ރޯދައިގެ ރަން ހަނދާންތައް - ނިއުޅުމުގެ ކުރިން — Ihavandhoo.com

ރޯދައިގެ ރަން ހަނދާންތައް - ނިއުޅުމުގެ ކުރިން

 

އުމުރުން އެންމެ ތިން ދިހަ ނުވެ އުޅެނިކޮށް ހަނދާންތަކޭ ކިޔައިގެން ކޮން ހާސަރެއް ލިޔަން އުޅޭކަށްހޭ ހިތަށް އަރައިފާނެއެވެ. ހިތަށް އެ އެރަނީ ހެޔޮކޮށެވެ. މާ ޗާލު ހަނދާންތަކެއް ތަޖުރިބާވެ އެ ހަނދާންތަކުން ހިތް ނުފިލައިގެން އުޅެނީކީއެއް ނޫނެވެ. އިހަވަންދޫގެ ގިނަ ޒުވާނުން ނުދަނެ ތިބި ހަނދާންތަކެއް ވަކި އެނގެއެކޭ ވެސް ނުމެ ނޫނެވެ.

އަދި އަމުދަކުން ޅަފުރާގެ ހަނދާންތައް މާ ސާފުކޮށް ހިތުގައި ނުވެސް ހުންނަނީއެވެ. މިވީ ގޮތަކީ މި ފަހަކުން ކުރިމަތިވާ ކޮންމެ ރޯދަ މަހަކުހެން ވީ ގޮތެކެވެ. އިހަވަންދޫގެ ފަސްގަނޑުގައި ރޯދައެއް ހިފުމުގެ ނަސީބު ނުލިބި އަހަރުތަކެއް ފާއިތުވުމުން ސިކުނޑީގައި ވަޅުޖަހާފައި ހުރި ޅަފުރާގެ ހަނދާންތައް ހެލެން ފަށަނީއެވެ. ކަޑައްތު މި ކުރަނީ ރަށުން ބޭރުގައި ހިފާ ދޮޅަސް ވަނަ ރޯދަ މަހެވެ. ގައިމު އަސަރުފަށެއް ހުންނާނެ ނޫންތޯއެވެ.

ޅަފުރާގެ ހަނދާންތަކުންކުރެ ރޯދައިގެ ހަނދާންތަކަކީ ވަކީން ހާއްސަ މާ ހާއްސަ ހަމަ ފިސާރި ހަނދާންތަކަކީއެވެ. ހަމަ ހިތަށް އަރަނީ މި ހެލޭ ރަން ހަނދާންތައް ކޮނެ ނަގައި ހަމަ ހިއްސާކޮށްލަން ފަށަންވީއޭއެވެ.

ތިން ކަމެއް މި ކަމުން ހާސިލުވެދާނެއޭ ހީވެއެވެ. އެ ހަނދާންތަކުގެ އެހެން ބައިވެރިން މި ފުން އިހުސާސްތަކަށް ގަންބުވައިލެވުނީއެވެ. އެ ހަނދާންތައް ދަނެ ނެތް ބަޔަކަށް އަހަރެމެން ތަޖުބާކުރި އެ ޖީލުގެ ނުލާހިކު ނަލަ ސޮފުހާތައް ވެދުންކުރެވުނީއެވެ. މުސްކުޅިވުމުގެ ކުރިން ގަދަ ހަނދާނުގައި، ވިދުންގަދަ އެ ރަން މުތްތައް އެއްކޮށްލެވިއްޖެއްޔާހީ ހިތަށް އަރަނީ ޔަގީނޭ މިކޮށްލެވުނީ މޮޅުކަމަކަށް ވާނޭއެވެ.

މި އަޒުމުގައި މި ވާހަކަ ހަމަ މިހަމައަށް މި ގޮތުގައި ބަޔާންކޮށްފައިމެ މިދިޔަ ރޯދަ މަހު މި ހަނދާތައް ކިޔުންތެރީންނާ ހިއްސާކުރާން ފެށީމުއެވެ. ނަމަވެސް ތިން ސަފުހާއެއް ހިއްސާކޮށްފައި ކަން ނުވެ ރޯދަ ނިމި ދިޔައީއެވެ.

މިހެންވެ މި ރޯދައިގާ އަލުން މި ސަފުހާތައް ހިއްސާކުރާން އަޒުމު އާ ކޮށްގެން ހުރެމެ، ފަހުދިހަ ނިމުމާ ހަމައަށް ވެސް މިކަން ނުވެ ހުރެފައި، ކުޑަ ބަންދަކާ ދިމާވީމާ ހިތައް އެރީ ހަ ރޯދަޔާ އެކީގައި މި ސަފުހާތައް އަލުން ލިޔެ އަލުންބަލުން މިކަން ވޭތޯ އުޅޭން ވެއްޖެޔޭއެވެ. މާތް ރަސްކަލާންގެ ހަޒުރަތުން މަދަދަށް އެދޭ ހާލުއެވެ.

ރޯދައިގެ ރަން ހަނދާންތައް

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ