އއ. ތޮއްޑޫގެ ކުއްލި ދަތުރު (ފުރަތަމަ ބައި)

އަޅުގަނޑުގެ އެކުވެރިޔެއްގެ ދަޢުވަތަށް ތޮއްޑުއަށް ދިއުމަށް މަސައްކަތްކުރާތާ އެތަކެއް ދުވަސްތަކަކަށްފަހު އެކަން މިއަދު ވީއެވެ. ކިލާހުގައި ކިޔަވައިދޭންހުރި އިރު ވެސްހުރީ ތޮއްޑޫގެ ރޫފަ ރަނގަޅު ދަނޑުބިންތަކުގެ ޙީޔާލުގައެވެ. ބައެއް ފަހަރު، ބޮޑެތި ކަރާއާއި، ދޮން ފަޅޯތައް ލޯމައްޗަށް ފެންނަ ފަދައެވެ.  އެދަނޑުބިންތަކުގައި އަޅާ ވޭމާތަކުގެ ވަސް ދުވާ ކަހަލައެވެ. ވަރަށް ތުއްތު އިރުންސުރެން ތޮއްޑޫގެ މަޝްހޫރު ކަރާއަކީ އަޑު އަހާ ވާހަކައެކެވެ. ކިލާހުން ގެޔަށް އާދެވުނު އިރު  1130 ވަނީއެވެ. 1200 ޖެހުމުގެ ކުރިން ދޯންޏަށް އަރަންޖެހޭކަން އެވަގުތު ހަނދާނަށް އައެވެ. އަވަސްވެލީ، ލާނެފަޓުލޫނަކާއި، ޓީޝާޓެއް ދަބަހަށްލައި ގެއިން ނިކުތުމަށެވެ. ފޯނުޗާރޖަރާއި ލެޕްޓޮޕު އާންމު އުޞޫލާ އެއްގޮތަށް އަޅުގަނޑާއި އެކު ދަތުރު ކުރާނެއެވެ. ހާއްޞަ ކަމަކަށްވީ، ކިޔާނެ ފޮތެއް ހިފައިގެން މި ދަތުރު ކުރެވުމެވެ.

 

ބަނދަރަށް ކޮއްކޮގެ ސައިކަލުގެ ފަހަތުގައި އިނދެ އައި އިރު ފައިސާ ދަބަސް ގެނެއުމުގެ މަތީން ޙިޔާލަށް އެއްވެސް ވަރަކަށް ނާދެއެވެ. ރަހުމަތްތެރިއަށް ގުޅާފައި އެވާހަކަ ބުނުމުން، ފައިސާ އެކޮޅުން ހަމަޖެހޭނެ ވާހަކާއާއި އެކަމާ  ނުވިސްނަށް ބުންޏެވެ. އެހެންވެ އެއްވެސް ހާސްމަކެއް ނެތި، ސޯޓަކާއި، ޓީޝާޓެއްލައިގެން ހުރި މި އަޅުގަނޑު، ފާލަން ކައިރީގައި އޮތް "އުނދުހޭ ތަރިއަށް" އެރުމަށް އަތް ދަބަސް ހެޔޮވަރުކޮށްލާފައި ދޯނި ކުއްޖެއްގެ ކައިރީގައި، މި ދޯނި ދަނީ ތޮއްޑޫ އަށްތޯ އަހާލީމެވެ. އަދި ދެވޭނެ ގަޑިވެސް އަހާލީމެވެ. ދޯނި ކުއްޖާ ރައްދެއްގެ ގޮތުގައި ދޯނި ދަނީ ތޮއްޑޫއަށް ކަމާއި އަދި ފަތިހު ދެވޭނެ ކަމަށް ބުންޏެވެ. އަވަސްކަމާއެކު "އުދުހެމުން" އުނދުހޭ ތަރީގައި ތޮއްޑުއަށް ދިއުމަށް ފުރާފީމެވެ. އެއިރު ގަޑިން 1205 ވަނީއެވެ.

ދޯނީގެ އެންމެ ތިރީބައިގެ ، އަރިމަތީގައި ހުރި އަށްޓެއްގައި ދަބަސް ބަހަށްޓަމުން އިށީދެލެވުނީ 65 އަހަރަށް ދާން ކައިރިވެފައިވާ ބޭބެ އެއްގެ ކައިރީގައެވެ. އަޅުގަނޑުމެން ދެމީހުންގެ ވަނަވަރު އެކަކު އަނެއްކަކަށް ބަދަލުކޮށް ހެދީމެވެ. އެބޭބެއަކީ، ތޮއްޑޫގެ ދަނޑުވެރިއެކެވެ. ދަނޑުން ފައިދާ ލިބޭކަމާއި، ރޯދައަށް ކަރާ ދަނޑުތައް ތައްޔާރުކުރާ ވާހަކަ އެބޭބެ ކިޔައިދިނެވެ. އަދި ކޮންމެ ދަރިއަކަށް ދަނޑުހައްދަން 150 ފޫޓު ދިގު ބިންތައް ހުންނާނެކަމަށް އެބޭބެ ބުންޏެވެ. އެ ބޭބެއަށް އެންމެ ޙައިރާންކަން ގެނުވީ އަޅުގަނޑު ކިޔަމުން ދިޔަ ބޯ ފޮތެވެ. އެބޭބެ އަޅުގަނޑު ކިޔަމުން ދިޔަ ފޮތުގެ ބަޑޭރިގަޑުގައި އަތްލަމުން އަހާލިއެވެ.

"ކޮއްކޯ! ތިއީ މި ޒަމާނު ކުދިން ކިޔަވަންގެންގުޅޭ ފޮތެއް ދޯ"

އިންޖީނު އަޑާއެކު، ގިނަ ވާހަކަ ދައްކަން ބޭނުން ނުވާތީ އަދި ވާހަކަ ކުރުކޮށްލުމުގެ ގޮތުން ޖަވާބުގައި "އާއެކޭ" ބުނީމެވެ.

ފޮތްކިޔަންއިންދައި ކުއްލިޔަކަށް އެ ނިވުނީ ދިއްލިފައިވާ ބޮކި ތަކެވެ. ކަނޑު މަތީގައި ކުރިންވެސް ދިގު ދަތުރުތަކެއް ކޮށްފައިވާ މީހެއްގެ ގޮތުން މި ވީގޮތް ސާފު ވިއެވެ. ނިދާ ގަޑި ޖެހުނީއެވެ. ދޯނީގެ ތައްޓުމަތީގައި އަޅާފައި އޮތް ކުނާތަކަށް މީހުން ޖަމާވެ، އަދި ކުނާ އަޅާފައި ނެތް ތަންތަނުގައި ކުނާ އަޅައި ދަތުރުވެރިން އޮށޯންނަށް ފަށާފިއެވެ. ދޯނިން ދަތުރު ކުރި ދަތުރުވެރިވެރިއެއްގެ އިޝާރާތާއެކު، އަޅުގަނޑުވެސް ކުނަލަކާއި، ބާލީހެއް ނަގައި، ތައްޓުމަތިން ޖާގަ ހަދައި ، ބާލިސް ބޯދޮށަށް ލައި ފޯނު އަތަށް ލައި ދެމިލާފީމެވެ. އަދި އަވަސް އަވަހަށް ފޭސްބުކަށް ވަދެ ސްޓޭޓަސް "ތޮއްޑުއަށް ކަނޑުމަގުން ދަތުރުކުރާކަމަށް" ރަށްޓެހިންނަށް ބުނެދިނުމުގެ ގޮތުން އަޕްޑޭޓު ކޮށްލީމެވެ.

ދޯނި ދަތުރުކޮށްފައި ދިޔައިރު، ދުނިޔެމައްޗަށް ޖެހެމުންދިޔަ، ތެތްފިނި ވައިގެ ހިމަ ރޯޅިތައް ގައިގައި ބީހެމުންދާއިރު، ދޯނީގެ ދިރުބާކޮޅުން ޖަހާ ރާޅުގެ އަޑުން މިޔުޒިކު ދުނިޔެމައްޗަށް އުފައްދަމުންދަނީ ޤުދުރަތުގެ ރީތިކަން އިންތިހާ ދަރަޖައަށް ރަމްޒު ކޮށްދޭ ބީދައިން ނެވެ. ކުރީގެ މާޒީ ހަނދާންކޮށްދެމުންނެވެ.

"ރީތި ނަލަ ނަލަ ހަނދެއްކުރި އަލީގައި، ވީމެ ދެކުދިން އެ ލަވް ބައްތެލީގައި" – ބޭއިޙްތިޔާރުގައި މި ލަވައިގެ ބައިތު ކިޔާލެވުނެވެ. ތޮއްޑޫގައި އަޅުގަނޑު ކިޔަވާދިން ދަރިވަރެއް ހުންނާނެކަމަށް ހަނދާނަށް އައުމުން، ވައިބާރު ހުޅުވާލާފައި "ހައި" ޖަހާލީމެވެ. ތޮއްޑޫ އާއި ބެހޭ އިތުރު މަޢުލޫމާތު ހޯދުމަށެވެ. އެކޮޅުން ޖަވާބު ދިނުމުން، ވާހަކަތައް ބަދަލުކޮށް ހެދީމެވެ. އަޅުގަނޑުގެ ދަރިވަރު ފުރަތަމަވެސް އެހީ ކީއްވެތޯ ލޯންޗު އިން ނުދިޔައީ އަދި ނަގާނީ ގަޑިއެއް ހާއިރު ކަމަށް ބުނެލިއެވެ. ރައްދުގައި އަޅުގަޑުގެ ޝެޑިއުލް އޮންނަ ގޮތުން ލޯންޗުގައި ދަތުރުކުރެވޭ ގޮތް ނުވީކަމަށް ބުނީމެވެ. ރީތި މޫދަކާއި، ބައިވަރު ދަޑުތައް ހުންނާނެކަމަށް އެނާ ބުނެދިނެވެ. އަދި ރަށުގެ ބޮޑުމަގުން ހިނގައިފިއްޔާ ދަރިވަރުގެ ގެ އަޅުގަނޑަށް ފެންނާނެކަމަށްވެސް ބުނެޏެވެ. އިތުރަށް ތަޕްޞީލުދެމުން، ބޯޅަދަނޑު ކުރިމަތީ އުނދޯލިތައް އެލުވާފަ ހުންނާނެކަމަށް ދަރިވަރު ބުނެލިއެވެ.

ގަޑިން މެންދަމު އެކެއް ޖެހީއެވެ. ބާރު ދުވެލީގައި ހިމަފޮދު ވާރޭ ތެރެއިން، ތޮއްޑުއާއި ދިމާލަށް ދޯނި ދުއްވަމުން ދާއިރު، އަޅުގަނޑު ނޫނީ އެހެން އެންމެން ކަހަލަ ގޮތަކަށް ތިބީ ސާލު ތައްމައްޗެއްގައި ނިދާފައެވެ. ނަމަވެސް، މާދުރުނޫން، ހިސާބަކުން، ޓެބެލެޓެއްގެ އަލި ފެންނަށް ހުށްޓެވެ. އަނެއްކާވެސް، ވައިބަރު ތެރެއަށް ވަދެލީމެވެ. އަދި ސަކަ މިޒާޖަކަށް، ރީތި ކުދިން ތޮއްޑޫގައި އުޅޭތޯ އަހާލީމެވެ. ލިބުނީ ވަރަށް ހައިރާން ކުރަނިވި ޖަވާބެކެވެ. ސަމާސާ ރާގަކަށް ދަރިވަރު ބުނެލިއެވެ.

"އަހަރެން ނެތީޔާ ނުހުންނާނެ! ބައިވަރު ކުދިން އުޅޭނެދޯ! ސަރ އަށް ރީތިވާނެކަމެއް ނެނގޭ! އިތުރަށް ބުނެލިއެވެ. "ހަނދާންކޮށް ރަށުގެ ބައިވަރު ފޮޓޯ ނަގާތި!"

ރަށުގެ ހާލަތު އިތުރަށް ކިޔައިދެމުން ތަފްޞީލު ދިނެވެ. "ގެސްޓު ހައުސްތައް ހުންނާނެ! ރެސްޓޯރަންޓު ތައް ހުންނާނެ!. އަދި ކަވާބު ނަކަމަށް ކިޔާ ރެސްޓޯރަންޓުގެ ފުރައިޑު ރައިސް އަދި ފުރައިޑު ނޫޑްސް ވަރަށް މީރު ވާނެ! އަދި ބޯޅަ ދަނޑު ކައިރީގައި ރެސްޓޯރެންޓެއް ހުންނާނެ! ހީވަނީ ކިޔާނީ، ސަން ރައިސް ކެފޭ ހެން. އެތާ ހެދިކާ މީރުވާނެ!.

 

ރަށުގެ އިޤްތިޞާދު އިތުރަށް އޮޅުން ފިލުވައި ދިނެވެ. "މަސްވެރިކަން ކުރާ މީހުން އުޅޭނެ! އަދި މޫދު ކުޅިވަރުތައް އޮންނާނެ!

ރަށުގެ އަންހެންވެރިން ކޮށްއުޅެނީ ކޮންކޮން މަސައްކަތްތަކެއްތޯ އެހުމުން ބުންޏެވެ.

"ގޭތެރޭގެ މަސައްކަތްތަކާއި ދަނޑުހެއްދުން. ބައެއް އަންހެނުން ޓީޗަރުންގެ ގޮތުގަ، އަދި ނަރުހުންގެ ގޮތުގައި މަސައްކަތްކުރޭ. ގިނަ އަންހެނުން އުޅޭނީ ބުރުގާ އަޅައިގެން"

އާބާދީގައި ކުޑަކުދިންގެ އަދަދު ގިނަވާނެކަމާއި އަދި ޅައުމުރުގައި ކައިވެނި ކުރާ ނިޞްބަތް ގިނަވާނެކަމާއި އެހެންނަމަވެސް، އެވެރެޖު ފެމިލީ ސައިޒު ސީދާ ބުނެ ދޭން ނޭނގޭ ކަމަށް ދަރިވަރު ބުނެލިއެވެ.

ގަޑި ބަލާލިއިރު މެންދަމު 3 ޖަހަނީއެވެ. ވައިބަރއިން ނިކުމެ، ޖެހޭ ވައިރޯޅިން ލިބޭ ފިނި އަރާމުން މީހާ ނިދީގެ ތައްމައްޗަށް ވެއްޓެމުން ދިޔަ އިރު އެއަށް ހުރަސް އެޅީ، ބާރު ގުގުރީގެ އަޑެވެ. އެއަށް ފަހު، ދޯނީގެ ފަޅުވެރި ކުދިން ހުރިހާ ދޮރުތައް ބަންދުކުރިއެވެ. ދެން ފެނުނީ އަލިގަދަ ވިދު ވަރެކެވެ. އެއްބައި ނިދާފައިވާ ލޯ ތަރަތަރަ ޖަހައިގެން ނުދިޔަ ނަމަވެސް، ދޯނީގެ އެތެރެ ދިއްލިގެން ދިޔަ ކަހަލައެވެ. އެއަށް ފަހު ބޮޑު ތިކި ވާރޭއަކާއެކު ކެރި ގަޑެއް ކުރިމަތިވެ، މޫސުން ހިސާބަކަށް ގޯސްވިކަން އެނގުނެވެ.

ކުއްލިއަކަށް ހޭލެވުނީ ދުއްވަމުން އައި ދޯނީގެ އިންޖީނު އަޑު މަޑުވެ، ދުވެލި މަޑުވުމުންނެވެ. ދޯނި އައިސް ވަނީ ފަޅަކަށެވެ. އެއަށް ފަހު ފާލަމާއި ކައިރި ކޮށްލިއެވެ. ކުނަލާއި ބާލީސް ނަގައި ތަރުތީބު ކުރުމަށް ފަހު، މިއާދެވުނީ، ތޮއްޑޫއަށް ތޯ ދޯނީގެ ފަޅުވެރިއެއް ކައިރީ އަހާލެވުނެވެ. އާއެކޭ ބުނުމުން، ރަހުމަތްތެރިޔާއާއި ގުޅައި ދޯންޏަށް ލެފުނު ކަން އަންގައިފީމެވެ. އިތާހިސަތު މުދިންބޭ، މުނާޖާއަށް ގޮވަމުން، ފަތިސް ނަމާދުގެ ބަންގީގެ އަޑު އިއްވަން ފަށާފިއެވެ. އެއިރުވެސް ހިމަ ފޮދު ވާރެއިން ބިންގަޑު ތެއްމަމުން ދެއެވެ. ރަހުމަތްތެރިޔާ އައުމުން، ދޯނީގެ ފީ އަށްވާ 100 ރުފިޔާ ދެއްކުމަށްފަހު، ހިމަފޮދު ވާރޭ ތެރޭގައި ހަލުއި ހިގުމެއްގައި ރަހުމަތްތެރިޔާ އާއި އެކު ހިނގައިގަނެފީމެވެ. 10 މިނިޓުގެ ހިނގުމަށްފަހު އައިސް ވަދެވުނީ "އާސްތާނާ" އަށެވެ. ރަހުމަތްތެރިޔާ ގެ ގެއަށެވެ.

ފާހާނާއަށް ވަދެލައި ނިކުމެ ހަދައި، ދުނިޔަވަނީ ބައެއް ވާހަކަތައް ރަހުމަތްތެރިޔާއާއި ޙިއްޞާކޮށްލުމަށްފަހު، ގަޑިން ފަތިހު 531 ކަން ހާއިރު ދެމީހުން އެކުގައި ފަތިސް ނަމާދު ކުރީމެވެ. އަދި އެއަށް ފަހު، ސައިތަށްޓެއް ބޯލުމަށް މަގުމައްޗަށް ބޯހޫރާލުމަށް ނުކުތީމެވެ. ކޮންމެވެސް ވަރަކަށް ވާރޭ ވެހެއެވެ. މަގުމަތި ހަމަ ހިމޭން ވެފައި އަމާނެވެ. ފެންނަނީ މަދު މީހެކެވެ. ވާހަކައިގައި ހިގަމުން ހިގަމުން ގޮސް ވަދެވުނީ "ސަން ސެޓު" ކޯނާ އަށެވެ. ދިޔަ މަގުމަތީ ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ ޤާޞިމު އިބްރާހިމު އަޅުއްވާ ދެއްވާ މިސްކިތް ކަމުގައިގާ "މަސްޖިދުލް ޢާއިޝާ" ބަލާލީމެވެ.

ދިވެހިން ދަންނަ ޑިސްކާއި މަސްހުނިއަށް އިންސާފުކޮށް ނިމުމާއި އެކު ދެން ހިނގައިގަތީ ރަށުގެ ދަނޑުބިންތައް ބަލައިލާށެވެ. އެ އިރު އިރު "ލަދުން" ހުރެ ނަމަވެސް، އަރައި ދުނިޔެމައްޗަށް އަލިކޮށްދެއެވެ. މަސައްކަތްތެރި އިންސާނާއަށް އައު ދުވަހެއް ކަމަށް ހަނދާން ކޮށްދެމުންނެވެ.  ތޮރާ ދަނޑުން، ފަޅޯ ދަނޑުން، ވިލާތު ބަށި ދަނޑުން ދެން ނިކުމެވުނީ އަތިރިމައްޗަށެވެ. ބަލާލަން ރީތި، ސާފު މޫދަކާއި، ހިތްގައިމު މާހައުލެކެވެ. އެއަށް ފަހު، ދެން މިޝްރާބު ބަދަލުކޮށްލީ ބޮޑު ކަރާ ދަނޑަށެވެ. ބޮޑު ބިޔަ ދަނޑުތަކުގައި އިންސާނާ މަސައްކަތްކުރާއިރު ދުރުން ބަލާލުމުން އިންސާނާ ކުޑަކަމަށް ދައްކައެވެ. ދަނޑުތަކުގެ ފެންޖެހުމުގެ ނިޒާމު ފުރިހަމައެވެ. އެންމެ އުފާވި އެއްކަމަކީ ރާއްޖޭގައި ދަނޑުހައްދަން މަޝްހޫރު ޤަމީރާ އަމަލީ މަސައްކަތުގައި އުޅެނިކޮން ބަލާލަން ފުރުޞަތު ލިބުނީމައެވެ.

 

---ނުނިމޭ----

ދަތުރުނާމާ

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

Tihaa molhah vaahaka liyaakan Adi neynge !

– 13 މެއި 2016 0

ހާދަބޮޑު ދަޑެކޭ

– 15 މެއި 2016 0

ޥަރަށް ޝައުގުވެރި ވާހަކަ އެއް

– 18 ޑިސެމްބަރު 2016 0