ބަލިކަށި ގުރާބުކޮޅުން ގަދަފަދަ ޒުވާން ޓީމް "ރޮއްވާލައިފި"

ފޮޓޯ: ޢަބްދުލްމާނިޢު ޢަބްދުއްޞަމަދު / ވައިޖެހޭގެ

މަދަދުވެރިކަމާއި އޯގާތެރިކަމަށް ބޭނުންވެފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށާއި ދަރުމަ ހުރި އެހެންވެސް ބައެއް ކަންކަމަށް ހޭދަކުރުމުގެ ގޮތުން އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު)ގެ ފަރާތުން ކުރިއަށްގެންދާ "އިމަގު މަދަދު ޕްރޮގްރާމް" އިފްތިތާހްކުރުމަށް ހުކުރު ދުވަހުގެ ރޭ އިޝާފަހު ބީ.ޖީ ޓާފް ދަނޑުގައި ބޭއްވި ޚާއްޞަ ހަފްލާގައި ގުރާބުކޮޅާއި ޒުވާނުންނާ ދެމެދު ކުޅުނު މެޗުން ޒުވާން ޓީމް މޮޅުވިޔަ ނުދީ ހިފަހައްޓައި ޒުވާނުން ރޮއްވާލައިފިއެވެ.

ގުރާބުކޮޅު ޓީމަކީ މާލޭގައި ދިރިއުޅޭ މުސްކުޅި އުމުރުފުރާގެ ފިރިހެނުންނާއި ފުޓްބޯޅަ ކުޅުން ހުއްޓާލާފައިވާ މީހުންނާއި އަދި ނުކުޅެވޭ ނުވަތަ ކުޅެން ނޭނގޭ މީހުންކަމަށް ބުނެވޭ މީހުން ހިމެނޭ ގޮތަށް، މާލޭގައި އުޅޭ އިހަވަންދޫގެ ޒުވާން ޓީމްތަކަށް ގޮންޖެހުމުގެ ގޮތުން އުފައްދާފައިވާ ޓީމެކެވެ.

ގުރާބުކޮޅު ވުޖޫދުވެފައި ވަނީ މި އަހަރު ކުރީކޮޅު ބޭއްވި އައި ކްލަބް ވަންޑޭ ކަޕްގައެވެ. އެ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން ބޮޑު ތަފާތަކުން ބަލިވި ކަމުގައި ވިޔަސް ފަހުން ކުޅުނު ދެ މެޗްގައި ރަނގަޅު ކުޅުމެއް ދައްކާފައިވެއެވެ. ނަމަވެސް އެ ދެ މެޗުން ވެސް ހަނި ފަރަގަކުން ވަނީ ބަލިވެފައެވެ.

ގުރާބުކޮޅު ޓީމް / ފޮޓޯ: ޢަބްދުލްމާނިޢު ޢަބްދުއްޞަމަދު، ވައިޖެހޭގެ

 

ޒުވާން ޓީމް / ފޮޓޯ: ޢަބްދުލްމާނިޢު ޢަބްދުއްޞަމަދު، ވައިޖެހޭގެ

އިމަގު މަދަދު ޕްރޮގްރާމް އިފްތިތާހް ކުރުމަށް ބޭއްވި ހަފްލާގައި ކުޅުނު މެޗުގައި ޒުވާންޓީމާ ބައްދަލުކޮށް މެޗް ނިމުނީ ދެ ލަނޑުން ހަމަހަމަވެގެންނެވެ. މި މެޗުން ގުރާބުކޮޅަށް ލިބުނު ކާމިޔާބީއަކީ އެ ޓީމަށް މިހައިތަނަށް ލިބުނު އެންމެ ބޮޑު ކާމިޔާބެއެވެ.

ޒުވާން ޓީމްގައި މާލޭގައި އުޅޭ އެންމެ މޮޅު ޒުވާން ގިނަ ކުޅުންތެރިންތަކެއް ހިމަނާފައިވެއެވެ. ނަމަވެސް ގުރާބުކޮޅުގެ ހުޝިޔާރު ކުޅުންތެރިންގެ ކުރިމަތީ އެ ކުޅުންތެރިންނަށް ދެއްކުނު އެއްވެސް ތަފާތެއް ނެތެވެ.

ގުރާބުކޮޅުން އެ ރޭގެ މެޗާ ބައްދަލުކޮށްފައި ވަނީ އެ ޓީމްގެ އެންމެ މޮޅެތި ކުޅުންތެރިންނާ ނުލައެވެ. މި ގޮތުން އެ ޓީމަށް ފުރަތަމަ ހެޓްރިކް ހެދި ފެންވަރު ރަނގަޅު ފޯވާޑް އެރޯމާ މަޠީން އަށް އަނިޔާގެ ސަބަބުން ކުޅުމުގައި ބައިވެރިވެވިފައި ނުވެއެވެ. އަދި ގުރާބުކޮޅުގައި ވިދާ ބެބުޅާ ކުޅުންތެރިން ކަމުގައިވާ ހިތިލާގޭ ޝައިޚް ޝާފިޢު އާއި ގިރިޓީގޭ ފާރިޝް އަށް، ރަށުން ބޭރުގައި ވުމުގެ ސަބަބުން ކުޅުމުގައި ބައިވެރިވެވޭނެ ގޮތެއް ނުވިއެވެ. އަދި އެ ޓީމްގެ އެއް ނަންބަރު ޑިފެންސް ކުޅުންތެރިޔާ މޫރިތިގޭ އަޒްހަމަށް ކުޅުމުގައި ބައިވެރި ވެވުނީ ކުޑަ ހިނދުކޮޅެއްގައެވެ. އަދި ހަމައެހެންމެ ގުރާބުގެ އެންމެ ހުޝިޔާރު އެޓޭކިންގ މިޑްފީލްޑަރ އަންނާރުމާގޭ އަދުދާނަށް ވެސް ހާލަތު ނިޔާކުރި ގޮތުގައި މެޗްގައި ބައިވެރިވެވޭ ގޮތެއް ނުވިއެވެ. ގުރާބުކޮޅުގެ އެންމެ އުންމީދީ ކުޅުންތެރިޔާ ޢިއްޒަތްތެރި މެމްބަރު މުޙައްމަދު ޢަބްދުﷲ ވެސް މާލެއިން ބޭރަށް ވަޑައިގަންނަވަން ޖެހުމުގެ ސަބަބުން މި މެޗްގައި ބައިވެރިވެވިފައި ނުވެއެވެ.

ނަމަވެސް މި ކުޅުންތެރިންނާ ނުލައިވެސް ގުރާބުކޮޅުން ނިކުމެ ޒުވާންޓީމަށް ގޮންޖަހައި ޒުވާނުން ފެންކަޅިކޮށްލާފައި ވަނީ ހަމަ އެއްވެސް ހަމްދަރުދީއެއް ނެތް ފަދައަކުންނެވެ.

ގުރާބުކޮޅުގެ ކުޅުންތެރިންގެ މޮޅުކުޅުން ފެނިފައި ޒުވާން ޓީމް އާޝޯހުވެ ގޮތް ހުސްވިއިރު، ޒުވާން ޓީމް ބަލި ނުވެ ސަލާމަތް ވެފައި ވަނީ ހަމަ ކިރިއާއެވެ. ދެ ޓީމް ހަމަހަމަ ވެގެން މެޗް ނިމުނު ކަމުގައި ވިޔަސް ޒުވާން ޓީމްގެ ފަރާތުން ފެނިފައި ވަނީ މާޔޫސް ކަމާއި ހިތާމައެވެ. ބައެއް ކުޅުންތެރިން ފެންކަޅިވެ ރޮވިފައިވާތަން ވެސް ފެނިފައިވެއެވެ.

ޒުވާނުންނާ ވާދަކުރުމަށް ކުރިއަށް އޮތްތަނުގައި ވެސް ނިކުންނާނެ ކަމަށް ގުރާބުކޮޅުގެ ކޯޗު ރާނާގޭ އަޙްމަދު ރަޝީދު ވިދާޅުވެއެވެ. އަޙްމަދު ރަޝީދު ވިދާޅުވީ ޓީމްގެ މަންޒިލަކީ ޒުވާނުން ބަލިކޮށް ކުޑަކަކޫ މައްޗަށް ތިރިކުރުން ކަމަށެވެ.

ގުރާބުކޮޅު

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ