ރައްޔިތުން ފެއިލް ވެފައިވަނީ ވަރަށްބޮޑަށް — Ihavandhoo.com

ރައްޔިތުން ފެއިލް ވެފައިވަނީ ވަރަށްބޮޑަށް

15 މާރިޗު 2016 12

=ފޭސްބުކް އެޑިކްޓް=

އަހަރެން ލިޔުމެއް ލިޔެލީމާ އެއްބަޔަކަށް ވަރަށް ކަމުދިޔައެވެ. އެނެއްބަޔަކަށްވީ އެއީ ނިކަން ހަމަނުޖެހޭ ލިޔުމަކަށެވެ. ވަރިހަމައެވެ. ގޮތެއް ނިންމާނީ ކިޔުންތެރިންނެވެ. އެކަމަކު އަހަރެން ވަރަށް ދެރަވާ ކަމަކާ ދިމާވިއެވެ. އަހަރެންކަހަލަ ފޭސްބުކް އެޑިކްޓެއް ލިޔުނު ލިޔުމެއްގެ ޒިންމާ އެކި އެކި މީހުންގެ ބޮލުގައި އެޅުވީތީއެވެ. އެއީ ކަމުދާ ކަމެއްނޫނެވެ. ބަލަންވީ ބަސްބުނާ މީހާއަކަށް ނޫނެވެ. ބުނާ ބަހަށެވެ. އަހަރެން ކަހަލަ ނިކަމެތި އެޑިކްޓަކަށްވެސް އޮށްޓަރުހުރި އެއްޗެއް ލިޔުމުގެ ކުޅަދާނަކަށް މާތްﷲ ދެއްވަ ފާނެއެވެ.

ލިޔުން ލިޔުނީ ކާކުތޯ ބަލަން ބައެއްމީހުން އެހާ ވަރުހުންނަނީ ކީއްވެގެންކަން އެނގެއެވެ. އެއީ އެމީހަކާ ޒާތީގޮތުން ފޮށިގަންނާށެވެ. ވެވުނުވަރަކުން ހަނގާ ކޮށް ލަދު ގަންނަވާލާށެވެ. ހުތުރު ބަސްތަކުގެ ޝިކާރައަކަށް ހަދައިލާށެވެ. ބުނާނެއެވެ! ކަލޭ ކަހަލަ އެމްޑީޕީ/ޕީޕީއެމް ގުންޑާއަކަށް ލިޔެވޭނީ ތިކަހަލަ ތާކުންތާކު ނުޖެހޭ އެއްޗެއްސެވެ. ކަންހިގަނީ މިހެންނެވެ. ފޭސްބުކް ކުޑަކޮށް ހާވާލީމާ މިކަން ސާފުވާނެއެވެ. ބުނަންހެއްޔެވެ. ފާޑުކިޔަންވީ ލިޔާ މީހާއަކަށްނޫނެވެ. ލިއެފައިވާ އެއްޗަށެވެ. އޭގައިހުރި އޮށްޓަރަށެވެ.

ވިސްނޭ ޒުވާނުންވެސް އުޅެއެވެ. އެފަދަ ޒުވާނަކު ޒުވާބުދިނެވެ. އެލިޔުން ހަމަނުޖެހޭ ކަމަށެވެ. އޭނާގެ ނަޒަރުން ލިޔުން ހަމަނުޖެހޭ ސަބަބު ދެއްކިއެވެ. އެއީ ރައްޔިތުން ފެއިލްވެފައިވާ ކަމަށް ލިޔެފައިވާތީއެވެ. އޭނާ ދެކޭގޮތުގައި އެހެން ލިއެފައިވަނީ ރައްޔިތުންގެ ނިންމުމަށް އިހްތިރާމް ނުކުރާތީއެވެ.  

އާއެކެވެ. ރައްޔިތުން ފެއިލްވެފައިވާކަމަށް އަހަރެން ލިޔުނީ ގަސްތުގައެވެ. ނަމަވެސް އެހެންލިޔުނީ ރައްޔިތުންގެ ނިންމުމަށް އިހްތިރާމްކުރާ ހާލުއެވެ. އަހަރެން ގަބޫލުކުރާ ގޮތުގައި އިހަވަންދޫގެ ރައްޔިތުން ފެއިލް ވެފައިވަނީ ވަރަށްބޮޑަށެވެ. މިހާރު ފެންނަމުންމިދަނީ އެފެއިލްވުމުގެ ނަތީޖާއެވެ.

15 ވަރަކަށް އަހަރު ކުރިން އިހަވަންދޫގައި ކުށްކުރާ މީހުން އުޅޭހެއްޔެވެ؟ މަސްތުވާތަކެތި ބޭނުންކުރާ މީހުން އުޅޭހެއްޔެވެ؟ ޕާޓޭ ވައްތަރު ޒުވަނުން އުޅޭހެއްޔެވެ؟ މާރާމާރީ ހިންގާ މީހުން އުޅޭހެއްޔެވެ؟ ގޭންގްތައް އޮވޭހެއްޔެވެ؟ ގިނަ ޒުވާނުން ދުންފަތް ބޯހެއްޔެވެ؟ އޭރު ހަމަގައިމުވެސް މިސުވާލުތަކުގެ ޖަވާބަކަށް އަންނާނީ ނޫނެކޭއެވެ. ނަމަވެސް މިހާރު މިހުރިހާކަމެއްވެސް ބަދަލުވެއްޖެއެވެ. އެކޮޅުކޮޅުންނެވެ. ކީއްވެ ހެއްޔެވެ؟

ސަބަބަކީ ރައްޔިތުން ބޮޑުތަނުން ފެއިލްވެފައި ވުމެވެ. ކުރިން އިހަވަންދޫ ރައްޔިތުންނަކީ ވަރަށް ލޯހުޅިވިފައިވާ ބަޔެކެވެ. ބޮލުގެ ކުލަތަފާތު ސޮރެއް ރަށަށް އަރާފިއްޔާ އެމީހުންގެ ލޯތައް އެސޮރަށް އަމާޒްވެއެވެ. އެސޮރު އުޅޭ ނޫޅޭގޮތް ބަލައެވެ. ރަށުން އެސޮރު މުއާމަލާތުކުރަނީ ކޮންބަޔަކާތޯ ބަލައެވެ. ވިޔާނުދާކަމެއް ކުރަން އުޅޭކަމުގެ އަލާމާތްތައް ފެންނަންފަށައިފިނަމަ ރަށުގެ ހަރުމީހުން އެލާޓަށް އާދެއެވެ. ވިޔާނުދާކަމެއް ކޮށްފިނަމަ ރަށުގެ ފަސްގަނޑުން އެސޮރު ބޭރުކުރެއެވެ. މިއީ ރަށަށް ސަރުކާރުން ފުލުހުން ފޮނުވުމުގެ ކުރީގެ ވާހަކައެވެ. ފުލުހުން ރަށުގައި ގާއިމް ވުމާއިއެކު ރައްޔިތުންގެ ހުޅުވިފައިވާ ލޯތައް މަޑުމަޑުން ބަންދުވާން ފެށިއެވެ.

މިހާރު އިހަވަންދޫގެ ގިނަ ރައްޔިތުންނަކީ ބޮޑުވަރިހަމާން ތަކެކެވެ. ރަށުގެ ކަންކަން ކޮންމެގޮތަކަށް ދިޔަޔަސް ވަރިހަމައެވެ. ކައުންސިލްތައް ފެއިލް ވަމުން މިދަނީ އެސަބަބާހުރެއެވެ. ކައުންސިލުން ކޮންމެކަމެއް ކޮންމެގޮތަކަށް ކުރިޔަސް ގިނަމީހުން ދެކޭގޮތުގައި އެމީހުންނާ ކީކީހެއްޔެވެ.

ކައުންސިލަރުންނަކީ ސީދާ ރައްޔިތުންގެ ވޯޓުން އިންތިހާބުކުރާ ބަޔެކެވެ. އެމީހުން ޖަވާބުދާރީ ވާންޖެހޭނީ ރައްޔިތުންނަށެވެ. ނަމަވެސް އެމީހުން ޖަވާބުދާރީކުރުވާނެ ރައްޔިތުންނެއް ނެތެވެ. ވީމާ އެމީހުން އުޅޭނެގޮތަކަށް އުޅެން ވީނޫންހެއްޔެވެ. ކިލާސް ރޫމެއްގައިވެސް މުދައްރިސް ނެތްނަމަ ކުދިންއުޅޭނެ ހަލަނިކަން ހިތަށްގެންނަވާށެވެ. ކައުންސިލަރުންވެސް އުޅެމުން އެދަނީ އެހަލަނިކަމުގައެވެ. އެޅޭނެ ގޮތަކަށެވެ. ޖަވާބުދާރީ ވާންޖެހޭ ފަރާތެއް ނެތީމާ ވާނީ އެހެންތާއެވެ. މީގައި ކައުންސިލަރުންނާއި އެއްހަމައެއްގައި ރައްޔިތުންވެސް ޒިންމާ ވާންއެބަޖެހޭތާއެވެ. ވީމާ ފެއިލް ވަމުން މިދަނީ ކައުންސިލާއި ރައްޔިތުންނެވެ.

މިއަދު ކައުންސިލަރުން ރުއްސާންޖެހެނީ މުންޑުލީ ދެތިން މީހަކާއި އޮޑިވެރިން ތަކެކެވެ. އެމީހުން އެދޭ ކޮންމެކަމެއް އިސާހިތަކު ކޮށްދެއެވެ. ކައުންސިލަރުންނަށް އެނގެއެވެ. ރައްޔިތުން ބަސްއަހާނެކަމެވެ. ވިމާ ބަސްއަހާބަޔަކަށް ކަމެއްކޮށްދެނީ ކީއްކުރަން ހެއްޔެވެ.

ބުނާތީ އިވެއެވެ. ނުރޯދަރިއަކަށް ކިރެއް ނުލިބޭނެއެވެ. ކުރިން އިހަވަންދޫ ރައްޔިތުންނަކީ ރުއިމުގެ މިސާލުދެއްކި ބަޔެކެވެ. ރޯރޯ ހަނާވެގެން ކަރަންޓްވެސް ގެނައެވެ. ނަމަވެސް މިހާރު ރޯލާނެ ބަޔަކު ނެތެވެ. ގުނިގޮނޑުން އަރާދުމުން އުނދަގުވާ މީހުންވެސް ހެނީއެވެ. ގެވަޅު ނުދިނުމީވެސް ގިނަބަޔަކަށް ވަރަށް ހިނިއަންނަ ކަމެކެވެ. މަގުމަތީ ހިނގާފައި ދާއިރު އަޑިގުޑަން ގަނޑަކަށް ވެއްޓޭ ކޮންމެ ފަހަރަކު ޕަކަޕަކަލާފައި ހޭބަޔަކު އުޅޭކަމަށްވެއެވެ.

ދައްކާނެ އިތުރު ވާހަކައެއްނެތެވެ. އަހަރެންވެސް މިހިރީ ފެއިލް ވެފައެވެ. އިހަވަންދޫގެ ރައްޔިތެއްގެ ހައިސިއްޔަތުންނެވެ.

ފޭސްބުކް އެޑިކްޓް

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

ހަހަހަހަހަ.....ބުނެވިދާނެ

– 15 މާރިޗު 2016 0

ފޭލްވެއްޖޭ ކިޔާނެކަމެއްނެތް․ ކައޭތީ ކާކުކަން މިހާރު ސާފުވެއްޖެ․ ސަލާން

– 15 މާރިޗު 2016 3

"ބުނަންހެއްޔެވެ. ފާޑުކިޔަންވީ ލިޔާ މީހާއަކަށްނޫނެވެ. ލިއެފައިވާ އެއްޗަށެވެ. އޭގައިހުރި އޮށްޓަރަށެވެ․" ކިތައްމެ ނުވަން އުޅުނަސް ލިޔާމީހާގެ ހިޔާލަށް ލިޔުން ބައްޓަންވާނި․ ފާޅު ކުރަމުންދާނި ލިޔާމީހާ ދެކޭގޮތް․ އަދި އެމީހަކަށް ފޭވާ ކުރެވޭނީ ވެސް އޭނާ ތާއިދު ކުރާ ލޯބިކުރާ ކޮޅެއް އެހެން ވީމަ ފާޑުކިޔުން އަމާޖް ވާނި ލިޔާމީހާއަށް

– 15 މާރިޗު 2016 2

ފާޑުކިޔަންވީ ލީޔާ މީހާއަކަށް ނޫން․ އޭނާގެ ޙިޔާލަށް․

– 15 މާރިޗު 2016 0

ކުރާނީކީޢް․ އެއްމެ އަމާންރަށުން އެމެ ނާމާން އެއްރަށަށް މިރަށްމިއޮތީ ބަދަލުވެފަ․ ރަށުންބޭރުމީހުން ރަށުމީހުންނަށްހަދާ ކުށްވެރިންނަށް މިނިވަންކަންދީ ހެދިބަޔަކު ޒިމްމާވާންޖެހޭނެ․ ވަރަށްދެރަ․ މިކަމަކުން ދެން އަރައެ ނުގަނެވޭނެ․ ރަށުމީދަލަށްވުރެ ރަށުންބޭރުމީދާތައް މާވަރުގަދަ․ އެމީހުންވަނީ ރަށުންހާލިހަދާފަ․

– 15 މާރިޗު 2016 0

"މިއަދު ކައުންސިލަރުން ރުއްސާންޖެހެނީ މުންޑުލީ ދެތިން މީހަކާއި އޮޑިވެރިން ތަކެކެވެ." އަދި އެއްތަންކޮޅުމަދު ކޮބާ ސިޔާސީ މީހުންގެ ވާހަކަ؟

– 15 މާރިޗު 2016 1

ފޭލިކުރާ މީހުންގެ ފޮޓޮއެއްތަ މީނީ ޖަހާފަ؟

– 15 މާރިޗު 2016 1

ޢަބްދުލް މާނިޢު ހުސައިން މިހާރު ގެ ނަމަކީ ފޭސްބުކު އެޑިކްޓުތައް․ ކޮންއިރަކު ނަންބަދަލުކުރީ․ ބަހުރުވައާއި އިބާރަތްތައް ހުރިގޮތުން މާނިޢުގެ ލިޔުމެއްކަން އެބަ ގަބޫލުކުރެވޭ․ ރައްޔިތުންނަށް ފުރައްސާރަކޮށްގެން ލިޔުންތައް ނުލިޔާށެވެ․

– 16 މާރިޗު 2016 2

އަންނި އައިސް މުޅި ގައުމު ހަލާކު ކޮށްފި․ އިހަވަންދޫ ހަލާކުނުވެ އޮންނާނެތަ؟ އަންނި އެންމެ ގިނައިން އަރާ ފޭބި ރަށަކަށް އިހަވަންދޫ ވާނެ․ އެހެންވީމަ ހަމަ ރަނގަޅަށްވެސް އިހަވަންދޫ ހަލާކު ވާނެތާ؟ އިހަވަންދޫ ރަނގަޅު ކުރަން ބޭނުންނަވަ ޔާމިން އިހަވަންދޫ އަށް އެރުވޭތޯ ބަލާބަލަ․

– 16 މާރިޗު 2016 1

ޔާމީނު ނާރާނެ އިހަވަންދޫ އަކަށް․ އިހަވަންދޫގެ ސިޔާސީ އެއްވެސް ފަރާތަކަށް ނުކުރެވިފަ އޮތް ކަމެއް އެއީ․․ ހެހެ

– 16 މާރިޗު 2016 0

ޔާނިމެއް ނުގެނެވޭނެއްނު․ އިހަވަންދޫ ރައްޔިތުން ވަނީ ފޭލި ވެފަ․ އިހަވަންދޫގަ ތިބި ސިޔާސީ އެކުޓިވިސްޓުން ވެސް ވަނީ ފޭލި ވެފަ․

– 18 މާރިޗު 2016 0

ކަލޭމެން ދެން މުންޒިރު ބުރޯ ރުޅިނާރުވެ ތިބެ ފާނަންތަ؟ މިލިޔުމުގަ މުންޒިރު ބުރޯގެ ފޮޓޯ ނެތީމަ އެބަ އޮތް ވަރަށް ނައްޓާގެން އެފްބީގަ ލިޔެފަ․

– 18 މާރިޗު 2016 0