ރޯދައިގެ އެ ހަނދާންތައް - ދަޅަބެމެން ރަށަށް — Ihavandhoo.com

އިހަވަންދޫ ސުކޫލުގެ ރަންޔޫބީލް ގުނާނަ

93 ދުވަސް

ރޯދައިގެ އެ ހަނދާންތައް - ދަޅަބެމެން ރަށަށް

އެއީ ނަވާރަ ސަތޭކަ ނުވަދިހައިގެ މެދަކަ ހިސާބެވެ. ނުވަތަ ފަހުކޮޅެވެ. އެ ދުވަސްވަރު އިހަވަންދޫ މަދަރުސާގައި ކިޔަވައިދޭނީ ގްރޭޑް ހަތަކާ ހިސާބަށެވެ. ހަތެއް ނިންމީމާ ދެން އެހެރީ ކިޔެވިފައެވެ. ކިތަންމެ ތަނަވަސް އާއިލާއެއްގެ ކުއްޖަކަސް މާލެ ފޮނުވައިގެން އިތުރަށް ކިޔަވައިދިނުމުގެ ރޫހެއް އެ ދުވަސްވަރަކު ނޯވެއެވެ. މަސްވެރި ރަށެއް ވީމާވެސް ތޯއްޗެކެވެ.

މަދަރުސާ ނިންމުމަށްފަހު ގިނަ ކުދިން މަސައްކަތުގެ މައިދާނާ ގުޅެއެވެ. އެހައިއިރު އުމުރުން ކިރިޔަކިރިޔާ ތޭރަ ފުރޭނީއެވެ. މަދަރުސާ ނިންމާ ކުދީން މަސްވެރިކަމާ ގުޅުވުމަށް އެ ދުވަސްވަރު މާ ބޮޑު ތަރުހީބެއް ދެޔެކޭ ނުބުނެވޭނެއެވެ. ނުވަތަ މަދަރުސާ ނިންމާ ކުދީންގެ މެދުގައި ވެސް މަސްވެރިކަމަށް މާ ބޮޑު ޝައުގެއް އޮންނާތީއެއް ނުފެނެއެވެ. އެހެން ވީމާވެސް ތޯއްޗެކޭ، ގިނަ ކުދީން އެ ދުވަސްވަރު އިހުތިޔާރުކުރަނީ މާލެ ފައިބައި ތިބެގެން ވަޒީފާއަދާކުރުމެވެ.

މަދަރުސީ ދައުރުގެ ފުރަތަމަ ދެތިން ގްރޭޑެއް އަހަރެމެންނަށް ނިންމައިލެވުނުއިރު، އަހަރެމެންގެ ދޮށީ ޖީލުގެ ކިތަންމެ ކުއްޖަކު މަދަރުސާ ނިންމާފައި މާލެ ފައިބައިފިއެވެ. ރޯދައިގެ އަސަރުގަދަ ހަނދާންތައް ބަރާވެފައި ވަނީ އެ ދޮށީ ޖީލުން އަހަރެމެންނާ ހަމައަށް ވާސިލުކޮށްދިން ކުޅިސަމާތަކުންނެވެ. ރޯދައިގެ އާދަތައް އަހަރެމެން ދެމެހެއްޓީ އެ މީހުންގެ ފިޔަވަޅު މަތީގައެވެ. ރޯދައިގެ އެ ހަނދާންތަކުގެ އާރުކާޓީންނަކީ އެބައިމީހުންނެވެ.

އަހަރެމެން ދިރިއުޅޭ، އިރުމަތީ އަވަށު މެދު ސަރަހައްދަށް ނުވަތަ އުތުރު ފަޅިއަށް ނިސްބަތްވާ ގިނަ ކުދީން އެ ދުވަސްވަރު މާލެ ފައިބައި ތިބީ ހެންވޭރު ދަނޑުކަން ހޮޓަލުގައި ވެއިޓަރުން ގޮތުގައިކަމަށް އެނގިފައިވެއެވެ. މިހާރު މި ހޮޓާ ހުންނަނީ ހެންވޭރު ދަނޑުގެ އިރުއުތުރު ކަނާ ދިމާގައެވެ. ދެތިން ކުއްޖަކު ހުޅުލޭ އައިލެންޑް ހޮޓަލުގެ ބަދިގޭގައި ވެސް ވަޒީފާ އަދާކުރިކަމަށްވެއެވެ. އަދި ބައެއް ކުދިން ރެޒޯޓުތަކާއި އެހެންވެސް ދިމަދިމާގައި ވަޒީފާގައި ނޫޅެއެކޭ ނޫނެވެ.

އެ ދުވަސްވަރު ރޯދަމަސް ދިމާވާނީ ބޮޑު ބަންދުގެ ސީދާ މެދަށެވެ. ރޯދައިގެ ފޯރިގަނޑު އެ ދުވަސްވަރު އެހައި ގަދައީވެސް އެހެންވެ ތޯއްޗެކެވެ. މަދަރުސާއަށް ހާޒިރުވާން ނުޖެހޭތީއާވެސްއެކުމެ ނުލާހިކު މިނިވަންކަމާއެކު އުޅެހަމަކޮށްލެވޭނެތާއެވެ.

ރޯދައަށް ދެތިން ހަފްތާއަށްވާއިރު، ރޯދައިގެ ހަރަކާތްތަކަށް ބޭނުންވާނޭ ސާމާނު ނާލުބައްތެލިފަހަރުން ރަށަށް ލިބެން ފަށާނެއެވެ. މާލެ ފައިބައި ތިބޭ ޒުވާނުން ފޮނުވާ ސާމާނެވެ. ކޮންމެ އެއްޗެއްގައި ވެސް "އއޒ" ޖަހާފައި ހުރެއެވެ. އާދެ! އަލިފު އަލިފު ޒަވިޔަނީގެ ދިގު ގޮތަކީ "އިހަވަންދޫ އިރުމަތީއަވަށު ޒުވާނުން"، މިއެވެ.

ރޯދަ ބޯމަތިވަމުންދާއިރު އަހަރެމެން އިންތިޒާރުކުރަމުން ދަނީ މާލެ ފައިބައި ތިބި ޒުވާނުން ރަށަށް އަންނާނޭ އިރަކަށެވެ. ފޯނުފަދަ ވަސީލަތްތައް ތަދު ޒަމާނަކަށް ވުމާވެސްއެކު ޒުވާނުން ރަށަށް އަންނަ ވަކި ދުވަހެއް އެނގިފައެއް ނޯވެއެވެ. ނާލުބައްތެއްޔެއް ލެފީވިއްޔާ ފައިބާ ބަޔަކު ބަލަން ތިބުން ނޫންގޮތެއް ނޯވެއެވެ.

ޒުވާން އެ ފަހުލަވާނުންގެ ކައްޕިތާނަކީ ދަޅަބެއެވެ. އާދެ! މަޝްހޫރު ދަޅަ ޒާހިރެވެ. ބަގީޗާގޭ މުހައްމަދު ޒާހިރެވެ. ދިރުމަކީ އަދި ރޫހަކީވެސް އެއީއެވެ. އިހަވަންދޫ އިރުމަތީއަވަށު ޒުވާނުންގެ މޭސްތިރިއަކީ އޭނާއެވެ. އެ ހަނދާންތަކުގެ ބާނީއަކީ އޭނާއެވެ. އަހަރެމެން ނުހަނު ލޯބިވާ އެހައިމެ އިހުތިރާމުކުރާ ޒާހިރުބޭއެވެ.

ޒުވާނުން ރަށަށް ލެފީމާ އެ ދިގު އިންތިޒާރަށް ނިމުން އައީއެވެ. ރޯދައިގެ ކުޅިސަމާގެ ތައްޔާރީތައް ފެށުނީއެވެ. އެ ހަނދާންތަކުގެ ފެށުމަކީ އެއީއެވެ.

ރޯދައިގެ އެ ހަނދާންތައް

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ