އީޑީސް މަދިރި — Ihavandhoo.com

އީޑީސް މަދިރި

15 ޖުލައި 2016 0

އީޑީސް މަދިރިއެއް

މަދިރިއަކީ ދުނިޔޭގައި އުޅޭ އެންމެ ނުރައްކާތެރި ސޫތްޕެވެ. މަދިރިން ފެތުރޭ ބަލިތަކުން އަހަރަކު އެތައް މިލިއަން މީހުން މަރުވެއެވެ. މަދިރީގެ ތަފާތު 3500 ބާވަތެއްވަނީ މިހާތަނަށް ހޯދިފައެވެ. ނަމަވެސް އޭގެ ތެރެއިން އިންސާނުންނަށް ގެއްލުންދެނީ 100 އެއްހައި ބާވަތެކެވެ. އިންސާނުންގެ ގައިން ލޭ ބޮއެ އުޅެނީ އަންހެން މަދިރިއެވެ. އެއީ އޭގެ ބިސް އުފެއްދުމަށާއި ހެދި ބޮޑުވުމަށް އިންސާނުންގެ ލޭ ބެނުންވާތީއެވެ. ދެބަސްވެވެން ނެތްގޮތުގައި ރާއްޖޭގައި އުޅޭ އެންމެ ނުރައްކާތެރި މަދިރީގެ ބާވަތަކީ އީޑީސް މަދިރިއެވެ. އީޑީސް މަދިރީގެ ވެސް އެތައް ބާވަތެއް ދުނިޔޭގައި އުޅޭކަމަށްވަނީ ރެކޯޑް ކުރެވިފައެވެ.

އީޑީސް މަދިރި

އީޑީސް މަދިރީގައި ހުންނަ ހުދު ކުލާގެ ރޮނގުތަކުގެ ސަބަބުން އެއީ ދެނެގަންނަން ވަރަށް ފަސޭހަ މަދިރިއެކެވެ. އެހެން ގިނަ މަދިރިޔާ ހިލަފަށް އީޑީސް މަދިރި އާމުކޮށް ހަފަނީ ދުވާލުގެ ވަގުތު ތަކުގައެވެ. މި މަދިރި އެންމެ ހަރަކަތްތެރީ ހެނދުނާއި ހަވީރުގެ ވަގުތުތަކުގައެވެ.

އީޑީސް މަދިރި އާންމުކޮށް އުޅެނީ ހޫނު ހިސާބުތަކުގައެވެ. ނަމަވެސް މިހާރު މި މަދިރިވަނީ އެންޓާޓިކާ ފިޔަވާ ހުރިހާ ކޮންޓިނެންޓަކުން ފެނިފައެވެ.

މި ބާވަތުގެ މަދިރި ބަނޑު ފުރޭނީ އެތައް ބަޔެއްގެ ގައިން ލޭ ބުއިމުންނެވެ. އަދި މިބާވަތުގެ މަދިރި އަކީ އިންސާނުން އުޅޭ ހިސާބުތަކުގައި އުޅޭ ހިއްވާ އެއްޗެކެވެ.

އީޑީސް މަދިރި ބިސްއަޅާ ބިސް ފީކުރަން ބޭނުން ވަނީ 1 ސެންޓިމީޓަރު ފުންމިނުގެ ފެންފޮދެކެވެ. އަދި ލޭބޮއެ، ބިސްއަޅާ ވިހަން ނަގަނީ އެންމެ ހަފްތާއެކެވެ. މިމަދިރި ބިސް އަޅަނީ ރީތިކޮށް ސާފުކޮށް ހުންނަ ފެންގަނޑަށެވެ. މިބާވަތުގެ މަދިރިތައް ބިސްއަޅާތާ 7 ދުވަހުގެ ތެރޭގައި ލޭ ބޯންފަށާވަރަށް ބޮޑު ވެއެވެ.

ފެން ހުރި ދަޅަކަށް ބިސްއަޅާފަހުއްޓާ ދަޅުގައި ހުންނަ ފެންފޮދު އޮއްސައިލިޔަސް މަތީ ފަށަލައިގައި ބިސްތައް ހަރުލައެވެ. އަދި ނުވަމަސް ވަންދެން މި ބިސްތައް ހަލާކުނުވެހުރެއެވެ. އަލުން ފެން ލިބިއްޖެނަމަ މަދިރިއަށް ބަދަލުވެއެވެ. އެހެންކަމުން މިފަށަލަ ނޫނީ ދަޅު ނައްތާލުން ވަރަށް މުހިއްމުއެވެ.

އީޑީސް މަދިރި ފަތުރާ ބަލިތައް

އީޑީސް މަދިރި އާއިލާގެ މަދިރި އެތައްބައްޔެއް ފަތުރައެވެ. އީޑީސް އިޖިޕްޓައި އަދި އީޑީސް އަލްބޮޕިކްޓަސް ކަސް އަކީ އީޑީސް އާއިލާގައި ހިމެނޭ އެންމެގިނަ ބަލިއުފުލާ ދެވައްތަރެވެ. އެގޮތުން އީޑީސް މަދިރި ފަތުރާ ބައެއް ބަލިތަކަކީ:

  • ޑެންގީ ހުން
  • ޔެލޯ ފީވަރ
  • ވެސްޓްނައިލް ފީވާ
  • ޗިކަން ގުންޏާ
  • އެންސެފަލައިޓިސް
  • ޒިކާ ވައިރަސް

މީގެތެރެއިން ރާއްޖޭގައި އީޑީސް މަދިރި ފަތުރަނީ ޑެންގީ ހުމާއި ޗިކަން ގުންޏާއެވެ.

އީޑީސް މަދިރި ޑެންގީހުން ފަތުރާ ގޮތް

އިންސާނުންގެ އެކަކު ގައިން އަނެކަކު ގަޔަށް މިބަލި ވާޞިލްވަނީ ބަލިޖެހިފައިވާ މީހެއްގެ ގައިން ލޭބުއިފައިވާ މަދިރިއެއް ސަލާމަތުން ހުރި މީހާގެ ގައިގައި ހެފުމުގެ ތެރޭގައި ބަލި ޖައްސާ ވައިރަސް ސަލާމަތުން ހުރި މީހާގެ ހަށިގަނޑަށް ވާޞިލްވުމުންނެވެ. މަދިރި ހެފުމަކާ ނުލާ އިންސާނުންގެ އެކަކު ގައިން އަނެކަކު ގަޔަށް ޑެންގީ ހުން ވާޞިލެއް ނުވާނެއެވެ. ބަލިޖެހިފައިވާ މީހެއްގެ ގައިން އީޑީސް މަދިރިއެއް ލޭބުއިނަމަވެސް އެމަދިރި ހެފުމުން އެހެންމީހުންނަށް ބަލިޖެހޭވަރަށް ޖަރާސީމް ތަރައްޤީވާން 7 ވަރަކަށް ދުވަސް ނަގައެވެ. މިމުއްދަތުގައި މަދިރީގެ ހަށިގަނޑުގައި ޖަރާސީމް އާލާވެ އޭގެ ކުޅުއުފައްދާ ގުނަވަނާ ހަމައަށް ވައިރަސް ފޯރައެވެ.

އީޑީސްމަދިރި ގިނަވަނީ ކީއްވެ؟

ޑެންގީ ހުން ފަތުރާ އީޑީސްމަދިރި ދުވަހަކަށްވުރެ ދުވަހެއް ގިނަވަމުންދާ އެތައް ސަބަބެއް ވެއެވެ. ހިފެހެއްޓުމެއްނެތި ދުނިޔެ ހޫނުވަމުން ދިއުމުގެ ސަބަބުން، ކުރިން މަދިރިއާލާވާ ވަރަށްވުރެ ފިނި މާހައުލުތައް މަދިރި އާލާވާން ފައްކާ މަހައުލުތަކަށް ބަދަލުވަމުންދެއެވެ. މީގެ އިތުރުން ތިރީގައި މިވާ ކަންކަމަކީވެސް މަދިރި އާލާވުން އިތުރުވެ ޑެންގީހުން ޖެހޭމީހުން ގިނަވާ ސަބަބުތަކެވެ.

  • ރަގަޅަށް ފެން ނުހިނގާ ގޮތަށް ފެންހޮޅި ހުރުން
  • ޒަމާނުއްސުރެ ގެންގުޅޭ ފެން ނަގާ ތާނގީ ތައްޔާރުކޮށްފައި ހުންނަ ގޮތް
  • ކުނިބުނި ނައްތާލުމުގެ ކަންތައް އެކަށީގެންވާ ގޮތަކަށް ނުހުރުން (ކުނި ޖަމާކޮށްފައި ހުންނަ ގިނަ ތަންތަނަކީ ފެން ހަރުލާފަދަ އެއްޗެތި ގިނަ ތަންތަނެވެ.)
  • ބަލިޖެހިފައިވާ މީހުން އެއްތަނުން އަނެއްތަނަށް ދެވޭލެއް އަވަސްވުމާއި، ޑެންގީ މަދިރި އަށް ވެސް އެއްތަނުން އަނެއް ތަނަށް ދަތުރުކޮށްފައި ދިއުމުގެ ފުރުޞަތު ލިބިފައިވުން
  • މީހުން އެކަށީގެންވާ ވަރަށްވުރެ ގިނައިން އެއްތަނެއްގައި އުޅެން ޖެހިފައިވުން
  • ބޭނުންކުރާ ތަފާތު ބޭސްތަކަށް މަދިރި ހޭނުން

ބައެއް އިތުރު މައުލޫމާތު

  • އީޑީސް މަދިރި އޭގެ ހަޔަތުގައި ބިސްއަޅަނީ ގާތްގަނޑަކަށް 3 ފަހަރުއެވެ. ބިސްއަޅާ ކޮންމެ ފަހަރަކު 100 އެއްހާ ބިސްއަޅައެވެ.
  • ފެން ހުރި ދަޅަކަށް ބިސްއަޅާފަހުއްޓާ ދަޅުގައި ހުންނަ ފެންފޮދު އޮއްސައިލިޔަސް މަތީ ފަށަލައިގައި ބިސްތައް ހަރުލައެވެ. އަދި ނުވަމަސް ވަންދެން މި ބިސްތައް ހަލާކުނުވެހުރެއެވެ. މިމުއްދަތުގައި އަލުން ފެން ލިބިއްޖެނަމަ ބިސްތައް މަދިރިއަށް ބަދަލުވެއެވެ.
  • ބަލިޖެހިފައިވާ މީހެއްގެ ގައިން އީޑީސް މަދިރިއެއް ލޭބުއިނަމަވެސް އެމަދިރި ހެފުމުން އެހެންމީހުންނަށް ބަލިޖެހޭވަރަށް ޖަރާސީމް ތަރައްޤީވާން 7 ވަރަކަށް ދުވަސް ނަގައެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ