ތިންތަރީގެ އަމާޒާއެކު ޔޫތު މެދުއުޑަށް — Ihavandhoo.com

ތިންތަރީގެ އަމާޒާއެކު ޔޫތު މެދުއުޑަށް

2 ޖެނުއަރީ 2020 0

2020 ވަނަ އަހަރުގެ މައިކަޕަށް "ތިންތަރިއަށް" ނިކުންނަ، އެންމެ ފަހުގެ ޗެމްޕިއަން ޔުނައިޓެޑް ޔޫތުން އިހަވަންދޫގެ ނަން ހިނގާ ވަރުގަދަ ކުޅުންތެރިންތަކެއްގެ ޑީލް ނިންމައި، އެކަން ހާމަކުރަން ފަށައިފިއެވެ.

ޔޫތުން މި ނޫހަށް ކުރިން ބުނެފައި ވަނީ މި އަހަރުގެ މައިކަޕަށް ޔޫތުން ނިކުންނާނީ މައިކަޕްގެ ތަށި ތިން ފަހަރަށް ނަގާ ފުރަތަމަ ޓީމަށް ވުމުގެ އަޒުމުގައި ކަމަށެވެ. ޔޫތަކީ 9 ވަނަ އަދި 13 ވަނަ މައިކަޕްގެ ތަށި ހިއްލައިލި ޓީމަށްވާއިރު، މައިކަޕްގެ ތަށި އެއްވެސް ޓީމަކަށް ތިން ފަހަރަށް ހޯދިފައި ނުވެއެވެ.

ޔޫތުގެ ފޭސްބުކް ޕޭޖުގައި އާންމުކޮށްފައިވާ މައުލޫމާތުން އެނގޭ ގޮތުގައި، ޔޫތަށް މިދިޔަ އަހަރު ވެސް ކުޅުނު، ފޯވާޑު ޝާނިޔު (ޝާންޓޭ) އާއި މިޑްފީލްޑަރ މުނައްވަރު (ޕެޑްރޯ) އާއި ޑިފެންޑަރ ޙަސަން (ހަސަންކޮ) އަދި ގޯލްކީޕަރ ޢައްފާން (އައްޕެ)އާއެކު ޔޫތުން މިހާރު ވަނީ އެއްބަސްވުމަކަށް އައިސްފައެވެ.

ޝާންޓޭ، ޕެޑްރޯ، ހަސަންކޮ އަދި އައްޕެއަކީ މައިކަޕްގެ އެންމެ ގިނަ ގޯލްޑް މެޑެލް އަތުގައި ހުރި އަދި ތަކުރާރުކޮށް ރަން ވަނަ ހޯދާފައިވާ، މައި ކަޕްގެ އޭ ސްޓާރ ލިސްޓްގައި ހިމެނޭނެ ކުޅުންތެރިންނެވެ.

މި ބަޔާންކުރި ކުޅުންތެރިންގެ އިތުރުން، އިހަވަންދޫގައި އުފެދުނު އެންމެ މޮޅު އެއް ކުޅުންތެރިޔާކަމަށް ގިނަ ބަޔަކު އެއްބަސްވާ، އަދި އެއް ފެންވަރެއްގައި އާދަޔާ ޚިލާފު މޮޅު ކުޅުމެއް ދައްކަމުންދާ، ހުނަރުވެރި މިޑްފީލްޑަރ އާމިރު (ހަކުރޭ) މި އަހަރުވެސް ފެންނާނީ ޔޫތުންކަން މި ނޫހަށް ވަނީ ކަށަވަރުވެފައެވެ. އަދި އޭނާގެ ކޮއްކޮ، ޒުވާން ވަރުގަދަ މިޑްފީލްޑަރ ސައުދު ވެސް ޔޫތުން ފެންނާނެކަން ޔޫތުން މިހާރު ވަނީ ހާމަކޮށްފައެވެ.
މީގެ އިތުރުން، އަރަމުން ވިދަމުންދާ ޒުވާން ތަރިންކަމުގައިވާ، އެން.ވީ.ކޭގެ ހާމިދު (ހާންދޭ) އާއި، ސެން ސިޓީގެ ޙުސައިން ސަމީރު (ބިއްޑޭ) އާއި، އެން.ވީ.ކޭގެ ސުހައިލު (އޯލޭ) ފަދަ ކިތަންމެ ކުޅުންތެރިންނަކާއެކު ޔޫތުން ނެގޯޝިއޭޓްކުރަމުންދާކަމަށް އަޑުފެތުރިފައިވެއެވެ.

ރާއްޖޭގެ ގައުމީ ޓީމުގެ ފޯވާޑެއް ވެސް 2020ގެ މައިކަޕުން ޔޫތުގެ ޖާޒީގައި ފެނުމުގެ ފުރުސަތު ބޮޑުކަމަށް ޔޫތުގެ އަޑި އެނގޭ ފަރާތަކުން މި ނޫހަށް މައުލޫމާތު ދީފައިވެއެވެ.

ޔޫތަށް ގެންނަން ތައްޔާރުވަމުންދާ ކޯޗާ ގުޅޭ މައުލޫމާތު މި ނޫހުން އެކި ގޮތަށް މަސައްކަތްކޮށްގެން ވެސް ލިބިފައި ނުވެއެވެ. ނަމަވެސް، މި ނޫހަށް ކަށަވަރުވެފައިވާ ގޮތުގައި، މި ހިނދު ހާމަކޮށްފައި ނުވި ނަމަވެސް، ޔޫތުން "ތިންތަރިއަށް" ނެރޭ ޓީމުގެ މެނޭޖަރުކަން، މިދިޔަ އަހަރު ޔޫތަށް ތަށި ނަގައިދިން ޓީމްގެ ވެސް މެނޭޖަރ މޫރިތިގޭ ސަޢުދުﷲ އަޙްމަދު ރަޝީދުއާ ހަވާލުކުރުމަށް ޔޫތުގެ މެނޭޖްމެންޓުން މިހާރު ވަނީ ނިންމާފައެވެ.

ޔޫތުން ވަމުންދާ ތަފާތު މި ތައްޔާރީތަކަށް އިހަވަންދޫގެ އެހެން ޓީމުތަކުގެ ނަޒަރު ހުއްޓިފައިވާކަން ވަރަށް ބޮޑަށް ފާހަގަކުރެވެއެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ