އަނެއްކާ ވެސް އަމިއްލަ ތަންތަނުން އާސަންދަ ލިބޭ ގޮތަށް ހަމަޖައްސައިފި — Ihavandhoo.com

އަނެއްކާ ވެސް އަމިއްލަ ތަންތަނުން އާސަންދަ ލިބޭ ގޮތަށް ހަމަޖައްސައިފި

8 މެއި 2017 0

އާސަންދައިގެ ހިދުމަތް އަމިއްލަ ތަންތަނުން ލިބޭ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފިއެވެ.

ޞިއްޙީ ޚިދުމަތް ފޯރުކޮށްދޭ އަމިއްލަ ތަންތަނުން އާސަންދަ ޚިދުމަތް ހުއްޓާލުމަށް އެންސްޕާ އިން ނިންމުމާ ގުޅިގެން، މީގެ ކުޑައިރުކޮޅެއް ކުރިން ސަރުކާރުން ނެރުއްވި ނޫސްބަޔާނުގައި ވަނީ އާސަންދައަކީ، ދިވެހިރާއްޖޭގެ ހުރިހައި ރައްޔިތުންނަށް އެކަށީގެންވާ ރަނގަޅު ފެންވަރުގެ އަސާސީ ޞިއްޙީ ޚިދްމަތް ލުއިފަސޭހަ ގޮތެއްގައި ލިއްބައިދިނުމުގެ ގޮތުން ޤައުމީ ފެންވަރުގައި ހިންގަމުންގެންދާ އިޖްތިމާޢީ ޞިއްޙީ އިންޝުއަރަންސްގެ ނިޒާމެއް ކަމަށާ މި ނިޒާމު މިހާރަށް ބައްޓަންކުރެވި ހިނގަމުންދާ ގޮތަކީ، މިފަދަ ނިޒާމެއް ހިންގުމަށް އެންމެ ދެމެހެއްޓެނިވި ގޮތްކަމަށް ނުވެފައި، އަދި މި ނިޒާމުގެ ހިންގުމުގެ ޚަރަދުތަކާއި، ޞިއްޙީ ޚިދްމަތުގެ ޚަރަދުތައް ކުޑަކޮށް، ޞިއްޙީ ވަސީލަތްތައް އެންމެ ފައިދާކުރަނިވި ގޮތެއްގައި ބޭނުންކުރެވެމުންނުދާތީ، މި ނިޒާމަށް ސަރުކާރުން ކުރާ ޚަރަދުތަކުގައި ލީކޭޖްތަކެއް އުޅޭކަމަށް ބޭރުގެ މާލީ އިދާރާތަކުން ފާހަގަކުރަމު ދާކަމަށެވެ. އަދި، ދުނިޔޭގެ ބެސްޓް ޕްރެކްޓިސްއާ އެއްގޮތަށް މި ނިޒާމުގެ ކަންކަން ތަރުތީބު ކުރުމަށްވެސް އެ ފަރާތްތަކުން ލަފާ ދީފައިވާކަމަށް ނޫސްބަޔާނުގައި ވެއެވެ.

މި މައްސަލަތައް ހައްލުކުރުމަށް، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ އަށް ސަރުކާރުން އެކަން ހުށައެޅުމުން 3 މޭ 2017 ގައި އެންސްޕާގެ ބޯޑުން ނިންމާފައިވަނީ، ޞިއްޙީ ޚިދުމަތްދޭ އަމިއްލަ ތަންތަނުން ފޯރުކޮށްދެމުންދިޔަ އިންޕޭޝަންޓް، އައުޓްޕޭޝަންޓް، ލެބޯޓަރީ އިންވެސްޓިގޭންޝަން އަދި ސްކޭންކުރުމުގެ ޚިދްމަތްތައް އާސަންދައިން އުނިކުރުމަށް ކަމަށް ނޫސްބަޔާނުގައި ވެއެވެ.

ނަމަވެސް މިގޮތަށް ޢަމަލުކުރުމަކީ، އެއްގޮތަކަށްވެސް ސަރުކާރުގެ ހުށަހެޅުމެއްނޫން ކަމަށާއި އާސަންދައިގެ ޚިދުމަތް ފޯރުކޮށްދިނުމަށް މެދުވެރިވާ އަމިއްލަ ފަރާތްތައް އެކަހެރި ކުރުމަށް ސަރުކާރުން އެއްވެސް ލަފައެއް ދީފަ ނުވާނެ ކަމަށް ރައީސް އޮފީހުން ނެރުއްވި ނޫސްބަޔާނުގައި ވެއެވެ.

ކައުންސިލު އިންތިހާބުގައި އިދިކޮޅު ފަރާތްތަކުން ސަރުކާރުގެ މައްޗަށް ބޮޑު ކުރިއެރުމެއް ހޯދާފައިވަނިކޮށް ސަރުކާރު ބަންދު ދުވަހެއްގެ ރޭ ދަންވަރު އާސަންދަ އަމިއްލަ ތަންތަނުން ކަނޑާލަން ނިންމީ ބަލިވުމުން ސަރުކާރުން އެކަމުގެ ރުޅި ބޭލުމުގެ ގޮތުން ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެފައި ވާ ދަނޑިވަޅެއްގައި، ސަރުކާރުން ނެރުއްވި ނޫސް ބަޔާނުގައި ވަނީ  މިކަމާގުޅޭ ގޮތުން 6 މޭ 2017 ގައި އެންސްޕާއިން މި ޚިދްމަތް ފޯރުކޮށްދޭ އަމިއްލަ ފަރާތްތަކަށް އެންގި އެންގުމަކީ، ވަކި ތާރީޚެއްގެ ކުރިން ނުވަތަ، ވަކި ތާރީޚެއްގައި ތަންފީޒުކުރުމަށް ސަރުކާރުން އެންސްޕާއަށް އަންގާފައިވާ އެންގުމެއް ނޫންކަމަށެވެ. އެހެންކަމުން، ޞިއްޙީ ޚިދުމަތްދޭ އަމިއްލަ ތަންތަނުން ކުރިއެކޭ އެއްގޮތަށް އާސަންދަ ޚިދުމަތް މިހާރު ލިބެމުންދާނެ ކަމުގައި ނޫސަބަޔާނުގައި ވަނީ ބުނެފައެވެ. 

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ