އުއްމީދަކީ ދުނިޔޭގެ ފެންވަރުގައި ވެސް ކުރިއަރާފައިވާ ޚިދުމަތަކަށް ސިވިލް ސަރވިސް ހެދުން: ޑރ. ޝަމީމް — Ihavandhoo.com

އުއްމީދަކީ ދުނިޔޭގެ ފެންވަރުގައި ވެސް ކުރިއަރާފައިވާ ޚިދުމަތަކަށް ސިވިލް ސަރވިސް ހެދުން: ޑރ. ޝަމީމް

1 މެއި 2018 0

ދިވެހި ސިވިލް ސަރވިސްގެ ނިމިދިޔަ 10 އަހަރުގެ ތަޖުރިބާއިން ހިތްވަރު ލިބިގެން ކުރިމަގުގައި އުއްމީދު ކުރެވެނީ ދުނިޔޭގެ ފެންވަރުގައި ވެސް ކުރިއަރާފައިވާ ޚިދުމަތަކަށް ސިވިލް ސަރވިސް ހެދުމަށް ކަމަށް ސިވިލް ސާވިސް ކޮމިޝަންގެ ރައީސް ޑރ. އަލީ ޝަމީމް ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަކުރާ ދިވެހި ސިވިލް ސާވިސްއަށް 10 އަހަރު ފުރޭ ދުވަހާ ގުޅިގެން ދެއްވި ޚިތޯބުގައި ޑރ. ޝަމީމް ވިދާޅުވީ، ދިވެހި ސިވިލް ސަރވިސްގެ ފާއިތުވެދިޔަ 10 އަހަރުގެ ކާމިޔާބުގެ ސިއްރަކީ މި ޚިދުމަތުގެ އަހުލުވެރިން ކަމުގައިވާ ސިވިލް ސަރވިސް މުވައްޒަފުން ކަމަށާއި، "ޤައުމު ބިނާކުރުމުގައި އެންމެބޮޑު ބައިވެރިޔާގެ ގޮތުގައާއި ސަރުކާރު ހިންގުމުގެ އިންޖީނުގެ ގޮތުން، ފާއިތުވެދިޔަ އަހަރުތަކުގައި ރައްޔިތުންގެ އިތުބާރު ހޯދައި، ރައްޔިތުން ހިތްހަމަޖެހޭ ފެންވަރަކަށް، ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ބޭނުންވާ ޚިދުމަތްތައް ދެމުން ގެންދެވިފައިވަނީ ދިވެހި ސިވިލް ސަރވިސްގެ މިންނެތް މަސައްކަތުންނާއި އަގުހުރި ޚިދުމަތުގެ ސަބަބުން" ކަމަށެވެ.

ކުރިމަގުގައި ތަރައްޤީގެ އައު އުސްމިންތަކަކަށް ދެވެން އޮތީ ވެސް، ދިވެހި ސިވިލް ސަރވިސް މުވައްޒަފުން އައު އަޒުމްތަކާއެކު އައު ލަނޑުދަނޑިތަކެއް ހާޞިލްކުރުމަށް އަހުދު ކަށަވަރުހިފައި، ހިތްވަރާއެކު ނުގުޑާ ފަދަ އަޒުމެއްގައި މަސައްކަތްކޮށްގެންކަން ފާހަގަ ކުރައްވާ، ދިވެހި ސިވިލް ސަރވިސްއަށް ކާމިޔާބުކަމާއެކު 10 އަހަރު ކަޑައްތުކުރެވިފައިވަނީ، ދިވެހި ދައުލަތުގެ އިތުރު އެތަކެއް ފަރާތްތަކެއްގެ ފުރިހަމަ ތަރުޙީބާއި އެއްބާރުލުމާއި އެހީތެރިކަން ލިބިގެންކަމަށް ޑރ. ޝަމީމް ވިދާޅުވިއެވެ.

ދިވެހި ސިވިލް ސާވިސްގެ ފާއިތުވެދިޔަ 10 އަހަރު ގިނަ ކާމިޔާބީތަކެއް ހާސިލްކުރެވިފައިވާކަން ފާހަގަކުރައްވައި ޑރ. ޝަމީމް ވިދާޅުވީ، ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭން ބޭނުންވާ ޚިދުމަތްތައް އަވަސް އަދި ލުއި ފަސޭހަ ގޮތެއްގެ މަތީން ދިނުމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ.

އޭގެ ތެރޭގައި ޚިދުމަތްދޭ މާހައުލަކީ ހިދުމަތް ލިބިގަންނަ ރައްޔިތުންނާ ރައްޓެހި، ގުޅޭ މާހައުލަކަށް ހެދުމަށާއި ހިދުމަތް ދިނުމަށް ތިބި ހިދުމަތްތެރިންނަކީ ރައްޔިތުން އެދޭ ފަދަ ފުރިހަމަ ހިދުމަތެއް ދިނުމަށް ތައްޔާރުވެފައިވާ ބަޔަކަށް ހެދުމަށް މަސައްކަތް ކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.

ޑރ. ޝަމީމް ވިދާޅުވީ ޒަމާނީ ޓެކްނޮލޮޖީ ބޭނުން ކޮށްގެން ދެވޭ ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް، ހިދުމަތްދޭ އިދާރާތަކަށް ނުގޮސް، ގޭގައި ތިބެގެން ހިދުމަތް ލިބިދެވޭނެ މަގު ފަހިކޮށްފައިވާ ކަމަށެވެ.

ސިވިލް ސާވިސްގެ ކުރިމަގު އުޖާލާކުރުމަށް ކުރަންހުރި ކަންކަން ފާހަގަކުރައްވާ ޑރ. ޝަމީމްގެ ހިތާބުގައި ވިދާޅުވީ، ކުރިމަގުގައި ސިވިލް ސާވިސްގެ ސިޔާސަތުތަކާއި އުސޫލުތައް ގެންނަންޖެހޭ ބަދަލުތައް ގެނައުމާއި ގާނޫނާއި ގަވާއިދުތައް ހަރުދަނާކޮށް ހިންގުމަށް ޚާއްސަ ސަމާލުކަމެއް ދެވޭނެ ކަމަށެވެ.

އަދި ސިވިލް ސާވިސް މުވައްޒަފުންގެ މަސައްކަތުގެ އަޚުލާގު އިތުރަށް ރަގަނޅުކޮށް މަސައްކަތުގެ ރޫހު އިތުރުކުރުމަށް މަސައްކަތްތަކެއް ކުރެވި، ފަންނީ އަދި މާހިރީ ގާބިލުކަން ސިވިލް ސާވިސްގައި އިތުރުކުރުމަށް އަމާޒު ހިފޭނެ ކަމަށް ވިދާޅުވެފައިވެ އެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ