އަފުޒަލް (ހަތަރުވަނަ ބައި) — Ihavandhoo.com

އަފުޒަލް (ހަތަރުވަނަ ބައި)

"އެކަމަކު... އެންމެ ރަނގަޅު... އަހަރެން ކަންބޮޑުވަނީ އެގްޒާމް އެހާ ކައިރީ އޮއްވާ ސަވީ... ސަވީ ތިވަރަށް ވިސްނީމަ ނަތީޖާ..."

"އެގްޒާމް އޮތީ އަންނަ މަހު ދޭއްގަ އެއްނު... މި އަދު އަދި މީ ސަތާރަ..." ސަވީތާ ކޮޅަށް ތެދުވަމުން ބުނެލި އެވެ.

"ހިނގާ... މަންމަ މެން މިހާރު ހޯދާނެ..." އިރު އޮއްސި މޫނު ކަނދުރާ ވަކި ނުވާވަރުވުމުން ހައްޖަ އާއި ސަވީތާ އެއްގަމާ ވީކޮޅަށް މިސްރާބު ޖެހި އެވެ. އެކުގައި ހިއްސާކުރެވުނު ކަންކަން އެ ދޮންވެލި ތުނޑިން ބޭރުނުވާނެކަމުގެ ޔަޤީންކަމާ އެކުގަ އެވެ. ތަނަށް ވެރިވެފައިވާ ޤުދުރަތީ ހިމޭންކަމާއި ރާޅުގެ މަޑުމޮޅި މިޔުޒިކަށް ރަސްކަން ކުރުމަށް އެ މަންޒިލް ދޫކޮށްފަ އެވެ. އަމާން ރެއަކަށް އެ މާހައުލަށް މަރުހަބާ ކިޔަމުންނެވެ.

ދަންވަރުގެ ވަގުތެވެ. ކަޅުފޮއި މޫސުންކަމުން ކާއިނާތުގައިވާ ތަރިތަކުން ފޯރުކޮށްދޭ އަލިކަމުން މާބޮޑު އަލިކަމެއް މާހައުލަކަށް ނުފޯރަ އެވެ. މަގުތަކުގައި ދިއްލާފައިވާ ހޮޅިބުރިތަކުން އަލިކަން ފެތުރިފައިވާ ހިސާބުނޫން އެހެން ހުރިހާތަނެއް ވަނީ ކަޅުކުލައިން އެއްކުލަ ކުރުވާފަ އެވެ. އިންފާރުން ބޭރަށް ބޯދީ ލެނބިފައިވާ ގަސްގަހުގެ ނިވަލުން މަގުމަތީގެ އަނދިރިކަން އިތުރުކޮށްދީފައިވެ އެވެ. ބިންގަނޑުގައި ހަރުކޮނެ ތިބޭ ސޫފާސޫތްޕާއި ގަސްގަހުގެ ނިވަލުގައި ހާލިހަދައިގެން އުޅޭ ކުދިކުދި ފަނިފަކުސާތަކާއި ސޫފާ ސޫފީގެ އަޑުތައް މާހައުލުގެ އަޑުތަކާ އެކުވެފައި ވުމުން ހިތްގައިމު މިޔުޒިކެއް އިވިއިވި ހުއްޓެވެ. އެސޮރުމެން ފިޔަވައި މުޅި މާހައުލު ނިދާފައިވާ ކަހަލަ އެވެ. ގޭގޭގެ ދޮރުތައް ވަނީ ތަންޑުއަޅުވާ ހައްޔަރުކުރުވާފަ އެވެ. ވަގުންގެ ތުރާތައް ނުފޯރާތީ ކަންނޭގެ އެވެ. ދުވާލުގެ ވަގުތުތަކުގައި ހުޅުވާލި ގޮތަށް ކޮންމެ ގެއެއްގެ ފެންލައިޓް ވެސް ހުރީ ހާމަކޮށްލެވިފަ އެވެ. ނިދާ ބޮކީގެ ފަނޑުއަލި ފެންލައިޓުން ބޭރަށް އެޅިފައިވަނީ މަދު ގެއަކުންނެވެ. ރަށުތެރޭގައި ހިނގާލުމުން ރަށުގެ ޞުލްޙަވެރިކަމާއި އަމާންކަން ވަޒަންކޮށްލުމުގެ ފުރުޞަތު ފަހިވެގެންދެ އެވެ.

ސަވީތާ ފިލާވަޅު ދަސްކުރަން އިނދެ ފޫހިވުމުން ކޮޓަރިއާ އިންވެގެން ބޮޑުމަގާވީކޮޅަށް ހުޅުވާލެވިފައިވާ ކުޑަދޮރުން މަގަށް ނަޒަރު ހިންގާލި އެވެ. އިންފާރު ރާނާފައި ނެތް ހިސާބެއް ކަމުން ގެއާ އިންވެގެން އޮތް ބޮޑުމަގު ހާމައަށް ފެންނަން އޮތެވެ. ފިނިފިނި ވައިރޯޅިއެއް އޭނާ މޫނުގައި ބީހިލި އެވެ. ނަފުސަށް ލިބުނު އަރާމާއި ހިތަށް ލިބުނު ފިނިކަމުން އިތުރު ވައިރޯޅިއެއްގެ އިންތިޒާރުގައި މަޑުކޮށްލެވުނީ ބޭއިޚްތިޔާރުގަ އެވެ. އެއްވެސް ފިކުރެއް ޚިޔާލެއް ނެތި އެވެ. މަގުގެ ދެކޮޅަށް ނަޒަރު ހިންގާލި އެވެ. މީހެއްގެ ހިލަމެއް ހުވަމެއް ނުވެ އެވެ. ފަނިފަކުސާގެ އަޑު ފިޔަވައި އެއްވެސް އަޑެއް ބަޑެއް ނީވެ އެވެ. އަނެއްކާ ވެސް މަޑުމަޑު ވައިރޯޅިއެއް އެ ނާޒުކު މޫނުގައި ބީހިލި އެވެ. ސަވީތާ ހީވަނީ މަސްތުވެފައިވާ ޕަރުވާނާއެއް ހެންނެވެ. ޖެހެމުންދިޔަ މަޑުމަޑު ތެތް ފިނި ވައިގެ ތެރެއަށް ކުޑަދޮރުން މޫނު ނެރެލާ ދޮރުކަނީގެ ތިރީގައި ބަނޑު އަޅައިލަމުން ހަމަޖެހިލީ އެވެ.

މަގުމަތީގެ ހިމޭންކަމުގެ ތެރެއިން މީހެއްގެ ފިޔަވަޅުގެ އަޑު އިވެންފެށި އެވެ. ދުރުން ކައިރިއަށް އަންނަ އަޑު އިވެމުން ފިޔަވަޅުގެ އަޑު ބާރުވަމުން ދިޔަ އެވެ. ދިހަވަރަކަށް ފޫޓު ދުރުން މަގުގެ އެއްކޮޅުން ހިނގާފައި މީހަކު އަންނަތަން ފެނުނެވެ. މަސްވެރިއެއްކަމަށް ހިތައި އެއްވެސް ފަރުވާލެއް ނުބަހައްޓާ މަގުގެ އަނެއް ކޮޅަށް ސަވީތާ މޫނު އަނބުރާލި އެވެ. ވައި ރޯޅިވަނީ އެދިމާއިން ކަމަށްވާތީ އެވެ. އެއާ އެކު މޫނުގައި ބީހިލި ވައިރޯޅިން ލިބުނު ހިތްހަމަ ޖެހުމާއެކު ފިލާވަޅުތަކުން ބަރުހެލިވެފައިވާ ސިކުނޑިއަށް ލިބުނު އަރާމާއެކު އޭނާއަށް ލޯމަރާލެވުނެވެ. އެގޮތުގައި އޮވެވުނީ ކިހާއިރެއް ވަންދެން ކަމެއް އޭނާ އަކަށް ނޭނގެ އެވެ. ކުއްލިއަކަށް އާދަޔާ ޚިލާފު މީރުވަހެއް އޭނާގެ ނޭފަތުގައި ޖެހުނެވެ. ފުން ނޭވާއެއް އެތެރެއަށް ދަމާލެވުނީ އެ ވަހަކީ އޭނާއަށް ފަރިތަވަހެއް ވީމަ އެވެ. އަފްޒަލްގެ ހަނދާންތައް ހިތުގައި އުތުރިގަތީ އެހެންވީމަ އެވެ. އަފްޒަލްގެ ޚިޔާލުތައް އޭނާ ވަށާލި އެވެ. ސްކޫލުގެ މާހައުލެވެ. އެކުގައި ހޭދަކުރެވުނު މަޖާ ވަގުތުތަކެވެ. ތުނޑިމަތީގައި ސަކަރާތްޖެހުމުގައި އުޅެވުނު ގައިގޯޅި މަންޒަރުތަކެވެ. އެ އިޙްސާސްތަކެވެ. ލޯބިން ފިރުމާ ހެދި ހަނދާންތަކެވެ. ކުއްލިއަކަށް ހޫނު ނޭވައެއް އޭނާގެ ނޭފަތުގައި ބީހިލި އެވެ. ސިއްސައިގެން ގޮސް ލޯހުޅުވާލި އެވެ. އޭނާއަށް ފެނުނީ މީހެއްގެ ނޭފަތެވެ. އޭނާގެ ނޭފަތާ ދާދި ކައިރިންނެވެ. މަޑުމަޑުން އިސްއުފުލެވުނީ ކާކުތޯ ބަލާލުމަށެވެ. މޫނެއް ނުފެނެ އެވެ. މޫނު ނިވާވެފައިވަނީ އިސްތަށިގަނޑުންނެވެ. ސިއްސައިގެން ގޮސް އެތެރެއަށް ދެމިގަނެވުނީ އެހެންވީމަ އެވެ. އޭނާ ބިރުން ތުރުތުރު އަޅަން ފެށި އެވެ. އެމީހާ  ސަވީތާއަށް ވުރެ މާ ހުޝިޔާރެވެ. އެތެރެއަށް ވަން ނުވަން ގޮތެއް ނޭނގި ސަވީތާ ދޮރުފަތް ލެއްޕުމުގެ ކުރިން ކޮޓަރި ތެރެއަށް ދެމިގަތެވެ. ސަވީތާއަށް މަޑުމަޑުން ފަހަތަށް ޖެހެން ފެށެވުނެވެ. ފަހަތަށް ޖެހެމުން ޖެހެމުންގޮސް އެނދުގައި ލައިގަތެވެ. ކުއްލިއަކަށް ސަވީތާ އެނދުމައްޗަށް ފަހަތަށް ވެއްޓުނެވެ. ސަވީތާއާ އެއްވަރަށް އެމީހާ ކުރިއަށް ޖެހެމުންގޮސް ސަވީތާގެ ގައިމައްޗަށް ވެއްޓިގަތެވެ. ދިގު އިސްތަށިގަނޑުން ސަވީތާގެ މޫނު ނިވާވި އެވެ. ސަވީތާގެ ދެއަތް އޭނާގެ އެއްއަތުން ތަޅުލި އެވެ. އޭނާގެ ތުނި ތުނި ނިދާ ހެދުން... އެކިތަނުން އިރަ އިރާގެން ދާ އަޑު އޭނާއަށް އިވި އިވި ހުއްޓެވެ. އަތްދިގު ގަމީހެއް ލައިފައިވާ މީހެކެވެ. އިސާހިތު އެމީހާގެ ގަމީސް ދުރަށް ހޫރާލި އެވެ. އޭނާގެ ޖިސްމުގެ ހޫނު އެއްވެސް ހުރަހެއްނެތި ސަވީތާގެ ގައިގާ ބީހެން ފެށި އެވެ.

ސަވީތާ ގަދަ ހަދާ ސަލާމަތްވޭތޯ މަސައްކަތް ކުރަމުން ދިޔަ އެވެ. އަނގަމަތީގައި އަތް އަޅާފައި ވާތީ އަޑެއް ބަޑެއް ލައްވާލުމުގެ ފުރުޞަތު އޭނާއަކަށް ނުލިބުނެވެ. ދެ ލޯ ބޮޑުވެ ފެންކަޅިވަމުން ދިޔަ އެވެ. ބޮލުގެ އިސްތަށިގަނޑު ހޭވެމުން މޫނު މައްޗަށް އިސްތަށިތައް ފައިބަމުން ދިޔަ އެވެ. ގައިގަހުރި ބާރެއްލާ ސަލާމަތް ވެވޭތޯ ސަވީތާ ހިތްވަރުކުރަމުން ދިޔަ އެވެ. އެމީހާގެ ހުޝިޔާރުކަމުން އެއްވެސް ފުރުޞަތެއް ސަވީތާއަކަށް ނުލިބެ އެވެ. އޭނާގެ މަސައްކަތް ކާމިޔާބު ކުރުމަށްޓަކައި ގަދަބަދަވިކަމާ އެކު މަސައްކަތް ކުރަމުން ދިޔަ އެވެ. ސަވީތާ ދެފަރާތަށް މޫނު އަނބުރާލެވޭތޯ ތެޅެން ފެށި އެވެ. އޭނާ ހާސްވަމުންދާކަމުގެ އިޙްސާސް ކުރެވެން ފެށި އެވެ. ކުއްލިއަކަށް ބާރުބާރަށް ހަޅޭއްލަވައި ގަނެވުނެވެ.

"އާތް.... މަންމާ... މަންމާ.... ހައް ހާ" މާނޭވާލަމުން އޭނާ ހަޅޭލަވަމުން ދިޔަ އެވެ. މަޑުމަޑުން ދެލޯ ހުޅުވާލި އެވެ. އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ކުޑަދޮރު ހުރީ ލައްޕާފަ އެވެ. އޭނާގެ ނިދާހެދުމަށް ބަލާލެވުނެވެ. ދެއަތަށް ސަމާލުވެވުނެވެ. އަތުގައި އެއްވެސް އެއްޗެއް ނެތެވެ. ދެލޯ ބޮޑުކޮށް ކޮޓަރި ތެރެއަށް ނަޒަރު ހުއްޓާލި އެވެ. މޭޒުމަތީގައި ހުޅުވާލެވިފައި އޮތް ފޮތުގެ ގަނޑުތައް ފަންކާގެ ވަޔަށް އުކެމުންދިޔަ އެވެ. ސަވީތާއަށް ހޭވެރިވެވުނީ އެހާ ހިސާބުންނެވެ. ފޭރާމެއް ނެތި އެނދުގައި އިށީނދެ އިނދެވުނުގޮތުން ލަދުވެސްގަތެވެ. އޭނާއަށް ފެނުނީ ހުވަފެނެއްކަން އެނގުމުން ފުން ނޭވާއެއް ދޫކޮށްލެވުނެވެ. އެހެނަސް އޭނާގެ ފޭރާން... އެކަމާ އޭނާއަށް ވިސްނެން ފެށުނެވެ. އޭނާގެ އަރު ބެދޭހެން ހީވުމުން ކަބަޑުމަތީހުރި ފުޅިން ފެންތައްޓެއް އަޅައި އެއް ނޭވާއިން ދަމާލި އެވެ. އަދި ލާނެތް ހިނިތުންވުމެއް ވެރިވި އެވެ. ފިލާވަޅުދަސްކުރަން އިނދެ ހޫނުވުމުން ފާޚާނާއަށް ވަދެ ފެންވެރި ހަނދާންވީމަ އެވެ. ފެންވަރާ ނިންމާލުމަށްފަހު ވީ ނުވީ އެއް ނޭނގި ނިދުނީމަ އެވެ. ހުވަފެނާ ދޭތެރޭ ވިސްނާލެވުނީ އޭގެ ފަހުންނެވެ. ސަވީތާ ޖެހިލުންވާން ފެށި އެވެ. އޭނާ ބިރުގަންނަ ގޮތްވާން ފެށީ އެހާ ހިސާބުން ނެވެ. އެނދަށް އަރާ ގައިގާ ބެޑްޝީޓް އޮޅާލެވުނެވެ. މީހާ ތުރުތުރުލާ ފެށި އެވެ. ދާހިތްލާ ފޯވަމުން ދިޔަ އެވެ. އެނދުގެ ކަނަށްވަދެ ފިލޭތޯ އޭނާ މަސައްކަތް ކުރަމުން ދިޔަ އެވެ. ކުއްލިއަކަށް އޭނާ ސިއްސައިގެން ދިޔައީ އެނދުމަތީގައި އޮތް ފޯނު ވައިބްރޭޓް ވާން ފެށުމުންނެވެ. އިހުނަށްވުރެ ބޮޑަށް އޭނާ ބިރުގަތީވެސް އެހެންވީމަ އެވެ. ޖެހިލުންވާ މިންވަރު އިތުރުވެ ތުރުތުރު އިތުރުވަމުން ދިޔަ އެވެ. ފޯނު ވައިބްރޭޓް ކެނޑި އަނެއްކާވެސް ވައިބްރޭޓް ވާންފެށުމުން އޭނާގެ ނަޒަރު ފޯނަށް ހުއްޓުނެވެ. ފޯނުގެ ސްކްރީނަށް ދެ ފަހަރަކު ބަލާލި އެވެ. އޭނާ ހިތާ ހިތާ ކިޔާލި އެވެ.

"އަފްޒަލް...! އަފްޒަލް...! އަނެއްކާ! މިގަޑީ... އައީ ބާ... ނަގަންވީކަން...!"

ބިރުން ތުރުތުރު އަޅައަޅާއޮތް އަތަކުން މަޑުމަޑުން ފޯނު ނެގި އެވެ.

"ހައި... ކޮބާ ދޫނި؟ ނިދަނީދޯ... ހަނދާންވެސް ނެތްތަ؟" އެކޮޅުން ވާހަކަ ދެއްކީ އަފްޒަލެވެ. ސަވީތާ ވާހަކަދެއްކޭތޯ މަސައްކަތް ކުރަމުން ދިޔަ އެވެ. އޭނާގެ ހިތުން ބޭރަށް އެންމެ ލަފުޒެއް ވެސް ނާދެ އެވެ.

"ސަވީ ނިކަން ވާހަކަދައްކަބަލަ... އަހަރެން ހަމަ އައިގޮތަށް މި ގުޅީ ސަވީއަށޭ... އަދި މިހުރީ އެއަރޕޯޓްގަ... މާދަމާ ފުރާ ބޯޓުން ރަށަށްދާ ގޮތަށް މި ނިންމަނީ.... ދެން ވާހަކަ..." އަފްޒަލް އެއް ނޭވާއިން ހުރިހާ ވާހަކައެއް އަމުނާލި އެވެ.

ސަވީތާ ވާހަކަދެއްކޭތޯ މަސައްކަތް ކުރި އެވެ. ހިތްވަރުކޮށްފައި ދެ ތުންފަތް ތަޅުވާލި އެވެ. އެއްވެސް އަޑެއް ބޭރެއް ނުވި އެވެ. އެހެންވެ އޭނާގެ ދެލޮލުން ހޯސް ލާފައި ކަރުނަ އޮހިގަތެވެ. ލޮލުން އޮހެމުން ދިޔަ ކަރުނަތައް ދަތްދޮޅިން ތިކިޖަހަމުން ތިކިޖަހަމުން ދިޔަ އެވެ. މަޑުމަޑުން ގިސްލެވެން ފެށުނެވެ.

"ސަވީ... ސަވީ... އަދިވެސް ނިދަނީދޯ... ނިދީ އޮވެ ފޯނު ނަގައިގެންދޯ!" އަފްޒަލް ނިންމީ ސަވީތާ ނިދީ އޮވެ ފޯނު ނެގުނީ ކަމަށެވެ. އެހެން ހިތައި އޭނާ ފޯނު ކަނޑާލީ އެވެ.

އަފްޒަލް ފޯނު ކަނޑާލުމުން ސަވީތާއަށް ރޮވެން ފެށުނެވެ. އޭނާގެ ހިތް ބާރުބާރަށް ތެޅެން ފެށި އެވެ. ފާޑެއްގެ ތުރުތުރެއްގެ ސަބަބުން ހަށިގަނޑު ރޫރޫއަޅަމުން ދިޔަ އެވެ. ކުއްލިއަކަށް ސިއްސައިގެން ދިޔަ އެވެ. ފޯނަށް މެސެޖެއް އައުމުން ފޯނު ވައިބްރޭޓް ވީމަ އެވެ. ސަވީތާ އަވަސް އަވަހަށް މެސެޖް ހުޅުވާލި އެވެ.

"ހައި ދޫނީ... އައިމް ބެކް އިން މާލެ... ގުޅީމަ ފޯނު ނަގާފަ ވާހަކަ ނުދައްކާ ނިދީދޯ... ބަލާބަ ނިދަން މިޔަރު ހެދިގެން..! މާދަމާ ފުރާ ބޯޓުން ރަށަށްދާނަން އިނގޭ... ހޭލައިގެން ގުޅައްޗޭ... ބައި ޓޭކް ކެއަރ... އުއްމަމމ"  އަފްޒަލްގެ މެސެޖުން ސަވީތާގެ ހިތަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބުނެވެ. އެ މެސެޖަށް ޖަވާބުދޭންވީ ބާއޭ އޭނާގެ ހިތަށް އެރި އެވެ. ޖަވާބު ދިނުމަށްޓަކައި ތުރުތުރު އަޅައި އޮތް އަތުން މެސެޖް ލިޔެލި އެވެ.

"ހައި... ބޭބީ... އައިމް ނޮޓް ސްލީޕިން... އައިމް ސިކް... ޓޯޓަލީ އައިމް ޓަޔަރޑް... ހައު... ކިހިނެއް އަހަރެން މިވާހަކަ އަފޫ އަށް ކިޔައިދޭނީ... ހައު... ހައު.... އައި ޑޯން ނޯ.... ޕްލީޒް ފޮގިވް މީ... ޕްލީޒް... ޕްލީޒް..."

މެސެޖް ލިޔެ ފޮނުވާލުމަށް ތައްޔާރުވި އެވެ. ނަމަވެސް އޭނާ ވިސްނާލި އެވެ. އެވަގުތު އޭނާ ހިތަށް އެރި އެވެ.

" ފޮނުވާފި ނަމަ މައްސަލަ... ނުފޮނުވާނަން...."

އެހެން ހިތާ އޭނާ ލިޔުނު މެސެޖް ފޮހެލުމަށްފަހު އެނދުގައި ހަމަ ޖެހިލި އެވެ. އަފްޒަލްގެ މެސެޖު ލިބުމުން ހިސާބެއްގެ ހަމަޖެހުމެއް ލިބުނު ނަމަވެސް ސަވީތާ މުޅިން ހަމައަކަށް ނޭޅެ އެވެ. ނިދާލުމުން ހަމައަކަށް އެޅިދާނެކަމަށް ހީކޮށް އެނދުގައި ދިގުދެމިލި އެވެ. ގައިގާ ބެޑްޝީޓް އޮޅައިލަމުންނެވެ. އެއާ އެކު ފުން ނޭވާއެއް ދޫކޮށްލަމުން އޭނާ ދެލޯމަރާލި އެވެ. ފަތިސް ނަމާދު ބަންގީގެ އަޑު އިވެން ފެށުމުން އޭނާގެ ނުތަނަވަސްކަން އިތުރަށް ފިލައިގެން ދިޔަ ކަހަލަ އެވެ.

"ހިނގާ މިސްކިތަށް އަރަން. ނިންމާފަ ސަރ އާ ބައްދަލުކުރަން ދާނީ." ކުލާހުން ނުކުންނަމުން އަފްޒަލްގެ އިންތިޒާރުގައި އެކުލާހުގެ ދޮރުމަތީގައި ދަބަސް ކޮނޑުގައި އެލުވައިގެން ހުރި ފަޔާޒަށް އަފުޒަލް ބުނެލި އެވެ.

"ހިނގާ." ފަޔާޒު ހިނގައިގަތެވެ.

"އަފޫއަށް އެނގޭތަ ސަވީ ކުލާހަށް ނާންނަތާ މިހާރު ދެ ދުވަސްވެއްޖެ! އަންނަ ވީކްގަ އެގްޒޭމް ފަށާއިރު...؟" ފަޔާޒް ވާހަކަހުއްޓާލީ އަފްޒަލް ހައިރާންކަމާއެކު އޭނާގެ މޫނަށް ބަލާލުމުންނެވެ.

"އެހެންތަ؟ ނޭނގެ ގުޅީމަ ވެސް ތިކަހަލަ ވާހަކައެއް ނުދައްކާ! ހަމަޖެހިލައިގެން ހަދިޔާތަކާ އެކު މިރޭ ދާންކަނަމަށް މި ހުންނަނީ"

"މަވެސް އަފޫ އައީމަ ބުނަންކަމަށް..." ސިޑިއާ ހަމައަށް ދެވުމުން ދެމީހުން ހިމޭންވެލީ ކުލާހުގެ ދެތިން ކުއްޖަކު ސިޑިމަތީ ތިބީމަ އެވެ.

"އޭ ކައްޕީ ކޮބާ އަހަރުންނަށް ގެނައި ޗޮކް" ކައިރީ ހުރި ނިޔާޒު މަޖާކޮށްލަމުން އަފުޒަލާ ދިމާކޮށްލީ އެމީހުން ސިޑިން ފައިބަން ފެށުމުންނެވެ.

"ދިނީމެއްނު؟ އެކަކަށް ލިބޭނީ އެކެއް. ދެއަކަށް ލިބޭނީ ދޭއް. ތިނަކަށް ލިބޭނީ ތިނެއް. ނިޔާ... ނިޔާ ތީ އެކެއްނު" އަފްޒަލް ނިޔާޒަށް ޖޯކު ޖަހާލި އެވެ.

"އާނ. ކީއްކުރާނީ މިހާރު އެކެއް. ހުރޭ ދުވަސްކޮޅަކުން ފަހަކަށް ހަދާލާނަން. މަ މި ތިހާ ދަށް މީހެއް ނޫންކަން އެނގެއެއްނު" ނިޔާޒުގެ ކާމިޔާބީ ހާމަކޮށްލަމުން މޭ ފުޅާކޮށްލި އެވެ.

"ތިހެން އުޅެނިކޮށް އެންމެފަހުން ކަތިވަޅި ގެއްލި މަރިޔަނބު ގެއްލި ކޮށިދަނޑުގެއްލި ދެ މީދާފެހި ބުޅަލަށްވީވަރު ވެސް ނުވެދާނެ! އެހެންނޫނީ ތާރަ ބަލަން ފެހި ލިބާސްގަނޑަށް ވީވަރުވެސް...." ކައިރީ ހުރި ޒަރީރު އަފުޒަލާ ބައިވެރިވެލި އެވެ.

"ނޫނޭ މިހާރު މަރިޔަބުން ހޯދަން އުނދަގުލެއް ނުވާނެ. އޭނަ އެއީ އެފް ބީގެ ބައްޕަ! މިގްގެ ބޮޑުބޭބެ! ކުލާސް ނިންމާފަ ކަމަކީ އެ! މަށަށް ދެރައީ މި މީސްމީހުން ޗެޓްކޮށްގެން ސަރުކާރުން އެލަވަންސެއް ނުދޭތީ" ފަޔާޒްވެސް އެމީހުންނާއެކު ސިޑިން ފައިބަމުން ދިމާކުރުމުގައި ބައިވެރިވި އެވެ.

"ސަރުކާރޭ ބުނީމަ މިހަނދާންވީ. އަފޫ ޖަޕާނުން ފަޔާއަށް ގެނެސް އޮތީ ރީނދޫ ބޭގަކާ ރީނދޫ ޓީޝާޓެކޯ! އެ ތެދެއްތަ؟" ޒަރީޒު ކަމެއް ހަނދާންވެގެން އަހާލާ ގޮތަށް ފަޔާޒަށް ސުވާލުކޮށްލި އެވެ.

"ހޫނ. މީ އަހަރުންގެ މިސްޓަރ ކަލަރ ބްލައިންޑެއްނު! ކުލަވަކިކުރަން ނޭނގޭ! އެ ދެން އެކުއްޖާގެ މައްސަލައެއް ނޫން! އައިނު އަޅައިގެން އުޅުނަސް އެއީ އަދި މުޅިން ރަނގަޅު ކުރެވޭ ކަންކަމެއް ނޫންވިއްޔަދޯ އަފޫ؟" އަފުޒަލްއަށް ބަލާލަމުން ކޮނޑުގައި ފިރުމާލަމުން ފަޔާޒް ހަމްދަރުދީވެލި އެވެ.

"މަ މިއަދު ކީ އާޓިކަލް އެއްގަ އޮތް ކަލަރ ބްލައިންޑްވަނީ ކީއްވެގެންކަން!" އެމީހުން ދައްކަމުން ދިޔަ ވާހަކައިގެ މައުޟޫޢު ބަދަލުވި އެވެ. އެއިރު ތިބެވުނީ ތިން ބުރީގެ އެއިމާރާތުގެ ކޮރިޑޯ ތެރޭގަ އެވެ.

"ކޮންތާކަށް؟" އަފުޒަލާއި ފަޔާޒް ހުޅަނގުފަރާތަށް މިސްރާބު ޖެހުމުން ޒަރީރު އަހާލި އެވެ.

"މިސްކިތަށް! ހިނގާ އެންމެ ޖަމާއަތް ހަދަން!" ފަޔާޒުގެ ޖަވާބާއެކު ސްކޫލުގެ ނަމާދުކުރަން ތައްޔާރުކޮށްފައިވާ ކުލާހާ ދިމާއަށް އެންމެ މިސްރާބު ޖެހި އެވެ.

"އޭ ކީކޯ އޭގަ ބުނަނީ؟" ޒަރީރު ކުރިން ދައްކަމުން ދިޔަ ވާހަކައަށް ފަޔާޒު މިސްރާބު ޖެހި އެވެ.

"އޭގަ. އޭގަ އޮތީ ކަލަރ ބްލައިންޑްވަނީ ބަލި އެކްސް ކްރޮމޮޒޯމްސްގެ ސަބަބުންނޯ! އަދި އޮތް އެކަން އެގޮތަށް ދިމާވަނީ ބަލި ދެ ޖީން އެކުވުމުންނޭ! އެކަން އެގޮތަށްވެދާނޭ އާއިލީ ގޮތުން ގާތް ދެމީހުން މެރީކުރީމަވެސް. އަދި އެނގޭތަ؟ ޑިފެކްޓިވް ޖީންތައް އަންހެން ދަރިއަށް ވާރުތަވަނީ ބައްޕަގެ ފަރާތުންނޯ. ބައްޕަ ފަރާތުން ފިރިހެން ދަރިންނަކަށް ޑިފެކްޓިވް ޖީނެއް ވާރުތައެއް ނުވެޔޯ. އެކަމު އެކަހަލަ ފޯލްޓީ ޖީންތައް މަންމަ ފަރާތުން އަންހެން ކުދިންނަށާ ފިރިހެން ކުދިންނަށްވެސް ވާރުތަވެޔޯ" ޒަރީރު އޭނާއަށް ލިބިވާ މައުލޫމާތުތައް އެންމެންނަށް ހިއްސާކުރި އެވެ.

"އެއްކަލަ ސައިންސްވެރިން ފެށީ! މަ ހާދަ ބޯރިންގ އޭ ތި ސައިންސަކަށް. ފާޑެއްގެ ޖީނަކާ ކްރޮމޮޒޯމަކާ. ދެން ނޭނގެ ކޯންޗެއްތަ؟. ކާ އެއްޗެއްތަ؟" އަފުޒަލް ޒަރީރުމެންނަށް ދިމާކޮށްލަމުން ހޭންފެށި އެވެ.

"ހެއް ހެއް! ޒަރީ ތި ވަރަށް އިންފޮމޭޓިވް އާޓިކަލް އަކަށްވާނީ! މަ ކުޑަކަމެއް ސްޓަޑީއެއް ކުރަމުން މިދަނީ ފެމެލީ ރިލޭޝަންހުންނަ މީހުން މެރީކުރީމަ ލިބޭ ގެއްލުންތަކާގުޅޭ! ތި އާޓިކަލް މަށަށް ދޭންވާނެ އިނގޭ" ޒަރީރުއަށް ބަލާލަމުން ފަޔާޒު ބުނެލި އެވެ.

"އެޔޯ! އަނެއްކާ ހައްޖު އެއީ ފަޔާގެ ފެމެލީ ކުއްޖެއްތަ؟ އެނީވޭ... ގެނޭ ޕެން. މަ ލައިދޭނަށް.. ނޫނީ ހިނގާ ނަމާދުކޮށް ނިންމާ ލެބަށް." ޒަރީރުގެ ވާހަކަ މެދުކަނޑާލީ ނިޔާޒު އާ އަފުޒަލް އާއި ދެމީހުން ބިނދި ބިނދިފައި ހެމުން އެދެމީހުންނަށް ޖޯކު ޖަހާތީ އެވެ.

"ހެޔޮ މީހުން ކިތައްމެ ޖޯކެއް ޖެހިޔަސް. ކިތައްމެ މަލާމާތެއް ކުރިޔަސް. އަހަންނަކަށް މިހުރިހާ ކަމަކަށް ދެން ކެތެއް ނުވާނެ." ސަވީތާ ފޯނުން ވާހަކަދައްކަމުން ދިޔައީ ހައްޖަ އާ އެވެ.

"ސަވީ. ތިކަހަލަ ބޮޑު ނިންމުމެއް ނިންމާއިރު ވިސްނަން ޖެހޭ ވަރަށް ގިނަ ކަންތައް ހުންނާނެ" ހައްޖަގެ އަޑު ފޯނުން އިވިއިވި ހުއްޓެވެ. އޭނާ މަސައްކަތް ކުރަމުންދިޔައީ ސަވީތާއަށް ވިސްނައިދެވޭތޯ އެވެ.

"ވަރަށް ވިސްނައިފިން! ކިޔެވުން ނިމެންދެން ގޮތެއް ނުނިންމާ މި މަޑުކޮށްލީވެސް... ވެދާނެ ގޮތަކަށް ވިސްނާފަ" ސަވީތާގެ ލޮލުން ކަރުނަ ހިލެމުން ދިޔަ އެވެ.

"ތީގަ އަހަންނަށް ފެންނަނީ ހުރިހާ ވާހަކައެއް ކިޔައިދެން! ސަވީއަށް ނުކެރެންޏާ އަހަރެން ކިޔައިދެންތަ؟ ނޫނީ ފަޔާ ތްރޫކޮށް ގެންދަންވީނު!" ހައްޖަގެ އަޑުގައިވެސް ވަނީ މާޔޫސް ކަމެވެ.

"ކަލޭމެން އެކެއްގެ އެހީއެއްވެސް ބޭނުމެއްނޫން! އަހަރެން... އަހަރެން ގޮތެއް ނިންމައިފިން... މިހާލުގަ ދެ އަހަރު އަހަރެން ކެތް މިކުރީ ރަނގަޅު ގޮތްތަކެއްވާނެ ކަމަށް ހީކޮށް... ސްކޫލު ނިމުނީމަ ދެން.." ސަވީތާއަށް ވަނީ ވަރަށް އަސަރުކޮށްފަ އެވެ. އޭނާ ހުއްޓާލީ އެހެންވީމަ އެވެ.

"ދެން؟" ހައްޖަ ކަންބޮޑުވާ ރާގެއްގައި ސުވާލު އަމާޒުކޮށްލި އެވެ.

"ތި މީހުންވެސް ނުފެންނާނެ! ފަޔާވެސް ދާނީ މާލެ! ތީ ސްކޫލު ދައުރުގެ ރަހުމަތްތެރިކަން! އެކަން މިހާރުވެސް އެބަ އިހްސާސްވޭ. ޓެސްޓު ނިންމާފަ އަދި މިވީ ދެ ހަފުތާ... ތީން މީހެއްގެ ޚަބަރެއް..." ސަވީތާގެ އަޑުގައި ހަރުކަށިކަން އެކުލެވެމުން ވާހަކައިގެ ރޫޙް ބަދަލުވަމުން ދިޔަ އެވެ.

"އޯކޭ. މިގަޑީ އިހަށް ބާއްވަނީ. އަހަރެން ހަވީރުން ދާނަން ތިކަމާ ވާހަކަދައްކަން." ސަވީތާގެ އިޙްސާސްތައް ހައްޖަ ދެނެގަތެވެ. އޭނާ އެމަޟޫޢުގައި އިތުރަށް ވާހަކަ ނުދެއްކީ އެހެންވީމަ އެވެ.

ހައްޖަ ފޯނު ބޭއްވުމާއެކު ސަވީތާ މޫނުމައްޗަށް ވެރިވަމުންދިޔަ ކުލަވަރު ބަދަލުވަމުން ދިޔަ އެވެ. ދެ ލޯ ކުޑަކޮށްލި އެވެ. މޫނުގެ ކުލަ ރަތްވި އެވެ. ނިތަށް ރޫއަރުވާލަމުން ތުން އޫކޮށްލި އެވެ. ހިތްހަމަ ނުޖެހުމުގެ އަސަރުތަކުން މީހާ ވަށާލި އެވެ. އޭނާގެ ޟަމީރު އޭނާއަށް ބުނަމުން ދިޔަކަހަލަ އެވެ.

"އޭ މީނދަ މޮޔަޔާ... ކަލޭ ތީ ކާކު... އޭނާ އެބަ އުޅޭތަ ކަލެޔާހެދި ހޭބަލިވެގެން... ކަލޭ... ކަލޭ ހުރި މޮޔަކަށް ނިކަން ދެކިބަލަ... އޭނާ ކަލެޔަކާ ނީންނާނެ... އިނަސް ކަލޭއަކަށް އެއްވެސް އުފަލެއް ނެތް... ކަލޭ ތިޔަހުރީ އިނދެގެން އެގެޔަށް ދާން އެއްބަސްވެގެން... ކަލޭއަށް އެނގޭތަ އެގެއަށް ހިނގައްޖެ ނަމަ ކަލެއަށްވާނެ ގޮތް... އެ ނުލަފާ އަފުރޭ ކަލޭގެ ދުވަސް ދުއްވާލާނެ... އޭނާ ކަލޭގެ ފުށުން ބަދަލު ހިފާނެ... ކަލޭއަށް އެގޭގަވެސް މިގޭގަވެސް އަފްޒަލާ އިނދެގެން އެއްވެސް ހަމަޖެހުމެއްނެތް... ކަލޭ ތީ... ކަލޭ ތީ ބޭކާރު މީހެއް.... ކަލޭ ސަލާމަތްވާން ބޭނުންތަ؟ އެހެންވީއްޔާ މަ ބުނާ ގޮތް ހަދާ! އަވަހަށް... އަވަހަށް ތިކަމުން ސަލާމަތްވޭ... އެހެންނޫނީ...."

ސަވީތާއަށް އޭނާގެ ޟަމީރުގެ މައްޗަށް ބާރެއް ނުފޯރުވުނެވެ. އޭނާގެ ޟަމީރުގެ ވަކިތަކު ދަށުވެ ރަނގަޅަށް ހައްޔަރުވި އެވެ. އެއާއެކު އެނދުމައްޗަށް ބަންޑުން ވެއްޓިގަތެވެ. އޭނާއަށް ރޮވެން ފެށުނީ އޭނާގެ ހަޔާތާމެދު ވިސްނާލުމުންނެވެ. އޭނާގެ ޟަމީރު އޭނާއަށް ވިސްނައިދެމުން ދިޔަ ކަންކަމަށް ފުންނަޒަރެއް ދެވުމުންނެވެ. އެއާއެކު އޭނާގެ ޚިޔާލުގެ ފީތާ އެނބުރެން ފެށުނެވެ. ކުލަ ނުވިކަމުގައި ވީނަމަވެސް އެ މަންޒަރުތައް އޭނާގެ ހިތަށް ފެނެ އެވެ. އަފުރާޙުގެ އުނދަގޫތަކާ ދުއްތުރާތަކެވެ. ޖެއްސުންކުރުން ތަކެވެ. ފުރާނައަށް ނުރައްކާކުރުވި ހާދިސާތަކެވެ. ސިއްރުކުރެވި ސިކުނޑީގައި ބިންވަޅު ނެގިފައިވާ އެ މަންޒަރުތަކުގެ ހަނދާންތައް އޭނާ ވަށާލި އެވެ.

މަދަރުސާގެ އަހަރީ ދުވަހަށް މަދަރުސާ ޒީނަތްތެރިކުރުމުގެ ބުރަމަސައްކަތުގައި އުޅުމަށްފަހު މަދަރުސާގެ މައި ދޮރާށިން ދެ ޖިންސުގެ ކުދިންތައް ނިކުންނަމުން ދިޔަ އެވެ. ހިނިހޮރަކުން ހިނި ނުކުންނަ ފަދަ ބީދައަކުންނެވެ. ދެކުދިން، ތިންކުދިން، ހަ ކުދިން، ފަސްކުދިންގެ ގުރޫޕު ގުރޫޕުތައް ހަދައިގެންނެވެ. ކޯޅިކޯޅިއަށް ބައި ހަދައިގެން އޮލަ ވާހަކަތަކުގަ އެވެ. ހުރިހާ ކުދިންގެ މޫނުމަތިން ފެންނަނީ ވަރުބަލިކަމުގެ ނިޝާންތަކެވެ. ލައިގެން ތިބި އިތުރު ހަރަކާތުގެ ޔުނީފޯމު ވަނީ ހިސާބަކަށް ތެމި ފޯވެފަ އެވެ. ދާހިއްލުމުގެ ސަބަބުން ކުދިންގެ ޓީޝާޓްވަނީ ގައިގާ ތައްވެފަ އެވެ. މަގުމަތި ހަލަބޮލި ވެފައިވަނީ ގެއަށް މިސްރާބު ޖަހައިފައިވާ ދެ ޖިންސްގެ ދަރިވަރުންގެ ހަރަކާތްތަކުންނެވެ. ހައްޖައާއި ސަވީތާ މަޑުހިނގުމެއްގައި އެހެންކުދިންނެކޭ އެއްފަދައިން ކުރިއަށް ދިޔަ އެވެ. އޮލަވާހަކައަކުން ތުންގުޅުވައިގެންނެވެ.

"އަދި ޖަންބްލް ސޭލް ކުލާސް ރޫމު ނުނިމޭދޯ" ސަވީތާ ހައްޖައަށް ސުވާލުކޮށްލި އެވެ.

"ނޫނޭ ނިމެނީ. އަފޫމެންގެ ކާނިވާ އޭރިއާ ނިންމާލީމަ ދެން އެއްކޮށް ފައިނަލްވީ. މިފަހަރު ވަރަށް މަޖާ އަހަރީ ދުވަހަކަށްވާނެދޯ!"

"އާނ. އަސްލު އަހަރީ ދުވަހަކީ ސްކޫލަށް އަންނަ ޢީދަކީ. ކުރިން މިސްކޫލުގަ އެކަންވެސް ގެންދަނީ އެއްޗަކަށް އެއްޗެއް ހަދާ އުޞޫލުން!" ސަވީތާ ސްކޫލާމެދު އުފެދެމުން ދިޔަ ޝުޢޫރުތައް ހާމަކުރި އެވެ.

"އަސްލު ކުދިން އުޅުނީމަ ކަންކަން ވާކަން މިއެނގެނީ! މިފަހަރު އެބަ އެނގޭދޯ ކުދިން އުޅުނީމަ ކޮންމެ ކަމެއްވެސް ވާނެކަން! މީ ވަށާޖެހޭ ތައުލީމަކީ!" ހައްޖަ ކުށްވެރިކުރީ ދަރިވަރުންނެވެ.

"ތިބުނީ ހަމަ ރަނގަޅަށް. މި ފަހަރު އަފޫމެން ވަރަށް އެބަ ހިންގާލާ! ދެން ފަޔާ އެހުރީ ދަރިވަރުންގެ ގުންޒަރު ހިންގަން! އަފޫ ކައްޕިއަކަށްވެ ސަވީ ވައިސް އަކަށްވެ ފަޔާ ގުންޒަރުގެ ރައީސަކަށްވީމަ މިހާ ކޫލްކޮށް މިދަނީ! އަނެއްކާ ތި ތިން މީހުން ގުޅިފަ ސަރ ވެސް ފައްކާވީމަ މިހާ ސަޅިކޮށް މި ގެންދެވެނީ" އަފުޒަލްގެ ކެރުންތެރި ކަމާމެދު ފަޚްރުވެރިވެލަމުން ހައްޖަ ތަޢުރީފުކޮށްލި އެވެ.

"އަސްލު ނުޖެހެޔޭ ކުރީގަ ބާއްވާހެން ލަވަ ޖަހާ ނަށާފަ ޝޯވ ބާއްވާކަށް. މިހާރު މިގެންދާގޮތުން ދަރިވަރުންގެ ފަންޑް ރައިޒްކުރެވި އެންމެން އެކުވެ އެއްބައިވަންތަ ވެގެންދާނެ!" ސަވީތާވެސް ހައްޖަގެ ތައުރީފުގައި ބައިވެރިވެލި އެވެ.

"އޭ މަ މިގޯޅިން އަޅަނީ. އަދި އެބަޖެހޭ ގެއަށް ދިއުމުގެ ކުރިން މަންމައަށް ދޮންތަމެން ގެއިން މުރަނގަފަތްކޮޅެއް ގެންގޮސްދޭން" ހަތަރުއަނގޮޅި ކަންމައްޗަށް ހުއްޓިލަމުން ހައްޖައަށް އިޝާރާތްކޮށް ސަވީތާ ބުނެލި އެވެ.

"ހޫމް އޯކޭ. މަވެސް ގެއަށް ގޮސް މިއުޅެނީ ބޮޑައްތަމެން ގެއަށް ޖައްސާލަން. އެނގޭތަ ބޮޑައްތަގެ ފިޔާ އެބައުޅެޔޭ އައިސްގެން"

"އެހެންތަ ފިޔާ ނިންމާލީތަ؟" ސަވީތާ ހައިރާންވެ ހުރެ ހިނިތުންވެލި އެވެ. މޫނުމައްޗަށް އުފާވެރިކަން ވެރިވި އެވެ.

"ނިންމާފަޔޯ އައީ. އެކަމު އަދި ގްރެޖުއޭޝަނަށް ދާނެޔޯ. މަންމަބުނި ވަރަށް ސަޅި އޭ. ހީވަނީ ހަމަ މެލޭ މީހެއް ހެންނޭ." ހައްޖަ ތައުރީފުކުރަމުން ދިޔައީ އޭނާ ބޮޑުދައިތަގެ ދަރި އަށެވެ. ސަވީތާ ދެބެންގެ ދެދަރި ދައްތައެއް ކަމަށްވާ މުނީރާގެ ދޮށީ ފިރިހެން ދަރިފުޅުކަމަށްވާ ފިޔާޒަށެވެ.

"އެހެންތާވާނީ. ފިޔާ އެއީ ކުރިންވެސް ނުލާހިކު ސްމާޓް މީހެއް! ތި ވީގޮތުން ކޮންމެހެންވެސް މިރޭ ވާނެ އެގެއަށްދާން. ހަދިޔާ އަތުލަން ޖެހޭނެއްނު!"

"އެހެންވީމަ އަހަރެންވެސް ދާނީ ސަވީއާ އެކު މިރޭ. މިތާ މަގުމެދުގަ ފިޔާގެ ވާހަކަ ދައްކަން ތިބެވިދާނެ. ސަވީ ތިހުންނަނީ މާ ފިޔާ ވެފަ ވިއްޔަ!" ހައްޖު ދެކޮޅު ބަލާލަމުން ވާހަކަ ދެއްކީ ސްކޫލާވީކޮޅުން އެމީހުންގެ މުދައްރިސާއެކު ފަޔާޒާއި އަފުޒަލް އަންނަތަން ފެނުމުންނެވެ.

"އޯކޭ މަ ގުޅާނަން" ސަވީތާ ޖެހިގެން އޮތް ގޯޅި އެޅި އެވެ.

އަވަސް ހިނގުމެއްގައި ދެފަރާތަށް ބަލަމުން ސަވީތާ މިސްރާބު ޖެހީ އޭނާގެ ދޮންތަ ކަމަށްވާ ފަރީދާގެ ގެއަށް ދިއުމަށެވެ. އެއީ ރަށުގެ މީހުން އުޅޭ ސަރަހައްދާ ތަންކޮޅެއް ދުރުގައި ހުންނަ ގެ އެކެވެ. ގެއަށް ދެވޭނީ ބަރިބަރިއަށް ހުރި ހުސްގޯތި ތަކެއް ހުރަސްކުރުމަށް ފަހުގަ އެވެ. ހުސްގޯތިތައް ހީވަނީ ބިޔަ ޖަންގައްޔެއް ހެންނެވެ. ފަޅު ސަރަހައްދެއްގައި ހެދޭ ފަދަ ބޮޑެތި ކަށިކެޔޮ ގަހާއި ނިކަ ކާނި ފަދަ ގަސްގަހުންނެވެ. އެގެއަށް ދާން އޮންނަނީ ދެމީހަކަށް އެކުގައި ދާން އުނދަގޫވާފަދަ މަގެކެވެ. އެހާވެސް ހިމަ އެވެ. މަގުގެ ދެފާރާތުން ކަށިކެޔޮ ގަހާއި މިރިހި ގަސްތަކުން ވަނީ ބެދެން ކައިރިވެފަ އެވެ.

"އޭތް އެކޮއެ ސަވީ... ކޮންތާކަށް ތި ވަންނަނީ؟" ސަވީތާ މަގާ ހަމައަށް ދެވުނު އިރަށް ފަހަތުން މީހަކު ގޮވާލި އަޑު އިވިގެން ބަލައިލި އެވެ. ފަރީދާ އެވެ.

"މި ދަނީ ތި ގެއަށް! މަންމަ ބުނެގެން މުރަނގަ ފަތްކޮޅެއް ބަލާ. ކޮންތާކަށް ދޮންތަ ތި ދަނީ" ވިއްސަކަށް ފޫޓް ދުރުގައި އެ ސަރަހައްދުގައި އޮތް ހަމައެކަނި ހާމަ މަގުގެ މެދުގައި ހުރި ފަރީދާއާ ދިމާއަށް އެނބުރިލަމުން އަޑު އިވޭވަރަށް ސަވީތާ ބުނެލި އެވެ.

"ތި މިހާރު ބޭނުންކުރާ މަގެއް ނޫނޭ. ދޮރުމަތީ މަގުން ދޭ. ގޮސް ފަތް ކަނޑާ. ދޮންތަ މިދަނީ ފިހާރައަށް. އެކަކުވެސް ނޫޅޭނެ ގެއަކު. ދޮންތަވެސް އަންނާނީ ބޮޑުދައިތަ ކައިރިއަށްވެސް ވަދެފަ. ގިފިލީ ހުރި ގަހުގަ ހުންނާނެ ދޮންވެފަ ހުރި މިރުސްކޮޅަކާ ޓޮމާޓޯ ކޮޅެއް އެ ވެސް ބިނދެލައިގެން މަންމަ އަށް ގެންގޮސްދީ! ކާގޭ ގޮށިދަށުގަ ހުންނާނެ ގަހުން މިއަދު ބިން ދެ އަންނާރާ އަތަކޮޅެއް! އެވެސް ގެންދޭ!" ފަރީދާވެސް ސަވީތާއަށް އިވޭވަރަށް ބާރަށް ބުނެލި އެވެ.

ސަވީތާ އާއެކޭ ބުނުމުން ފަރީދާ މިސްރާބު ޖެހީ ރަށުތެރެއަށް ދިއުމަށެވެ. ސަވީތާވެސް ވިސްނާލަށް ހުރެފައި ކުރިންވެސް އެގެއަށް ދިއުމަށް އިޚްތިޔާރު ކުރިމަގުން ދެވޭތޯ ހިނގައި ގަތެވެ. ގަސްތަކުގެ ހިޔަލުން މަޑުމަޑުން ހުރެ ހިނގަމުން ދިޔަ އެވެ. ހިސާބަކަށް ކާޅާއި ކޮވެލީގެ އަޑު އިވި އިވި ހުއްޓެވެ. އޭނާގެ ހިތް ބިރުގަންނަން ފެށީ ކޮވެލީގެ އަޑު އިހުނަށްވުރެ ބާރުވުމުންނެވެ. އޭނާ ހިނގަމުން ކުރިއަށް ދިޔަވަރަކަށް ކާޅު ގޮވުން ބާރުވަމުން ދިޔަ އެވެ. ކުއްލިއަކަށް ސިއްސައިގެން ދިޔައީ އޭނާގެ ކުރި ކަނޑާލާފައި ކަޅު ބުޅަލެއް މަގު ހުރަސް ކުރުމުންނެވެ. ސަވީތާއަށް ލިބުނު ކުއްލި ސިހުމާއެކު ސިއްސައިގެން ގޮސް ހަޅޭ ލައިވާ ނުގަނެވުނީ ހަމަ ކިރިޔާ އެވެ. އަނގަމަތީ އަޅާލެވިފައިވާ އަތް ނަގަމުން ފަހަތަށް ބަލާލެވުނެވެ. ހަނި ދިގު އެމަގުގެ މެދާ ހަމައަށް އާދެވުނުކަން އެނގުނީ އެހާ ހިސާބުންނެވެ. ކުރިމައްޗަށް ނަޒަރު ހުއްޓާލި އެވެ. ގަސްތަކުގެ ފަތްތަކާއި ދެ ގޮފި ދޭތެރެއިން ފަރީދާގެ ގޭގެ ފުރާޅުން ތަންކޮޅެއް ފެންނަމުން ދިޔަ އެވެ. ހިސާބަކަށް ހަމަ ޖެހިލަމުން ކުރިއަށް ހިނގައި ގަތެވެ. ދެފިކުރެއް މަތީ ހުރެގެންނެވެ. އޭނާ ހިތަށް އަރަމުން ދިޔައީ ކޮންމެވެސް ކަމެއް ވާން އުޅެނީ އެވެ. ހިތާ ހިތާ ބުނެލުނެވެ. "މި ވަރަށް ކާޅު ގޮވާނީ ކޮންމެވެސް ނުބައެއް އުޅޭތީ! މަންމަ އަބަދުވެސް ބުނާނެ ކާޅު ގޮވަންޏާ އެތަނަކަށް އެކަނި ނުދާށޭ!"

"އާތް މަން..މާ" ސަވީތާއަށް ހަޅޭލަވައިގަނެވުނީ އޭނާގެ ބޮލަށް ކާޅެއްގެ ތުންގަނޑު ހަރާލުމުންނެވެ. ލިބުނު ކުއްލި ސިހުމާއެކު ބޮލުގައި ދެއަތް އަޅާލެވުނެވެ. ބާރު ބާރަށް ކުރިއަށް ދުއްވާ ގަނެވުނެވެ. އޭރުވެސް ކާޅުތައް ގޮވަމުން އޭނާގެ ފަހަތުން ގަސްތަކު މަތިން މަގާދިމާއަށް ހާމައަށް އޮތް ތަނުން އުދެހެމުން ދިޔަ އެވެ. ސަވީތާ އެދިޔަ ބާރުމިނުގައި ދުވެފައިގޮސް އެގޭގެ އަސްކަނި ދޮށަށް މަޑުކޮށްލި އެވެ. މީހާ ހުރީ ހިސާބަކަށް ވަރުބަލި ވެ ގުނބުހިލިފަ އެވެ. މާނޭވާ ލެވެމުން ދިޔަ އެވެ. އަސްކަނި ދޮށުގައި ހުރި ދަގަނޑު ޖޯލިފަތީގެ ހުރަސް ދަގަނޑުގައި އަރިއަކަށް ވާގޮތަށް އިށީނދެވުނީ އެހެންވީމަ އެވެ. ވަރުބަލި ފިލުވާލުމުގެ ބޭނުމުގަ އެވެ. މަޑުމަޑުން ޖޯލީގައި އިށީނދެ ހަމަޖެލި ލެވުނެވެ. ދެލޯ މަރާލަމުން މޫނުގައި އަތްއަޅާލެވުނެވެ. ފުންނޭވާއެއް ދޫކޮށްލަމުން މޫނު ފޮހެލި އެވެ. މޫނު ފޮހެލުމަށް މޫނުގައި ބޭއްވުނު ދެ އަތުގެ ދެ އިނގިލި ދޭތެރެއިން ކުރިމަތިން ފެނުނު މަންޒަރުން އޭނާ ދިޔައީ އެއްލިގެންނެވެ. އަފުރާހެވެ. ނުހަނު ގާތުން ފެނުނީމަ އެވެ. އޭނާގެ މޫނާ މޫނު ޖެހޭހާ ކައިރިންނެވެ.

އަފްރާޙް ސަވީތާގެ މޫނަށް ފުމެލި އެވެ. އެއާއެކު ސަވީތާއަށް ބޭއިޚްތިޔާރުގައި ލޯމަރާލަން މަޖުބޫރުވި އެވެ. ހޫނު ނޭވާއެއް ލޮލަށް އެޅުމުންނެވެ. ސަވީތާ އެއްޗެކޭ ބުނަން އަނގަހުޅުވާލުމާ އެކު އަފްރާޙް ނޭފަތުގައި އޭނާގެ ކަނާއަތުގެ ޝަހާދަތް އިނގިލި ޖައްސާލަމުން "ޝޫޝް" ލައްވާލި އެވެ. އަދި ދެއަތަށް ބޯ ހޫރާލި އެވެ. މޫނު މައްޗަށް ހަރަކާތްތަކެއް ގެންނަމުން ތިރިއަށް އަނގަ ފޭކޮށްލަމުންނެވެ.

"މިއަދު އަހަރެން ބޭނުންވާ ކަންތައް ކޮށް ނުދީފި ނަމަ..." އޭނާގެ ވާއަތުގައިވާ ކަތިވަޅި ނަގާ ސަވީތާއަށް މަޅާލަމުން ބިރުދައްކާލި އެވެ.

"ނޫން ނޫން..." އޭނާއަށް ލިބުނު ހައިރާންކަމާއެކު ދެފަރާތަށް ބޯހޫރާލެވުނެވެ. ހިތަށް ވެރިވެފައިވާ ބިރުވެރިކަމާ ލިބިފައިވާ ނުތަވަސްކަމުގެ ސަބަބުން މުޅި މީހާ ދާހިތްލަމުން ދިޔަ އެވެ. އަފްރާޙްގެ ހަރަކާތްތަކަށް ނަޒަރު ހުއްޓާލައިގެން އިން ސަވީތާގެ ލޮލުން ކަރުނައިގެ އަސަރު ފާޅުވަމުން ދިޔަ އެވެ.

"އަފުރޭ އަހަންނަށް ތިހެން ނުހަދާ... އަފުރޭ އަހަރެން... އަހަރެން އަފުރޭ ބުނި ކޮންމެ ކަމެއް ކޮށްދީފާނަން... ޕްލީޒް އަހަންނަށް ތިހެން... ތިހެން ނުހަދާ!" ސަވީތާ އަށް ގިސްލެވެން ފެށުނެވެ. އޭނާގެ ހިތް ބާރުބާރަށް ތެޅެމުން ދިޔަ އެވެ. ވިންދު އަވަސްވަމުން ނޭވާ ހިނގުން ހަލުއިވަމުން ދިޔަ އެވެ.

"ބުނޭ އާއެކޭ...  އަހަރެން ދެކެ ލޯބިވަމޭ... ބުނޭ... އެހެންނޫނީ..." އަފްރާޙް ސަވީތާގެ ދެ ކޮނޑުގައި ހިފާ ސަވީތާ ނަގަމުން އޭނާގެ ލޮލަށް ނަޒަރު ހުއްޓާލި އެވެ.

ސަވީތާ ގެންފައިވާ ބިރުގެ ސަބަބުން ހަދަންވީ ގޮތެއް ކުރަންވީ ކަމެއް ނޭނގިހުރެ އަފްރާޙްގެ ހަރަކާތްތަކަށް ލެނބެމުން ދިޔައީ އިޚްތިޔާރުން ބޭރުވެ ހުރެ އެވެ.

"ކީއްވެ އެއްޗެކޭ ނުބުނީ؟" އަފްރާޙް ސަވީތާގެ ކޮނޑުގައި ހިފާ މަޑުމަޑުން ތަޅުވާލި އެވެ.

ސަވީތާއަށް ލިބުނު ސިހުމާއެކު ދެލޯ ބޮޑުކޮށްލި އެވެ. އަފްރާޙުގެ އަތުގައި އޭނާއާ ދިމާއަށް މަޅާލެވިފައިވާ ތޫނު ކަތިވަޅި ފެނުމުންނެވެ. ހޭނެތިފައި އޮތުމަށްފަހު އޭނާ ހޭވެރިކަން ވީކަހަލަ އެވެ. ވިސްނާލެވުނީ ދެނެވެ. އަފްރާޙްގެ ކިބައިން މިންޖުވާނެ މަންތަރެއް ހެދޭތޯ އެވެ.

"އަފުރޭ... ނިކަން ހަމަ ޖެހިބަލަ... ގެނޭ ތި ކަތިވަޅި އަހަރެން އަތަށް" ސަވީތާ އޯގާތެރިކަމާއެކު އަފްރާޙުއާ ވާހަކަދައްކަމުން ދިޔަ އެވެ. މަޑުމައިތިރިކަމާއެކު އޭނާގެ އަތުގައި ފިރުމާލަމުން ކަތިވަޅި އަތުލާ އަސްކަނި ދޮށަށް އެއްލާލި އެވެ.

"އަފުރޭ އަހަރެން އަހަރެން ދެކެ ލޯބިވޭތަ؟ ކިހާވަރަކަށް ލޯބިވޭތަ؟ ނިކަން... ނިކަން އަހަންނަށް ބުނެދީބަލަ... އަހަންނަށް..." ސަވީތާ ހިތުގައި ޖެހުނަސް ޢަޒުމު ވަރުގަދަކޮށްފައިވާ ވާހަކަކުރިއަށް ގެންދިޔަ އެވެ. ބޭނުމެއް އޮތީމަ އެވެ.

"ސަވީ އަހަރެން... މި ދުނިޔެ މަތިން މި ވަރަށް ލޯބިވާ ހުރީ ހަމަ އެކަނި ސަވީ... ސަވީއަށް އަހަރެން ލޯބިވާވަރު ބަޔާންކޮށްދޭނީ ކިހިނެއް... އަހަރެން މިއަދު ބޭނުންވަނީ ސަވީގެ އެހީތެރިކަން... ސަވީގެ ލޯބި... ސަވީގެ އޯގާތެރިކަން... އަހަރެން ޤަބޫލުކުރަން އަހަރެންމީ..." އަފުރާޙްގެ މޫނުމަތިން ހިތާމައިގެ އަސަރު ފާޅުވާން ފެށި އެވެ. ލޮލުން ކަރުނަ ހިލެމުން ދިޔަ އެވެ.

ސަވީތާގެ ހިތުގެ ހިނގުން އަވަސްވެ ގިސްލެވެން ފެށުނެވެ. އޭނާގެ ކޮނޑުގައި ބާއްވާލެވިފައިވާ އަފްރާޙްގެ ދެއަތް ނަގާ އަފްރާޙުގެ ދެއަތުގެ ބަނޑުފުށް ޖައްސާލަމުން އޭނާގެ އަތް އެ ދެއަތުގައި ވަށާލަމުން އެ އަތުގައި ބޮސްދޭން ފެށި އެވެ. ގިސްލަމުން ރޮމުން ވާހަކަ ކުރިއަށް ގެންދިޔަ އެވެ.

= ނުނިމޭ =

އަފްޒަލް

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ