އަފްޒަލް (ފަސްވަނަ ބައި) — Ihavandhoo.com

އަފްޒަލް (ފަސްވަނަ ބައި)

"އަފްރޭ... އަހަންނަށް މައާފުކުރޭ... މިއަދު އަހަންނަށް... އަހަންނަށް މިހުރެވުނީ އަފުރޭގެ ތިޔަ ހުށަހެޅުމަށް ޖަވާބު ދެވޭފަދަ ހާލަތެއްގަ ނޫން... މިއަދު އަހަރެން... އަހަރެންމީ... އަފުރޭގެ ބޭބެ އަފްޒަލްގެ ޙައްޤެއް... އަހަރެން މީ އޭނާގެ ލޯބިވެރިޔާ... އަހަރުމެން ދެމީހުން އެކަކު އަނެއްކަކު ދެކެ އިންތިހާއަށް ލޯބިވޭ! މިކަން އަފުރޭ އަށްވެސް އެނގެއެއްނު!"

އަފްރާޙުގެ މިޒާޖަށް ބަދަލުތަކެއް އަންނަން ފެށީ އެހާހިސާބުންނެވެ. އޭނާ އަހަން ބޭނުންނުވާ އަޑެއް އިވުމުންނެވެ. މޫނުމަތީގެ ކުލަވަރު ބަދަލުވަމުން ދެބުމަ ގޮށްޖެހެންމުން ދިޔަ އެވެ. ތުންފަތަށް މަޑުމަޑު ތުރުތުރެއް ވެރިވަމުން ދެއަތް މުށްކަވާލެވުނެވެ. ސަވީތާގެ އަތުގައިވާ އޭނާގެ ދެއަތް ފަހަތަށް ދަމާލި އެވެ. ސަވީތާ ފޮޅުވާލި އެވެ.

"ކީކޭ... އަފުއްކޮގެ ލޯބިވެރިޔާއޭ... ބަލާބަ ހުރި މުޑުދާރުކަން... ގޮތްކުޑަކަން... އަގަލުކުޑަކަން... ކަލޭ ހީކުރީތަ... ކަލޭ... ކަލޭ... ކަލޭއަށް އޭނާއާ ގުޅިގެން އުފަލުގަ އުޅޭވޭނެޔޭ... ހިލާ އެހެންވިޔަކަ ނުދޭނަން... ކަލޭތީ އަހަރެންގެ މީހެއް... ކަލޭ އިންނާނީ އަހަންނާ... ކަލޭ... ކަލޭ..." އަފްރާޙްގެ ރުޅިވެރިކަން އިންތިހާއަށް ދިޔަ އެވެ. ނަމަވެސް އޭނާއަށް އެގޮތުގައި ހުރެވުނީ އިރުކޮޅަކު އެވެ. ސަވީތާ ގިސްލަ ގިސްލާފައި ރޮމުންދާ މަންޒަރު ފެނި އޭނާ ހިތް މަޑުވި ކަހަލަ އެވެ. މަޑުމަޑުން ސަވީތާގެ ގާތަށް ޖެހެން ފެށި އެވެ. ސަވީތާގެ ލޮލުން އޮހެމުން ދިޔަ ކަރުނަތައް ފޮހެލަ ދިނުމަށް އަތްދިއްކޮށްލި އެވެ. ސަވީތާ ފަހަތަށް ޖެހެން ފެށި އެވެ.

"އަހަރެންގެ ކޮން ކުށެއް އޮވެގެންތަ ތިހެން ތިހަދަނީ؟ އަހަރެން ކަލެއަށް ކުރީ ކޮން ކަމެއް؟ އަހަރެން ކަލޭ ދެކެ އެއްވެސް ލޯތްބެއް ނުވަން! ނުވެސް ވާނަން އަހަރެން ލޯބިވަނީ.... ލޯބިވަނީ އަފްޒަލް ދެކެ... ކީއްވެތަ ކަލެއަށް ނުވިސްނިގެން ތިއުޅެނީ؟ ކަލޭ ލަދެއް ނުގަނޭތަ ކޮއްކޮގެ ލޯބިވެރިޔާއަށް ތިހެން ހަދާކަށް؟ އަހަރެންތަ މުޑުދާރީ؟ އަހަރެންތަ ގޮތް ކުޑައީ؟ ނިކަން ބުނެބަލަ..." ސަވީތާ ދުލެއް ނުދެ އެވެ. ރޮމުން ގިސްލަމުން އަފުރާހަށް އެއްޗެހި ގޮވަމުން ދިޔަ އެވެ.

އަފްރާޙު ރުޅިއައިސް ރަތްވި އެވެ. އެއާއެކު ބާރުބާރަށް ސަވީތާގެ މޫނުމަތީގައި ޖެހި އެވެ. ސަވީތާއަށް ލިބުނު ކުއްލި ސިހުމާއެކު އިދިފުށަށް ވެއްޓުނެވެ. އޭނާ ވެއްޓުނުލެއް ބާރުކަމުން ހިސާބަކަށް ތަދުވެސް ވި އެވެ. ތެދުވަން އުޅެނިކޮށް އަފްރާޙް އައިސް އޭނާގެ ބުރުގާގައި ހިފާ ދަމައިގަތެވެ. އަދި ބުރުގާ ހުރާލުމަށްފަހު ވައަތުން އިސްތަށި ގަނޑުގައި ހިފާ ފަހަތަށް ދަމާލި އެވެ. ކަނާއަތުން ސަވީތާގެ ދެ ދަތްދޮޅީގައި ހިފާ ކޮލަށް ފިތާލަމުން ބާރުކޮށްލި އެވެ.

"އަދި ބުނެބަލަ އަހަރެން ދެކެ ލޯތްބެއް ނުވަމޭ" އަފްރާޙް ދަތްކުނޑިވިކާ ހަރުކަށި ކަމާއެކު ބުންޏެވެ.

"ނުވޭ... ނުވޭ... އަހަރެން ކަލޭދެކެ ލޯތްބެއް ނުވޭ... އެއްގޮތަކަށް ވެސް ނުވޭ... ކަލޭ... ކަލޭ ތީ އަހަރެން ލޯބިވާ ވަރުގެ މީހެއް ނޫން... ތީ... ތީ ދުނިޔެއިން މޮޔަވެފައި ހުރި ޤަމާރެއް... ކިތައް ދުވަހު ބުނެފިން މީ ކަލޭގެ ކޮއްކޮގެ ހައްޤެކޭ... ކަލޭ އަށް ކީއްވެތަ ނީވެނީ! ކީއްވެތަ ނުވިސްނެނީ! އާނ! ނުވިސްނޭތާ! ތީ ތަނަކު ހުރި ޖާހިލެއް... ފައްކާ މޮޔަ އެއް...!" ސަވީތާ ދޫކުރާކަށް ބޭނުމެއް ނުވި އެވެ.

އަފްރާޙްގެ ރުޅިވެރިކަން ދެގުނައަށް އިތުރުވި އެވެ. ސަވީތާގެ ކަންކަށިމައްޗަށް ދެވަނަ ފަހަރަށް އަތްދޮވެލީ އެހެންވެގެންނެވެ. ސަވީތާ ބާރުބާރަށް ރޮއެގަތެވެ. ލިބުނު ސިހުމާއެކު ވީދަތުންނެވެ. ތުންފަތުގެ މިޔަކަނުން ލޭހިލެން ފެށިކަން އޭނާއަށް އެނގުމުން ރުޅިވެރިކަން އިތުރުވި އެވެ.

"ތަޅާ... އަދިވެސް ތަޅާ... އަނިޔާކުރޭ... އަހަރެން މަރާ... މަރާ... މަރާ... ކީއްވެ ހުއްޓާލީ؟ ކަލޭ ހީކުރީތަ ލޯތްބަކީ ގަދަބާރުން އަނިޔާކޮށްގެން މިލްކުވާ އެއްޗެއްކަމަށް؟ އަހަރެން އިންނާނެ މީހަކު ނުވެގެން މީހަކާ ނީދެ އުމުރަށް ހުންނަން ޖެހުނަސް ކަލޭއަކާ ނީންނާނަށް... މިއަދު އަހަނަންނަށް އެނގިއްޖެ ތީ... ތީ... ފިރިހެނެއް ނޫންކަން... ކަލޭ ބޭނުންވަނީ... ކަލޭ ބޭނުންވަނީ... ކޮންކަމެއްކަން!" ސަވީތާ އަފްރާޙްގެ ކިބައިން ވީއްލިގަތެވެ. އެއާ އެކު އޭނާގެ ކައިރީގައި އޮތް ކަތިވަޅި ނަގާ އަފުރާހަށް މަޅާލި އެވެ.

ފަރީދާއަށް އެހިސާބަށް އާދެވުނީ އެވަގުތު އެވެ. އެ ދެމީހުން ތިބި ހާލު ފެނިފައި ފަރީދާ ބާރުބާރަށް ހަޅޭލަވާގަތެވެ. 

"ސަވީތާ..." ފަރީދާ އަވަސްއަވަހަށް އައިސް ސަވީތާގެ ގައިގާ އޮޅުލައިގަތެވެ.

"މަގޭ ދަރި ނަސީބެއްނު ދޮންތައަށް އާދެވުނުކަން... ކަލޭ މިހާރު މީހުންގެ ގަޔަށް ބޮލަށްވެސް އަރަންފެށީތަ؟ މިހާރު މިވަގުތު މިތަނުންދޭ! އެހެންނޫނީ ފުލުހުންނަށް އަންގަފާނަށް!" އަފްރާޙު ފެނުމުން ފަރީދާ ހަޅޭލައިވާ ގަތެވެ.

"ދާށޭ މި ބުނީނު... މީހުންގެ ގަޔަށް އަރާ ހިސާބަށް ކަންތައް ދިޔައީމަ ދެން ކުރަންވީ ކަންތައް އަހަރެން..." ސަވީތާ އަތުލަފިކޮށްގެން ގޭތެރެއަށް ދިއުމަށް ފަރީދާ ހިނގައިގަތެވެ. އަފްރާޙް ޖެހި ގަލެއްހެން ހުރިގޮތަށް ހުރީ އެވެ.

ފަރީދާގެ އެހީއާ އެކު ސަވީތާ ގޭތެރެއަށް ވެއްދި އެވެ. ސޯފާގައި ބާންދަމުން ސަވީތާގެ މިޔަކަނުން ފައިބަމުން ދިޔަ ލޭތައް ކަފަކޮޅަކުން ފަރީދާ ފުހެލަ ދިނެވެ.

"ދޮންތާ މި ވާހަކަ މީހުންގާތު ނުދައްކާތި...  މީ އަލަށް... އަލަށް ވާކަމެއް ނޫން..." ސަވީތާ ބޭނުންވީ އެކަން ސިއްރު ކުރާށެވެ. އަދި ކަންހިމަގުންދާ ގޮތް ފަރީދާއަށް ހިއްސާކުރި އެވެ. އެނޫން ގޮތެއް ނެތީމާ އެވެ.

"އަފްޒަލް ކިތައްމެ ރަނގަޅަސް ދޮންތައަކަށް ތިކަމަކާ ދެން ޤަބޫލެއް ނުވެވޭނެ... ކާކު އެމީހެއްގެ ދަރިއެއް އެނގި އެނގި ހުރެ ހަލާކެއްގެ ތެރެއަށް ދޫކޮށްލާނީ... އަހަރެންގެ ދަރިއެއް ނޫނަސް މިގެއަށް އަންނަންދެން ސަވީއަށް ބޭނުންވާކަންކަން ކޮށްދީ ހޭހަން ކުރުމުގައި މިދޮންތަ އަދާކޮށްފައިވާ ދައުރު ވަކިން ކުޑައެއް ނުވާނެ. އެހެންވެ ދޮންތަ ދެކެނީ ދީ ދޮންތަގެ ދަރިއެއްކަމަށް" ފަރީދާ ފެންކަޅިވެ ވާހަކަދެއްކީ ސަވީތާގެ ހާލަތު އޭނާ ކިޔައިދިނުމުން އެކަމާ ފިކުރުބޮޑުވާކަން ހާމަކުރުމަށެވެ.

"ނޫން ދޮންތާ... އަހަރެން... އަހަރެން... އަފްޒަލް...." ސަވީތާ ފެންކަޅިވީ އެހާ ހިސާބުންނެވެ. ފަރީދާގެ ގައިގައި އޮޅުލައިގަތެވެ.

"އާނ... ދޮންތަ ދެއްކީ ތެދުވާހަކައެއް... މިއަދު އެކަން އަހަންނަށް ވިސްނިއްޖެ... އަފްޒަލް ކިތައްމެ ރަނގަޅަސް... އަފްޒަލްގެ އާއިލާއިން އަހަންނަށް ކިތައްމެ އަޅާލިޔަސް... ހަތުރެއް އުޅޭ ހިޔަލަކަށް އަހަރެން ދާކަށް ބޭނުމެއްނޫން... އެނގި އެނގިހުރެ އެކަމުގެ ތެރެއަށް ފުންމާލާކަށް އަހަރެން ބޭނުމެއް ނޫން... އެކަމަކު" ސަވީތާ ބޭއިޚްތިޔާރުގައި ބުނެލި އެވެ. ބާރުބާރަށް ބާލީހުގައި ބައްދާލަމުން ރޯންފެށި އެވެ. އޭނާއާ ދޭތެރޭ ކަންތައް ވަމުން ދިޔަ ގޮތްތަކުން ނެވެ. އަފްރާޙުގެ ސަބަބުން ލިބެމުންދާ އަނިޔާތައް ހަނދާންވުމުންނެވެ. އެޚިޔާލުތަކުން އޭނާ މާޔޫސް ކުރުވާތީ އެވެ. އެއަނިޔާވެރި ހަމަލާތަކުން އޭނާގެ ކުރިމަގު ބަނަކުރުވާތީ އެވެ. އަފްޒަލާ އެކު ބިނާ ކުރަމުން އައި ލޯބީގެ ގަނޑުވަރަށް އަފްރާޙުގެ ހިޔަނި އެޅި އެ ބިނާ އަނދިރިވެގެން ދާތީ އެވެ. ލޯބީގެ އެ ގަނޑުވަރުގައި ޖައްސަމުން އައި ކުލަވަރު ބަދަލުކޮށްލުމަށް އޭނާގެ ސިކުނޑި ވިސްނައިދޭތީ އެވެ. އެވެސް އަފުޒަލްގެ ކުށެއް ނެތްހާލުގައި އޭނާއަށް އެއްވެސް ކަމެއް ފަޙުމު ނުވާ ގޮތުގައި ކަމަށްވާތީ އެވެ. އެހެންވެ އޭނާއަށް ބާރުބާރަށް ގިސްލެވެން ފެށުނެވެ.

"އަދިވެސް އޮތީތަ؟ ހިނގާބަ ތުނޑިއަށްދާން؟" ހައްޖަ ކޮޓަރީގެ ދޮރުހުޅުވާލާ އެތެރެއަށް ވަންނަމުން ސަވީތާއަށް އިޝާރާތްކޮށްލި އެވެ. ކޮޓަރީގެ ޓަކި ޖަހާނުލާ ވަނުމުން ސަވީތާ ދިޔައީ ސިއްސައިގެންނެވެ.

"ސަވީ ދެން ތެދުވެ... ތިހެން އޮންނާކަށް ނުވާނެ. އެބައޮތޭ ވަރަށް ބޮޑު ވާހަކައެއް ދައްކަންވެފަވެސް" ސަވީތާގެ ބަސްމަދުވެފައިވާ މޫނަށް ނަޒަރު ހިންގާލަމުން އެނދުގައި އިށީނދެ ހައްޖަ ހަމަޖެހިލި އެވެ.

"ވަރަށް މޫޑީ... ނެތް ތަނަކަށް ދާހިތެއް... ވަރަށް ފޫހި... އެކަނިވެލަން ބޭނުމީ" ފޫހި ރާގަކަށް ސަވީތާ ވާހަކަދައްކަމުން ދިޔަ އެވެ.

"ދެން މޫޑް ރަނގަޅުވާނީ ވެސް ތަންތަނަށް ނިކުތީމައޭ. ބޭރުގަ އެބައިން ފިޔާވެސް. ހިނގާބަ ބޭރަށް ފިޔާ ދިމާކުރާނެ ލަސްވެއްޖެއްޔާ! އާދެ ރެޑީވެގެން! އަހަރެން ބުނާނަން ނަމާދަށް އަރަނިކޮށޭ ވަދެވުނީ..." ހައްޖަ މޮޅު ރޭވުމެއް ރާވާލަމުން ސަވީތާ ނެގި އެވެ. ތުވާލިގަނޑާއި ހެދުން ހިފައިގެން ސަވީތާ ފާޚާނާއަށް ވަނުމުން ހައްޖަ މަޑުމަޑުން ކޮޓަރިން ނިކުތެވެ.

ހަމަ އެވަގުތެވެ. އަފްޒަލާއި ފަޔާޒް ތިބީ ރަށު ސިއްޙީ މަރުކަޒުގެ ވޯޑުގަ އެވެ. އެމީހުންގެ މޫނުމަތިން ކަންބޮޑުވުމުގެ ކުލަވަރު ފެންނަމުން ދިޔަ އެވެ. މޫނުމައްޗަށް އަރާފައިބަމުންދާ ކުލަވަރުތަކުން ވަރަށް ބޮޑުކަމެއް ވެއްޖެކަން ދޭހަވޭވޭ ހުއްޓެވެ. ކުއްލިއަކަށް ފޯނުނަގާ ކަންފަތުގައި ޖައްސާލަމުން އަފްޒަލް ވާހަކަދައްކަން ފެށި އެވެ.

"ބައްޕާ... ކިހިނެއްވަނީ ނިހާއްކޮގެ ކަންތައްތައް؟" މާޔޫސްކަން ވެރިވެފައިވާ ރާގެއްގައި އަފްޒަލް ވާހަކަފެށި އެވެ.

"މިވަގުތު ރަނގަޅު... ކިހިނެއްވީ ދަރިފުޅު މާބޮޑަށް ހާސްވީ... އަނެއްކާ... ބޭބެ؟" އިބްރާހިމް ވާހަކަދެއްކީ ފޯނުންނެވެ. އޭނާއަށް ކަމެއް ޝައްކުވުމުން ސުވާލުކޮށްލި އެވެ.

"އާނ... މިއަދު ބައްޕަމެން ފުރީއްސުރެ މިއުޅެނީ ބޭބެ ނުހިފޭއްޓިގެން... މޮޔަ ގޮވަނީ އަބަދު ހަޅޭ ލަވަނީ... އަނެއްކާ ދެންމެވެސް ނުކުތީ ކަތިވަޅިއެއް ހިފައިގެން... އަހަރެން މަރާނަމޭ ގޮވަމުން... ފަޔާ ހުރިކަމުން ސަލާމަތްވީ ވެސް... ކަތިވަޅި އަތުލަން އުޅެނިކޮށް ފަޔާގެ އަތްވެސް ކަނޑައިގެން ދިޔަ" އަފްޒަލް އަސަރާއެކު ކަންވީގޮތް އޭނާގެ ބައްޕަ އިބްރާހިމަށް ހިއްސާކުރަމުން ދިޔަ އެވެ.

"ސުބުޙާނަﷲ... ބޮޑަށް ހަލާކުވިތަ؟ ބޭސް ނާޅަންތަ؟ ކޮބާ ފަޔާޒު؟"

"އެބައިން... ދޭންވީތަ؟"

"އާނ"

އިބްރާހިމްގެ އެދުމުގެ މަތިން ފަޔާޒަށް ފޯނު ދިއްކޮށްލި އެވެ.

"ކޮބާ އެކޮއި! އަތްރަނގަޅުތަ؟ ބޭބެ މިއަދު ވަރަށް ދެރަވެއްޖެ އަފްރާޙްގެ ސަބަބުން އެކޮއި އަށް ތިހާބޮޑު ގެއްލުމެއް ލިބުނީމަ... ކީއްކުރާނީ... މި ބޭބެ މެންނަށް ހުރިގޮތް..!" އިބްރާހަމުގެ އަޑުފަނޑުވަމުން ދިޔަ އެވެ.

"ބޭބޭ އެއީ ބޭބެމެންގެ މައްސަލައެއްނޫން... އަފްރާޙްވެސް ހަމަ ހޭގައި ހުންނަ އިރު އެކަހަލަ ކަންކަމެއް ނުކުރެ އެއްނު... އަހަރެންގެ ހިތުގަ އެކަމާ އެއްވެސް ޝަކުވާއެއް ނެތް... އަހަރެން ދެކެނީ މީ އަހަރެންގެ ޒިންމާއެއް ކަމަށް... މިގޭގަ ބޭބެމެން ކައިރީ އަހަރެން މިއުޅެނީ ކިހާ ހިތްހަމަޖެހިގެން ކިހާ އަރާމުގަ... އެހެންވީމަ އަހަރެން ދެކެނީ އެއީ މިއަދު އަހަރެންގެ ވާޖިބެއް ކަމަށް އަފްރާޙުގެ ކަންކަމުގަ އާއިލާއަށް އެހީވުން" ސާބިތުކަމާ އިޚްލާސްތެރިކަމާއެކު ފަޔާޒް ވާހަކަދައްކަމުން ދިޔަ އެވެ. އޭނާގެ މޫނުމަތިން ހަމަޖެހުމުގެ އަސަރުތައް ފެންނަން ހުއްޓެވެ.

"އެކޮއިގެ ތިޔަ އިޚްސާންތެރިކަން މި ބޭބެ ދުވަހަކުވެސް ހަނދާނަކުން ނުދާނެ... ނިހާއަށް ރަނގަޅު ގޮތެއްވީމަ އަނބުރާ ރަށަށް ދެވޭނީ... މިހާރުވެސް މި ތިބީ އައި ޖީ އެމް އެޗްގަ... ޑޮކްޓަރު ވަކިއެއްޗެއް އަދި ނާންގަ... އަފުޒަލާ ދެކުދިން ގޭތެރޭގެ ކަންކަން ހަމައަކަށް އަޅުވާތި... ކައިގެން ތިބޭތި.. ސަމަދުބޭ އިން ދައްތަ ތިކުދިންގެ ކަންތައް ބަލައިދީ ކާންދިނުމުގެ ކަންތައް ހަމަޖައްސާނެ!"

"ހޫނ... ބޭބެ ކަންބޮޑުނުވޭ އިރާދަކުރެއްވިއްޔާ ހުރިހާކަމެއް ދާނީ ރަނގަޅަށް... އަށެއް ޖަހާ ކަންހާއިރު ބައްޕަވެސް މާލެ ދާނެ، ގޮސް ބޭބެމެން ކައިރިއަށް ދާނެ... ބައްޕަ ދިޔައީމަ ކަންކަން ކުރާކަށް އުނދަގުލެއް ނުވާނެ... މިހާރުވެސް ހަކީމްބޭ އެބައުޅެއެއްނު ކައިރީ... ކަމެއްބޭނުންވީމަ ހަކިމްބޭ ކައިރީބުނޭ... ދެން އަފޫއަށް ދެނީ... ވަރަށް ސަލާމް" ފަޔާޒު އިބްރާހިމްއަށް ނަސޭހަތްދިނުމަށް ފަހު އަފުޒަލަށް ފޯނު ދިނެވެ.

"އޯކޭ ވަރަށް ސަލާމް. ފަހުން ގުޅާނަން އިނގޭ. މިގަޑީ މިދަނީ ތުނޑިއަށް" ފިޔާޒް ފޯނުބާއްވަމުން ހައްޖައަށް ހިނިތުންވެލި އެވެ.

"އެއްކަލަ އިއްމަމެން...! މަގޭ ކުށުގެ ރެކޯޑް ފޯމު ފުރަން އެ ގުރޫޕާ ހަވާލުކޮށްގެން މިއުޅެނީ... މިއުޅެނީ ރަށު އޮފީހުގަ އޮތް ޑިރެކްޓަރ ޖޮބަށް ވައްޓާލަން... ކިހިނެއްވާނެހެން ހީވަނީ؟" ފިޔާޒް ވާހަކަ ފެށީ ސަވީތާގެ މަންމަ ހައްވާމަނިކެ ތަބަކަކަށް ދެ ތަށީ ކޯކާއި ފެންފުޅިއަކާ ބިސްކޯދުތަކެއް ލައިގެން އައިސް ކައިރީ ހުރި މޭޒުމަތީގައި އެ ބެހެއްޓުމުންނެވެ.

"ސަޅި ޖޮބެއް އެކަމަކު މިރަށުގައި ކިހިނެއްވާނެބާ؟" ހައްޖަ ސުވާލު އަމާޒުކޮށްލަމުން ކޯކުތަށި ނަގާ ފިޔާޒަށް ދިއްކޮށްލި އެވެ.

"ނުވާނެ އެއްވެސް ރަނގަޅެއް! މިރަށުގެ އެތިބަ ކައުންސިލަރުންނަކީ ވަޒީފާއެއް ނުލިބިގެން އެހެން ގަނަތެޅެނިކޮށް ބަޔަކު ގެނެސް ގޮނޑީ ބޭތިއްބި ބައެއް! ކަމެއްކުރަން ނޭނގޭތާ ކަމެއް ކުރެވޭތޯ އުޅެނީކީވެސް ނޫން! ދައްތަގެ ބަހެއް އަހަންޏާ އެތަނަށް އެކޮއި ބޯ މަހާނެކަމެއް ނެތް! އެމީހުންގެ އަތްދަށުވެ ހުންނާކަށް...!" ރިމޯޓުން ޓީވީގެ އަޑުމަޑުކުރަމުން ސޯފާގައި ހަމަޖެހިލަމުން ފިޔާޒަށް ހައްވާމަނިކެ ލަފާދިނެވެ.

"ދައްތާ! އެހެންވީމަ ފިޔާމެން ކަހަލަ އެދާއިރާއިން ކިޔަވައިގެން ތިބި މީހުން އެތަނަށް ދިޔައީމައެއްނު އެތަންތަން ރަނގަޅުވާނީވެސް. އަދި މިއުޅެނީ އަހަރުމެން މި ގެނައި ބަދަލަށް ރަނގަޅަށް ނުހޭނިގެން! ހޭނެން ދުވަސްކޮޅެއް ނަގާނެ! އެކަމަކު އަހަންނަށް ވެސް ދައްތަ ތިދައްކާ ވާހަކައަކާ ދެކޮޅު ހެދޭކަށް ނެތް. ކައުންސިލަރުންނަކީ ވަކި ޕާޓީއެއް ޕްރޮމޯޓްކުރަން އުޅޭ ބަޔަކަށް ވެގެން ނުވާނެ. ފިޔާއަށް އެނގޭތަ މިފަހަރު އަހަރީ ދުވަހަށް އިނާމު ދިނުމުގެ ޖަލްސާއަށް އެމީހުންނަށް ދައުވަތު ދިނީމަވެސް އެއިން އެކަކުވެސް ނައޭ. އެކަމަކު އެމީހުންގެ ޕާޓީން ކޮންޕްލެބަށް ކޮންޕުތަކެއް ހަދިޔާކުރި ރަސްމިއްޔާތުގަ އަޑުންއަޑުނަގާ ކަރުން ނާރުހިއްލާފަ ބުނާތީ އިވޭ ތިމަންނާމެން މީ ރައްޔިތުންގެ ޚާދިމުންނޭ. ސްކޫލުން ބުނާ ކޮންމެ ކަމެއް ކުރަން ތައްޔާރަށް ތިބި ބައެކޭ" ހައްޖަ ވާހަކަ މެދުކަނޑާލީ ހައްވާމަނިކެ ފެށީމަ އެވެ.

"އާނ. އެފަހަރުވީ ގޮތަކީ އެމީހުންގެ ފިކުރާ ނުވާ މީހަކު ޝަރަފުވެރިއަކަށް ހަމަޖެއްސީމަ... ދެން ނޭނގެ..! އަހަރުމެން ވެއްޖެ މަޑުމަޑުން ނުތިބެ މިވާހަކަދައްކަން..." ކަނާއަތުން ބުރުގާ ރަނގަޅު ކޮށްލަމުން ހައްވާމަނިކެ ވާހަކަ ކުރިއަށް ގެންދިޔަ އެވެ.

"ލަސްވެއްޖެ ދޯ" ސަވީތާ ކޮޓަރިން ނިކުންނަމުން ހައްޖައަށް އިޝާރަތްކޮށްލި އެވެ.

"އާނ. އެކަމަކު މިތިބީ ނިކަން އޮލަ ސިޔާސީ ރިހަގަނޑެއް ކައްކަން" ޖަވާބުގައި ފިޔާޒު ސަމާސާކޮށްލި އެވެ.

"އޮލަކުރީމަ އޮލަވާނެ ރިހަ ޔަކަސް ގަރުދިޔަ ޔަކަސް...! މަންމަދޯ ސިޔާސީ ވެގެން ފިޔާމެން އޮލަކުރީ" ސަވީތާ އޭނާގެ މަންމަ ކައިރީ ސޯފާގައި އިށީންނަމުން ޖޯކު ޖަހާލި އެވެ.

"ފިޔާޒު އެއުޅެނީ އެ ކައުންސިލަރުން ފަތީގަ ފަށުފުލަކަށްވެގެން އެލިގަންނާށޯ" ހައްވާމަނިކެ ހޭންފަށަމުން ފިޔާޒަށް ޖޯކު ޖަހާލި އެވެ.

"ފަށުގެ ވެސް ރީތިކަން ފެންނަނީ ފަށުފޫ ލީމަ އަދި ތިރިއަށް އެލޭނެ ފުރުޞަތު ވެސް ދިނީމަދޯ" ފިޔާޒު ދެމާނަ އެކުލެވޭ ޖުމުލައެއް ބުނުމުން ސަވީތާ ނިތުން ހައްޖައަށް ވާހަކައެއް ބުނެލަމުން ހޭންފެށި އެވެ.

"ކިހިނެއްވީ؟" ފިޔާޒު ސުވާލު އަމާޒުކުރީ ހައްޖައަށެވެ.

"މެލޭޝިޔާގަ ވެސް ދިވެހިޑިގުރީއަށް ކިޔަވައިދޭތަ؟" ސަވީތާ ހިނިތުންވެލަމުން ހައްޖައާ ބައިވެރިވި އެވެ.

"އަމިއްލަވަންތަ ކަމަށް ލޯބި ކުރުމަކީ އަހަރުމެން އެންމެން ކުރަން ޖެހޭނެކަމެއް! ދިވެހިންނޫނީ ދިވެހިންގެ އަމިއްލަ ރީތި އާދަކާދަތަކަށް ލޯބި ނުކުރާ އަމިއްލަ ބަހަށް ލޯބި ނުކުރާ ބަޔަކު އަހަރެން ނުދެކެން، ކޮންމެ މީހަކު ނުޖެހޭ ދިވެހިބަހުގެ އުސްތާޒަކަށްވާކަށް! އެމީހަކު ބަހަށް ލޯބިކޮށް ބަހަށް އަޅާލި ވަރަކަށް އެމީހަކަށް ބަސް ޚިދުމަތްކުރާނެ" ފިޔާޒު ސީރިއަސް ވެލަމުން ކޮޅަށް ތެދުވީ ހައްވާމަނިކެ ތަބަކަށް ހުސްތަށިތައް ލައިގެން ހިނގައިގަތުމުންނެވެ.

"މަށަށް ފެންނަނީ ކައުންސިލަރުންގެ ފޫބުޑަށް ނުގޮސް ފިޔާޒު އެކަޑަމީގެ ރައީސަކަށްވާންދޯ ސަވީ" ސަވީތާގެ މޫނުމައްޗަށް ތާޒާކަމާ ފުރިހަމަކަން އަންނަމުން ދާކަން ހައްޖަ ދެނެގަންނަމުން އެނާގެ ވާހަކައަށް ދައުވަތުދެމުން ކޮޅަށް ތެދުވި އެވެ.

ދުވާލުގެ ދިލަހޫނުކަމުން މުޅި ފަޒާއަށް ވެރިވެފައިވާ ކަރުހިއްކުމުގެ އަސަރުތަކުން މިންޖުވާނެ ވަގުތަކަށް ދުނިޔެ އިންތިޒާރުކުރަމުން ދިޔަ އެވެ. ދުނިޔެމަތިން ދުވަހެއް ހަޔާތުން ދުވަހެއް ވޭތުކުރުމަށްފަހު ޖެހިގެން އޮތް ދުވަހަކަށް ބައްދަލުވާނެކަމުގެ ފުރިހަމަ ޔަޤީންކަން ދުނިޔެއަށް ދެމުން އިރު އޭގެ ތަންމައްޗަށް މިސްރާބު ޖެހުމަށް ހޭރިޔާކުރަމުން ދާތާ އެތަކެއް އިރެއްވެއްޖެ އެވެ.

ފަޔާޒާއި އަފްޒަލް ތިބީ ރަށު ސިއްޙީ މަރުކަޒުގަ އެވެ. މެންދުރެއްހާއިރު އަފުރާހް އެނދުމަތިކުރުމުން އޭނާއަށް ހޭހަންކޮށްދިނުމުގަ އެވެ. ދެމީހުންގެ މޫނުމަތިން ވަރުބަލިކަމުގެ އަސަރުތައް ފާޅުވޭވޭ ހުއްޓެވެ. ފަޔާޒުގެ އަތުގައި ބޭސްއަޅައި ބެންޑޭޖްކޮށްފައިވާ ތަނުން ހިއްލިފައިވާ ރޮދިތަކާކުޅެމުން ގޮނޑީގައި ހަމަޖެހިލި އެވެ.

"ފަޔާ ދާންވީނު ގެއަށް ގޮސް ފެންވަރައިގެން އަންނަން! ދެމީހުން އެއްކޮށް މިތަނުގައި ތިބުމުގެ ބޭނުމެއް ނެތެއްނު! ބޭބެ ވެސް އެއޮތީ މިހާރު ނިންދަވާ އިންޖެކުޝަންގެ ސަބަބުން ނިދާފަ. މިހާރު އެހެރަ ފަހެއް ޖަހަނީ. އެހެންނޫނަސް މިދުވަސްކޮޅު ފަޔާ މިކޮޅުގަ މަޑުކުރީވެސް ހައްޖު..." އަފުޒަލް އާފުރިލަމުން ވާހަކަދައްކަމުންދިޔަ އެވެ.

"ތި ވިސްނަނީ އެކަމާދޯ! ހައްޖު ވަރަށް އަންޑަސްޓޭޑް ވާނެ! އޭނައަށް އެނގޭ އަހަރެން މިތަނުގައި އިންކަން! ސަވީ އަށް ވެގެން އުޅޭ ގޮތެއްތާ ނޭނގިގެންނެއްނު މިއުޅެނީ. އޭނަ ގުޅާ ވެސް ނުލާތަ!" ފަޔާޒް ސީދާ މައުޟޫޢުއަށް ދިޔަ އެވެ.

"ނުގުޅަ! ގުޅީމަ ފޯނު ވެސް ނުނަގާތާ ދެ ދުވަސްވަނީ! އެނގެއެއްނު ގޭތެރޭގެ ކަންތައް ހުރިގޮތް! ބޭބެ ކަންތައް ހުންނަ ގޮތުން ގެއިން ބޭރަށް ނުދެވޭތީ ބައްދަލުކޮށްލަން އެގެއަށް ވެސް ނުދެވޭ. ނިހާއްކޮގެ ކަންތަކާ އުޅެން ހަދައިގެން މިދިޔަ ހަފުތާ ވެސް ދިޔައީ ބައްދަ...!"

"ދެން މެސެޖު ކުރީމަ...!" އަފްޒަލްގެ ވާހަކަ ނުނިމެނީސް ފަޔާޒު ސުވާލުކޮށްލި އެވެ.

"ޖަވާބެއް ނުދޭ... ކޮންމެ ދުވަހަކު މެސެޖު ކުރަން! ހައްޖު ތުރޫކޮށް އަހަންވެސް ހިތަށް އެރި ވެގެން އުޅޭގޮތެއް"

"ހައްޖުވީ ސަވީއާ ކޮންމެވެސް ބޯއީ އަކާއެކު ތުނޑީގަޔޯ"

"ކާކާއެކު؟" ހައިރާންކަމާ އެކު އަފްޒަލް ފަޔާޒުގެ މޫނަށް ބަލައިލި އެވެ.

"ދަމުން މެސެޖުކުރި. އާންޓެއްގެ ދަރިއެކޯ. ކޮންމެވެސް ރިޔާޒެކޭ ނިޔާޒެކޭ ކަންނޭނގެ"

"ފިޔާޒު ދޯ.. ހޫނ އެމީހުންގެ އާންޓެއްގެ ދަރިއެއް. މެލޭޝިއާއިން ކިޔަވައިގެން... އަނެއްކާ! ފިޔާ..." އަފްޒަލްގެ މޫނުމަތީގައި ސުވާލުމާކެއް ޖެހުނެވެ.

"ކިހިނެއްވީ؟" ފަޔާޒު ސުވާލު ތަކުރާރުކޮށްލި އެވެ.

"އެސޮރާ، ސަވީއާ ހައްޖަ އެއީ ކުޑައިރު އެއްކޮށް އެއް ގެއެއްގަ އުޅުނު ބައެއް! ފަހުން އެކި މީހުން އެކި ގޭގެއަށް ބަދަލުވީ! އެއީ ކުރިން ސަވީއާ ހެދި އުޅުނު ސޮރެއް...! ސަވީ ވެސް އަބަދުވެސް ހުންނާނީ ފިޔާ ވެފަ! މަށަށް ނިކަން ޝައްކު ސަވީއާ ދޭތެރޭ ވެސް މިހާރު!" އަފްޒަލް ވާހަކަދެއްކުން މަޑުވަމުން ދިޔަ އެވެ. އޭނާގެ ހިތް ބުނަމުންދިޔަ ވާހަކަތައް އޭނާއަށް ދޮގުނުވާނެކަމަށް އޭނާ ފަޔާޒު ގާތު ބުނެދިނެވެ.

"އެކަމަކު؟ ސަވީ އެއީ އެކަހަލަ؟ ކީއްވެ އަފޫއަށް ސަވީ އެކަހަލަ؟" ފަޔާޒުގެ ހިތުގައި ސުވާލުގެ ބާންޏެއް ދައުރުކޮށްލުމުން ސުވާލުތައް ފަށްފަށްކޮށްލި އެވެ.

"ތީދޯ މައްސަލައަކީ ނިކަން ފަޔާ ހައްޖު ކައިރީ އަހައިގެން ވެގެން އުޅޭގޮތެއް ސާފުކޮށްދީބަލަ... މަށަށް ކުރިމަތި މިވަނީ ހުރިހާ ކަމެއް އެއްފަހަރާ! އާއިލާގެ ހާލުހުރި ގޮތަކީ މިހިރީ! އަނެއްކޮޅުން ސަވީގެ ކަންތައް....!" އަފުޒަލް ފެންކަޅިވި އެވެ. އޭނާގެ އަޑު ބެދުމުން ވާހަކަދެއްކުން ހުއްޓާލި އެވެ.

"ހިތްވަރުކުރޭ އަފޫ އަބަދުވެސް ބުނަމެއްނު ފަހުން ވާންހުރިގޮތް ރަނގަޅުވީމައޭ އުއްމީދުކުރާ ކަންކަން އެވަގުތަށް ފުރިހަމަ ނުވެ ހުންނަނީ! އެހެންވީމަ އަފޫއަށް އަދި މާރަނގަޅު ގޮތެއް އޮތީމަ އަފޫ އެކަމަށް އިމްތިހާނު ކުރައްވަނީ ކަމަށްވާނީ! ދެން ދެރަ ނުވޭ! އެކަކު ނެތަސް ފަޔާ މިހުރީ އަފޫ އާއެކު. ތީ އަހަންނަށް ބޭބެއެއްގެ ލޯބިދީގެން އެކުވެރިއެއްގެ މަޤާމު ފުރައިގެން...، އަފޫއަށް ދެރަގޮތެއް ވާކަށް އަހަރެން ނޭދެން! އަހަރެން މީހަކަށް ހަދައިދިނުމުގައި އަހަރެންގެ މައިންބަފައިންނަށްވުރެ ބޮޑަށް އަފޫ ހިތްވަރުދިން! އެއީ..." ފަޔާޒު އަފުޒަލްގެ ބޮލުގައި އޯގާތެރިކަމާއެކު ފިރުމާލަދިނެވެ. ލޯތްބާއި ކުލުނުން ފުރިގެންވާ ފަދައަކުންނެވެ. އަފުޒަލް މަޑުމަޑުން އޭނާގެ ބޮލުގައިވާ ފަޔާޒުގެ އަތުގައި ހިފާ ބާރުކޮށްލި އެވެ.

"ޕްލީޒް... ޕްލީޒް... ފަޔާ.... ބީ ވިތް މީ.... އަހަރެންގެ.... ސަވީ...." އަފްޒަލް ފެންކަޅިވި އެވެ. އޭނާގެ އަޑުގައި ތުރުތުރެއް އެކުލެވެމުންދިޔަ އެވެ. މީހާގެ މޫނުމަތި އެކުގައި ރަތްވަމުން މޫނުމަތި މިލަމުން ދިޔަ އެވެ. އަފްރާޙު އޮތް އެނދުގެ ގޮދަޑީގެ އަރިމަތީގައި އޭނާ ބޯއަޅާލި އެވެ.

"ކަމޯން އަފޫ... އަދި މިއުޅެނީ ކަމެއް ވީކަން ވެސް ނޭނގިގެންދޯ! އަހަރެން މިރޭން މިރެއަށް ތި ހުރިހާ ކަމެއް ސާފުވޭތޯ ބަލާނަން... ދީ ވަގުތުކޮޅެއް! ފުރަތަމަދޭ އަފޫ ގެއަށްގޮސް ފެންވަރައިގެން އަންނަން... ހޮޓަލަށްވަދެ ސައިބޮއެގެން ގެއަށްދާތި! އަދި ތިހުރީ ހެނދުނު ސައި ބުއި ގޮތަކަންނު! އަފޫ އައީމަ އަހަރެން ދާނަން!"

"އޯކޭ...! ކަމެއް ވެއްޖެއްޔާ ގުޅާ! އަން!" އަފުޒަލްގެ ވޮލެޓުން އަފުރާހުގެ އައިޑީ ކާޑު ނަގައިދިއްކޮށްލަމުން މާޔޫސީ ރާގެއްގައި އަފުޒަލް ބުނެލި އެވެ.

"ބަލައިގެން ދުއްވާތި! ދެން ކަންކަމާ މާ ބޮޑަށް ނުވިސްނާ. އިރާދަކުރެއްވިއްޔާ ހުރިހާކަމެއް އޯކޭ...! ފެންވަރައިގެން ކުޑަކޮށް ރެސްޓް ކޮށްލާފަ އާދޭ. ނައިންވީމަ އަޔަސް އޯކޭވާނެ!" ސައިކަލްގެ ތަޅުދަނޑި ދިއްކޮށްލަމުން ފަޔާޒް އަފުޒަލް ކޮނޑުގައި އޯގާތެރިކަމާއެކު އަތްބާއްވާލައި ފިރުމާލި އެވެ. މަރުކަޒުގެ ވޯޑުން ނުކުންނަމުން އަފުޒަލް ފަޔާޒަށް ބަލާލި އެވެ. އަސަރުން ފުރިގެންވާގޮތަކަށެވެ. ހިނދުކޮޅަކަށް އޭނާގެ ފިޔަވަޅުތައް މަޑުޖެހިލި އެވެ. ނިތްކުރިން ދެތިން ރޫއަރުވާލަމުން ދެބުމަ ގާތްކޮށްލި އެވެ. ދެ މިޔަކަން ތިރިއަށް ދަމާލެވުނީ ބޭއިޚްތިޔާރުގަ އެވެ. މޫނުމަތިން އެތަކެއް މެސެޖުތަކެއް ދެމުންނެވެ. ދާންވީހޭ އަހާފަދައަކުންނެވެ. ހުރިހާކަމެއް ހަމައަކަށް އަޅުވައިދޭނަންހޭ ބުނާ ބީދައިންނެވެ. ފަޔާޒު ވެސް ޖަވާބު ދިނީ އިޝާރާތުންނެވެ. ބަދަލުގައި ބޯޖަހާލަމުން ހިނިތުންވެލި އެވެ. ޔަޤީންކަމާއެކު އަފްޒަލްގެ މައްސަލަތަކާ އޭނާ ކުރިމަތިލާނެ ކަމުގެ ފުރިހަމަ އިތުބާރު ދެމުންނެވެ. އޭނާއަށް އެ ޔަޤީންކަން އޮތީމަ އެވެ. އަފްޒަލް ބޭރަށް ނުކުތީ ކޮންމެވެސް ވަރެއްގެ ހިތްހަމަ ޖެހުމަކާވެސް އެކުގަ އެވެ. ފަޔާޒް ކުރިމަތިލީ ކަމަކުން މިވީހާ ތަނަށް ނާކާމިޔާބީއާ ކުރިމަތިލާން ނުޖެހޭތީ އެކަމުގެ ޔަޤީންކަން ހިތަށް ލިބުމުން ހިތްހަމަ ޖައްސާލަމުންނެވެ.

"ހިތްހަމަ ޖެހެވޭނީ ހަމަނޭވާލާނެ ފުރުޞަތެއް ލިބިގެންނެއްނު! އަހަރެންގެ ހަޔާތް މިހިރަ ބަރުބާދުވަނީ! އަހަރެން ކިތައްމެ ލޯބިވިޔަސް އެކަން ކުރާނެހާ ހިތްވަރެއް އަހަރެންގެ ކިބަޔަކު ނެތް! މިހާރު އަހަންނަށް ބޭނުންވަނީ އޯގާތެރި ފިރުމުންތަކެއް! އެހީތެރިކަމުގެ އަތެއް! ވިސްނާވިސްނާ އަހަރެންގެ ސިކުނޑި ބޭރަށް ނިކުންނަން އުޅޭކަހަލަ! މި ހުރިހާކަމެއް ހައްޖުއަށް ކިޔައިދޭނީ ކިހިނެއް؟ އަފްޒަލާއި ފަޔާޒް އެއީ އެކައްޗެއް! ހައްޖު އެއީ ފަޔާގެ..." ގިސްލަ ގިސްލާފައި ސަވީތާ ވާހަކަދައްކަމުން ދިޔަ އެވެ. އޭނާގެ މާޒީގެ ވާހަކަތަކެވެ. އަފުރާހުގެ ފަރާތުން ލިބެމުން އައި ތުރާތަކެވެ. އަނިޔާއިން ފުރިގެންވި ގޯނާކުރުން ތަކެވެ. އެހަނދާންތައް އޭނާގެ ސިކުނޑިން ކުލަވަމުންދާ ވަރަކަށް އޭނާގެ ހިތް ހީވަނީ މޭ ކަށިގަނޑުފަޅާފައި ނިކުންނަން އުޅޭ ހެންނެވެ. ދެލޯ ވަނީ ކަރުނުން ފޯވެ ރަތްވެފަ އެވެ. މޫނުމަތި ހީވަނީ މިލާމޯޅިވެފައިވާ ފިނިފެންމަލެއް ހެންނެވެ. ލޮލުން އޮހެމުން ދިޔަ ކަރުނަތައް އެ އޮމާން ކޯތާފަތް ތެންމަމުން ދިޔަ އެވެ. އެވާހަކަތައް އަޑުއަހަން އިން ފިޔާޒަށް ވެސް ވަނީ ނުހަނު ފުން އަސަރުތަކެއް ކޮށްފަ އެވެ.

"ދެން ހުއްޓާލަ! މިއަދު ސަވީ ނުޖެހޭ ކަރުނައިގެ ދާނެއްގަ ފަތާކަށް! މިދުނިޔޭގެ އެއްވެސް އިންސާނަކަށް ތިމާ ބޭނުންވާ ހުރިހާ ކަމެއް ފުރިހަމައެއް ނުވާނެ! ތިމާ ލޯބިވާ ކޮންމެ ކޮންމެ އެއްޗެއް ނުލިބޭނެ! ނުވިތާކަށް ތިމާ އަބަދުވެސް މަސައްކަތްކުރަން ޖެހޭނީ ލޯބީގެ އަޅެއްގެގޮތުގަ، ލޯބީގެ ފަހަތުން ދަތުރުކުރާ މުސާފިރަކަށްވާން!" ފިޔާޒު މަސައްކަތްކުރަމުން ދިޔައީ ސަވީތާއަށް ވިސްނައިދޭށެވެ. އޭނާގެ ހިތުގައި އަނދަމުންދާ ލޯބީގެ ހުޅުކޮޅު ދިއްލިދާނެ ކަމުގެ އުއްމީދުގައި އެކަމަށް ފާރަވެރިވަމުން ނެވެ.

"ސަވީ... ސަވީއަށް އެނގޭތަ! އެއްވެސް މީހަކު ބޭނުމެއް ނުވާނެ އެމީހަކު އެއްމެ ލޯބިވާ މީހާ ދުނިޔެއަށް ގިނަވެ، އެހެންމީހުންގެ ތުރާލަކަށް އެމީހާ ވާތަން ދެކޭކަށް! އެކަކު ވެސް ނޭދޭނެ އެމީހާގެ ލޮލުގެ ފިނިކަން އެހެންމީހެއްގެ ލޮލުގެ ފިނިކަމުގައި އަޅާ ބޭހަކަށް ވާތަން ދެކޭކަށް! ސަވީގެ ތިޔަ ހާލާމެދު އަހަރެން ހަމްދަރުދީވަން، އެކަމަކު... މިއަދު އަހަރެން ވެސް... އަހަރެން ވެސް މިހުރީ މީހަކު ދެކެ ލޯބިވެވުނީތީ އެލޯބީގެ ހިޔަނީގައި ބަނދެވި ހައްޔަރުވެފަ... ކުޑަމިނުން އަހަރެންގެ ހިތް އެމީހަކަށް މާކުރިން ހަދިޔާކުރި މީހާއަށް އެކަން ވެސް ނޭނގި! އަހަރެންގެ މިހިތް އެދި ގޮވަމުންދާ އިންސާނާއަށް އެކަން ސިއްރުކުރަން މަޖުބޫރުވީ އެތަކެއް ހާލަތެއް އައުމުން، މިހިތް ވެސް... މިހިތް ވެސް މި ވަނީ ލޯބީގެ ޙައްޤުގައި އަޅުދާސްތުވެފަ" ފިޔާޒުގެ މާނަފުން ބަސްތައް އަޑުއިވުމުން ހައިރާން ކަމާއެކު ސަވީތާ އޭނާގެ ދެލޮލަށް ނަޒަރު ހުއްޓާލި އެވެ. އުދަރެހުން ފާޅުވަމުންދިޔަ ރަތްވިލާގެ އަސަރުން ފިޔާޒުގެ ހަންގަނޑު އަލި އޮމާން މޫނަށް އެޅިފައިވުމުން ހިސާބަކަށް ރަތްކުލައިގެ އަސަރު އެމޫނުމަތިން ފާޅުވޭވޭ ހުއްޓެވެ. ފިޔާޒުގެ ލޮލުން ހިލެމުން ދިޔަ ކަރުނަތައް ލޮލުގެ ތެރެއަށް ޖަމާވެ އުދަރެހުގައިވާ ރަތްވިލާގެ ދަޅައާއެކުވެ ވިދަމުންދާ މަންޒަރު ފެނުމުން ސަވީތާގެ ތުންފަތުން މަޑުމަޑު ތުރުތުރެއްގެ އަސަރު ފާޅުވާން ފެށި އެވެ.

"އާނ ސަވީ... މީ ވެސް ލޯބީގައި ހަނާވަމުންދާ ލޯތްބަށް ފެންބޮވައިގެންފައިވާ މީހެއް... މިއަދު އަހަރެން ވެސް މިހުރީ އެމީހަކަށްޓަކައި އެ ލޯތްބަށްޓަކައި އެހެން ހުރިހާ އުފަލެއް ދޫކޮށް އައިސް... އަންހެންކުދިންގެ ހުރިހާ ހުށަހެޅުމަކަށް ފުރަގަސްދީ.... މިއަދު ސަވީގެ ހާލަތު އެނގުމުން އަހަރެން ވަރަށް ދެރަވެއްޖައިން... އަހަންނަށް ވަރަށް އަސަރުކޮށްފި! އަހަރެން.... އަހަރެން...." ފިޔާޒު ވާހަކަ ހުއްޓާލީ ސަވީތާގެ ތޫނު ނަޒަރު އޭނާގެ ލޮލަށް އަމާޒުވުމުންނެވެ.

"އެ ކާކު؟" ތުރުތުރުލާ އަޑަކުން މަޑުމައިތިރިކަމާއެކު ސަވީތާ އަހާލި އެވެ. ފިޔާޒުގެ ޖަޒުބާތީ ދެ ލޮލަށް ބަލަހައްޓައިގެން އިނދެ އެވެ.

"އާނ! އެ މީހަކީ މިއަދު... މިއަދު އެހެންމީހެއްގެ އެހީއަކަށް އެދި ފެންބޮވައިގެންފައިވާ، އެހެން މީހެއްގެ ފިރުމުންތަކަށް އެދި އެދި ހުރި މީހާ... އެ މީހަކީ... އަހަރެންގެ ހިތުގައި ޖަހާވިންދުތައް އެމީހެއްގެ ޙައްޤުގައި ޖަހަމުންދާ މީހަކީ... އެ...މީ....ހަ...ކީ...  ތީ... އާނ! ސަވީ އެންމެ ކުޑައިރުންސުރެ އަހަރެން ސަވީ އާ މެދު ދެކެމުން އައީ އާއިލީ މީހަކަށްވުރެ ބޮޑަށް އެހެން ނަޒަރަކުން..." ފިޔާޒު ހުއްޓާލި އެވެ. ލޮލުން ކަރުނަތައް ހޯސްލާފައި އޮހިގަތުމުން އެކަމުން މިންޖުވުމަށެވެ.

ސަވީތާ ދެލޯ ބޮޑުވެ ތަންމިނަށް އަނގަހުޅުވުނެވެ. ކުޑައިރުގެ ހަނދާންތައް އޭނާގެ ވަށައިގެން އެނބުރިގަތެވެ. ފިޔާޒު އާ އެކުގައި އުޅުނު ގޮތްތަކެވެ. އެކުގައި ކުޅެ ސަކަރާތް ޖެހުމުގައި ހޭދަކުރި ވަގުތުތަކެވެ. އޭނާގެ ޚިޔާލުގެ ދުރުމި ގޮސް ހުއްޓުނީ ފިޔާޒު ދައްކާފައިވާ ވާހަކަތަކަށެވެ. އެވާހަކަތައް ކަންފަތުގައި ފަށްފަށްވަމުން ތަކުރާރުވަމުން ދިޔަ އެވެ. އެ ހަނދާންތައް އޭނާގެ ސިކުނޑީގައި އާވެ އާލާވަމުން ފަހަރަކު މަންޒަރެއް ކުޅެވެމުން ކުލަވަމުން ދިޔަ އެވެ.

"ލޯބި ހޯދުމަށް ކޮންމެ ފަދަ ޤުރުބާނީ އެއް ވާންޖެހުނަސް މިހުރީ އެކަމަށް ތައްޔާރަށް!" ފަނަރަ އަހަރުގެ ފިޔާޒު ވާހަކަދެއްކީ ހައްޖައާއި ސަވީތާގެ ކުރިމަތީ އިށީނދެ އިނދެ ފިނިފެންމަލަކުން ފިޔަތައް ނައްޓަމުންނެވެ.

"ތިބުނާ ލޯބިވާ ކުއްޖާގެ ނަން ހިތަށް އަރުވަމުން މަލުން ފިޔަ ނައްޓަމުން ކިޔާބަ ލިބޭނެ، ނުލިބޭނެ. އޭރުން ހުއްޓޭ ގޮތެއްވާނެ!" އުމުރުން ދިހަ އަހަރުގެ ސަވީތާ ފިޔާޒަށް ޚިޔާލެއް ދިނެވެ.

"އާދޭ! ހައްޖުގެ ކަނާއަތް، ސަވީގެ ވައަތް ގެނޭ. ހައްޖުއަތަށް މިލަނީ ނުލިބޭ ސަވީއަށް ލިބޭ! ފިޔަތައް ހުސްވާއިރު ނިމޭ މީހަކު އެއީ..." ފިޔާޒު މަލުން ފިޔަތައް ނައްޓަމުން ތުންތަޅުވަމުން ދިޔަ އެވެ. ހައްޖަގެ އަތަށްލާ ކޮންމެ ފިޔައަކާ އެއްވަރަށް ނުލިބޭނެ ކިޔަމުން، ސަވީތާގެ އަތަށްލާ ކޮންމެ ފިޔައަކަށް ލިބޭނެ ކިޔަމުން ދެމީހުން ވެސް ސަކަރާތުގެ ރާގުގައި ފިޔާޒަށް ދިމާކުރަމުން ދިޔަ އެވެ.

"ލިބޭނެޔޯ!" މަލުގެ އެންމެ ފަހު ފިޔަ ސަވީތާގެ އަތަށް ލަމުން ހިނިތުން ވެލަމުން ފިޔާޒު އަޑުގަދަކޮށްލި އެވެ. އުފަލުން ފުންމާލި އެވެ. ބިންމަތީގައި ކުޑަކަކޫ ޖަހާލަމުންނެވެ. އުފާވެރިކަމުގެ ރާގުތައް ހިތުގައި ކުޅެމުން އެ ކަން ފާހަގަކުރަމުން ނެވެ.  

"އެހެންވީމަ ކަރުގަނޑު އޮންނާނީ ސަވީއަށް" ފިޔާޒުގެ އެޖުމުލަ ސަވީތާގެ ކަންފަތުގައި ތަކުރާރުވޭވޭ ހުއްޓެވެ. އެ ހަނދާންތައް ނުނިމެނީސް އެހެން މަންޒަރުތަކެއް ފެންނަން ފެށިކަހަލަ އެވެ. ކުލަނުވި ނަމަވެސް ސާފު ތަސްވީރުތަކެއް ފަދައިންނެވެ. ފުރާވަރު އުމުރުގައި ގޮނޑުދޮށުގައި ސަކަރާތްޖަހަމުން ދުވުނު ދުވަހެއްގެ ހަނދާނެވެ.

"އޭ ބަލާބަ ލޯބިކަން..." ދިޔަރެސްމަތީ އޮތް ރިހާކުރު ބޮއްޔެއް ނަގަމުން ސަވީތާ ހައްޖައަށް އެބޮލި ދައްކާލި އެވެ.

"ވާ...ވް" ހައްޖަ ވެސް އާޝޯހްވި އެވެ. އެއާއެކު ފަހަތް ބަލާލަމުން ފިޔާޒަށް ގޮވާލި އެވެ. ފިޔާޒު ބާރަށް ދުވެފައި އައުމުން ސަވީތާ އަތުގައިވާ ބޮލި ދައްކާލަމުން ރީތިތޯ ސުވާލުކޮށްލި އެވެ.

"ބަލާބަ ތިއަށްވުރެ މާ ސަޅި އެއްޗެއް މިއޮތީ!" ފިޔާޒުގެ އަތުގައި އޮތް ހުދު އޮރެންޖު ކުލައާއި ރަތްކުލައިން ޖަރީވެފައިވާ ސަންގު އާއިލާގެ ބޮއްޔަށް އިޝާރާތްކޮށް ބުނެލި އެވެ.

"ވާވް އަސްލު ވެސް ވަރަށް ސަޅި... ދީބަ ތި" ސަވީތާ ބޭނުންވީ ފިޔާޒު ގެން ގުޅުނު އެ ބޮއްޔެވެ.

"އޯކޭ... މި މަގޭ ހިތް... ބަލައިގެން ގެންގުޅޭތި... މި އެއްލާލާނީ މަ ދެކެ ލޯބި ނުވަންޏާ... ލޯބިވަންޏާ ފޮރުވާފަ ބާއްވާތި!" ފިޔާޒު ސީރިއަސް ކަމާއެކު އެދުވަހު ބުނެލި ޖުމުލަ ކަންފަތުގައި ފަށްފަށްވަމުން އެހަނދާންތައް ގުގުމަމުން ދިޔަ އެވެ.  

= ނުނިމޭ =

އަފްޒަލް

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ