އއ. ތޮއްޑޫގެ ކުއްލި ދަތުރު (ފަހުބައި) — Ihavandhoo.com

އއ. ތޮއްޑޫގެ ކުއްލި ދަތުރު (ފަހުބައި)

ތަނަވަސް ގެއެކެވެ. ޒަމާނީ ފެންވަރަށް ވަނީ ހަދާފައެވެ. ދެން ސުފުރާމަތިން ކަންތައް ވީގޮތް ބަލައިލަމާ ހިގާށެވެ. ގަޑިން މެންދުރު އަބުރާ 131 ވަނީއެވެ. ކާން އިށީނުމުން، ހުސައިންބޭ އަނބި މީހާގެ ފަރާތުން، ނުހަނު މެހްމާނުދާރީ ފެނިގެން ދިޔައެވެ. މޭޒުމަތީގައި ތަށިތައް އިސާހިތަކު ތަރުތީބު ކޮށްލިއެވެ. މީރު ޕެޝަން ފުރުޓު ފަނި އެހުރީ ތައްޓަށް އަޅާފައެވެ. މީރު ކުޅިމަހުގެ ބާވަތަކާއި ރަހުމަތްތެރި ގަރުދިޔައެވެ. ދޮންބިހާއި، ކިރުބިސް ހުރީވެސް އަތް ޖެހޭ ހިސާބުގައެވެ. މޭޒުމައްޗަށް އަތުރާލެވިފައިވާ ލުނބޯ، ފިޔާ، މިރުސް، ކެރެޓް ކެއެމަށް އިތުރު ޝަރަފުވެރިކަން ގެންނާނެކަން ކަށަވަރެވެ. ކާންތިބެވުނީ، ހުސައިންބޭ ގެ ޢާއިލާގެ ބައެއް މެމްބަރުންނާއެކު ކަމަށް ވުމުން، ސުފުރާމަތީގެ އަޑުތައް ވަނީ ހުއްޓިފައެވެ. ނަމަވެސް، އިރުކޮޅަކުން، ހުސައިންބޭ ސުފުރާމައްޗަށް އަރައި ސުފުރާމަތީގެ އަޑުތައް ގެނުވިއެވެ. ވާހަކަ ދެއްކުމުގައި މާތް ގޮތެއް ހުސައިންބޭ ގެންގުޅެއެވެ. އެއްފަހަރުވެސް، "އަޅުގަނޑު" މި ލަފުޒު ބޭނުން ނުކޮށް މުހާތަބު ނުކުރައްވައެވެ. ރަށްފުށުގެ ވާހަކަތައް ބަދަލުކޮށް ހަދައި ނިމުނު ފަހުން، ހުސައިންބޭގެ ފަރުމަސްވެރިކަމާ ބެހޭގޮތުން ވާހަކަ ދެއްކެވުނެވެ. މި އަދު މި ކެވުނީ އެންމެ ބާރަށްދުވާ، ނަމަވެސް، މަސް މީރު ކުރުމަހެވެ. އަޅުގަނޑުގެ އުފަން ރަށަށާއި، އެ ރަށު މީހުންނަށްވެސް ހުސައިންބޭ ފަރިތަކަން ވާހަކަތަކުން އެނގެއެވެ.

ކުރުމަސް ބާނަން ގެންގުޅޭ ގޮތް ހުސައިންބޭ ކިޔައިދިން ގޮތުން ހައިރާންކަން ގެނުވިއެވެ. 29 އަހަރު ވެފައިވާއިރުވެސް އެކަހަލަ ތަޖުރިބާއެއް ކޮށްލެވިފަ ނެތީމައެވެ. ފުޅަގިމަހަށް ފަރިކޮށް، އެންވަސްކޮށް ކުރުމަށް ފެނުން މައްޗަށް އަރުވައި، އެ މަހުގެ ބަނޑުގައި މުގުރުން ޖަހައި މަރާލަނީއެވެ. ނުވަތަ ދާވަނި އަޅުވައި މަސް ނަގަނީއެވެ. މިކަންތައް މިގޮތަށް ހަމަގައިމުވެސް ކުރެވޭނީ މަސްވެރިކަމުގެ ފަހުލަވާނަކަށެވެ. މިއަދު ހުސައިންބޭއަށް ބޭނުނީ ދެ މަހެވެ. ކުރުމަސް 800 ރުފިޔާއަށް ވިއްކެން އޮތް ނަމަވެސް ހުސައިންބޭ ނިންމީ މަހުގެ ރަހަ ދަރީންގެ އަރުތެރޭގައި ލެއްވުމަށެވެ. ދެވަނަ މަސް 600 ރުފިޔާއަށް ވިއްކާލިކަމަށް ހުސައިންބޭ ބުންޏެވެ.

ދެން އޮތީ ހުސައިންބޭގެ ބޭސްވެރިކަމުގެ ވާހަކަ ތަކެވެ. ބަލި ބުނުމުން ބޭސް ވަގުތުން ތައްޔާރުކޮށްލާނެ ކަމަށް ހުސައިންބޭ ބުންޏެވެ. ބޭސްހަދަން ބޭނުންކުރާ ހުރިހާ ބާވަތެއް ހުސައިންބޭ އަމިއްލައަށް ގެންގުޅެއެވެ. އެއްވެސް އަގެއް ކުރިން ކިޔުމަކާއި ނުލައި، ދަތުރު ޙަރަދާޢި، ކެއުމާއި ހުރުން ހަމަޖައްސައިދިނުމުން ތަފާތު ރަށްރަށަށް މަސްދުވަހުގެ ދިގު މުއްދަތަށް ހުސައިންބޭ ދަތުރުކޮށްފައިވާ ކަން އިގުނެވެ. ހުސައިންބޭ ޤަބޫލުކުރާ ގޮތުގައި، ބަލި ފަސޭހަ ވަމުން އަންނަ ކަމަށް ވަންޏާ ، ހުސައިންބޭއަށް ލާރި ބޭސްކުރާ މީހުން ގަދަކަމުންވެސް ދޭނެއެވެ. ޙިތާނު ކުރުމުގެ ސަނަދާއެކު އެ މަސައްކަތް ކުރި އިރު ކޮންމެވެސް ވަރަކަށް ޑަކްޓަރީ ބޭސް ބޭނުން ކުރިނަމަވެސް،ދިވެހި ބޭސް ތައް ބޭނުން ކުރެއެވެ. ޒަމާނަށް އައި ބަދަލަށް ހޭނުމަށް މިހާރު ހުސައިންބެ ދިވެހި ބޭސް ތައްޔާރުކޮށް ގެންގުޅެނީ ދެބުރިބެއްދި ކެޕްސޫލުގައެވެ. ގުޅާފައި ވާގޮތް ކިޔާދިނުމުން އަގެއް ގަނައި ރަށްރަށަށް ބޭސް ފޮނުވަނީއެވެ. ދަރީން ނުގަބޫލުކަމުން މިހާރު، ހުސައިންބޭ ބޭސްކޮށްދިނުމަށް ރަށްރަށަށް ދަތުރު ކޮށް ނަހަދައެވެ. މިހާރުވެސް 2000 ރުފިޔާ ވިއްކި ބޭހަށް ނުލިބި ހުރިކަމަށް ހުސައިންބޭ ހެމުން ހެމުން ބުންޏެވެ. ވާހަކައިގައި ތިބެގެން ކަމުން ގެންދިޔަ އިރު، މި ކަހަލަ ސުފުރާއެއްގައި ލަނދުކަމަށްވީ ނަމަވެސް، ތިންފަހަރު ބަތް އަޅައި ކެވުނެވެ. އަޅުގަނޑުގެ މި ބިޔަ ހަށިގަޑާއި އެއްވަރަށް ކާންވާނެނޫންތޯއެވެ؟.

ދުފާލަންވާނެކަމަށް ބުނެ، ހުސައިންބޭ އަޅުގަނޑުމެން ސިޓިން ރޫމުގައި ބައިތިއްބާ އިރުކޮޅަކުން އައީ ދުފާމަޑިސީލަ ހިފައިގެންނެވެ. ކުރުމަސް ބޭނުމަށް މޮޑިފައިކޮށްފައިވާ ހުސައިންބޭގެ ވަދު ދައްކާލިއެވެ. ބުޑުގައި ވައްތިމަރަ އާއި އެކު ބަންކެޓު (ވަކަ) އައްސައި ޒީނަތްތެރިކޮށްފައިވާ ވަދަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދެނީ، އޭގެ ތެރެއަށް އަމުނާލެވިފައިވާ ބޯވަ އެވެ. ލެވިފައިވާ ބޮޑު ބުޅީގެ މަސް އަޅާގަންނަ ގޮތަށް ޑިޒައިން ކުރަންވާނެކަން ، ހުސައިންބޭ ތަކުރާރު ކޮށްލިއެވެ. އެއަށްފަހު، ހުސައިންބޭ އަތުން ބައިސްކަލު ހިފައިގެން، އަޅުގަނޑުމެން ދެމީހުން ހިނގަމުން ވާހަކަތައް ބަދަލުކުރަމުން، ބައެއް ފަހަރު، ހުސައިންބޭ ރަށްޓެހިންނާއި ދިމާވުމުން، މަޑު ޖައްސަމުން، އަނެއްކާވެސް، "އާސްތާނާ" އަށް އައީމެވެ. ރޭގަނޑުވެސް ކެއުމަށް އިންސާފުކޮށްލަން އަންނަންވާނެކަމަށް ބުނެ، ހުސައިންބޭ ބައިސްކަލަށް އަރައި، މުންޑު ހެޔޮވަރުކޮށްލައި، ފައިވާންޖޯޑަށް ފައިލައި، ގަޔަށް ބާރުލައި އެއްވެސް ހާސްކަމެއްނެތި ދުއްވާލާފައި އެހަރަދަނީއެވެ.

ހަވީރު "ގޮއިގަޑަށް" ދާންވާނެކަމަށް ބުނެ އެނދަން އަރައި އަރާމު ނިންޖެއް ހޯދުމަށް މަސައްކަތްކުރީމެވެ. ގެންގުޅޭ އައިފޯނާއި ކުޅެމުން ބައެއް ރަހުމަތްތެރިންނާއި، އާއިލާ ބޭފުޅުންނާއި ޗެޓު ކުރަން އޮއްވައި ނިދުނުކަން އިނގުނީ ރަހުމަތްތެރިޔާގެ މަޑުމައިތިރި އަޑުންނެވެ. ގައިގައި ކޮއްޓާލައިފައި ގަޑިން ކިހާވަރެއްތޯ އާއި ދަނޑަށް ދާން ތައްޔާރު ވެލަން ބުނެލިއެވެ. ތެދެކެވެ. ގަޑިން 1640 ވީއެވެ. އަވަސް އަވަސް ކޮށްލައި އަޞުރު ނަމާދު ކޮށްލައި ، ސީދާ އަމާޒު ހިފީ "ގޮއިގަޑަށް" ދިޔުމަށެވެ. ޖެއްސުމުގެ ރާގަކަށް، ގޮއިގަޑުން ދަޑެއް ނަގަންވާނެ ކަމަށް ރަހުމަތްތެރިޔާ ބުނެލިއެވެ. ގޮއިގަޑަށް ދިޔަ މަގުމަތީ ކަވާބު ރެސްޓޯރަންޓްއަށް ވަދެ ހަވީރު ސައި ބުއީމެވެ. ދެ ކަވާބާއި، މަޝްރޮށްޓަކާއި ރޯސް ޕާންފޮއްޗެއް ކޯކު އާއި އެއްކޮށް ކެއީމެވެ. ކަވާބު ރެސްޓޯރެންޓުގެ މާހައުލު ވަރަށް ހިތްގައިމުއެވެ. އަލަ ގަސްތަކުން ހިތުގެ ހާސްކަމަށް ނިމުން ގެނުވައެވެ.

ބަރާބަރު 13 މިނިޓް ހިގުމަށްފަހު ދަޑަށް ވަދެވުނީއެވެ. މޭވާއާއި ތަރުކާރީ ކެޑުމުގައި ދަޑުވެރިން އުޅޭތަން ފެނެއެވެ. ބާސްކެޓުގައި ބިނދެފައިވާ ފަޅޮލާއި ، ތޮރާ، އަދި އެހެނިހެން ބާވަތްތައް ހުށްޓެވެ. ކަކުން ފަތް ދަޑާއި، ކޮޕީ ފަތް ދަޑާއި، މިރުސް ދަޑާއި، ބަށި ދަޑާއި ، ބަރަބޯ ދަޑުތައް ހުރީ ރަނގަޅަށް ތައްޔާރު ވެފައެވެ. ބަރަކާތްތެރި ރަމަޟާން މަހުގެ ކެއުންތަކަށް އަހަރެމެންނަށް މީރު ރަހަ ގެނެސްދެވޭނެ ކަން ކަށަވަރެވެ.

ގަޑިއެއް ހާއިރު ދަޑުގައި ހޭދަކުރުމަށްފަހު، އިރު އޮއްސެން ކައިރި ވުމުން، ގެއާއި ދިމާލަން ހިގައި ގަތީމެވެ. ގެއަށް އައިސް މަޢުރިބު ނަމާދުކޮށްގެން ބޮޑު ވާހަކައިގައި ލެޕްޓޮޕާއި ކުޅުމާއި، ޓީވީ އިން ނޭޝަނަލް ޖިއޮގްރަފީ ބެލުމުގެ މަސައްކަތް ކުރިއަށް ދިޔައެވެ. މިހާރު ގަޑިން 2107 ވީއެވެ. ރޭގަޑުގެ ކެއުމަށް ދިޔައީ ސަން ރައިސް ކޯނާ އަށެވެ. ރެސްޓޯރަންޓުގެ ދެވަނަ ބުރީގައި ތިބެ އޯޑަރު ދިންއިރު، ޖެހިގެން އޮތް ބޯޅަދަޑު ރަގަޅަށް ފެނެއެވެ. ކުޅެމުންދާ ފުޓު ބޯޅަ މެޗެއް ބަލައިލަން ހިތްގައިމު ތަނެކެވެ. ޓޫކިލޯ (މުހުތާރު) އަދި ތޮއްޑޫ ނިޒާމު މެން އުފެދުނީ މި ދަނޑުން ކަމަށް ރަހުމަތްތެރިޔާވަނީ ހެނދުނު ކިޔައިދީފައެވެ.

ސިހިގެން ދިޔައީ "ބިރިޔާނީ" ތަށި ބޮޑުކަމުން ނެވެ. ނަމަވެސް، ކެވޭނެ ކަން އިގެއެވެ. ބިރިޔާނީއެއްގެ އަގު އުޅެނީ 70 ރުފިޔާއަށެވެ. ބިރިޔާނީ ކައި ނިމިގެން ގެއަށް އައި މަގުމަތީ އަވަށު ކުލަބުން ހިންގާ ފިހާރައަށް ވަދެ ކުޑަ ވިޔަފާރިއެއް ކޮށްލީމެވެ. ޕެސަން ފުރުޓު ބަސިލް ފުޅިއެއް ބޯލީމެވެ. ގެއަށް އައިސް، ކޮލެޖު މާކްސްތައް އެންޓަރު ކުރާނަމޭ ހިތައި ލެޕްޓޮޕް ނެގި ނަމަވެސް އެކަންވީ ބޭކާރެވެ. މީހާގެ ލޮލާއި ހަށިގަޑު އަރާމުކޮށްލަން އަޅުގަނޑުގެ ނަފުސައި އެދޭ ކަހަލައެވެ. ވަރުބަލި ކަމުގެ އިހްސާސެއް އެ ނަފުސަށް މިހާރު އެބަ ކުރުވައެވެ. ރަހުމަތްތެރިޔާ ނިދިފައި ވުމުން، ކަންޏެޔޮ ނަގައި ދެފައި ދޭތެރެއަށްލައި ބާރުކޮށްލައި އަރިއަށް އޮވެ ޝަހާދެއް ކިޔައި ހަދައި ނިދަން އެއްވެސް މަސައްކަތެއް ކުރާކަށް ނުޖެހުނެވެ.

ހޭލިވެއްޖެއެވެ. އަނެއްކާވެސް ރަހުމަތްތެރިޔާގެ އަޑަށެވެ. މާ ލަސްވެއްޖެއޭ ބުނެ އަޅުގަނޑު ތައްޔާރުވެލަން ބުނިއެވެ. އެ އިރު ރަހުމަތްތެރިޔާ ފެންވަރައި ހަދައި ތުވާލި އަނދެހުރެ ގައިގައި ލޯޝަން އުގުލަނީއެވެ. މި ފަހަރު ކަންނެތް ކަމާއެކު، އެދުންފައިބައި، ފެންވަރައި ހަދައި، ދެމީހުން ފަތިސް ނަމާދުކޮށް ދަބަސްތައް ނަގައި ބަދަރާއި ދިމާލަން ހިގައި ގަތީމެވެ. 620 ވީއިރު ބަދަރާއި ދަރުތު ކުރަންޖެހޭ 27 މީހުންގެ ޖާގައިގެ ލޯންޗު ލޮލަށް ފެނިއްޖެއެވެ. ފުރާ ގަޑިއަކީ 700 އެވެ. ވަގުތު އޮތުމުން، ކައިރި ހޮޓަލަކަށް ވަދެ އެއްޗެއް ކަޅެއް ޖަހައި ލޯންޗަށް އެރީމެވެ. އެބުރި މާލެ އައުމަށެވެ. ލޯންޗު ފުރީ 705 ގައެވެ. ބޯނެ ފެނާއި، ޖޫސް ޕެކެޓެއް ލޯންޗުން ލިބުނެވެ. ފުރިއިރު ވައިރޯޅިއެއްހާ މިންވަރުވެސް ނުވިނަމަވެސް، ދަތުރުގެ ވަކި ހިސާބަކުން، ލޯންޗަށް ރާޅު ޖެހިއެވެ. ކުޑަކޮށް ބޯއަބުރާ ގޮތް ވެފަ ހުރުމުން، ދޭތެރެ ދޭތެރެއިން ނިދި ޖެހެއެވެ. އުފާވެރިކަން ގެނުވީ ހުޅުމާލެ ބޭރުގައިވާ ކާގޯ ބޯޓުތައް ފެނުމުން ނެވެ. މާލެއާއި ކައިރިވިކަން އެގުމުންނެވެ. ނަމަވެސް، ލޯންޗު ފުރަތަމަ ގާތްކުރީ ހުޅުމާލެ ވައިގެބަދަރަށެވެ. ދަތުރުކުރި ފަތުރުވެރިން ތަކެއް ބޭލުމަށެވެ. އެއަށް ފަހު މާލެއަށެވެ. އިސްކަންދަރު ކޮށި ކައިރި ފާލަމަށެވެ. އާންމުކޮށް އެއްގަޑިއިރު ހޭދަވާ މި ފަތުރަށް 1 ގަޑިއިރާއި 30 މިނިޓު ހޭދަވިއެވެ. ވެހޭ ހިމަ ފޮދު ވާރޭ ތެރޭގައި ނުތެމި، ރަހުމަތް ތެރިޔާއެކު، އަޅުގަނޑުގެ އެޕާޓުމަންޓަށް ހިނގައި ގަތީމެވެ. ތޮއްޑޫ އަށް މި ކުރެވުނު ދަތުރުގެ ފޮނި ހަނދާންތަކާއި އެކުއެވެ. ބެހެއްޓެވި ގާތް ކަމާއި ލިބުނު މެހުމާނު ދާރީއަށްޓަކައި، ރަހުމަތްތެރިޔާއަށް އަޅުގަނޑުގެ އިހްލާޞްތެރި ޝުކުރާއި ހެޔޮ ބަސްތަކެވެ. މާތް ﷲ އަށް ޙަމުދު ކުރަމެވެ. 

ދަތުރުނާމާ

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ