ރޯދައިގެ އެ ހަނދާންތައް - ނިއުޅުމުގެކުރިން — Ihavandhoo.com

ރޯދައިގެ އެ ހަނދާންތައް - ނިއުޅުމުގެކުރިން

އުމުރުން އެންމެ ތިން ދިހަ ނުވެ އުޅެނިކޮށް ހަނދާންތަކޭ ކިޔައިގެން ކޮން ހާސަރެއް ލިޔަން އުޅޭކަށްހޭ ހިތަށް އަރައިފާނެއެވެ. ހިތަށް އެ އެރީ ހެޔޮކޮށެވެ. މާ ޗާލު ހަނދާންތަކެއް ތަޖުރިބާވެ އެ ހަނދާންތަކުން ހިތް ނުފިލައިގެން އުޅެނީކީއެއް ނޫނެވެ. އިހަވަންދޫގެ ގިނަ ޒުވާނުން ނުދަނެ ތިބި ހަނދާންތަކެއް ވަކި އެނގެއެކޭ ވެސް ނުމެ ނޫނެވެ.

އަދި އަމުދަކުން ޅަފުރާގެ ހަނދާންތައް މާ ސާފުކޮށް ހިތުގައި ނުވެސް ހުންނަނީއެވެ. މިވީ ގޮތަކީ މި ފަހަކުން ކުރިމަތިވާ ކޮންމެ ރޯދަމަހަކުހެން ވީ ގޮތެކެވެ. އިހަވަންދޫގެ ފަސްގަނޑުގައި ރޯދައެއް ހިފުމުގެ ނަސީބު ނުލިބި އަހަރުތަކެއް ފާއިތުވުމުން ސިކުނޑީގައި ވަޅުޖަހާފައި ހުރި ޅަފުރާގެ ހަނދާންތަކެއް ހެލެން ފަށަނީއެވެ. ކަޑައްތު މި ކުރަނީ ރަށުން ބޭރުގައި ހިފާ ދޮޅަސް ވަނަ ރޯދަ މަހެވެ. ގައިމު އަސަރުފަށެއް ހުންނާނެ ނޫންތޯއެވެ.

ޅަފުރާގެ ހަނދާންތަކުންކުރެ ރޯދައިގެ ހަނދާންތަކަކީ ވަކީން ހާއްސަ މާ ހާއްސަ ހަމަ ފިސާރި ހަނދާންތަކަކީއެވެ. މިއަދު ހަމަ ހިތަށޤ އަރަނީ މި ހެލޭ ހަނދާންތައް ކޮނެ ނަގައި ހަމަ ހިއްސާކޮށްލަންވީއޭއެވެ.

ތިން ކަމެއް މި ކަމުން ހާސިލުވެދާނެއޭ ހީވެއެވެ. އެ ހަނދާންތަކުގެ އެހެން ބައިވެރިން މި ފުން އިހުސާސްތަކަށް ގަންބުވައިލެވުނީއެވެ. އެ ހަނދާންތައް ދަނެ ނެތް ބަޔަކަށް އަހަރެމެން ތަޖުބާކުރި އެ ޖީލުގެ ނުލާހިކު ނަލަ ސޮފުހާތަކެއް ވެދުންކޮށްދެވުނީއެވެ. މުސްކުޅިވުމުގެ ކުރިން ގަދަ ހަނދާނުގައި، ވިދުންގަދަ އެ މުތްތައް އެއްކޮށްލެވިއްޖެއްޔާހީ ހިތަށް އަރަނީ ޔަގީނޭ މިކޮށްލެވުނީ މޮޅުކަމަކަށް ވާނޭއެވެ.

ވީމާ މި ރޯދައިގެ ކޮންމެ ދުވަހަކުމެ އެ ހަނދާންތަކުން ސޮފުހާއެއް ކިޔުންތެރިންނާ ހިއްސާކުރުމަށް އަޒުމު ކަނޑައަޅައިފީމެވެ. މާތް ރަސްކަލާންގެ ހަޒުރަތުން މަދަދަށް އެދޭ ހާލުއެވެ. ބާއްޖަވެރި ރޯދަމަހަކަށް އެދެމެވެ.

ރޯދައިގެ އެ ހަނދާންތައް

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ