގިނަބަޔަކު އަޑު އުފުލައިފިއެވެ. ރޭ އިހަވަންދޫ ރަށްވެހި ހިޔާގައި އޮތް ބައްދަލުވުމުގައި ބައެއް އޮޑި ވެރިންނާއި މަސްވެރިންގެ އިތުރުން އާންމުންވެސް ބައިވެރިވިއެވެ.

ބައްދަލުވުމުގައި ފުރަތަމަ އޮތީ، މިހާރު އިހަވަންދޫގައި އޮތް ބަނދަރު މަރާމާތުކުރުމަށް ސަރުކާރުން ހުށަހަޅާފައިވާ ގޮތާއި ގުޅޭގޮތުން މައުލޫމާތު ދިނުމެވެ. އެމައުލޫމާތު ދިނީ އިހަވަންދޫ ކައުންސިލްގެ ރައީސް މުހައްމަދު ރަޝީދެވެ. އެމައުލޫމާތު ދިނުމަށްފަހު ރައްޔިތުންގެ ހިޔާލަށް އެދުނެވެ. ބައްދަލުވުމުގައިތިބި އެކި އެކި މީހުން އެމީހުންގެ ޝުއޫރު ފާޅުކުރިއެވެ. މިހާރު އޮތް ބަނދަރު ބޭނުންކުރަން ދަތިތައްހުރުމުން އެމީހުންގެ ހިތުގައި އުފެދިފައިވާ ޖަޒްބާތު ބަންޑުންކޮށްލިއެވެ. ބައްދަލުވުމުގައި ބައިވެރިވި ގިނަ މީހުން އެދުނީ މިހާރުގެ ބަނދަރު މަރާމާތުކުރަން ބޭނުން ނޫންކަމަށާއި ބޭނުމީ އައު ބަނދަރެއްކަމުގައެވެ.

2019 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓްގައި އިހަވަންދޫގެ ބަނދަރު އަޕްގްރޭޑް ކުރުމަށް 2 މިލިޔަން ރުފިޔާ ހިމަނާފައިވެއެވެ. ބަޖެޓްގައި ވާގޮތުން ބަނދަރު އަޕްގްރޭޑްކުރުމުގެ މަސައްކަތް ކުރިޔަށް ގެންދާނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގް އެންޑް އިންފްރާ ސްޓްރަކްޗަރ އިންނެވެ. މިހާރު އިހަވަންދޫގައި އޮތް ބަނދަރަކީ 2009 ވަނަ އަހަރު އިހަވަންދޫގައި ހަދަންފެށި ބަނދަރެކެވެ. މިހާތަނަށްވެސް އެބަނދަރުގެ މަސައްކަތް އެއްކޮށް ނިންމާފައެއްނުވެއެވެ.

އިހަވަންދޫ ކައުންސިލް

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ