ސައުދީން ޔަމަނަށް ހަމަލާދޭން ފަށައިފި

26 މާރިޗު 2015 0

 ޔަމަނުގެ ހޫތީ ހަނގުރާމަވެރިންނާ ދެކޮޅަށް ސައުދީ އަރަބިއްޔާ އިން އިއްޔެ ވައިގެ މަގުން ހަމަލާ ދޭން ފަށައިފި އެވެ. ސައުދީން ބުނާ ގޮތުގައި މިއީ ގަލްފުގެ ގުޅިފައިވާ ގައުމުތަކުގެ ފަރާތުން، ޔަމަންގެ ސަރުކާރު ހިމާޔަތްކުރަން ދޭ ހަމަލާތަކެކެވެ.

ސައުދީން އެމެރިކާގެ އެމްބަސެޑަރ އަކަށް ކަނޑައަޅާފައިވާ އަދީލް އަލް ޖުބައިރު ވިދާޅުވެފައިވަނީ ސައުދީގެ ވައިގެ ހަމަލާތަކުގައި ގަލްފް ކޯޕަރޭޝން ކައުންސިލް އާއި އެކު ގުޅިފައިވާ 10 ޤައުމަކުން ބައިވެރިވަމުން ދާކަމަށެވެ. އަދި "މި އޮޕަރޭޝަނަކީ ޔަމަންގެ ގާނޫނީ ސަރުކާރު ހިމާޔަތްކުރުމާއި ހަރުކަށި ހޫތީން މުޅި ޔަމަން ހިފިޔަ ނުދިނުން،" ކަމުގައި ޖުބައިރު ވިދާޅުވި އެވެ.

ހޫތީ ހަނގުރާމަވެރިންނަށް އީރާނުން ވަރަށް ބޮޑު އެހީތެރިކަމެއް ލިބޭކަމަށް މީޑިއާ ރިޕޯރޓުތައް ބުނެއެވެ. ހޫތީ ހަނގުރާމަވެރިންވަނީ ވެރިރަށް ސަނާ ހިފާފައެވެ.  އެއާއެކު  ޔަމަންގެ ރައީސް އަބްދުރައްބޫ މަންސޫރު ހާދީ ފިއްލަވައިގެން ވަޑައިގަތީ ބަނދަރުމަތީ ސިޓީއެއް ކަމަށްވާ އަދަން އަށް ކަމަށް ވެއެވެ. ނަމަވެސް ހޫތީން ވަނީ އަދަންހިފުމަށްޓަކައި އަދަން އަށްވެސް ހަމަލާތައް ދޭން ފަށައިފައެވެ. އަދަންގެ އެއަރޕޯރޓުވެސް މިހާރު ހޫތީންގެ ބާރުގެ ދަށުގައިވާކަމަށް ބައެއް މީޑިއާރިޕޯރޓުތައް ބުނެއެވެ. 

އަލްޖަޒީރާގެ ނޫސްވެރިޔާ ރިޕޯރޓުކޮށްފައިވާ ގޮތުގައި ސައުދީގެ ވައިގެ ހަމަލާތައް އަމާޒުކޮށްފައިވަނީ ޔަމަނުގެވެރިރަށް ސަނާގެ ރިޔާސީ ގަނޑުވަރަށާއި ފުލުހުންނާއި ސަލާމަތީ ބާރުތަކުގެ އިމާރާތް ތަކަށެވެ.

ގުޅިފައިވާ ކޯލިޝަންގެ މި ހަމަލާތަކުގެ ސަބަބުން ހޫތީންގެ އޮފިޝަލަކު ވަނީ ސައުދީގެ ހަމަލާތަކުގެ ސަބަބުން މުޅި ސަރަހައްދުގައި ބޮޑު ހަނގުރާމައެއް ފެށޭނެ ކަމަށް ބުނެފައެވެ.

 

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ