އަނެއްކާވެސް ހޯރަފުއްޓާއި އިހަވަންދޫގެ ފައިނަލެއް
އިހަވަންދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރ އަލްފާޟިލް މުޙައްމަދު ޢަބުދުﷲ އާއި ގުޅިގެން އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު ޖަމިއްޔާ އިން ) މިހާރު ކުރިއަށްގެންދާ މުހައްމާ ކަޕް ވޮލީ ބޯޅަ މުބާރާތުގެ ފައިނަލަށް އިހަވަންދޫ ކުޅިމަގު ވޮލީޓީމާއި ހޯރަފުށީ ޔޫތު ޑިވޮލޮޕްމަންޓް ސޮސައިޓީ (ހައިޑްސް) ދަތުރު ކޮށްފިއެވެ.
މިހިނގާ ނޮވެމްބަރު މަހުގެ 18 ވަނަ ދުވަހު ފެށި މުބާރާތުގެ ފައިނަލުން ފުރަތަމަ ޖާގަ ހޯދާފައި ވަނީ އިހަވަންދޫ ކުޅިމަގު ވޮލީ ޓީމެވެ. އެޓީމު ފައިނަލަށް ދަތުރުކުރީ ގުރޫޕު ސްޓޭޖުން އެންމެ ގިނަ ޕޮއިންޓް ހޯދާ މުބާރާތުގެ ފުރަތަމަ ސެމީ ފައިނަލް މެޗުގައި އޭ.އެސް.ޕީ 3 ސެޓު 1 ސެޓުން ބަލިކުރުމަށްފަހު އެވެ. ހޯރަފުށީ ޔޫތު ޑިވޮލޮޕްމަންޓް ސޮސައިޓީގެ ޓީމު މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފައިވަނީ މުބާރާތުގެ ދެވަނަ ސެމީފަނަލް މެޗުގައި ވިނަބޯއިސް ވޮލީޓީމް 3 ސެޓު 1 ސެޓުން ބަލިކޮށް، ފޯރި ގަދަވެ، ބައެއްކަހަލަ ހަމަނުޖެހުންތައް ހިނގި 3 ވަނަ ސެމީފައިނަލްގައި 3 ސެޓު 1 ސެޓުން އޭ.އެސް.ޕީ ބަލިކުރުމަށް ފަހުގައެވެ.
މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 20،000 ރުފިޔާގެ ފައިސާގެ އިނާމު އަދި ރަނަރއަޕް ޓީމަށް 8000 ރުފިޔާގެ ފައިސާގެ އިނާމު ހުށައެޅިފައިވެއެވެ. މިދިޔަ އަހަރު މިމުބާރާތުގެ ފައިނަލްގައި އިހަވަންދޫ ސިއްހީމަރުކަޒުގެ ޓީމާއި ވާދަކޮށް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައި ވަނީ ހޯރަފުށި ކައުންސިލްގެ އިދާރާގެ ޓީމެވެ. އެހެންކަމުން މިއަހަރުގެ މިމުބާރާތުގެ ފައިނަލް މެޗަކީވެސް މި ދެރަށުގެ ވޮލީބޯޅާގެ ވާދަވެރިކަން ފެނިގެންދާނެ، ފޯރިގަދަ ފައިނަލަކަށް ވުމާއި އެކު މިމެޗުގެ ސެކިއުރިޓީ ބެލެހެއްޓުމުގެ ކަންތައްތައް އިހަވަންދޫ ޕޮލިސް ސްޓޭޝަނުން ކުރިއަށްގެންދާނެ ކަމަށް އިމަގު ޖަމިއްޔާގެ ރައީސް މިނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވިއެވެ.
މިމުބާރާތުގެ ފައިނަލް މެޗުގެ ކުޅުން ފެށުމަށް ހަމަޖެހިފައިވަނީ މިރޭގެ 8:00 ގައި އިހަވަންދޫ އޯޕަން ސްޓޭޖު ސަރަހައްދުގައެވެ.
ޚިޔާލު ފައުޅުކުރުން