ބީވެގެން ގޮސްފައިވާ — Ihavandhoo.com

ބީވެގެން ގޮސްފައިވާ

21 ޖުލައި 2013 0

2010 ވަނަ އަހަރު އިހަވަންދޫގައި ފާހަގަކުރި މަސްވެރިންގެ ދުވަހުގެ މެހެމާނުންނަށް މަރުހަބާ ދެންނެވުމަށް ރައްޔިތުން ނިކުމް / ފޮޓޯ: އިހަވަންދޫޑޮޓްކޮމް ފައިލް

 

މިފުން ކާއިނާތުގެ ތެރެއަށް ބަލައިލުމުން ފެންނަނީ ކަޅު އަނދިރި ކަމެވެ. ކުޑަކުޑަ ތަރިއެއް ފަދައިން ދިއްލިފައި އެވަނީ، އިންސާނުން މިދުނިޔޭގެ ވަޤުތުތައް ހޭދަކުރުމަށްޓަކައި ﷲ ތަޢާލާ ހެއްދެވި ދުނިޔެއެވެ. އެތަނުގައި އިންސާނުން ވަޤުތުތައް ހޭދަކުރަމުންދަނީ އެކިގޮތްގޮތަށެވެ.

ދިވެހިރާއްޖެއަށް ވަނީ ދަންވަރުގެ އަނދިރިކަން ފެތުރިފައެވެ. ރާއްޖޭގެ ވެރިކަން ކުރާ ރަށްކަމުގައިވާ މާލޭގެ މަގުތަކާއި ގެތަކުގައިވާ ހޮޅިބުރިތަކާއި ބޮކިތައް އެ އަނދިރިކަމާ ހަނގުރާމަ ކުރަމުންދަނީއެވެ. މާލޭގެ ގެއެއްގެ ކޮޓަރިއެއްގައި މީހަކު އޭނާގެ ދުވަހުގެ މަސައްކަތް ނިންމާލުމަށްފަހު، ބުރަކަށި ދަމާލައިގެން ނިދުމުގެ ފުރަތަމަ މަރުޙަލާ ކަޑައްތުކުރަމުން ދަނީއެވެ. ވިސްނަމުންދަނީ މާދަމާގެ ވަޤުތުތައް ހޭދަކުރާނެ ގޮތަކާ މެދުގައެވެ. ” މާދަމާ މުދާކޮޅު ގުދަނުން ނެރެ ފިހާރާގައި އަތުރާ ލެވޭނެއެވެ. ” ” މާދަމާ ހަވީރު ޑިޒައިންކުރާ މީހާ ކައިރިއަށް ގޮސް އޭގެ އިޝްތިހާރުތައް ޑިޒައިންކުރަން ޖެހޭނެއެވެ. ” އޭނާ އަނެއް ފަރާތައް އެނބުރިލިއެވެ. “ޖެހިގެން އަންނަ އަހަރަކީ އަހަރެންގެ އެކަނިވެރިކަން ފިލާނޭ އަހަރެވެ.” މިފަދަ ޚިޔާލެއްގައި އޮއްވާ އޭނާއަށް ނިދިއްޖެއެވެ. އޭނާ އަމިއްލައަށް ވިސްނަމުންދިޔަ ވިސްނުންތަކުން އޭނާގެ ބާރު ކެނޑިގެން ދިޔައީއެވެ. ދެން އޭނާއަށް ފެނުނަސް ފެންނާނީ ހުވަފެނެކެވެ. ސުބްޙާނަ ﷲ އެވެ. މާދަމާ އޭނާއަށް ލޯ ހުޅުވާލެވޭނެ ކަމެއްވެސް ނޭނގެއެވެ. އަޅުކަންކުރުމުން އެއްކިބާވެ، ﷲ ނުރުއްސަވާ ގޮތުގައި ވަގުތުތައް ހޭދަކުރުމަށްފަހު ނިމިގެންދަނީއެވެ. ފަހެ އެ ކަލާންގެއަށް ތައުބާ ނުވެ ނިދަންކެރެނީ ކާކަށްތޯއެވެ؟

އެއްބަޔަކު އެބައެއްގެ ޕާރޓީ ކުރިއެރުވުމަށްޓަކައި ، ﷲ ތަޢާލާ ރުއްސަވާ ކަމެއްތޯ ނުވަތަ ނުރުއްސަވާ ކަމެއްތޯ ބެލުމެއް ނެތި، ސައިޓުތަކުގައި ޖަހާނެ ތަކެއްޗާމެދު ވިސްނަވިސްނާ އޮއްވާވެސް ނިދިދާނެއެވެ. ކޮންމެވެސް މީހެއްގެ މޮޅު ކާޓޫނެއް ކުރަހައިފިނަމަ ތިމަންނާއަކީ ވަރަށް މޮޅު މީހެކޭ މީހުން ބުނާނެތެވެ. ކުރަހާނެ ކާޓޫނަކާ މެދު ފިކުރުކޮށްކޮށް އޮއްވާވެސް ނިދިދާނެއެވެ.

ކޭބަލްޓީވީން ޑްރާމާ ބަލާ މީހަކު މިއަދުގެ އެޕިސޯޑްގައި ޑްރާމާގައި ވީގޮތާއި މާދަމާ ވާނީ ކިހިނެއްކަމާމެދު ވިސްނަވިސްނާ އޮއްވާވެސް ދެލޮލުގެ އެސްފިޔަ އެއްވެދާނެއެވެ.

ޒުވާން އަންހެންކުދީން ވިސްނަމުންދަނީ މާދަމާ އޮފީހަށް ދާން ލާނެ ހެދުމަކާ މެދުގައެވެ. އޮފީހުގެ މުވައްޒަފުންގެ ހިތްތައް ލަންބުވައިލެވޭނީ ކޮންކަހަލަ ހެދުމެއް ލައިގެން ނުވަތަ ކޮންކަހަލަ ސެންޓެއް ޖަހައިގެން ނުވަތަ ކޮންކަހަލަ މޭކަޕެއް ކޮށްލައިގެން ބާވައެވެ؟

މިއީ އަޅުގަނޑުމެންގެ އާދައިގެ މަތީން ކޮންމެ ދުވަހަކުވެސް އެންމެ ގިނައިން ފިކުރު ކުރެވޭ ކަންކަމެވެ. ނިދުމަކީ އަހަރެމެން ހެއްދެވި ގަދަ ކީރިތި ވަންތަ ﷲ ގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިން ވާއިރުވެސް ދުވާލުގެ ވަޤުތުތައް ﷲ އަށް އުރެދޭގޮތަށް ހޭދަކުރުމަށްފަހު ނިމިގެން މިދަނީވެސް އެއިލާހު ނުރުއްސަވާ ޙާލުގައި އޮތްވައެވެ.

އަޅުގަނޑުމެން ދިރިއުޅުމުގައި ހިނގަންވީ މަގު ދައްކަވައިދެއްވި އަޅުގަނޑުމެންގެ ލޮބުވެތި ނަބިއްޔާ މުޙައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމް ވަނީ ނިދުމުގެ ކުރީންނާއި ނިދާ ހޭލުމަށްފަހު ކިޔާނެ ދުޢާތަކާއި ޛިކްރުތައް އުނގަންނަވާ ދެއްވާފައެވެ. އޭގެތެރެއިން ތިރީގައިމިވާ ޛިކްރުތަކާމެދު ވިސްނާލަމާ ހިނގާށެވެ.

ނިދުމުގެ ކުރީން ކިޔާ ބައެއް ދުޢާ

اَللَّهُمَّ إِنَّكَ خَلَقْتَ نَفْسِيْ وَأَنْتَ تَوَفَّهَا, لَكَ مَمَاتُهَا وَمَحْيَاهَا, إِنْ أَحْيَيْتَهَا فَاحْفَظْهَا, وَإِنْ أَمَتَّهَا فَاغْفِرْلَهَا. اَللَّهُمَّ إِنِّي أَسْأَلُكَ الْعَافِيَةَ.

އޭ ހައްދަވާ ގެންގުޅުއްވާ އިލާހް. އިބަ ﷲ އީ މިއަޅާގެ ނަފްސު ހެއްދެވި ފަރާތެވެ. އަދި އެނަފްސުގެ މަރު ގަންނަވަނީވެސް އިބަ ﷲ އެވެ. އެނަފްސުގެ މަރާއި އަދި ދިރުން ވަނީ އިބަ ﷲ އަށެވެ. އިބަ ﷲ އެނަފްސު ދިރުއްވައިފިނަމަ އެނަފްސު ރައްކާތެރިކޮށް ދެއވާންދޭނވެ. އަދި އެނަފްސު މަރު ގަންނަވައިފިނަމަ އެނަފްސަށް ފާފަ ފުއްސަވާނދޭވެ. އޭ ހައްދަވާ ގެންގުޅުއްވާ އިލާހެވެ. މިއަޅާ ޢާފިޔަތަށް ( ދުޅަހެޔޮ ޞިއްޙަތަށް ) އެދެނީ އިބަ އިލާހްގެ ޙަޟްރަތުންނެވެ.

بِسْمِكَ اللَّهُمَّ أَمُوتُ وَأَحْيَا

އޭ ހައްދަވާ ގެންގުޅުއްވާ އިލާހް. މިއަޅާގެ މަރުވުމާއި އަދި ދިރިހުރުންވަނީ އިބަ ﷲ ގެ އިސްމުފުޅުގެ ބަރަކާތުންނެވެ.

ނިދީން ހޭލާފައި ކިޔާ ދުޢާ

اَلْحَمْدُ لِلَّهِ الَّذِي أَحْيَانَا بَعْدَ مَا أَمَاتَنَا وَإِلَيْهِ النُّشُورُ

އަހަރެމެން މަރު ހިއްޕެވުމަށްފަހު ( ނިދުމަށްފަހު ) ދިރުއްވެވި ﷲ އަށް ޙަމްދު ހުއްޓެވެ. އަދި އަހަރެމެން އެނބުރި ދިޔުންވަނީ އެއިލާހުގެ ޙަޟްރަތަށެވެ.

اَلْحَمْدُ لِلَّهِ الَّذِي عَافَانِي فِي جَسَدِي وَرَدَّ عَلَيَّ رُوحِي وَأَذِنَ لِي بِذِكْرِهِ

އަހަރެންގެ ހަށިގަނޑަށް ޢާފިޔާ ( ދުޅަހެޔޮ ޞިއްޙަތު ) ދެއްވެވި ﷲ އަށް ޙަމްދު ހުއްޓެވެ. އަދި އަހަރެންގެ ފުރާނަ އަނބުރާ އަހަރެންގެ ހަށިގަނޑަށް ރައްދުކުރެއްވެވީ އެއިލާހެވެ. އަދި އެއިލާހަށް ޛިކްރުކުރުމަށް އަހަރެންނަށް އިޛްނަ ދެއްވީވެސް ހަަމަ އެއިލާހެވެ.

އިސްވިދިޔަ ދުޢާތަކަށް ވިސްނާލާއިރު އަހަރެމެންނަށް ވިސްނެނީ ވަރަށް މުހިއްމު އަޅުކަމެއް އަހަރެމެން ހަނދާން ނައްތާލާފައިވާ ކަމެވެ. އެއީ މަތިވެރި ވެގެންވާ ހިތުގެ އަޅުކަމެވެ. ޚާއްޞަކޮށް ނިދާ ގަޑީގައި ﷲ މަތިން ހަނދާންކުރުމަކީ ބީވެގެން ގޮސްފައިވާ އަޅުކަމެކެވެ. މިކަމާ މެދު ވިސްނައި މިދުޢާތައް ކިޔުމަށް އާދަކުރަމާތޯ އެވެ. ހިތްހަމަޖެހުންވަނީ ﷲ ހަނދުމަކުރުމުގައެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ