އާ އަހަރުގެ ތަހުނިޔާ އަރިސްކުރަން — Ihavandhoo.com

އާ އަހަރުގެ ތަހުނިޔާ އަރިސްކުރަން

 

މީލާދީ އާ އަހަރުގެ ތަހާނީ އާއި މުބާރިކުބާދީ އިހަވަންދޫޑޮޓްކޮމްގެ އެޑިޓޯރިއަލް ބޯޑުގެ ފަރާތުން އިހަވަންދޫޑޮޓްކޮމްގެ ލޮބުވެތި ކިޔުންތެރިންނާއި، އިހަވަންދޫގެ ޢިއްޒަތްތެރި ރައްޔިތުންނަށް އަދި ރާއްޖޭގެ އެންމެހާ އަޚުންނާއި އުޚުތުންނަށް ބަރުތީލަ ކުރަމެވެ. މި ފެށުނު އާ އަހަރަކީ އެންމެހާ ބޭފުޅުންނަށް ވެސް ތިޔާގި ތަނަވަސް އަދި ފާގަތި އަހަރަކަށް ވެގެންދިއުމަށް އެދި ދުޢާ ކުރަމެވެ.

ފާއިތުވި 2012 ވަނަ އަހަރަކީ އިހަވަންދޫޑޮޓްކޮމްގެ ތާރީޚްގައި އެންމެ ކާމިޔާބު އެއް އަހަރެވެ. އިހަވަންދޫޑޮޓްކޮމްގެ ހީވާގި ހިތްވަރުގަދަ ޒުވާނުންގެ މަސައްކަތުން އިހަވަންދޫޑޮޓްކޮމްގެ "ސިފަ" މިހާރު މި ވަނީ ކިޔުންތެރިން ޝައުޤުވެރި ވާނެ ގޮތަކަށް ބައްޓަން ކުރަވި ޖަރީ ކުރެވިފަ އެވެ. 2012 ވަނަ އަހަރަކީ އިހަވަންދޫޑޮޓްކޮމްގެ ހިންގުމާއި ހަރުދަނާކަން އިތުރަށް ފުރިހަމަވެގެން ދިޔަ އަހަރެކެވެ.

މި ފެށުނު 2013 ވަނަ އަހަރަކީ އިހަވަންދޫޑޮޓްކޮމް އަށް 2012 ވަނަ އަހަރު ގެނެވުނު ބަދަލުތަކުގެ ފޮނި ނަތީޖާ ޙާޞިލްވެގެން ދާނެ އަހަރެވެ. ގިނަބައެއްގެ އެއްބާރުލުމާއި ބައިވެރިވުމާ އެކު އިހަވަންދޫޑޮޓްކޮމް މެކުހަށް ޖަހާނެ އަހަރަކީ މި ފެށުނު 2013 ވަނަ އަހަރެވެ. ބިނާކުރަނިވި ފާޑުކިޔުންތަކަށް އެންމެ ފުޅާކޮށް ޖާގަ ދޭނަމަވެ. އުފެއްދުންތެރި ހަރުދަނާ ޚިޔާލުތަކަށް ހޭރިޔާ ކޮށްދޭނަމަވެ. ޚަބަރުތައް "ފުން" ކުރާނަމެވެ. ހިފެހެއްޓުންތެރި ޖަޒުބާތުތައް ކޮންމެ ބޭފުޅަކަށް ވެސް ބޭރުކޮށްލެވޭ ވަރު ކޮށްދޭނަމެވެ. ނޫސްވެރި "ކަންފަތްތައް" ރަށުތެރެ އަށް ފަތުރާލާނަމެވެ. ކެމެރާގެ "ލޯތައް" ގިނަ ކުރާނަމެވެ. އަވަސް ތާޒާކަން ދަމަހައްޓާނަމެވެ. މަޢުލޫމާތުން މުއްސަނދިކޮށްދޭނަމެވެ. "އިން ވަޅުގަނޑުން ދުރަށް ފުމޭނަމެވެ." ނަމަވެސް ދީނާއި ޤާނޫނީ އިމުން ބޭރު ނުވާނަމެވެ. މިއީ މި އަހަރުގެ ވަޢުދެވެ.

މި ފުރުޞަތުގައި ފާއިތުވި އަހަރު އިހަވަންދޫޑޮޓްކޮމް އަށް އެކި ރޮނގުތަކުން އެހީތެރިކަން ފޯރުކޮށްދެއްވި އެންމެހާ ބޭފުޅުންނަށް ޝުކުރު ދަންނަވަމެވެ. އަދި އިހަވަންދޫޑޮޓްކޮމް އަށް ސަމާލުވެލެއްވި އެންމެހާ ކިޔުންތެރިންނަށް ވަރަށް ޚާއްޞަ ޝުކުރެއް ދަންނަވަމެވެ.

 

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ