އަގުޖެހުން – ޒިންމާވާނީ ކާކު؟ — Ihavandhoo.com

އަގުޖެހުން – ޒިންމާވާނީ ކާކު؟

"ވަރަށް ދެރަކަމެއްތީ..! މަށަށް ތީތި ވިއްކީ 85 ރުފިޔާއަށް . އެކަމު ކަލޭއަށް 70 އަށް."

"ތި  **** ސޭޓް ހުރީމަ ވީގޮތެއް. *** ވިއްކާނީ އަބަދުވެސް އަގުފަލަކޮށްފަ. ނޭނގޭނެ އެކަކަށްވެސް ހަމަ އަގެއް. އަސްލު ***  ސޮރު އެވިއްކަނީ ރަނގަޅު އަކަށް. އެސޮރަށް އެނގޭނެ އަގުތަށް. "

އިހަވަންދޫގެ ގިނަ ފިހާރަތަކުގައި، ތަކެތި ވިއްކަމުންދަނީ އަގުޖަހައިގެންނެވެ. މިއީ، ގިނަބަޔަކު ޤަބޫލުކުރާ ކަމެކެވެ. ނަމަވެސް، މަދު ހާލަތްތަކެއްގައި މަތީގައި ބަޔާންކުރެވިދިޔަ ފަދަ ވާހަކަތައް އަޑު އިވެއެވެ. މިކަން މިގޮތަށް މިދިމާވަނީ ކީއްވެ ބާވައެވެ؟

ސަބަބު ވަރަށް ސާފެވެ. އެންމެންނަށްވެސް އެނގެއެވެ. ތަކެތީގައި އަގުޖެހުން ޤަވާއިދަކުން ލާޒިމް ކުރާއިރުވެސް ބައެއް ފިހާރަތަކުން އެކަން ނުކުރަނީއެވެ. ނުވަތަ ބައެއް މުދަލުގައި އަގުޖަހާ އަނެއްބައި މުދާ އަގުޖެހުމެއްނެތި ދޫކޮށްލެވެނީއެވެ. މިކަމުގައި ކޮންމެ ފަހަރަކުވެސް، ގެއްލުން ލިބެނީ ކޮންމެވެސް އެއްފަރާތަކަށެވެ.

ގިނަފަހަރަށް، މިކަމުގައި ގެއްލުންވާ ފަރާތަކީ، ވިޔަފާރިކުރަން އަންނަ ކަސްޓަމަރެވެ. މަދު ހާލަތެއްގައި މެނުވީ، ނުއަގުގައި މުދާ ވިއްކާލެވި، ވިޔަފާރި ވެރިޔާއަށް ގެއްލުންނުވެއެވެ.

ކޮންމެއަކަސް މިކަމަކީ، މަދުންނަމަވެސް ރަށުގެ ބައެއް ފިހާރަތަކުން އަދި ޚިދުމަތްދޭ ތަންތަނުން ފެންނަމުންދާ ކަމެކެވެ. ބައެއް ފިހާރަތަކުގެ ބައެއް މުދަލުގައި އަގުނުޖަހާ އެބަހުއްޓެވެ. ޢާއްމުންނަށް ޚިދުމަތް ވިއްކަމުންދާ ތަންތަނުގައިވެސް، ޚިދުމަތުގެ އަގުނުޖެހި އެބަހުއްޓެވެ. ހުދު އަޅުގަނޑަށްވެސް މިކަމުގައި ގެއްލުންތަކެއް ވެފައި އެބައެވެ.

ދެން ސުވާލު އުފެދެނީ، މިކަމުގައި ޒިންމާވާންޖެހެނީ ކޮންފަރާތްތަކަކުންބާވައެވެ؟ ގަންނަ މީހާ ނުވަތަ ޚިދުމަތް ހޯދާ މީހާހެއްޔެވެ؟ ވިއްކާމީހާ ނުވަތަ ޚިދުމަތް ފޯރުކޮށްދޭ ފަރާތް ހެއްޔެވެ؟ ނުވަތަ މިކަން ބެލެހެއްޓުމަށް ސަރުކާރުން ޒިންމާ ހަވާލުކޮށްފައިވާ ފަރާތުންހެއްޔެވެ؟

ޖަވާބަކީ، މިކަމުގައި ބަޔާންވެދިޔަ ހުރިހާ ފަރާތްތަކެއްގެ ޒިންމާ ވާކަމެވެ. ކަސްޓަމަރަށްވެސް، މިކަމުގައި ޚިދުމަތް ފޯރުކޮށްދޭ ފަރާތް ޒިންމާދާރުކުރެވޭނެއެވެ. ނަމަވެސް، ގިނަފަހަރަށް ކަސްޓަމަރު ހުންނަނީ ގަންނަން ބޭނުންވާ އެއްޗެއް ލިބުން ލަސްވެފައެވެ. މިކަމުގައި ވިޔަފާރި ހިންގާ ފަރާތުން ވަރަށްވެސް، ޒިންމާދާރު ވާންޖެހެއެވެ. މިކަމީ، ޤަވާއިދެއްގެ ދަށުން ކުށްވެރިވެ އެތައް ހާސް ރުފިޔާއަކުން ޖޫރިމަނާވާ ކަމެކެވެ.

މިހާރަށްވުރެ ބޮޑަށް މިކަމުގައި، މިކަން ބަލަހައްޓަން ޖެހޭ ފަރާތްތައް ޒިންމާ ދާރުވާން އެބަޖެހެއެވެ. މިކަންބަލަހައްޓަންޖެހޭ އިދާރާތަކުން މިކަމުގައި ޚަރަކާތްތެރިކަން އިތުރުކުރާން އެބަޖެހެއެވެ. އެހެނީ، މިކަމަކީ، އާއްމު ފަރުދުންނަށް ގެއްލުމަކާ ކުރިމަތިލާން ޖެހިދާނެ ކަމެކެވެ. ދެގޮތުންވެސް މިކަމުގައި ނުރައްކާ އެބަވެއެވެ. ހަމައަގަށްވުރެ ބޮޑު އަގަކަށް މުދާ ވިއްކިގެން، ކަސްޓަމަރަށް ގެއްލުން އެބަވެއެވެ. ނުއަގުގައި މުދާ ވިއްކިގެން ވިޔަފާރިވެރިޔާއަށް ގެއްލުން އެބަވެއެވެ.

 

އިލާ

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ