ތުއްތު އަލްޔާންގެ ފުރާނަ ސަލާމަތް ކުރުމަށް އެހީގެ އަތެއް ދިއްކޮށްލަދެއްވާ!

21 ފެބުރުއަރީ 2017 0

ދިރިއުޅުމަކީ ހަނގުރާމައެކެވެ. ދުނިޔެއަށް އަންނަ ކޮންމެ އިންސާނަކުވެސް މިހަނގުރާމާއާ ކުރިމަތިލާން ޖެހެއެވެ. ކުޑަކުދިންނާއި ބޮޑެތިމީހުންނެވެ. މުއްސަނދިންނާއި ނިކަމެތިންނެވެ. ހުސްހަށިބައިމީހުންނާއި ދެމަފިރިންވެސް  މިހަނގުރާމަކުރެއެވެ. މިއަދު ތިޔަ ކިޔުންތެރިންނަށް ހިއްސާމިކުރަނީ އެފަދަ ހަނގުރާމައަކުން ނަޞްރު ހޯދުމަށް އަތުކުރި އޮޅާލައިފައިވާ،ހއ. އިހަވަންދުގައިވާ، ހިތްވަރުގަދަ ދެމަފިރިއެއްގެ ވާހަކައެވެ.

ހއ. އިހަވަންދޫ ޖަވާހިރުވާދީ އަހުމަދު ހަމްދޫން އާއި ހޯރަވިލާ ހިދާޔަތު ޢަބުދުއްސައްތާރު ޖަވާޒީ ހަޔާތެއް ފަށައި ހަޔާތުގެ ދަތުރު ފެށީ ނުހަނު ފޮނި އުންމީދާއި އެކު އެވެ. އެ ދެމަފިރިންގެ އާއިލާއަށް ފުރަތަމަ އުފަންވި އަންހެން ދަރިފުޅާއި އެކު އެދެމަފިރިންގެ ހަޔާތް އިތުރަށް ފުރިހަމަ ވެގެން ދިޔައެވެ. މީގެ 4 މަސް ކުރިން ހަމްދޫނުގެ ދެވަނަ ދަރިފުޅު މާލޭ އައި.ޖީ.އެމް.އެޗް ގައި އުފަން ވުމާއި އެކު، ދުނިޔެއަށް ލީ ފުރަތަމަ ނޭވާއާއި އެކީހެންވެސް، އެކުއްޖާއަށް ދިމާވި ބަލިހާލަތަކާއި ހަނގުރާމަކުރަމުން ދާކަން އެނގުނު ހިނދު އެދެމަފިރިންނަށް ލިބިގެން ދިޔައީ ވަރަށް ބޮޑު ހިތްދަތި ކަމެކެވެ.

އުމުރުން 4 މަހުގެ ތުއްތުތުއްތު އަލްޔާން ޒައުލް ހަމްދޫނަށް މިފަދަ ބައްޔެއް ޖެހިފައިވާ ކަން އެނގުނީ، ސިޒޭރިއަން ހަދައި ކުއްޖާ މިދުނިޔެއަށް އުފަންވީ ހިސާބުންނެވެ. ކުއްޖާގެ އަތާއި ފައިގެ އިނގިލިތައް ގުޅިފައި ވުމުގެ ސަބަބުން އައި.ޖީ.އެމް.އެޗްގެ ޑޮކްޓަރުންގެ ލަފާގެ މަތިން އިންޑިއާ އަށްގޮސް އިންޑިއާގެ އަމްރިތާ ހޮސްޕިޓަލުގެ ޑޮކްޓަރަކަށް ދައްކައި އެތަނުން އެތައް ތަހުލީލުތަކެއް ކުރިއެވެ.  ތަހުލީލުތަކުން އެނގުނީ އަލްޔާންގެ ބައްޔަކީ ރާއްޖެއިން މަދުން ފެންނަ ބަލީގެ ބާވަތެއް ކަމަށްވާ "އެޕާޓްސް ސިންޑުރޮމް" ކަމެވެ. މިބަލީގެ ސަބަބުން އަލްޔާންގެ އަތް ފައިގެ އިނގިލިތައް އެކުވެފައިވާއިރު މޫނުގެ ކަނާތު ފަޅީގެ ބުމަ މައްޗާ ދިމާލުން ބޮލުގެ ނާށިގަނޑު ވަނީ އަޑިއަށް ވަދެފައިވާކަންވެސް އެ ހޮސްޕިޓަލުން ހެއްދި ސީޓީ ސުކޭން ތަކާއި އެމްއެމްއާރު ތަކުން އެނގުނެވެ. ޑޮކުޓަރުން ވިދާޅުވަނީ ބޮލުގެ ނާށިގަނޑު އަޑިއަށް ވަދެފައި ވުމުގެ ސަބަބުން ސިކުނޑި ނާށިގަނޑުގައި ޖެހިފައިވާ ކަމަށެވެ. އަދި ކުއްޖާ ބޮޑުވަމުން ދިޔަ ވަރަކަށް ބޮލުގެ ނާށިގަނޑު ސިކުނޑީގައި ޖެހި ކުއްޖާގެ ފުރާނަ އަށް ނުރައްކާ ވެދާނެ ކަމަށް އަލްޔާން ބެއްލެވި ޑޮކުޓަރުން ވަނީ ވިދާޅުވެފައެވެ. އެހެންކަމުން ޑޮކްޓަރުންގެ ތަހުލީލުތަކުން ދެއްކި ގޮތަށް ކުއްޖާގެ ހަށިގަނޑު އޮޕަރޭޝަންތަކަށް ތަންދޭ އެންމެ އަވަސް ތާރީހުތަކެއްގައި ބޮޑެތި އޮޕަރޭޝަންތަކެއް ކުރަން ޖެހެއެވެ.

އަދި އަލްޔާންގެ ލޮލުގައި ވެސް މައްސަލަތަކެއް ހުރި ކަމަށާއި ސިކުނޑީގެ ތިރީ ބައިގައި ފެންހެދިފައި ހުރިކަމަށާއި ހިތުގައި ލޯވަޅެއް އިން ކަމަށްވެސް އަލްޔާން ބެއްލެވި ޑޮކުޓަރުން ވަނީ ވިދާޅުވެފައެވެ. ގޮތްހުސްވެފައިވާ ހާލުގައި އެވާހަތަކަށް އަޑުއަހަން ތިބި އަލްޔާންގެ މައިންބަފައިންނަށް ލިބުނު ހިއްވަރަކަށްވީ، ފަރުވާ އަވަސްކުރެވިއްޖެ ނަމަ އޭނާއަށް ދިމާވެފައިވާ ހާލުން އަރައިގަނެވޭނެ ކަމަށް ޑޮކްޓަރުން ވިދާޅުވި ވިދާޅުވުމެވެ. މިގޮތުން އަލްޔާންގެ ބޮލުގެ ނާށިގަނޑު ރަނގަޅު ކުރުމަށްޓަކައި ކުރަން ޖެހޭ އޮޕަރޭޝަން ކުއްޖާގެ އުމުރުން 6 މަސް ވުމާއި އެކު ލަސްނުކޮށް ކުރުމަށް ޑޮކްޓަރުން ވަނީ އަންގައިފައެވެ. ބޮލުގެ އޮޕަރޭޝަނަކީ ބޮލުގެ ނާށިގަނޑު ވަކިވަކިން ނަގައިގެން ކުރަންޖެހޭ ނުރައްކާތެރި އޮޕަރޭޝަނެކެވެ. ބޮލުގެ އޮޕަރޭޝަނަށް ފަހު އަލްޔާން އަށް ދިމާވެފައިވާ އެހެން މައްސަލަތަކަށް ފަރުވާ ކުރުމަށް ވީ އެންމެ އަވަހަކަށް ދެން ކުރަންޖެހޭ އޮޕަރޭޝަންތައް ކުރަން ޖެހޭނެ ކަމަށް ޑޮކްޓަރުން ވަނީ ވިދާޅުވެފައެވެ. ހަމަ އެކަނި އޮޕަރޭޝަންތަކަށް އެކަނިވެސް ދިވެހި ރުފިޔާގެ 5 ލައްކައާއި 6 ލައްކަ ރުފިޔާގެ ދެމެދުގެ އަދަދެއް ހަރަދުވާނެ ކަމަށް ހޮސްޕިޓަލުން ބުނެފައިވާއިރު، ކުއްޖާގެ ބޭސްފަރުވާއަށް އާސަންދަ ހަމަޖެހޭނެކަމަށް ބުނެފައިވާ ކަމަށް އަލްޔާންގެ ބައްޕަ ބުނެއެވެ.

ނަމަވެސް އޮޕަރޭޝަން ކުރަންޖެހޭ ތާރީހުގެ ކުރިން ހޮސްޕިޓަލުގައި އެޑުމިޓު ވުމަށް ޑޮކްޓަރުން ލަފާދެއްވާފައި ވުމާއި ގިނަ އޮޕަރޭޝަންތަކެއް ކުރަން ޖެހޭތީ  ރާއްޖޭން ބޭރުގައި ގިނަދުވަސަތަކެއް ވަންދެން ތިބެން ޖެހޭނެ ކަމަށް ބެލެވޭ ކަމަށް އަލްޔާންގެ ބައްޕަ ހަމްދޫން ބުންޏެވެ. ދަރިފުޅުގެ ބަލިހާލަތު ހުރިގޮތުން، ދަރިފުޅާއި އެކު ވަގުތު ހޭދަކުރަން ޖެހުމާއި އެކު ދަރިފުޅުގެ ބައްޕަ، އާމްދަނީ ހޯދުމަށް ކުރަމުންދިޔަ މަސައްކަތަށް ވަނީ މަޑުޖެހުމެއް އައިސްފައެވެ. އެހެން ކަމުން މިދެމަފިރިންނަށް، އަލްޔާންގެ ފަރުވާ ކުރިއަށް ގެންދިއުމަށް ދިމާވެފައިވާ ގޮންޖެހުމަކީ އިންޑިއާގައި އެހާ ގިނަ ދުވަހު ތިބެންޖެހޭއިރު، ފަރުވާގެ ޕުރޮސީޖާތަކަށް އާސަންދަ ހަމަޖެހުނު ކަމުގައި ވިޔަސް، ހޮސޕިޓަލުގެ އެޑުމިޝަން ފީތަކާއި ރޫމުތަކުގެ ފީ އާސަންދައިން ކަވަރު ނުކުރުމުގެ މައްސަލަ އެވެ. މިހަރަދުތަކަށްވެސް ބޮޑު އަދަދެއް އަރާނެ ކަމަށް ލަފާކުރެވިފައިވާއިރު އިންޑިއާގައި ގިނަ ދުވަސްތަކެއްގައި ތިބްނެޖެހޭ ޖެހުމަށްވެސް ބޮޑު ހަރަދު ތަކެއް ދާނެ ކަމަށް ލަފާކުރެވެއެވެ.

މާތްﷲ ހަމްދޫނާއި ހިދާޔަތުގެ ލޯބިވާ ތުއްތު އަލްޔާން އަށް އަވަސް ޝިފާއެއް މިންވަރު ކުރައްވައި، އޭނާގެ އާއިލާއަށް ބާއްޖަވެރި މުސްތަޤުބަލެއް މިންވަރު ކުރައްވާށިއެވެ.

އަލްޔާން އަށް އެހީވުމަށް:

އަލްޔާންގެ ބައްޕަ ހަމްދޫން 7915801

އެކައުންޓް ނަމްބަރު:

އަޙުމަދު ހަމްދޫން ބީ އެމް އެލް  އެކައުންޓް: 7704239070101

މަދަދު

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ