ބޮޑު މަންޒަރު — Ihavandhoo.com

ބޮޑު މަންޒަރު

3 ޑިސެމްބަރު 2013 0

ޒަމާން ދައުރުވެ އިންސާނުންގެ ފިކުރިއްޔާތު ބަދަލްވެ އިންސާނުން އުޅެމުންދާ ވައްޓަފާޅި ދޫކޮށްލުމުން ﷲގެ ރިސާލަތާގެން މުޙައްމަދުގެފާނު ފޮނުއްވީ މާތްވެގެންވާ އިސްލާމު ދީނައިގެންކަން ކަށަވަރެވެ. މިއަދާ ހަމައަށް 1400 އަށްވުރެ ގިނަ އަހަރު ވެގެންގޮސްފައި ވާއިރު އަޅުގަނޑުމެން މުޙައްމަދުގެފާނު އުންމަތުގެ މީހުންނަށް އިސްލާމްދީނާ މެދު ކުރެވުނީ ކޮންފަދަ ފަރުވާލެއް ތޯއެވެ. ކޮންފަދަ ގަދަރެއްތޯއެވެ. މިއަދު މިމުޖުތަމައުން މިފެންނަނީ މުހައްމަދުގެފާނު އަހަރެމެންނާ ހަމަޔަށްގެންނެވި ﷲގެ ރިސާލަތު ހެއްޔެވެ.

މަގުތައްމަތީގަ ޒިނޭ ކުރުމާ، ވަލު ޖަނަވާރުންނާއެކު ޖިންސީގުޅުން ހިންގުމާ، އެއްޖިންސުން ގުޅުން ހިންގުމާ، ރޭޕް ކުރުމާ، ބަފައިން ދަރިންނާ، ދަރިން މައިންނާ ޖިންސީގުޅުން ހިންގާ މަންޒަރެވެ. މަސްތުވެގެންވާ ހާލުގާ އަމިއްލަޔަށް ޖިންސީ އެދުންވެރިކަން ފުއްދުމާ، ވައްކަމާ، ފޭރުމާ، ލޫޓުމާރު ކުރުމާ، މާރާމޭރީއާ، ގީބަ ބުނުމާ، އެކަކު އަނެއްކެއްގެ އަބުރާބެހޭ މަންޒަރެވެ. މިނެކިރުމުގާ މަކަރުހެދުމާ، ވިޔަފާރީގާ އޮޅުވާލުމާ، ރިބާކާ މަންޒަރެވެ. ބަނޑު އަޅާ ވިހޭދަރި މެރުމާ، އެއްލާލުމާ، އަދި މައިންބަފައިން މުސްކުޅިވެ ގާބާރު ދެރަވުމުން ދަރިން އެމީހުންނަށް ހިތުހުރިގޮތެއް ހަދާ މަގުމަތި ކޮއްލާ މަންޒަރެވެ. ރަތްޔިތުން ވެރިންނަށް ކިޔަމަން ނުވުމާ، ވެރިން ރަތްޔިތުންނަށް ޖަވާބުދާރީ ނުވާ މަންޒަރެވެ. ހައްގަކާނުލާ އަނިޔާކުރުމާ، އިންސާނުން މަރާ މަންޒަރެވެ. ފިރިން އަނބިންނަށް އަޅާނުލުމާ، އަނބިން ފިރިންނަށް ނުކިޔަމަންތެރިވާ މަންޒަރެވެ. ރިސްވަތް ދިނުމާ، ރިސްވަތް ހިފާ މަންޒަރެވެ.

ﷲގެ އަޒާބަށް ކުޑަވެސް ބެލުމެއްނެތި ﷲ ނަހީ ކުރައްވާފައިވާ ކުދި ފާފަތަކުން ބޮޑެތި ފާފަތަކަށް އަރާ ގަންނަމުންދާއިރު ހަމަ އަޅުގަނޑުމެން މުޖުތަމައީ %100 މުސްލިމް މުޖުތަމައެއް ހެއްޔެވެ. އަޅުގަނޑުމެން މިއަދު ލަދުގަންނަން ޖެހެއެވެ. ﷲ އަންގަވާފައިވާ ހުކުމްތަކާ އެއްގޮތަށް ޝަރުއީ ދާއިރާގެ ބޭފުޅުން ހުކުމް ކުރަން ފަސްޖެހެނީ ކީއްވެގެންތޯ؟ އަޅުގަނޑަށް ސުވާލު އުފެދެއެވެ. އަސްލެއް ނެތްކަންކަމުގާ ސިޔާސީ ބޭނުންތަކަށް މީޑިޔާގަ އަދި އެނޫންވެސް ތަންތާންގަ ތިމާއަށް ތާއިދު ހޯދުމުގެ ނިޔަތުގާ ސިޔާސީ އިސްވެރިންނާ، ސަރުކާރުގެ ބޭބޭފުޅުން، އާންމު ރައްޔިތުން ވާހަކަ ދައްކަނީ ކީއްވެގެން ހެއްޔެވެ. ދީން އަދި ގައުމު ދެކެ ލޯބިވާތީ ހެއްޔެވެ.

އަޅުގަނޑުމެންނީ ފުރިހަމަ މުސްލިމުންކަމަށް ދައުވާކުރާ އަދި ދިވެހިންނަށް ވީތީ ފަހުރްވެރިވާ ބަޔަކީމުއެވެ. ނަމަވެސް ހުދު މިއަދު އަޅުގަނޑު ދިވެސްއަކަށް ވީތީ ލަދުގަނެއެވެ. ދިވެހިންގެ އަސްލު މަންހަޖަށް ވާސިލް ނުވީމައެވެ. ކުރީގަ މި ވަތަނަށްޓަކާ އަދި ދީނަށްޓަކާ ސަހީދުވި އަބްތާލުންގެ ކިބައިން އިބްރަތް ހާސިލް ނުކުރީތީއެވެ. އިސްލާމްދީނުގެ މަންހަޖް ދިވެހިންނަށް އޮޅުނީތީއެވެ. ގައުމުގެ ހަރުމީހުންގެ ބަސް ދިވެހިން ނޭހިތީއެވެ. ގައުމުގެ މުހާޖިރުންނާ މޭސްތިރިން ދިވެހިންނާ ހަވާލު ކުރި އަގުބޮޑު ހަދިޔާއަށް ކޮޅުފައިން އެރީތީއެވެ.

މިއަދު އަޅުގަނޑުމެން ވިސްނަން ވެއްޖެއެވެ. ދީނާއި ގައުމު އެދޭ އެދުން ބަލަންވެއްޖެއެވެ. ވެ ގޮސްފައިވާ ދުވަސްތަކުން އިބުރަތް ހާސިލް ކުރަންވެއްޖެއެވެ. ކަށިން ހިއްވަރުނެރެ ދީނުގެ ތަނބުތަށް ވަރުގަދަކޮށް އިސްލާމްދީނުގެ މަންހަޖުން ދިވެހިން ފެންވަރަން  ވެއްޖެއެވެ. ގައުމެއް ވާކަން  އަދި ދުނިޔެ އޮތް ހިނދު އެތަށް ޖީލެއް އަންނާނެކަން ހަނދުމަކޮށް އިސްލާމްދީނަށް ފުށުނާރާ ގޮތަށް ގާނޫނުތަކާ ގަވާއިދުތަށް ހަދާ އަދި މި މުޖުތަމައުގައި އިސްލާމީ ވަންތަކަމުގެ ސިފަލިބިގެންވާ ވެއްޓެއް ގާއިމު ކުރަން ވެއްޖެއެވެ. ދިވެހިންނީ ހެޔޮބަސް އަހާ ހެޔޮބަސް ގަބޫލުކުރާ ބަޔަކަށް ވުމަށްއެދި ﷲގެ ހަޟްރަތުން ދުއާ ދަންނަވާ ހާލުން  މިލިޔުން ނިންމާލަމެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ