ބޮޑު ތަކުރުފާނުގެ ނެތް ކުލުނެއް މަށަކުވެސް ނެތެވެ. — Ihavandhoo.com

ބޮޑު ތަކުރުފާނުގެ ނެތް ކުލުނެއް މަށަކުވެސް ނެތެވެ.

 

ނޯޓް: މިއީ އިހަވަންދޫޑޮޓްކޮމްގެ ކުރީގެ ވާޝަންގައި ކުރިން ޝާއިޢު ކުރެވިފައިވާ ލިޔުމެކެވެ. މިފަދަ ލިޔުންތައް މިހާރު ޝާއިޢު މި ކުރަނީ އާ ވާޝަންގައި މި ލިޔުންތައް ހިމެނުމަށްޓަކައެވެ.

ކަނޑު ފަޅު ފީނައިގެން ކައިބޮއެ، އުނު އޮރިޔާން ނިވާކޮށް، ދިރިއުޅުމުގެ އެދުންތައް ފުއްދައިގެން އުޅުނު ހަރުދަނާ ބެއެކެވެ. އެކުވެރިކަމާއި އެއްބައިވަންތަ ކަމާއެކު ކުރިޔަށް ދިއުމަށް މަސައްކަތްކުރި ހިތްތިރި ބައެކެވެ. ކުށް މަދު، އަމާން މުޖުތަމައެއް ގާއިމުވެ އޮތް ސުލްހަވެރި ހިތްތަކެއްގެ ވެރި ބައެކެވެ. މި ރަށުގެ ރައްޔިތުންނަކީ ދަތުރުމަތީގެ މެހެމާނުންނަށް އޯގާތެރި ބައެއްކަމުގައި ބުނެވެ އެވެ. ނުރައްކާތެރި މުޖުރިމުންގެ ކުލަވަރެއް ނިޝާނެއްވެސް ދުވަހަކު ކޮޅުންވެސް ފެންނާނެ ކަމަކަށް އުންމީދެއް ނުކުރެ އެވެ. އަމުދުން މަސްތުވާ އެއްޗެއްގެ ކޮޅުމަތިވެސް ހިއްލާލަފާނެ ކަމަކަށް ލަފައެއް ނުމެކުރެ އެވެ. ކަނޑިއެއް ކަޓަރެއް އެއީ މި ރަށުގެ ޒުވާނަކު ދަންނަ އެއްޗެއް ނޫނެވެ. ޖަލުގެ ތަންމައްޗަކީ މި ރަށު މީހުންނަކަށް ކަމުދާ ތަނެއް ނޫނެވެ. އަދި ކީއްހެއްޔެވެ؟ ވައްކަމާއި، ފޭރުމާއި، ލޫޓުމާރު ކުރުމަކީ މި ރަށު ބިމުގައި ހިންގުން ޙަރާމް ކަންކަމެވެ.

ޒަމާން އޭގެ ޒިންމާ އަދާކުރަމުން ދިޔައީ ވަރަށް ފުރިހަމައަށެވެ. ހާލަތާ ވަގުތު ބަދަލުކޮށްދެމުންނެވެ. ލަސްލަހުން ހީލަތްތެރިކަމާއި މަކަރުވެރިކަމާ އެކުގަ އެވެ. ހުވަހަންދޫ ބޭރުމަތިން ކުރި މަސްވެރިކަން އޮބާލައި އައްޑޫހިތަދުއަށް މަހަށްފުރަން ޖެހިއްޖެ އެވެ. ޒުވާނުންތައް އެތައްމިތަނަށް ބެހި، ދިރިއުޅުމުގެ އެކިކަންކަމުގައި މަސްއޫލުވެ، ދުނިޔޭގެ ވިގަނި ކުރިއެރުން ދެކެފި އެވެ.  ކުށެއް ނެތި އަރުވާލާފައި ތިބި މީހުންނަށް މި ރަށުން ދިން އޯގާތެރި ހިދުމަތާއެކު މިބިމުގައި ވަޒަންވެރިވެ، އެ މީހުންގެ ދިރިއުޅުން މެކުހަށް ޖަހައިފި އެވެ. އަންހެން ބޭކަނބަލުން މިރަށުގެ ޒުވާނުންނާ ހިތާވުން ނިމި، މި ބިމުގެ ބަގީޗާތަކުގައި ފޮޅުނު މާމެލީގެ ފޮނިކޮޅުން، އެ ބަގީޗާތަކުގައި އުޅެ ބޮޑުވެ ހިތުލައިގެން ތިބި ކޮކާ ބަޅިނދު މާބުރަށް ފުރުސަތު ގެއްލިއްޖެ އެވެ. މީހުންގެ ވިސްނުމާ ފިކުރު މި ރަށުގެ ވިލުދޮޅިން ބޭރުވެ، ދުނިޔޭގެ އަސްދަނޑިތަކާ ހަމައަށް ފޯރައިފި އެވެ. އިސާހިތަކު މި ރަށު މީހުންގެ “ބޯދާ” ވިސްނުން ބަދަލަކަށް ބޭނުންވެއްޖެ އެވެ.

މި ބަދަލު ގެންނަން އަޣުލަބިއްޔަތު ބޭނުން ނުވިއެއް ކަމަކު، ނުވާނެކަމަށް ހީކޮށްގެން ތިބި ބަދަލުގެ ބޮޑު މަންޒަރު މަޑުމަޑުން ކުލަވާން ފަށައިފި އެވެ. ފާހިޝް އަމަލުތަކުގެ “ޝިކާރަވެރިން” ރަށަށް ބޭޒާރުވެ ތަހުގީގު ފެށި ނިމި ސަރިޔަތަށް ހާޒިރުކޮށްފި އެވެ. ދުވަސްތަކެއް ނުވެ 4 މީހަކު މަސްތުވާތީ ތުހުމަތޭ ކިޔައިގެން ހައްޔަރުކޮށް މި ރަށު ރައްޔިތުން ރަތަށް އަރުވައިފި އެވެ. މަސްތުވާ 30 މީހުން މި ރަށުގައި  ތިބިކަމަށް ބުނާ ފުލުހުންގެ ޖާސޫސީ މައުލޫމާތެއް ރަށުތެރޭގައި ޒާތަކަށް އެނބުރެން ފަށައިފި އެވެ. އެ މީހުންގެ ތެރޭގައި މިރަށުގެ 4 އަންހެނަކުވެސް ހިމެނޭ ކަމަށް ބުނެވެ އެވެ. އަދި މި މީހުންގެ މޭސްތިރިންނަކީ މި ރަށަށް ވިހޭ ބައެއް ނޫންކަމަށާ، އެހެނެއް ކަމަކު އެ މީހުން މި ރަށަށް ބިސްއަޅައިފި ކަމަށް ބުނެވެ އެވެ. އަޖައިބަކީ އިހަވަންދިއްޕޮޅުގެ “ހަކުރު ބަނޑަހަ” މިރަށުގައި ހުރިކަމަށް އެ ވާހަކަ ފަތުރާ ބަޔަކު ބުނާތީ އެވެ. ކޮންމެއަކަސް ބަދަލު ބޭނުންވި ބަޔަކު ގެންނާން ބޭނުންވި ބަދަލު ގެނެސްފި އެވެ. ބަދަލުގެ ދުވަސް މިއަދު މި އޮތީ ލައިގެންފަ އެވެ.

މި ރަށުގެ ބޮޑު ބޭކަލުން ދުވަހަކުވެސް މިފަދަ ދުވަހަކަށް އުންމީދު ނުކުރީތީވެ، އަދި ވިސްނާފަވެސް ނެތީތީވެ ވާނެ އެއްޗެއް ވެ ނިމިއްޖެ އެވެ. ދިރުނބާ ކޮޅުގައި ތިބި ބޮޑު ބޭކަލުން، ސިޔާސީ ޖާދޫގައި ޖެހި ފިތި ބަނދެވިފައި ތިބިލެއް ބޮޑުކަމުން މި ދޯނި ބޮޑު ތިލައަކަށް އުރި ބަންޑުންވާ އިރުވެސް ޒުވާބު ހުއްޓާކަށް ނޭނގުނެވެ.

ކުއްލިއަކަށް ބޮޑު ބޭކަލުން ރައްޔިތުންނާ ސައްލާއެއްކޮށް މަސްތުވާ މީހުން ހުތަށޭ ރައްޔިތުން ރަތަށޭ ކިޔައި މާ ވަރުގަދަ ތަކްބީރެއް ފަށައިފި އެވެ. ރައްޔިތުން މަގުމައްޗަށް ނެރެ ރަތަށޭ ހުތަށޭ ގޮވަމުން މުޅި ރަށުގައި ހިންގުވައިފި އެވެ. މިކަމުގައި ކުދި ބޮޑު އެންމެން ބައިވެރިވި އެވެ. އަންހެން ފިރިހެން ހިމެނޭގޮތުންނެވެ. މި ހިނގާލުމުގައި ބައިވެރިވި ބައެއް ކުދި ބޭކަލުން “މަސްތުވި މީހުން ހުތަށޯ” ނުގޮވާ ކަމަށް މަންޒަރު ދުށް މީހުން ބުނެ އެވެ.

ކޮންމެއަކަސް ތަކްބީރު ވެސް ގޮވައިފި އެވެ. ނަމަވެސް މަސްތުވި މީހުން އަދިވެސް ތިބީ މަސްތުގަ އެވެ. އަސްލު ކަން ވީގޮތާއި ކަން ހިނގިގޮތް ނުބަލައި ރަށު މެދަށް ނުކުމެ ހޯ ބޯ ގޮވިއަކަސް ދެނެއް ވާނެ އެއްކަމެއް ވެސް ނެތެވެ. ކުރާން ހުރި ކަންކަން ދެން ކުރާން ޖެހޭނީ އެހެން ގޮތަކަށެވެ. މުޅީން އެހެން ވިސްނުމެއްގަ އެވެ. ފަށާން ޖެހޭނީ މާދުރުންނެވެ. ފުރިފައި ހުރި އެއްޗެއް ގުޑު ގުޑެއް ނާޅާނޭ ބުނެވުނަސް، ހަރު ބަހެއްވެސް މަޑުވެ ދޮގުވެދާކަން ދަނެ، ރައްޔިތުން މަސްތީ ނިދިން ހޭލައިގެން ނޫނީ މި ބަދަލުން ދެނެއް މިންޖެއް ނުވާނެ އެވެ.

މި ބަދަލު އަންނާނެކަން އެނގޭތީވެ، މަސްކިރާ މީހުން މި ރަށަށް ނޭރުވުމަށް ޒުވާނުންތަކެއް އެއް ދުވަސްވަރެއްގަ ނިކަން ވަރުދައްކާފަ އުޅުނެވެ. އެކުދިން ބުނީ އެ މީހުން މި ރަށަށް އެރުވުމުން އަންހެން ކުދިން ލަދުހަޔާތް ކަނޑުވައި އެ ކުދިންނާ ފޮށި މޮށި ދެންއޮތްކަމެއް ވެސް ކުރަނީ ކަމަށެވެ. މި ކުދިންގެ މަސައްކަތް ފަނުފުލުން ދިޔައީ މެހެމާންދާރީގެ ނަމުގައި ހަމަ މި އިހަވަންދޫގައި މަސްކިރާ މީހުންނަށް އޮތް ތާއީދާކާ ހުރެ އެވެ.

ދެން މި ބުނާ ޒުވާނުން ނުކުތީ ކުށެއް ނެތި މިރަށަށް ފޮނުވާލާފަ ރަށުބަންދުގަ ތިބި މީހުން ސައިޒުކުރަން ޖެހޭކަމަށް ބުނަމުންނެވެ. އަރުވާލި މީހުންގެ ކުށެއް ނެތް މައުސޫމްވަންތަކަން މުޅި މި ރަށަށް ފެތުރި، މި ރަށް ޒިޔާރަކަށްވެ، މަގުތަށް ހުދުވެލިން ޖަރީވުމުގެ ކުރިން، މި ރަށް ސަލާމަތްކުރަން ޖެހޭކަމަށް ބުނެ އެވެރިން ވަރަށް ހިތްވަރުކުރި އެވެ. ފަސްފަހަތުން މުގޯޅިއަޅަމުން، ފައި ވަޅު ބަލަމުން އެތައް ދަމެއްގަ ހިނގި އެވެ. ނަމަވެސް ޖެހުނީ ހަމަ ޖެހުނު ތަނުގަ އެވެ. އެ މީހުން ކަވާ ނުޖަހާ ހޭޅިއެއް، ހިނޭ ނުޖަހާ ހާއްޔެއް މި އިހަވަންދޫގައި ނެތްކަން އެނގި، އެ މީހުންގެ މުގުލަށް ވާންކޮށްލާނެ ފަންވަރެއް ހިކުމަތެއް އަދި މި ކަމުގައި ބައިވެރިވާނެ ކަންފުޅެއް ނެތްކަން އެނގި ހާމަވުމުން އެކަންވެސް ހުއްޓީ އެވެ.

ދެން މިރަށު މީހުންފެށީ އެހެން ކުޅިވަރެކެވެ. މި ރަށަކީ މާ ވަރުގަދަ އިސްލާހިއްޔާއެއް ކަމަށް މާލޭ މީހުން ގާތު ބުނެ ކިޔައި އާދޭސް ކޮށްގެން، އެ ބޭކަލުންގެ ދަރިން މި ރަށަށް އެތެރެކުރަން ފެށީ އެވެ. މި ރަށުގެ އިސްލާހީ އެދުރުން މި ވެރިން ރަނގަޅަށް ގާނާލާފަ، ވަރުގަދައަށް ތަރުބިއްޔަތުކޮށްފަ، މި ރަށުގެ އަންހެން ކަނބަލުންނަށް ރަންކިއުއްވައި މަގުލަސް ޖަހުވައި، ނުހޭވި އޮތް ހަޑިވެސް ހޭވީ އެވެ.

ދެންވީގޮތަކީ ހަމަ ދެން ވާންޖެހޭ ގޮތެވެ. އެއީ ދެން މާ ހެއްވާކަމެކެވެ. އަންހެން ކަނބަލުން މިރަށު ފިރިހެންވެރިން ދެކެ ފޫހިވެޔޭ ގަޓެއް ނުހުރެއޭ ކިޔައި، ރަށު ބޭރުމަތިން މާ ވަރުގަދަ މަސްވެރިކަމެއް ފެށީ އެވެ. ސީދާ ބައްޓަމަށް ތައްޔާރުކުރެވި، މަރުކާޖެހިފައިވާ، ތައްޔާރީ ބްރޭންޑްތަކެއް މި ރަށަށް އެތެރެކުރެވި އެ ކަނބަލުންގެ ހަޔާތުގެ ނައުކޮޅަށް ލައިގެން ސީދާ ދަތުރުތަކެއް ފެށީ އެވެ.

ކުރިމަތިން ދެނޭ އެ ހިއްލާލީ ވާ ކޮޅު މަތި ….

ކޮންމެއަކަސް މިކަންކަން ހައްލުކުރާކަށް ހަފުސްވާނެ ކަމެއް ނެތެވެ. މި އައިސްއޮތް ބަދަލުގެ މޫތައް ދިގުލައިފައި އޮތް ހިސާބު ދެނެތިބި ނަމަ، ތިޔަ ބުނާ ކެމްޕެއިނެއްގެ ބާރެއް ނެތްކަން އެނގުނީހެވެ. ގަސްގަނޑުގައި އާރު ހުރިވަރު މިއަދަކު ވަޒަންކޮށްލަންވެސް ނޭނގެ އެވެ. ގަސްދޮށަށް ނުލެފި މަޑުން ތިބޭށެވެ. ނުބެހޭ ކަންކަމާ ނުބެހި ހަނުތިބޭށެވެ. ހަމަގައިމުވެސް މަށަކުވާ ސަލާމެވެ. ބޮޑުތަކުރުފާނު ނުވި ލޯތްބެއް މަށަކުވެސް ވާކަށް ނެތީމެވެ. އެ ތަކުރުވެސް …

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

އެ ތަކުރުވެސް.....؟

– 16 ޖޫން 2014 0

ހާދަވަރެއް ތި އަރުވާލި.. އަނެއްކާ މާނިޢު ހިތާވި އަންހެނަކު ރަށުން ބޭރުމީހަކާ ދެވީތަ؟

– 16 ޖޫން 2014 0

ރަށުން ބޭރު މީހުންނާ އިނުމަކީ މައްސަލައެއް ތަ؟

– 16 ޖޫން 2014 0

ވ.ފުރިހަމަ ލިޔުމެއް

– 16 ޖޫން 2014 0