ރޯދައިގެ އެ ހަނދާންތައް - ކޯލިމަގު ޖަރީކުރުން — Ihavandhoo.com

އިހަވަންދޫ ސުކޫލުގެ ރަންޔޫބީލް ގުނާނަ

04 ދުވަސް

ރޯދައިގެ އެ ހަނދާންތައް - ކޯލިމަގު ޖަރީކުރުން

ކޯލިމަގޭ މި ދެންނެވީ ނޫރާނީމަގުގެ އިރުމަތީކޮޅުން އަތިރިއާ ހަމައަށް ކޮޅުކަނޑާފައި އެ އޮތް ހިސާބަށެވެ. މި މަގުގެ ހަގީގީ ނަމަކީ އަލިފުޅުބޭކޮށިމަގުކަމަށް ބުނާތީ އިވެއެވެ. އަސްލުގައި ކޯލިމަގޭ ކިޔެނީ އަލިފުޅުބޭކޮށިމަގާއި ގަފޫރުމަގު (ދަނބުރުއްމަގުގެ ކޮޅުން އޮތް ހިސާބު)ގެ ދެމެދުގައި ކުރީން އޮންނަ ހަނި މަގަކަށް ކަމުގައިވެއެވެ. މާފަހަކުން ގަފޫރުމަގު ވުޖޫދުވެ ނުވަތަ އަލިފުޅުބޭކޮށިމަގު އުފެދި، ކޯލިމަގުގެ ބޭނުން ކެނޑިދިއުމުން އެ މަގު އުވި ޖަންގައްޔަށްވި ފަހުން، އަލިފުޅުބޭކޮށިމަގަށް ކޯލިމަގޭ ކޮންމެވެސް ބަޔަކު ކިޔައި އެ ނަން އެގޮތުގައި ހަރުލައި އަދިއަދަށް ދާންދެން ދެމިއޮތީއެވެ.

އަހަރެމެންގެ ޅަފުރާގެ ހަނދާނީ ކޮށާރު ފުރި ބާރުވެފައި ވަނީ އެ މަގުން ހޯދި ރަން ތަޖުރިބާތަކުގެ އަރާމު އަސަރުތަކުންނެވެ. ރޯދައިން ރޯދައަށް އާބާތުރަ ފިލުވަމުންދިޔަ އަންބަލަންތަކާއި ޖޯލިފަތިތަކާއި އުނދޯލިތަކާއި އަދި ފިނިއަށިތަކުގައި ޖެހި ސަކަރާތްތަކުގެ ހޫނުކަން އަހަރެމެންގެ ހިތްތަކުން އަދިވެސް ފިލާ ނުދެއެވެ. އެ ހިތްގައިމު މައިޒާންތަކުން ރައްޔިތުން ހޯދި ހިތްފަސޭހަކަން، އެ ދޫތަކުން ކިޔައިއުޅުން ނުހުއްޓާނޭކަން މުޖައްރިބެވެ. އެ މަގުގައި މަޅުކުރިހައި ހަކުރުގެ ޝަރާބުން އަހަރެމެންގެ ތަލިތައް ވަނީ ގަނޑު ފޮންޏަށްވެފައޭ ބުނާހިތްވެއެވެ. އެ މަގުގައި ފިހުނު ފިހުންތަކާއި ކެއްކިހައި ކެއްކުންތަކަށް އަހަރެމެންގެ ގޮހޮރުތައް ސަނާ ކިޔާ ކަހަލައެވެ. ކަޅުވިލާ އޮއްސިއްޖައުމަށް ދާންދެން ކާނި ގަސްގަހާއި ޖަންގަލީ ތެރޭ ކުޅުނު ހަންޑީގެ ކުޅިވަރާއި ހޭޅީ ތެރޭ ކީ ޕަޗަސްތަކާއި މުޅި މަގު ހިސޯރުކޮށްގެން ފޯރިއާއެކު ކުޅެނެގި ތަފާއްޔާއި ސައްލި އާއި ފުޓްބޯޅައިން ލިބުނު ތަދުތަކާއި ލަކުނުތައް އަހަރެމެންގެ ހަށިތަކުން ފިލުވައިލުމަކީ ލާހިކު ކަމެއް ނޫނެވެ. އެ މަގާ ދިމާ މޫދުގައި ނޭވާ ހާސްކޮށްލައިގެން ނެގި ސޯޅަލިނބޯތަކާއި ދެމުނުހާ ސަތޯތަކުގައި ބޮވުނުހައި ލޮނުގެ ހިތިކަން، އަހަރެމެންގެ ސިކުނޑިތަކުގައި ބިންވަޅުނެގިފައިވޭމެއެވެ.

ރޯދަމަހެއް ފެށެނީ ވިއްޔާ، އެ މަގުގައި އަންބަލަމަކާއި އަށްޓަކާއި ޖޯލިފައްޗެއް ނަހަދާ އަހަރެއް އަހަރެމެންގެ ޅަފުރާ ނުދެކެއޭ ބުނެވިދާނެއެވެ. އަށި ހަދަނީ ރުކު އޮށިންނެވެ. ހޮޅުން އަށި ހެދި ހަނދާނެއް ނުވެއެވެ. އަންބަލަން ހަދަނީ ވަށައިގެން ރުއް ގުޅިގުޅި ލަފައިގެނެވެ. ޖޯލިފަތި ހަދަނީ ގަސްގަހު ދަނޑިންނެވެ.

ޒާހިރުބޭމެން މާލެ ފޭބިފަހުން މިކަން އަދި އިހުނަށްވުރެ ފެންވަރުކުރިއެވެ. ޖޯލިފަތިތައް ދަނގަޑު ހޮޅިއަށް ބަދަލުވިއެވެ. މި ޖޯލިފަތިތައް ބެލެހެއްޓުމުގައި ފަހުން ހަވާލުވެ ހުރީ މާމަ ގޯތި މޫސައެވެ. ތިން ފަތި ޖޯލީގެ ފަހަތު ތިން ފައި އެއްތަންކޮށް ޗޭނު ތަޅެއް އަޅުވައިގެން މި ޖޯލިފަތިތައް ގެއްލުނަ ނުދީ ލައްކަ ޒަމާނު ގެންގުޅުނެވެ.

އޮށިން ހަދަމުން ދިޔަ އަށީގެ ބަދަލުގައި ސިމެންތި އަށްޓެއްވެސް ރޭނިއެވެ. ރަށު އޮފީހުން ހުއްދަ ނުހޯދައި ހެދި އަށްޓެއްކަމަށްވެ އެ މައްސަލަ ނިކަން ހޫނުވެސް ވިއެވެ. މި އަށި ރޭނި ފަހުން އަންބަލަން ހަދަނީ މި އަށްޓާ ވިއްދާއެވެ. އަށި، ފަނުން ހިޔާކޮށް ވާރެއާ ނިވާ ވާނޭހެން ހަޓެއް ކޮންމެ އަހަރަކުމެ ހަދާމެއެވެ. ރޯދަ ނިމެންވާއިރު މި ހަޓު ސަލާމަތަކުން ނުހުރެއެވެ.

މި ޖަރީގެ ހަރަކާތްތައް ހިނގަނީ ކޯލިމަގު ކޮޅަށްވުރެ ފަންސާހަކަށް ފޫޓު އެއްގަމުން ދެކުނު ފަޅިއަށްވާ ހިސާބުގައެވެ. ނަމަވެސް ފަހުން މި ހަރަކާތް ހިނގީ ކޯލިމަގު ކޮޅުން އުތުރަށް ހުންނަ ކާނި ގަސްދަށުގައެވެ. އެ ގަސްދޮށަށް ބަދަލުވިފަހުން އުނދޯލިވެސް އެޅުވިމެއެވެ.

މި ޖަރީތަކުތެރޭ އަހަރެމެން ޖެހި ސަކަރާތުގެ ވާހަކަ އެހެން ބާބުތަކުގައި އަދި ކުރިއަށް ހުރީއެވެ.

ކޮންމެއަކަސް ކޯލިމަގު ޖަރީކުރުމުގެ ހަރަކާތް އަދި އެކި މަގުމަގަށް ފެތުރިފައިވާ މި ހަރަކާތުގެ ނަކަލު ހަރަކާތްތައް ދާދި ފަހަކާ ހަމައަށްވެސް ދެމިއޮތެވެ. ނަމަވެސް ފައިބަރު ސިނާޢަތުގެ ދުއްތުރާލާއެކު އެކަންކަން އޮބި ދިޔައީއެވެ.

ރޯދައިގެ އެ ހަނދާންތައް

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ