ޝޯމީގެ އެމްއައި 8، އައި ފޯން އެކުސް ގެ ނަކަލެއް!؟

މިއަދަކީ، ޝޯމީގެ ފޭނުންނަށް އުފާވެރި ދުވަހެކެވެ. ޝޯމީގެ އެންމެ ފަހުގެ ފޯން، ޗައިނާގައި މިއަދު ލޯންޗް ކުރެވިގެންދިއައީ، އައިފޯން އެކުސްގެ ފޮނިމީރުކަމުގެ ރަހަ އެފޯނަށް ގެނައުމަށް މަސައްކަތްކޮށްފައިވާކަން ހާމަކުރަމުންނެވެ. ފޯނަށް ފުރިހަމަ ކަން ގެނެސްދީފައިވާ 6.21 އިންޗީގެ ޑިސްޕްލޭގެ ފުރިހަމަކަމުގެ ތެރެއަށް ފޯނުގެ ކުރިމަތީ ކެމެރާއާއި، އިތުރު ސެންސަރތަށް ހަރުކުރުމަށް ބޭނުންކޮށްފައިވާ ނޮޗް ކަޓް (ޑިސްޕްލޭގެ ތެރެއަށް މަހާލެވިފައިވާ ބައި) ރަމްޒުކޮށްދެނީ އައި ފޯން އެކުސްކަމަށް، ފޯނުގެންގުޅޭ ފަރާތްތަކަށް އޮޅިފައެއް ނޯންނާނެއެވެ.

އައިފޯން އެކުސްގެ ނަކަލުތަކުން، އެންޑުރޮއިޑްގެ ދުނިޔެވަނީ، މާކުރިން ގުގުމާލައިފައެވެ. ނަމަވެސް، ޝޯމީ އުޅެނީ މިކަމުގައި އަދި ތަންކޮޅެއް ފަހަތުގައެވެ. ނަމަވެސް، އުފާވެރި ޚަބަރަކީ، ޝޯމީގެ މިއުފެއްދުން ، އައިފޯން އެކުސް އާ ވާދަކުރަނީ، ހަމައެކަނި ބައްޓަމާ ސިފައިން ނޫންކަމެވެ.

ފޯނުގައި ހިމެނޭ ފީޗާރ ތަކަށް ބަލައިލަމާ ހިނގާށެވެ. މި ފޯނުގެ ފަހަތު ކެމެރާގައި، 12 މެގަޕިކްސެލް ދެކެމެރާ ހިމަނާފައިވާއިރު، ކުރިމަތީ ކެމެރާގައި 20 މެގަޕިކްސެލް ހުރެއެވެ. ފޯނުތަކުގެ ހާރޑުވެއާރ އަޅާކިޔާ ފަރާތްތަކުގެ ތެރެއިން، ޑީއެކުސްއޯ މާރކުއިން ފޯނުން ނެގޭ ފޮޓޮއަށް 105 ދީފައިވާއިރު ޖުމްލަވީ ގޮތެއްގައި 99 މުޅިފޯނަށް ދީފައިވެއެވެ. މިއީ، އައިފޯން އެކުސް ގެ މިންކުރުމަށްވުރެވެސް ކުޑަތަންކޮޅެއް މަތީ އަދަދެކެވެ.

އެންމެ ފަހުގެ ސުނެޕް ޑްރެގަން 845 ގެ ޕްރޮސެސާރ އަކާއިއެކު ފޯނަށް ދިރުންދީފައިވާއިރު، 6 ޖީބީ ގެ ރެމް އެއް މި ފޯނުގައި ހިމަނާފައިވެއެވެ. 64 ޖީބީ، 128 ޖީބީ، 256 ޖީބީ ގެ ސްޓޯރޭޖް ލިބެން ހުރި މި ފޯނުގެ ލޯންޗް ކުރިއިރު އަގަކީ، 2699 ޔުއާން، ޑޮލަރުންނަމަ ގާތްގަނޑަކަން 421 ޑޮލަރެވެ.

މީގެ އިތުރުން، ކުޑަތަންކޮޅެއް އަގުބޮޑު ނަމަވެސް، އެމްއައި 8 ގެ އެކުސްޕްލޯރާ އެޑިޝަންގެ ފޯނުތަކުގައި، 6 ޖީބީ ގެ ރެމްގެ ބަދަލުގައި 8 ޖީބީ ގެ ރެމް، އަޅުވާފައިވާއިރު، ޑިސްޕުލޭގެތެރެއަށް އިންދާފައިވާ ފިންގާރޕްރިންޓް ސްކޭނާރ އާއި، 3ޑީ ފޭސް އަންލޮކިން ފީޗާރ އިން ފޯނަށް މުއްސަނދިކަން ދީފައިވެއެވެ. އަދި މި ފޯނުން ފާހަގަ ކޮށްލެވޭ އެންމެ ފުރިހަމަ އެއް ކަމަކީ، ފޯނުގެ ފަހަތު ކަވަރު ތެރެއިން، އެތެރެ ފެންނަގޮތަށް ހުރި ހުރުމެވެ. މި ފޯން މިވަގުތު ވިއްކަމުން ދަނީ، ހަމައެކަނި ޗައިނާ ބާޒާރުގައި އެކަނި ނަމަވެސް، ވަރަށް އަވަހަށް ބައިނަލް އަގުވާމީ ބާޒާރަށް ފޯނު ނެރެވިގެން ދާނެއެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ