މައި ކަޕް 2015: އަރާދުވާ - މާރަންދޫ ޔޫތު ކޯޕަރޭޝަން، މޮޅުވާނީ ކޮންބައެއް؟ — Ihavandhoo.com

މައި ކަޕް 2015: އަރާދުވާ - މާރަންދޫ ޔޫތު ކޯޕަރޭޝަން، މޮޅުވާނީ ކޮންބައެއް؟

21 ޑިސެމްބަރު 2015 0

މައި ކަޕް 9 ވަނަ ފުޓްބޯޅަ މުބާރާތުގެ ކުއާޓަރ ފައިނަލްގެ ދެވަނަ މެޗުގައި މިރޭ އަރާދުވާ އަދި މާރަންދޫ ޔޫތު ކޯޕަރޭޝަން ބައްދަލްކުރާއިރު މެޗު ކާމިޔާބުކޮށް މުބާރާތުގެ ސެމީގެ ދެވަނަ ޖާގަ ކަށަވަރުކުރާނީ ކޮންޓީމެއްތޯ، އެއީ އަހަރެމެންގެ ކުރިމަތީގައި މިހާރުއޮތް ބޮޑު ސުވާލެވެ.

މި އަހަރު މައި ކަޕް ފުޓްބޯޅަ މުބާރާތުގެ ތައްޓަކީ ހާއްސަ ތައްޓެކެވެ. އެއީ މުބާރާތަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ ތައްޓެކެވެ. ހއ އަތޮޅަށް ހުޅުވާލައިގެން ކުރިޔަށްގެންދާ މައި ކަޕް ފުޓްބޯޅަ މުބާރާތުގެ ތަށި މިއަހަރު އުފުލާލާ ޓީމެއް މައި ކަޕްގެ ތާރީޚްގެ ތެރެއަށް ވަދެގެންދާއިރު އެޓީމަކީ އިހަވަންދޫއަށް ނިސްބަތްވާ އިހަވަންދޫގެ ޓީމަކަށް ވުމަކީ ފުޓްބޯޅައަށް ލޯބިކުރާ އިހަވަންދޫގެ ކޮންމެ ރައްޔިތަކުވެސް އުއްމީދު ކުރާނެގޮތްކަން ޔަޤީނެވެ.

އެ އުއްމީދު ހަގީގަތަކަށް ހަދައިދެވޭނީ ހަމަޔަޤީނުންވެސް މުބާރާތުގައި ސަލާމަތުގެ އައްސޭރިއަކަށް މިވަގުތު ދަތުރު ކުރެވިފައިވާ އިހަވަންދޫގެ ހަތަރު ޓީމުގެ ތެރެއިން ޓީމަކަށެވެ. ކުއާޓަރ ފައިނަލްގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު ހޯރަފުށި އެޑްވާންސްމެންޓް ސޮސައިޓީ އަތުން 2-1 އައި.ކުލަބު ބަލިވުމުން މުބާރާތުގައި ދެން ކުރިޔަށް ދެވުމުގެ ފުރުސަތު، އިހަވަންދޫގެ ޓީމުތަކުގެ ތެރެއިންއޮތީ ނިކަ ޗެއިނާއި ޔުނައިޓެޑް ޔޫތު އަދި ސެން ސިޓީ ފޭނސްގެ އިތުރުން އަރާދުވާ ޓީމަށެވެ.

މައި ކަޕް ފުޓްބޯޅަ މުބާރާތުގައި ޖެހިޖެހިގެން ދެއަހަރު ވާދަކުރުމަށްފަހު އެއިން ކޮންމެފަހަރަކުވެސް ކުއާޓަރ ފައިނަލާ ހަމައިން މުބާރާތާ ވަކިވި އަރާދުވާ ޓީމުގެ މިއަހަރުގެ އަމާޒަކީ ސީދާ މުބާރާތުގެ ތަށި ނޫން ދެވަނަ އެހެން އެއްޗެއް ނޫނެވެ. މުބާރާތް ފެށުމުގެ އެތަކެއް މަހެއް ކުރިން އެޓީމުވަނީ މުބާރާތަށް ތައްޔާރުވާން ފަށައިފައެވެ. ޓީމު ވަރުގަދަ ކުރުމަށް ރަށުން ބޭރުން ދެކުޅުންތެރިޔަކުވަނީ ގެނެހެވެ. އަދި ކުއާޓަރ ފައިނަލާ ހަމައަށް ދަތުރުކުރި އިރު އެޓީމުގެ ބައިކޮޅަށް ގޯލެއް ވަދެފަނުވާއިރު އެޓީމުންވަނީ 14 ގޯލް ޖަހައިފައެވެ. މިއަހަރުގެ މުބާރާތުގައި ގްރޫޕް ސްޓޭޖްގައި ކުޅުނު 3 މެޗު ކާމިޔާބުކޮށް 9 ޕޮއިންޓާއެކު މުބާރާތުގެ ކުއާޓަރއިން ޖާގައެއް ހޯދުނު ހަމައެކަނި ޓީމަކީ އަރާދުވާ ޓީމެވެ. ޓީމުގެ ފަރާތުން ފެންނަންހުރި މިފަދަ ރަނގަޅު އެތައްކަމަކާއެކު މިރޭގެ މެޗު އަރާދުވާ ޓީމުން ކާމިޔާބު ކުރާނެކަމަށް ސަޕޯޓަރުން ޤަބޫލްކުރެއެވެ.

ނަމަވެސް މުބާރާތުގައި މުޅިން އަލަށް ވާދަކުރާ މާރަންދޫ ޔޫތު ކޯޕަރޭޝަނުން މިރޭގެ މެޗު ކާމިޔާބުކުރާނެކަމަށް ބުނާ މީހުން މަދެއްނޫނެވެ. މާރަންދޫ ޔޫތު ކޯޕަރޭޝަނުގެ ނަން މުބާރާތަށް އައު ނަމަވެސް އެޓީމުގެ ގިނަ ކުޅުންތެރިންނަކީ މިދިޔަ އަހަރު މާރަންދޫ ޒުވާނުންގެ ޖަމިއްޔާގެ ނަމުގައި މުބާރާތުގައި ބައިވެރެވެ، މުބާރާތުގެ ތަށި އުފުލާލި ކުޅުންތެރިންނެވެ. ކުއާޓަރއަށް ޓީމު ދަތުރުކުރިއިރު އެޓީމުގެ ކޮޅަށް ގޯލެއް ވަދެފައި ނުވުމުން ވަކި އަރާދުވާ ޓީމަށް މާރަންދޫ ޔޫތު ކޯޕަރޭޝަނުގެ ޑިފެންސް ފޫއަޅުވާލަން އުނދަގުވާނެކަން ދޭހަކޮށްދެއެވެ.

ފުޓްބޯޅަ ކޮންމެވެސް ވަރަކަށް ދަންނަ މީހުންގާތު މިރޭގެ މެޗާބެހޭ ގޮތުން ސުވާލުކޮށްލުމުން އެމީހުން ބުރަވަނީ މާރަންދޫ ޔޫތު ކޯޕަރޭޝަނުގެ ކޮޅަށެވެ. އެމީހުންގެ މައިގަނޑު ޕޮއިންޓަކީ ގްރޫޕް ސްޓޭޖްގައި އަރާދުވާ އަށް ވާދަވެރި ވަރުގަދަ މެޗުތަކެއް ކުޅެލަން ނުލިބުމެވެ. ފަސޭހަ ގްރޫޕެއްގައި ހިމެނި، މުބާރާތުގެ ކުއާޓަރ ފައިނަލްގެ ޖާގައެއް އެންމެ ފުރަތަމަ ހޯދީ އަރާދުވާއެވެ. އެއާ ހިލާފަށް މާރަންދޫ ޔޫތު ކޯޕަރޭޝަން ކުއާޓަރ ފައިނަލާ ހަމައަށް އައީ ގަނދަ ކަނޑެއްގައި ދަތުރު ކުރުމަށްފަހުއެވެ. އެހެންކަމުން އެޓީމުގެ އުފެއްދުންތެރިކަން އަރާދުވާ ޓީމަށްވުރެއް މާބޮޑަށެވެސް ރަނގަޅުވުމުގެ ފުރުޞަތު އެބައޮތްކަމަށް މިމީހުން އެއްބަސްވެއެވެ.

ކޮންމެއަކަސް ވާގޮތެއް އިނގޭނީ މެޗު ނިމުނީމައެވެ. މިސައިޓުގެ ފަރާތުން ދެޓީމަށްވެސް އެދެނީ ކާމިޔާބީއެވެ. އެހެން ނަމަވެސް މިއީ ކޮންމެހެންވެސް ނަތީޖާ ނެރެންޖެހޭ މެޗެއްކަމުން މިމެޗުގައި ކާމިޔާބު ލިބޭނީ ކޮންމެވެސް އެއްޓީމަށެވެ. ކާމިޔާބުހޯދާ ޓީމަށް މިސައިޓުގެ ފަރާތުން ވަރަށް ހޫނު މަރުޙަބާއެއް ކިޔަމެވެ.

 

މައިކަޕް 2015

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ