ސަމީރު، މ. ނާލާފުއްޓަށް ބަދަލުކޮށްފި

7 ސެޕްޓެމްބަރު 2018 0

މުހައްމަދު ސަމީރު. ފޮޓޯ: އިހަވަންދޫ.ކޮމް (ފައިލް)

އިހަވަންދޫ ފެނަކަ ބްރާންޗްގެ އެޑްމިނިސްޓްރޭޓިވް އޮފިސަރެއްގެ މަޤާމުގައި މަސައްކަތްކުރަމުން އަންނަ، މިރަށު ޝަހަރުއާބާދު މުހައްމަދު ސަމީރު ވަޒީފާ އަދާކުރާތަން މ. ނާލާފުށީ ފެނަކަ ބްރާންޗަށް ބަދަލުކޮށްފިއެވެ. ސަމީރަށް، އޭނާ ވަޒީފާ އަދާކުރަމުންދާތަން ބަދަލުވިކަން އަންގައި ފޮނުވާފައިވާ ޗިޓްގައި ބުނެފައިވަނީ މިމަހުގެ 12 ވަނަ ދުވަހުންފެށިގެން އޭނާ ވަޒީފާއަށް ނުކުންނަންޖެހޭނީ މ. ނާލާފުށީ ފެނަކަ ބްރާންޗަށް ކަމަށެވެ.

2015 ވަނަ އަހަރު ފެނަކާގައި ވަޒީފާ އަދާކުރަންފެށި ސަމީރަކީ އިހަވަންދޫ ކައުންސިލްގެ ފުރަތަމަ ދައުރުގެ ރައީސްއެވެ. ނަމަވެސް  ފެނަކާގައި ވަޒީފާ އަދާކުރަންފެށިފަހުން ސިޔާސީ ހަރަކާތްތަކުން އޭނާއެއް ނުފެނެއެވެ. މައުލޫމާތު ލިބިފައިވާގޮތުގައި މިމަހުގެ 5 ވަނަދުވަހު އިހަވަންދޫއަށް އިދިކޮޅު ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ) ކުރެއްވި ދަތުރުގައި، އެބޭފުޅާއަށް މަރުޙަބާ ކިޔަން ސަމީރުގެ ބައްޕަ ނުކުމެފައިވެއެވެ.

އިބޫގެ ދަތުރާއި ދިމާކޮށް، އިހަވަންދޫގައި ހަރަކާތްތެރިވަމުންދާ ޕީޕީއެމްގެ ބައެއް އެކްޓިވިސްޓުންވަނީ، އާއިލާގެ އެއްވެސް މީހަކު އިބޫއަށް މަރުހަބާ ކިޔުމަށް ނުކުމެއްޖެނަމަ އެންސްޕާ އަދި އާސަންދަ ފަދަ އިޖްތިމާއީ ރައްކާތެރިކަމުގެ ހިދުމަތްތަކުން މަޙުރޫމްކުރާނެ ކަމުގެ ބިރާއި، ވަޒީފާއިން ވަކިކުރުމާއި އަދި ވަޒީފާ އަދާކުރާތަން ބަދަލުކުރާނެކަމުގެ އިންޒާރު ބައެއް މީހުންނަށް ދީފައެވެ. އިބޫ މިމަހުގެ 5 ވަނަ ދުވަހުގެރޭ ހޯރަފުށީގައި އޮތް އިދިކޮޅު ކޯލީޝަންގެ ޖަލްސާގައި ވިދާޅުވެފައިވަނީ، ރަށަކުން އެބޭފުޅާއަށް މަރުހަބާ ކިޔަން ނުކުތް ޒުވާން ކުއްޖެއް އެބޭފުޅާގެ ޖީބަށް ފަތްޖަހާފައިވާ ކަރުދާސްކޮޅެއް ލާފައިވާކަމަށާއި، ވަގުތުވުމުން އެކަރުދާސްކޮޅު ބެލުމަށް އެދިފައިވާކަމުގައެވެ. އިބޫ ވިދާޅުވީ ހޯރަފުއްޓަށް ގޮސް އެކަރުދާސްކޮޅު ބެލިއިރު އޭގައިވަނީ، އެކުއްޖާ އިބޫއަށް މަރުޙަބާ ކިޔަން ނުކުތުމުން އޭނާގެ ބައްޕަ އެހެން ރަށަކަށް ފޮނުވާލާނެކަމަށާއި، އިބޫގެ ވެރިކަމުގައި ބައްޕަ ރަށަށް (އިހަވަންދޫއަށް) ބަދަލުކޮށްދިނުމަށް އެދިފައި ކަމަށެވެ. އެ ކަރުދާސްކޮޅަކީ އިހަވަންދޫގެ ކުއްޖަކު އިބޫއަށްދިން ކަރުދާސްކޮޅެއްކަން މިނޫހަށްވަނީ ކަށަވަރު ކުރެވިފައެވެ.

ސަމީރުގެ މ. ނާލާފުއްޓަށް ބަދަލުކޮށްފައިވާއިރު، އިބޫ އިހަވަންދޫއަށް ކުރެއްވި ދަރުގައި މަރުހަބާ ކިޔަންނުކުމެ، އިބޫއަށް ތާއީދުކުރާކަން ހާމަކުރި  އިހަވަންދޫ ފެނަކަ ބްރާންޗްގެ ޓެކްނީޝަން ހަސަން އަޙްސަންގެ ވަޒީފާ ވަނީ ތ. ބުރުނީއަށް ބަދަލުކޮށްފައެވެ. އަޙްސަން އާއި ސަމީރު ވަޒީފާ އަދާކުރާތަން ބަދަލުކޮށްފައިވާއިރު، އިއުލާން ނުކޮށް ކޮންޓްރެކްޓް އުސޫލުން 4 މުވައްޒަފެއްވަނީ އިހަވަންދޫ ފެނަކަ ބްރާންޗަށް ނަގާފައެވެ. މިހާރު ފެނަކައިން އާނމު އުސޫލެއްގެ ދަށުން ވަޒީފާތަކަށް ނަގަނީ ޖީސީއީ އޯލެވެލް ސެޓްފިކެޓް އޮންނަ މުވައްޒަފުންނަށް ވީނަމަވެސް މި ހަތަރު މުވައްޒަފުންގެ ތެރޭގައި ޖީސީއީ އޯލެވެލް ސެޓްފިކެޓްނެތް ފަރާތްތައްވެސް ހިމެނެއެވެ.

ރިޔާސީ އިންތިހާބު 2018

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ