BREAKING NEWS

↵ ހުވާސް ފިހާރަ ފަޅާލައި ވައްކަން ކޮށްފި

ހޯލްގެ މަސައްކަތް ފަރުވާކުޑަ؟

11 ޑިސެމްބަރު 2020 2

އިހަވަންދޫ ސްކޫލްގައި މިހާރު އިމާރާތް ކުރަމުންދާ މަލްޓިޕަރޕަސް ހޯލްގެ މަސައްކަތް ކުރަމުންދާ ސައިޓަށް ލޯ ހިންގާލާށެވެ. އިމާރާތުގެ ތަނބުތަކުގައި ވަނީ ރެނދުލާފައެވެ. އެ ތަނބުތަކަށްވަނީ ގިނަ އަދަދެއްގެ ބޮޑެތި މޮހޮރުޖަހާ ފައެވެ. ތަނބުތަކާއި ގުޅިފައިވާ ބެރިތައް ( ބީމް) ސީދަލެއް ނޫނެވެ. ބެރިތަކާއި ތަނބުތަކުގައިވަނީ އޮލަފޮހެ ބައްދާފައެވެ. ކޮންކުރީޓް އެޅިއިރު ނުބެދި ހުރިތަންތަނެވެ. ހޯލްގެ ފުރަތަމަ ބުރީގެ ފަންގިފިލަލުގެ ( ޝީޓް) ދަށް ވެސް ރަހައެއް  ނޫނެވެ. ޝީޓްވަނީ ދަށަށް ގޮނިލާފައެވެ. ތަނބުތައްވެސް ރަހައެއް ނޫނެވެ. މީގެ އިތުރުން އިމާރާތްކުރުމުގެ ފަންނީ މީހަކުވެސް މިސައިޓްގައި ނެތްކަން ފާހަގަކުރެވެއެވެ. ސްކޫލް ހޯލްގެ މަސައްކަތް ކުރާލެއް ފަރުވާ ކުޑަކަމުގެ ވާހަކަ ރަށުގެ ވަރަށް ގިނަ ރައްޔިތުން ދައްކާއިރު ފާހަގަ ކުރާ ނުގުތާތަކަކީ މިއެވެ.

ތި ވާހަކަ ( ހޯލް އިމާރާތުގެ މަސައްކަތުގެ ފަރުވާކުޑަ ވާހަކަ) ކިތަންމެ ވަރަކަށް ދެއްކިޔަސް އަޑުއަހާނީ ކާކު ހެއްޔެވެ؟ ތި މީހުން (ކޮންޓްރެކްޓަރު) މަސައްކަތް ކުރާތަން ބަލާ ސްޕައިވައިޒްކުރާނެ ފަރާތެއް ނެތިއްޔާ ވާނީ ތިހެންނެވެ. އާސާރީ މިސްކިތަށް އަސުރު ނަމާދަށް ދިޔަ އުމުރުން ދުވަސްވީ މީހަކު ބުންޏެވެ.

އޭނާ ބުނީ ޝީޓްއަޅަން ތައްޔާރުކޮށް، ތައްގަނޑު ހެދުމަށްފަހު ސައިޓްގައި އެއްވެސް މަސައްކަތެއް ނުކޮށް ދެތިން މަސްދުވަސް ފަހުން، އެތައްގަނޑުތައް ބޭނުންކޮށްގެން ޝީޓް އެޅީމާ ހުންނާނެގޮތް ތިފެންނަނީ ކަމަށެވެ. "ފީވެފައިވާ ފިލާބޭނުންކޮށްގެން ތައްގަނޑު ހެދީމަ ޝީޓް ގޮނިވެފަ އެހުންނަނީ" ރަށުގައި އިމާރާތްކުރުމުގެ މަސައްކަތްކުރާ މީހަކު ބުންޏެވެ.

އިހަވަންދޫ ކައުންސިލްގެ ރައީސް މުހައްމަދު ރަޝީދު ވިދާޅުވީ ސްކޫލް ހޯލްގެ މަސައްކަތް ފަރުވާ ކުޑަ ވެގެން މިހާތަނަށް ރަށުގެ ރައްޔިތަކު ކައުންސިލަށް ޝަކުވާ ހުށަހަޅާފައި ނުވާކަމަށެވެ. ނަމަވެސް އިހަވަންދޫ ސްކޫލްގެ މަލްޓިޕަރޕަސް ހޯލްގެ މަސައްކަތް ކުރިއަށްދާއިރު އެ ކައުންސިލުން ބެލި ބެލުމުން  ފާހަގަ ކުރެވިފައިވާ މައްސަލަތައް  މިހާރުވާނީ މިނިސްޓްރީ އޮފް އެޑިޔުކޭޝަނަށް ރަސްމީކޮށް ހުށަހަޅާފަ އެވެ.

ކައުންސިލްގެ ރައީސް މުހައްމަދު ރަޝީދު ވިދާޅުވީ އިމާރާތުގެ މަސައްކަތް ސްޕަވައިޒްކޮށް ބެލެހެއްޓުމުގެ މަސައްކަތް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ، ކައުންސިލާ ހަވާލު ނުކުރާކަމަށެވެ. ކައުންސިލާ ހަވާލުކޮށްފައިވަނީ މިމަޝްރޫޢުގެ މަސައްކަތެއް ނިންމާ ކޮންޓްރެކްޓަރު ބިލް ހުށަހެޅީމައި، އެބިލާ އެއްގޮތަށް ހުށަހަޅާފައިވާ މަސައްކަތް ނިމިފައިވޭތޯ ބެލުމުގެ މަސައްކަތް ކަމަށެވެ.

އެހެން ނަމަވެސް، އިހަވަންދޫ ސްކޫލް ހޯލް އިމާރާތުގެ މަސައްކަތް ހިނގަމުންދާގޮތް ބަލާ ރިޕޯޓްކުރުމަށްޓަކައި ކައުންސިލުން މީހަކު ކަނޑައަޅާ ދެއްވުމަށް، އެޑިޔުކޭޝަން މިނިސްޓްރީން ކައުންސިލްގައި އެދިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ. އަދި އެކަމަށް ކަނޑައަޅާ ފަރާތް މެދުވެރިކޮށް މަސައްކަތް ހިނގަމުންދާގޮތުގެ ރިޕޯޓެއް ކޮންމެ މަހަކު އެއްފަހަރު ފޮނުވާދިނުމަށް މިނިސްޓްރީން އެދިފައިވާކަމުގެ މައުލޫމާތުވެސް ވަނީ ލިބިފައެވެ.

މިނިސްޓްރީން އެދިލެއްވިގޮތަށް ކައުންސިލުން މީހަކު ކަނޑައަޅާ، މަސައްކަތް ހިނގަމުންދާ ގޮތުގެ ރިޕޯޓް މަހުން މަހަށް މިނިސްޓްރީއަށް ފޮނުވަމުންދާ ކަމެއް ޔަގީނެއް ނޫނެވެ. މިކަމުގައި އެޑިއުކޭޝަން މިނިސްޓުރީގެ ފަރާތުން މައުލޫމާތު ހޯދުމަށް ކުރި މަސައްކަތުން އަދި މިހާތަނަށް ވަނީ މަޢުލޫމާތު ނުލިބިއެވެ.

އިހަވަންދޫ ސްކޫލްގެ މީޑިޔާ އޮފިސަރ، އެސްކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލް މުހައްމަދު ޢަބްދުއްޞަމަދު ވިދާޅުވީ ކޮވިޑް-19 ގެ ބަލިމަޑުކަމާހެދި ހޯލްގެ މަސައްކަތް ކުރިއަށްދާލެއް ލަސް ނަމަވެސް، އެމަސައްކަތް މިހާރު ވަރަށް ބާރަށް ކުރިއަށް ދާކަމަށެވެ. އަދި ހޯލް އިމާރާތުގެ މަސައްކަތް ކުރިއަށް ދާއިރު ، ކޮންޓްރެކްޓަރު ރަނގަޅުކުރަންޖެހޭ ކަމަށް ސްކޫލަށް ފާހަގަކުރެވިފައިވާ މައްސަލަތައް މިނިސްޓްރީގެ ޖީ ސެކުޝަނަށް ރިޕޯޓްކޮށްފައި ވާކަމަށެވެ.

އިހަވަންދޫ ސްކޫލްގައި މަލްޓިޕަރޕަސް ހޯލް އިމާރާތްކުރުމުގެ މަޝްރޫޢުގެ މަސައްކަތް 24 ސެޕްޓެމްބަރ 2019 ގައި ހަވާލުކޮށްފައިވަނީ އެސްކޮން ބިލްޑަރސް ޕްރައިވެޓް ލިމިޓެޑާ އެވެ. މި މަޝްރޫޢުގެ މަސައްކަތް ނިންމުމަށް ކަނޑައަޅާފައިވާ މުއްދަތަކީ 225 ދުވަހެވެ. މި  މުއްދަތު ހަމަވީ، 22 މެއި 2020 ގައެވެ. މުއްދަތު ހަމަވިއިރުވެސް ހޯލްގެ މަސައްކަތް ވަނީ ނުނިމިއެވެ. މި މަޝްރޫޢުގެ އަގަކީ 6906997.55 ( ހަ މިލިއަން ނުވަ ލައްކަ ހަ ހާސް ނުވަސަތޭކަ ނުވަދިހަ ހަތް ރުފިޔާ ފަންސާސް ފަސް ލާރި ) އެވެ.

އެސްކޮން ބިލްޑަރސް ޕްރައިވެޓް ލިމިޓެޑް އަކީ މިފަދަ މަސައްކަތްތަކަށް އައު ކުންފުންޏެއް ނޫނެވެ. އާއްމުންގެ ކޮންސްޓަރަކުޝަން މަސައްކަތްތަކުގެ އިތުރުން ސަރުކާރުގެ ޕުރޮޖެކްޓްތަށްވެސް ކުރިއަށްގެންދާ ފަސްބައި ކިލަނބު ކަމެއްނެތް ކުންފުންޏެކެވެ. ސުކޫލުގެ ހޯލުގެ މަސައްކަތް، މަޝްރޫޢޫގެ އެއްބަސްވުމުގައިވާ މުއްދަތުގައި ނިންމާލުމުގައި ސަރުކާރުގެ ފަރާތުން ލިބެން ޖެހޭ އެއްބާރުލުން ނުލިބޭ ކަމަށް އެކުންފުނީގެ ފަރާތުން ލިބުނު މަޢުލޫމާތު ތަކުން ހާމަވެއެވެ. ސަރުކާރުގެ އެކިއެކި ޕުރޮޖެކްޓަކުގެ މަސައްކަތްވެސް ކުރާ މިކުންފުނިން މަސައްކަތް ނިންމާ، ހުށައަޅާފައިވާ ބިލްތަކަށް ތިން ހަތަރު މަސް ވެގެންދާއިރު ފައިސާ ނުލިބޭކަން ކުންފުނީގެ ފަރާތުން މައުލޫމާތުދެއްވި ސައިޓް ސުޕަވައިޒަ ވަނީ ފާހަގަ ކޮށްފައެވެ. މިހެންވުމުގެ ސަބަބުން، މަސައްކަތްކުރާ މުވައްޒަފުންނަށް މުސާރަ ނުދެވި، މަސައްކަތް މެދުކެނޑި، މަސައްކަތް ދިގުލާގެންދާކަން އެފަރާތުން ފާހަގަ ކުރައްވައެވެ.

ހޯލުގެ އިމާރާތް ކުރަމުންދާއިރު، އިމާރާތްކުރުމުގެ ފަންނީ މީހަކު ސައިޓްގައި ނެތްކަމަށް ދެކެވޭ ވާހަކަތައް އެސްކޮން އިން ދޮގުކުރައްވައެވެ. އެސްކޮންބިލްޑާރސްގެ މެނޭޖިންގ ޑިރެކްޓަރ ޝައުކަތު އަޙުމަދު ދީދީ ވިދާޅުވީ އިހަވަންދޫ ސުކޫލުގެ ހޯލުގެ އިމާރާތުގެ މަސައްކަތް ކުރަމުންދަނީ އިމާރާތް ކުރުމުގެ ފަންނީ ބޭފުޅުންގެ ބެލުމުގެ ދަށުންކަމަށެވެ. އިމާރާތް ކުރަމުންދާގޮތާއިމެދު ހުރި ޝަކުވާ، އެޑިއުކޭޝަން މިނިސްޓްރީން އެސްކޮން އަށް ހުށައަޅާފައިވާކަން ފާހަގަ ކުރައްވަމުން ޝައުކަތު ވަނީ އިމާރާތުގައި މައްސަލައެއް ނުހުންނާނެކަމަށް ވިދާޅުވެފައެވެ.  ތަނބުތައް ގުޅުވާފަ ހުންނައިރު ބޭރުންފެންނަ ފަރަޤެއް ހުރެދާނެކަން ފާހަގަކުރައްވާ ކޮންކުރީޓުގައި އެގޮތަށް ހުންނަ ފަރަޤުތަކަކީ މައްސަލައެއްކަމަށް ނުދެކޭ ކަމަށް ޝައުކަތު ވިދާޅުވިއެވެ. 

12.1 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރީގެ ސަރުކާރުން އިހަވަންދޫ ސްކޫލްގައި އިމާރާތްކުރި 12 ކުލާސްރޫމްގެ 3 ބުރި އިމާރާތް، "ވަސީލަތްތައް ހަމަ މަގްބޫލް ސްކޫލް" އެންމެ އެދެވޭގޮތުގައި ބޭނުން ނުކުރެވޭ ކަމުގެ  މައުލޫމާތު ވަނީ ލިބިފައެވެ. އެއީ އިމާރާތުގެ ދެކުނު ފަރާތު ފާރުން ފެން ލީކުވާތީ އެވެ. މިއީ އަމީން ކޮންސްޓްރަކުޝަނާ ހަވާލުކޮށްގެން ކުރިއަށް ދިޔަ މަޝްރޫޢު އެކެވެ. އަމީންގެ ފަރާތުން ސަބު ކޮންޓްރެކްޓަށް މިމަސައްކަތްކުރީ ޔުނި ކޮމްޕަނީން ނެވެ. މި އިމާރާތުގެ މަސައްކަތް ނިންމާ ސްކޫލާ ހަވާލުކުރީ 2018 ވަނަ އަހަރު މެދު ތެރޭގައެވެ. އެހެންނަމަވެސް، މި މަޝްރޫޢުގެ ރިޓެންޝަން މަސައްކަތް އަދިވެސް ނުނިމޭކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

އިހަވަންދޫ ސްކޫލްގެ މަލްޓިޕަރޕަސް ހޯލްގެ މަސައްކަތް ކުރަމުންދާގޮތް ބަލާނެ ފަރާތެއް ހުންނަން ޖެހެއެވެ. މަސައްކަތުގައި ފަރުވާ ކުޑަތޯ ބަލާނެ ކޮންމެވެސް ފަރާތެއް ހުންނަންވާނެއެވެ. އިމާރާތުގެ ކޮންކުރީޓް މަސައްކަތް ދޯހަޅިވެއްޖެނަމަ، ފަހުން ކިތަންމެ އޮފްކުރިއަސް ލިބޭގެއްލުން ބޮޑުވެ، ޚަރުދުވެސް ބޮޑުވާނެއެވެ. ހޯލް އިމާރާތުގެ މަސައްކަތް ނިންމުމަށް ކަނޑައަޅާފައިވާ މުއްދަތު ހަމަވެ، އެލްޑީ އާ އެކު މަސައްކަތް ނިންމަން ދެވޭ މުއްދަތު ހަމަވި އިރުވެސް، މިމަސައްކަތުގެ 50 އިންސައްތަ މަސައްކަތްވެސް ނުނިމެއެވެ. ބޭނުންވާ ދުވެލީގައި ކޮންސްޓަރަކުޝަން ކުންފުންޏަށް މަސައްކަތް ނުގެންދިވެގެން އުޅޭ ސަބަބުތަކަށް ސަރުކާރުން ރިއާޔަތް ކުރަންޖެހޭނެއެވެ. މަސައްކަތްކުރެވޭނެ މަގު ފަހިކޮށްދިނުމުގައި ވަކި ރަށެއްގައި ހިންގޭ ޕުރޮޖެކްޓަކަށް ނުވަތަ ވަކި ބަޔަކު މެދުވެރިކޮށް ހިންގޭ ޕުރޮޖެކްޓަކަށް އިސްކަންދެވިގެން ނުވާނެއެވެ. ޖާގާގެ ދަތިކަން ކުރިމަތިވެފައިވާ އިހަވަންދޫ ސުކޫލުގެ މިއިމާރާތް، މިއީ ރައްޔިތުން ކަންބޮޑުވެ، އެވާހަކަ ދައްކާ މައްސަލައެކެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

ބަލާލި ކޮންމެ ދިމާއަކުން މިފެންނަނީ ސަރުކާރާއި ކައުންސިލް ފޭލި ވެފައިވާ މިންވަރު․

– 11 ޑިސެމްބަރު 2020 0

ސަރުކާރަށް ވަފާތެރި ރައްޔިތެއް ދިރިއުޅޭ އިހަވަންދޫ މިވަނީ ސަރުކާރުން ބާކީކޮށްލާފަ․ އަބަދަުވެސް ދައްކަނީ ތިންހަމަ ކުރެހުންތަކަކާ ސޮއި އަޅާ މަންޒަރުތައް․

– 11 ޑިސެމްބަރު 2020 0