ރައްޔިތުންނާއި ބައްދަލުކުރަން ކައުންސިލުން ބޭއްވި ބައްދަލުވުން ހޫނުވެ ކުރިޔަކަށް ނުގެންދެވުނު — Ihavandhoo.com

ރައްޔިތުންނާއި ބައްދަލުކުރަން ކައުންސިލުން ބޭއްވި ބައްދަލުވުން ހޫނުވެ ކުރިޔަކަށް ނުގެންދެވުނު

7 އޮގަސްޓު 2018 2

އިހަވަންދޫގެ ރައްޔިތުންނާއި، އިހަވަންދޫ ކައުންސިލް އިދާރާއިން ބައްދަލުކުރުމަށް މިއަދު ބޭއްވި ބައްދަލުވުން ހޫނުވެ ކުރިޔަށް ނުގެންދެވިގެން ނިންމާލައިފިއެވެ. މިއަދުގެ ބައްދަލުވުން ބޭއްވީ  މިއަދު މެންދުރު 13:30 ގައި އިހަވަންދޫ މަދަރުސާގެ އޭވީ ރޫމްގައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދުގެ ބައްދަލުވުމަކީ، ލާމަރުކަޒީ ޤާނޫނާއި އެއްގޮތަށް މި އަހަރު ތެރޭގައި މިހާތަނަށް ކައުންސިލުން ހިނގިފައިވާ ހަރަކާތްތަކުގެ ރިޕޯޓް ހުށަހެޅުމާއި އަންނަ އަހަރުގެ ބަޖެޓްގައި ހިމަނާނެ ކަންތައްތަކާ ގުޅޭ ގޮތުން ރައްޔިތުންގެ މަޝްވާރާ ހޯދުމަށް ބޭއްވި ބައްދަލުވުމުކެވެ. ނަމަވެސް މިބައްދަލުވުމަށް ހާޒިރުވީ ރައްޔިތުންގެ ތެރެއިން ވަރަށް މަދުއަދަދެއްގެ މީހުންކަމަށް މައުލޫމާތު ލިބެއެވެ.

މިއަދުގެ ބައްދަލުވުން ފެށުމުގެ ކުރިންވެސް ހޫނު ޒުވާބުތަކެއް ހިނގައިގެން ދިޔައެވެ. އެއީ ބައްދަލުވުމަށް އައިސް އިން އާނމުންގެ މީހަކު ބައްދަލުވުން ވީޑިއޯ ކުރުމަށް މަސައްކަތްކުރުމުން، އޭނާ ބޭނުންކުރަމުންދިޔަ ވީޑިއޯ ސްޓޭޏްޑް ކައުންސިލްގެ ޒިންމާދާރު އިސްވެރިޔާ މުހައްމަދު އިބްރާހިމްގެ ބެލުމުގެ ދަށަށް ގެންދިއުމުންނެވެ.

އެއާއި އެކު އުފެދުނު ހިންހަމަ ނުޖެހުމަށްފަހު ބައްދަލުވުން ކުރިޔަށްދިޔަ ތަނަށް ފުލުހުންވެސް ގެނެސްފައެވެ. ފުލުހުން އައުމާއިއެކު ބައްދަލުވުމަށް އައިސްތިބި އާނމުންގެ އަޑުގަދަވެގެންދިޔައެވެ. އެއާއިއެކު ފުލުހުން އެތަން ދޫކޮށް ދިޔައީއެވެ.

އެއަށްފަހު ކައުންސިލް އިދާރާގެ ޒިންމާދާރުވެރިޔާ މުހައްމަދު އިބްރާހީމް، ބައްދަލުވުން ފެށޭތޯ މަސައްކަތްކުރިއެވެ. އެގޮތުން ބައްދަލުވުން ފެށުމުގެ ގޮތުން ބައްދަލުވުން ތައާރަފް ކޮށްދެއްވަމުން، މިއީ ލާމަރުކަޒޫ ޤާނޫނުގެ ދަށުން ބާއްވާ ބައްދަލުވުމެއްކަމަށް ބުނުމާއިއެކު ބައްދަލުވުމަށް އައިސްތިބި ރައްޔިތުން ޒުވާބުކުރަން ފެށިއެވެ. އެމީހުން ބުނަމުންދިޔައީ ލާމަރުކަޒީ ޤާނޫނުގެ ދަށުން މިއީ ކައުންސިލަރުންނާއި ހަވާލުކޮށްފައިވާ ޒިންމާއަކަށް ވީހިނދު، މިކަން ކުރަންޖެހޭނީ ރައްޔިތުން އިންތިހާބުކޮށްފައިވާ ކައުންސިލަރުންނަށްކަމަށާއި، ކައުންސިލްގެ ޒިންމާދާރުވެރިޔާ އަދި އިދާރީ މުވައްޒަފުން މިކަން ކުރުމުގެ ހައިސިއްޔަތެއް ނެތްކަމުގައެވެ. އަދި ކައުންސިލަރުންނަށް ލާމަރުކަޒީ ޤާނޫނުން ހަވާލުކޮށްފައިވާ ޒިންމާ އަދާކުރުމުގެ ފުރުސަތު ކައުންސިލަރުންނަށް ދިނުމަށްވެސް ބައްދަލުވުމަށް އައިސްތިބިމީހުން ގޮވަމުންދިޔައެވެ. އެއަށްފަހު ތަނުގެ މާހައުލުގެ ކޮންޓްރޯލް ގެއްލި ބައްދަލުވުން ކުރިޔަށް ނުގެންދެވިގެން ބައްދަލުވުން ނިންމާލީކަން ކައުންސިލްގެ ޒިންމާދާރުވެރިޔާ މުހައްމަދު އިބްރާހިމް އިއުލާންކުރިއެވެ.

އިހަވަންދޫ ކައުންސިލްގެ 5 ކައުންސިލަރުންވެސް މުސާރަ ނުލިބޭގޮތަށް 3 މަހަށް ސަސްޕެންޑް ކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.

އިހަވަންދޫ ކައުންސިލް

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

haadha naathahuzeebu amalekey dhw komme bayaku kuriyas

– 7 އޮގަސްޓު 2018 3

ނުފޯރާފޮތިން ފޫގަޅަން މަސައްކަތް ނުކުރާށެވެ․

– 8 އޮގަސްޓު 2018 0