ޓެރަރިޒަމްގެ ކުށް ސާބިތުވި 47 މީހަކު ސަޢުދީ އަރަބިއްޔާގައި މަރާލައިފި — Ihavandhoo.com

ޓެރަރިޒަމްގެ ކުށް ސާބިތުވި 47 މީހަކު ސަޢުދީ އަރަބިއްޔާގައި މަރާލައިފި

3 ޖެނުއަރީ 2016 0

ފޮޓޯ: އަލްޖަޒީރާ

ޓެރަރިޒަމްގެ ކުށް ސާބިތުވި 47 މީހަކު ސަޢުދީ އަރަބިއްޔާގައި މަރާލައިފިއެވެ. ސަޢުދީ އަރަބިއްޔާގެ ދާޚިލީ ވުޒާރާއިން  ހާމަ ކޮށްފައިވާ މަރުގެ އަދަބު ދީފައިވާ މީހުންގެ ލިސްޓުގައި ޝީޢީ މުސްލިމް އިލްމުވެރިއެއް ކަމަށްވާ ނިމްރު އަލް ނިމްރުވެސް ހިމެނެއެވެ. ސައުދީގެ ސުޕުރީމް ކޯޓުން ނިމްރު އަލް ނިމްރު އަށް މަރުގެ ހުކުމް އިއްވާފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުއެވެ.

ސަޢުދީ އަރަބިއްޔާއިން މި މީހުންގެ މައްޗަށް މަރުގެ ޙުކުމް ތަންފީޒުކޮށްފައިވާއިރު، މީގެތެރޭގައި ހިމެނޭ ގިނަ މީހުންނަކީ 2003 ވަނަ އަހަރާއި 2006 ވަނަ އަހަރާއި ދެމެދު އަލްޤައިދާ ޖަމާޢަތުން އެ ޤައުމުގައި ދިން ސިލްސިލާ ހަމަލާތަކުގައި ބައިވެރިވި ކަމުގެ ކުށް ސާބިތުވި މީހުންނެވެ.

 

ނިމްރު އަލް ނިމްރުގެ މައްޗަށް މަރުގެ ޙުކުމް ތަންފީޒުކުރުމަކީ ސަޢުދީ އަރަބިއްޔާއަށް ހެދޭނެ ވަރަށް ބޮޑު ގޯހެއް ކަމަށް ބުނެ، އިރާނުން މީގެ ކުރިން އެ ޤައުމަށް އިންޒާރު ދީފައިވެއެވެ.  ނިމްރު އަލް ނިމްރާއެކު އިތުރު 6 މީހުންގެ މައްޗަށް މަރުގެ ޙުކުމް ތަންފީޒުކޮށްފައިވަނީ ސަޢުދީ އަރަބިއްޔާގެ ސަރުކާރާއި ދެކޮޅަށް 2011 ވަނަ އަހަރާއި 2013 ވަނަ އަހަރާއި ދެމެދު އެޤައުމުގައި ބޭއްވުނު މުޒާހަރާތަކުގެ މައްސަލައިގައެވެ. މި މުޒާހަރާތަކުގައި އެ ޤައުމުގެ ސަލާމަތީ ބާރުތަކާއި މުޒާހަރާގެ ބައިވެރިންގެ މެދުގައި ހިނގި ހަމަނުޖެހުންތަކުގައި 20 މީހުން މަރުވެފައިވެއެވެ. # އަލްޖަޒީރާ

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ