ލޮލުރޯގާ

19 ޑިސެމްބަރު 2014 0

(މަޢުލޫމާތު: މައޯކުލިނިކް؛)  ލޮލުރޯގާ (conjunctivitis) އޭ ކިޔަނީ ލޮލުގެ ހުދުކަޅީ(conjunctiva) ގެ މަތީގައިވާ ދުލި ޖަރާސީމު ނުވަތަ ވައިރަސްގެ ސަބަބުން ދުޅަވެ ރަތްވުމަށެވެ. ލޮލުރޯގާ ޖެހި ހުދުކަޅީގައިވާ ކުދި ލޭނާރުތަކަށް ޖަރާސީމުގެ އަސަރު ކުރުމުން ލޮލަށް ފިޔާތޮށި ނުވަތަ ރަތްކުލާ އަރައި ވަރަށް ބޮޑަށް ފެންނަން ހުންނާނެއެވެ.

އާންމުކޮށް ލޮލުރޯގާ ޖެހެނީ ވައިރަސް، ބެކްޓީރިޔާ ސަބަބުންނެވެ. ލޮލަށް ވެއްޓޭ އެއްޗެއް ނުވަތަ އެޅޭ މާއްދާއެއްގެ ސަބަބުން ނުވަތަ އެލާރޖީއެއްގެ ސަބަބުން ވެސް ލޮލުރޯގާ ޖެހިދާނެއެވެ. ކުޑަ ކުދިން ކަރުނަވަޅު ބެދުމުން ވެސް ލޮލުރޯގާ ޖެހިދާނެ އެވެ.

ލޮލުރޯގާ ޖެހުމުން ލޮލުގެ ފެނުމަށް ބަދަލު އައުމަކީ ވަރަށް މަދުން ނޫނީ ދިމާނުވާ ކަމެކެވެ. އެކެއްގެ ގައިން އަނެއްކެއްގެ ގަޔަށް ފަސޭހަކަމާއި އެކު އަރާ މިބައްޔަކީ ބަލީގެ ކުރީކޮޅު ފަރުވާކޮށްގެން ފަސޭހަކަމާއި އެކު ރަނގަޅު ކުރެވޭނޭ އަދި ފެތުރުން ހުއްޓުވޭނޭ ބައްޔެކެވެ.

ފެންނާނެ އަލާމާތްތައް

ލޮލުރޯގާ ޖެހުމުން އާންމުކޮށް ފެންނަ އަލާމާތްތަކުގެ ތެރޭގައި

  • ލޯ ރަތްވުން
  • ލޯކަހައި، ހިރުވައި، ދިލަނެގުން
  • ލޮލުން ފެންއައިސް ލޮލުގައި މަޑުލުން (ނިދާ ހޭލާއިރު ލޯ ހުޅުވަން އުނދަގޫވާވަރަށް މަޑުލާފައި ހުރުން)
  • ލޮލުގައި އެއްޗެއް ޖެހޭހެން ހީވުން، ލޯއުގުޅާން ބޭނުންވުން

   

ޑަކުޓަރަށް ދެއްކުން

ލޮލުރޯގާގެ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކުރައްވާ ޑަކުޓަރަށް ދައްކަވާ ފަރުވާ ހޯދަން ވާނެއެވެ. ލޮލުރޯގާގެ އަލާމަތްތައް ފެންނަން ފެށީންސުރެ 2 ހަފުތާ ވަންދެން ބަލިމީހާގެ ފަރާތުން އަނެކާއަށް ލޮލުރޯގާ ފެތުރުމުގެ ފުރުސަތު ވަރަށް ބޮޑުވާނެއެވެ. ވުމާއިއެކު މިބައްޔަށް އަވަހަށް ފަރުވާ ފެށިއްޖެނަމަ ތިމާ އަވަހަށް ރަނގަޅުވުމުގެ އިތުރުން ކައިރީގައި އުޅޭ މީހުން މިބަލިން ސަލާމަތްކުރުމަށްވެސް މަގުފަހިވެގެންދާނެއެވެ.

ކޮންޓެކްޓް ލެންސް ބޭނުންފުޅުލުރައްވާ ފަރާތްތަކުން ލޮލުރޯގާ ޖެހުމުން ލެންސް ނަގަން ޖެހޭނެ އެވެ. ލޮލުރޯގާގެ އަލާމާތްތައް 12 ގަޑިއަރަށްވުރެ ދިގުލާ ދާނަމަ ލަސްނުކޮށް ދަކުޓަރަކަށް ދައްކާ ފަރުވާ ލިބިގަންނަން ވާނެ އެވެ.

ބަލި ޖެހުމަށް މެދުވެރިވާ ސަބަބުތައް

 ލޮލުރޯގާ ޖެހުމަށް މެދުވެރިވާ ސަބަބުތަކުގެ ތެރޭގައި؛

  • ވައިރަހެއްގެ ސަބަބުން ލޮލޮރޯގާ ޖެހުން
  • ބެކްޓީރިއާގެ ސަބަބުން ލޮލުރޯގާ ޖެހުން
  • އެލާރޖީގެ ސަބަބުން
  • ލޮލަށް ކެމިކަލް އެޅުމުން
  • ލޮލަށް އެއްޗެއް ވެއްޓިގެން
  • ތުއްތު ކުދިން، ކަރުނަވަޅު ބެދިގެން

ވައިރަސްގެ ސަބަބުން ލޮލުރޯގާ ޖެހުމުން ދެވޭ ފަރުވާ

ވައިރަސްގެ ސަބަބުން ލޮލުރޯގާ ޖެހުމުން އާންމުކޮށް ލޮލުން ގިނައަދަދަކަށް ފެން އާދެއެވެ. ބެކްޓީރިއާގެ ސަބަބުން ލޮލުރޯގާ ޖެހުމުން ލޮލުން ރީނދޫ ކުލައިގެ ދިޔައެއް ބޭރުވެއެވެ. މިދެވައްތަރުގެ ލޮލުރޯގާ، އަރިދަފުސް ރޯގާ އާއި ނޭވާލާ ނިޒާމު އަދި ކަރުގެ ބަލިތަކާއި އެކުއެކީ ފެނިދާނެއެވެ. ވައިރސްގެ ސަބަބުން ޖެހޭ ލޮލުރޯގާ ފެށިގެން އަންނަނީ ވަރަށް އާދައިގެ ގޮތަކަށެވެ. ނުވަތަ ލޮލުރޯގާ ގެ އުދަނގޫ ހުންނަނީ އާދައިގެ މިންވަރަކަށެވެ. އެންމެ ބޮޑަށް ގޯސްވެގެންދާނީ ބަލިޖެހޭތާ 5-3 ދުވަހާ ދެމެދުގެ މުއްދަތުގެ ތެރޭގައެވެ. އާންމު ގޮތެއްގައި 2-1 ހަފްތާގެ ތެރޭގައި ފަރުވާ އެއް ނުކުރި ނަމަވެސް އިތުރު އުދަނގޫތަކެއް ކުރިމަތިނުވެ، ރަގަޅުވެދާނެ އެވެ. ނަމަވެސް ބައެއް ފަހަރު އިތުރު މައްސަލަތައް ދިމާވުމާއެކު، ރަގަޅުނުވެ 3-2 ހަފްތާއަށް ދިގުދެމި ދިއުމަކީ މަދުން ނަމަވެސް ވެދާނެ ގޮތެކެވެ. ލޮލުރޯގާއާ ގުޅިގެން އުފެދޭ ދުޅަޔާ، ލޯ ހިކިފައި ހުންނަ ހުރުން ކެނޑުވުމަށް "އާޓިފިޝަލް ޓިއަރސް"(Artificial tears) އަދި "ކޯލްޑް ޕެކް"(Cold pack) ބޭނުން ކުރެވިދާނެ އެވެ. ބައެއް ފަހަރު ލޮލު ރޯގާ ޖެހުނު ވައިރަސްގެ ވައްތަރަކީ މާނުރައްކާތެރި ވައިރަހެއް ނަމަ ވައިރަސް އާ ދެކޮޅަށް މަސައްކަތްކުރާ ބޭސް(Antiviral drugs) ބޭނުންކުރަން ޖެހިދާނެއެވެ. ލޮލުރޯގާ ޖެހުނީ ވައިރަސްގެ ސަބަބުންނަމަ ފަރުވާ ކުރުމުގައި އެންޓިބަޔޮޓިކް ބޭނުންކުރާކަން ނުޖެހޭނެ އެވެ.

ބެކްޓީރިޔާގެ ސަބަބުން ލޮލުރޯގާ ޖެހުމުން ދެވޭ ފަރުވާ

ބެކްޓީރިޔާގެ ސަބަބުން އާދައިގެ މިންވަރަކަށް ލޮލުރޯގާ ޖެހިއްޖެނަމަ، އެންޓިބަޔޮޓިކް ބޭނުން ނުކުރިޔަސް ރަގަޅުވެދާނެ އެވެ. ނަމަވެސް އެންޓިބަޔޮޓިކް ބޭނުންކުރުމަކީ ބަލީގެ މުއްދަތު ކުރުކޮށް، އެހެން މީހުންނަށް ބަލި ފެތުރުން ކުޑަކޮށްދޭނެ ކަމެކެވެ. އެގޮތުން އާންމުކޮށް ބޭނުންކުރެވެނީ ލޮލަށްއަޅާ ތިއްކާ، ލޮލުގައި އުގުޅާ ބޭހެވެ. ލޮލުރޯގާއާ ގުޅިގެން އުފެދޭ ދުޅަޔާ، ލޯ ހިކިފައި ހުންނަ ހުރުން ކެނޑުވުމަށް "އާޓިފިޝަލް ޓިއަރސް"(Artificial tears) އަދި "ކޯލްޑް ޕެކް"(Cold pack) ބައެއް ފަހަރު ބޭނުން ކުރެވިދާނެ އެވެ. އެލާރޖީގެ ސަބަބުން ލޮލުރޯގާ ޖެހުމުން ދެވޭ ފަރުވާ އެލާރޖީގެ ސަބަބުން ޖެހޭ ލޮލުރޯގާ އެލާރޖީވާން މެދުވެރިވި އެއްޗެއް ބޭނުންކުރުން ހުއްޓާލުން، ނުވަތަ އެއެއްޗަކާ ދުރުހެލިވުމުން އާންމުކޮށް ރަގަޅުވެދެއެވެ. އެލާރޖީއަށް ޚާއްޞަ ބޭހާ، ލޮލަށްއަޅާ ތިކި ބޭނުންކުރުމުން ބައްޔަށް ލުއިކަން ލިބެއެވެ.

ބަލިން ރައްކާތެރިވުމަށް ކުރެވިދާނެ ކަންތައް

  1. ގިނަގިނައިން ސައިބޯނިލައިގެން އަތްދޮވުން.
  2. ލޮލުގައި އަތްނުލުން.
  3. ބަލިޖެހިފައިވާ މީހުންބޭނުން ކުރާ ތުވާލި،ބެޑްޝީޓް،އަވިއައިނު ފަދާތަކެތި ވަކިން ގެންގުޅުން.
  4. ރޯގާޖެހުމުންދެވޭ ފަރުވާ ނިމެންދެން ނުވަތަ ލޯ ރަނގަޅުވެ ލޯތެރެސާފުވަންދެން އޮފީސް ނުވަތަ މަސައްކަތް ކުރާތަނަށް ނުގޮސް ގޭގައި މަޑުކުރުން.
  5. ރޯގައި ޖެހިފައި ތިބޭ މިހުން، އެއްވެއުޅޭ ތަންތަނަށް ނުކުތުމާއި ބަލި ފެތުރޭފަދަ ކަންތައްތަކުން ދުރުހެލިވުން.
  6. ދިރި އުޅޭ ތަނާއި ނިދަން ބޭނުން ކުރާ ތަން ރަނގަޅަށް ސާފުކޮއްބެލެހެއްޓުން.
  7. ރޯގައިން ރައްކައުތެރިވުމަށް އެކަކު އަނެކަކު ހޭލުންތެރި ކުރުވުމާއި، މަޢުލޫމާތު ފެތުރުން.
  8. ރޯގާ ޖެހިއްޖެނަމަ، ޥަޤްތުން ފަރުޥާ ހޯދުމާއި، ޑޮކްޓަރުގެ މަޝްޥަރާޔާ އެއްގޮތަށް ޢަމަލުކުރުން
  9. ބަލިފަސޭހަވެ ބޭސްއަޅާ މުއްދަތު ނިމުމުން ވީހާވެސް އަވަހަކަށް ބޭސްފުޅިތައް ރައްކައުތެރިކަމާއެކު ނައްތާލުން.

 

 

ބަލިތައް

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ