ބަނޑުހިކުން އުނދަގޫ މައްސަލައެއް

4 ޑިސެމްބަރު 2013 0

ބަނޑުހިކުން ނުވަތަ ބަނޑުހަރުވުން މާނަކުރަނީ އެކިމީހުން އެކިގޮތަށެވެ. ގިނަބަޔަކު ދެކޭ ގޮތުގައި ބަނޑުހަރުވުމަކީ ކޮންމެދުވަހަކު ބޮޑުކަމުދާން ނުޖެހުމެވެ. އަނެއްބަޔަކު ދެކޭގޮތުގައި ބަނޑުހަރުވުމަކީ ބޮޑުކަމުދާ ނަޖިސް ހަރުކޮންހުރުން، އުނދަގުލުން ބޮޑުކަމުދާންޖެހުން ނުވަތަ ބޮޑުކަމުގޮސް ނިމުމަށްފަހު އެއްކޮށް ހުސްނުވެހުރުމެވެ. ތަފާތު ގޮތްގޮތަށް ބަނޑުހަރުވުން މާނަ ކުރެވެނީ ބަނޑުހަރުވާން މެދުވެރިވާ ސަބަބު ތަފާތުވީމާކަމަށްބެލެވިދާނެއެވެ. ހަމައެފަދައިން ބަނޑުހިކުމުން އަޅަންޖެހޭ ފިޔަވަޅުތައްވެސް ތަފާތެވެ. ބަނޑުހަރުވާން ދިމާވާ ގޮތަކީ ގިނައިރު ނުވަތަ އިތުރު އެހެން ސަބަބަކާހުރެ ބޮޑުކަމުނުގޮސްހުރުމުން ނަޖިސް ފުރަގަސްފަރާތު ގޮހޮރުގައި ޖަމާވެ ނަޖިހުގެތަތްކަން ބޮޑުވުމަށްފަހު ނުވަތަ ހަރުވުމަށްފަހު ބޮޑުކަމުދާވަގުތުގައި ނަޖިސް ބޭރުނުކޮށްދިނުމެވެ.

ދެދުވަހުން އެއް ފަހަރު ނަމަވެސް އެއްވެސް އުދަގުލެއްނެތި ފަސޭހަ ކަމާއެކު ބޮޑުކަމުދެވޭނަމަ އެއީ ބަނޑުހިކުން ކަމުގައި ނުބެލެވޭނެއެވެ. އުމުރުންދުވަސްވާވަރަކުން ގޮހޮރުގެ ހަރަކާތްތައް %95 މީހުންގެ މަދުވެ ބޮޑުކަމުދާން ޖެހެނީ ހަފްތާއަކު ތިންފަހަރު ނުވަތަ ދެފަހަރުއެވެ. އާދައިގެ މަތިން ބޮޑުކަމުގޮސް އުޅެނީ ރެއާދުވާލު އެއްފަހަރު އެވެ. އަދި %50 އަށްވުރެވެސް މަދުބަޔަކަށް އެއްދުވަހު ދެފަހަރު ބޮޑުކަމުދެވިއްޖެއްޔާ ޖެހިގެން އަންނަދުވަހު ހަމަ އެއަދަދަށް ފާހާނާކޮށްލުމަކީ ދަތިކަމެކެވެ.

ޑޮކްޓަރީގޮތުން، ބަނޑުހަރުވެފައިވާކަމަށް ނިންމަނީ ހަފްތާއަކު މަދުވެގެން ތިންފަހަރު ބޮޑުކަމުނުދެވޭނަމައެވެ. ވަރަށްބޮޑަށް ކޮންސްޓިޕޭޓް(ބަނޑުހަރު)ވުމަކީ ހަފްތާއަކު އެއްފަހަރު ބޮޑުކަމުދާންޖެހުމެވެ. ދެދުވަސް ނުވަތަ ތިންދުވަސް ވަންދެން ބޮޑުކަމުނުގޮސް ހުރުމުން އެމީހަކަށް މާބޮޑުއުނދަގޫތަކެއް ނުކޮށްފާނެއެވެ. އެހެންނަމަވެސް ނަފްސާނީގޮތުން ކޮންމެވެސްވަރެއްގެ ބަދަލެއްއައުމަކީ ވަރަށްއެކަށީގެންވާ ކަމެކެވެ.

ކުއްލިއަކަށް ބަނޑުހަރުވުމުން ނުވަތަ ބަނޑުހަރުވާން ފެށިތާ ގިނަދުވަސް ތަކެއް ނުވާނަމަ ވީހާވެސް އަވަހަކަށް ބަނޑުހަރުވާން މެދުވެރި ސަބަބު ހޯދަންވާނެއެވެ. އެއީ ބޮޑުގޮހޮރުގައި ޓިއުމަރެއްފަދަ އެއްޗެއްއުފެދުމުގެ ސަބަބުން ބަނޑު ހަރުވުމުގެ ފުރުސަތުބޮޑުވީމައެވެ. އަދި ބަނޑުހަރުވުމާއި ވިދިގެން ފުރަގަސްފަރާތުން ލޭ އައިސް ބަނޑުގައި ރިއްސާ މޭނުބައިކޮށް ހޮޑުލެވި ބަރުދަންލުއިވާ ކަމަށްވާނަމަވެސް ވަރަށް އަވަހަށް ބަނޑުހަރުވާން މެދުވެރިވި ސަބަބު ހޯދާ އެކަމަށް ހައްލެއްލިބޭތޯ އުޅެންވާނެއެވެ. ދާއިމީކޮށް ބަނޑުހަރުވަނީނަމަ އާދައިގެމަތިން ޓެސްޓްތައްހަދައިގެން ކުރިއަށް ގެންދެވިދާނެއެވެ. އެހެންނަމަވެސް މާބޮޑަށް ބަނޑުހަރުވުމުން އަވަސް ނުވަތަ ވަގުތީ ފަރުވާ އެއް ދޭންޖެހިދާނެއެވެ.

ބަނޑުހަރުވާން މެދުވެރިވާ މައިގަނޑު ސަބަބަކީ ކެއުމަށްފަހު ބަނޑުތެރޭގައި ހަޖަމްވާ ކާނާ ނުވަތަ ނަޖިސް ގޮހޮރުގެ ތެރޭގައި ދަތުރުކުރުން ލަސްވުމެވެ. މިގޮތުން ގޮހޮރުގެ ކޮންމެ ހިސާބެއްގައިވެސް ނަޖިސް ދަތުރުކުރުން ލަސްވާގޮތް މެދުވެރިވެދާނެއެވެ. %95 އަށްވުރެ ގިނަފަހަރު ލަސްވަނީ ބޮޑުގޮހޮރުގެތެރޭގައެވެ.

ގިނަފަހަރު ބަނޑުހަރުވާނީ ކެވޭ ބޭހެއްގެ ސަބަބުންނެވެ. ހާއްސަކޮށް ތަދުކަނޑުވަން ހުންނަ ނާރކޮޓިކް އެކުލެވޭ ބޭސް(މިސާލަކަށް:-ކޮޑެއިން،އޮކްސީކޮޑޯން،ހައިޑްރޮމޯރފޯން)، ޑިޕްރެޝަން އަށް އުފައްދާފައިވާ ބޭސް(އެމިޓްރިޕްޓިލީން،އިމިޕްރަމިން) ،ނިފިޑިޕިން ފަދަ ކެލްސިއަމްޗެނެލް ބްލޮކަރސް އާއި ދަގަނޑުގެބައި އެކުލެވޭ ބޭސްތައް ހިމެނެއެވެ. މިފަދަ ބޭސްތައްބޭނުންކުރަން ޖެހިއްޖެ ހިނދެއްގައި ބަނޑުހަރުވިނަމަވެސް ބޭސް ބޭނުންކުރުން މެދުކެނޑިގެންނުވާނެއެވެ. މާބޮޑަށް ބަނޑުހަރުވުމުގެ ކުރިން ވަގުތީފަރުވާއެއް ނުވަތަ ކެއުމަށްބަދަލުގެނެސްގެން އެމައްސަލަ ހައްލުވޭތޯ ބަލާށެވެ. އެއަށްފަހުގައިވެސް މާބޮޑުއުނދަގޫތަކެއް ވާނަމަ ބޭހަށް ބަދަލުގެނެވިދާނެއެވެ.މިސާލަކަށް ތަދުކަނޑުވަންބޭނުންކުރާ ބޭހެއްކަމުގައިވާ ބްރޫފަންގެ ބަދަލުގައި ތަދުކަނޑުވަން ކޮޑެއިން އެކުލެވޭބޭހެއްބޭނުންކުރެވިދާނެއެވެ.

ބޮޑުކަމުދާން ވެއްޖެކަމުގެ އިހްސާސް ކުރެވުމަށްފަހު ގިނަފަހަރު ފާހާނާނުކޮށް ހިފެހެއްޓުން ނުވަތަ ލަސްކުރުން އާދަައަކަށްވެއްޖެ ނަމަވެސް ބަނޑުހަރުވެއެވެ. އެއީ ބޮޑުކަމުދާން ޖެހުމަކީ ސިއްޙަތު ރަނގަޅަށް ހުންނަމީހެއްގެ އަމިއްލަ އިޙްތިޔާރުގައިވާ ކަމެކެވެ. ބޮޑުކަމުދާން ޖެހޭވަގުތު ފާހާނާ ނުލިބުމުގެ ސަބަބުން ވަރަށްގިނަ މީހުން އެކަންކުރުން ލަސްކޮށްހަދައެވެ. އެގޮތަށްކަންތައް ކުރުމުން ބަނޑުހިކޭނެއެވެ.

ބަނޑުހަރުވުމާއިވަރަށް ބޮޑަށް ގުޅިފައިވާ އަނެއްކަމަކީ ކެއުންބުއިން ބައްޓަންކުރެވިފައިވާ ގޮތް ނުވަތަ ޑައިޓް ގެންގުޅެވޭގޮތެވެ. ފައިބަރ އެކުލެވޭ ކާނާ ގިނައިން ބޭނުންކުރުމުން ނަޖިސް މަޑުވެ ނަޖިސްހުންނަންޖެހޭ އެންމެ ރަގަޅު ގޮތުގައި ބަހައްޓައިދެއެވެ. ފައިބަރ މަދުން އެކުލެވޭ ކާނާބޭނުން ކުރާނަމަ ބަނޑުހަރުވުމުގެ ފުރުސަތު ބޮޑުވާނެއެވެ. ގުދުރަތީގޮތުން އެންމެ ގިނައިން ފައިބަރ އެކުލެވޭ ތަކެއްޗަކީ ތަރުކާރީ،މޭވާ އަދި ގޮދަނުގެ ބާވަތްތަކެވެ.

ވަކިވަރަކަށްވުރެ ދިގުމުއްދަތަކަށް ބަނޑުދިޔާކުރާބޭސް ނުވަތަ ޖުއްލާބު ބޭނުންކުރުމުންވެސް ބަނޑުހަރުވާގޮތް މެދުވެރިވެއެވެ. ހަށިގަނޑުގައި ވާ ބައެއް ހޯރމޯންތަކަށް އަންނަ ބަދަލެއްގެ ސަބަބުންވެސް ބަނޑުހަރުވެއެވެ. ތައިރޮއިޑް ގްލޭންޑުން އުފައްދައިދޭ ހޯރމޯން ވަރަށްމަދުނަމަ ނުވަތަ ޕެރަތައިރޮއިޑް ގްލޭންޑުން އުފައްދައިދޭ ހޯރމޯން ވަރަށް ގިނަނަމަ ބަނޑުހަރުވެދާނެއެވެ. މައްސަރު ދުވަސްކޮޅު ގައާއި ބަނޑުބޮޑުދުވަސްކޮޅުގައި އިސްޓްރޮޖަން އާއި ޕްރޮޖެސްްޓްރޯން ލޭގެތެރޭގައި ހުންނަ މިންވަރު މައްޗަށްދިއުމުން ބަނޑުހިކެއެވެ. ޖެހިފައިވާ ބައްޔެއްގެ ސަބަބުން ގޮހޮރަށް އަސަރުކޮށް ގޮހޮރުގެ މަސައްކަތަށް ބުރޫއަރައި ބަނޑުހަރުވާން މެދުވެރިވެދާނެއެވެ. މިސާލަކަށް:- ހަކުރުބަލި ، ގޮހޮރުގެ ކެންސަރު ނުވަތަ ސްޓްރިކްޗަރ ފަދަ ބައްޔެއްހުރުން ހިމެނެއެވެ. އަދި މައިބަދަޔަށް އަނިޔާއެއްލިބުމުންނާއި އަތްފައި ތުރުތުރުއަޅާ ބަލި ނުވަތަ ޕާރކިންސަނިޒްމް ފަދަ ކަމެއް ސިކުނޑިއާއި ނާރުތަކުގެނިޒާމުގައިވާނަމަ އެކަމެއްގެ ސަބަބުން ބަނޑުހަރުވާނެއެވެ. ހަމައެހެންމެ ބޮޑުގޮހޮރަށް އަންނަ ބަދަލެއްކަމުގައިވާ ކޮލޯނިކް އިނާރޝިއާ ގެ ސަބަބުން (ގޮހޮރުގެ ނާރުތަކަށާއި މަސްތަކަށް ވަރަށްބޮޑުބަދަލެއް އައިސް ގޮހޮރުގެމަސައްކަތައްބުރޫ އެރުމުގެ ސަބަބުން) ނަޖިސް އެންމެ ފުރިހަމަ ގޮތުގައި ބޭރުކޮށްދިނުމަށް ހުރަސް އަޅައެވެ. ކަށިވަތުގެ ނުވަތަ އުނަގަނޑާއި ފުރަގަސްފަރާތުދޮރު ވަށައިގެންވާ މަސްތަކަށް އަންނަބަދަލެއްގެ ސަބަބުން ބޮޑުކަމުދިއުމަށް ދަތިވާމީހުން ވެސްމަދެއްނޫނެވެ.

ބަނޑުހަރުވުމުން ފަރުވާ ދެވިދާނެގޮތްތައް ގިނަކަމުން އެންމެފަސޭހަ އަދި ރަގަޅު ގޮތަކީ ފަރުވާދޭން ފެށުމުގެ ކުރިން ބަނޑުހަރުވާން މެދުވެރިވިސަބަބު ހޯދުމެވެ. ބަނޑުހަރުވެއްޖެކަން އެނގުމުން ކެއުންބުއިމަށް ބަދަލުގެންނާށެވެ. ފެންބުއިން އިތުރުކޮށްލުމަށްފަހު ކެއުމުގައި ތަރުކާރީ އާއި މޭވާ އިތުރު ކޮށްލާށެވެ. ރެއާދުވާލު އެއްމެ މަދުވެގެންވެސް ތިންއިރު ތަރުކާރީ/މޭވާ ކާންވާނެއެވެ. ހާއްސަކޮށް ބަނޑުދިޔާކޮށްދޭފަދަ މޭވާ ނުވަތަ ތަރުކާރީ (މިސާލަކަށް:-ފަޅޯ، ޕްލަމް،އެޕްރިކޮޓް،ލެޓިއުސް،ކިއުކަމްބަރ، ކެބެޖް،)އެއްއިރު ނަމަވެސް ކާންވާނެއެވެ. ވަކިވައްތަރެއްގެ ފަތްޕިލާވެލި(މިސާލަކަށް:- މާބުޅާފަތް،ކޮޕީފަތް، މުރަނގަފަތް) ބޭނުންކުރެވިދާނެއެވެ. އަދި ހަމައެހެންމެ ފައިބަރ ގިނައިން އެކުލެވޭ ތައްޔާރީ ކާނާވެސް އެއްމެރަގަޅުވާނެއެވެ. "ޕްރޫން ނުވަތަ ޕްރޫންގެ ޖޫހަކީ ބަނޑުހަރުވާތީ ވަރަށްކުރިންސުރެވެސް ވަރަށްއާއްމުކޮށް ބޭނުންކުރަމުން އަންނަ އެއްޗެކެވެ. ވަރަށް އާއްމުކޮށް ބޭނުންކުރެވޭ އެއްޗެއްކަމުގައިވާ ފަތްޕިލާވެލީގެ ބާވަތްތައް ދާއިމީކޮށް ގިނަމުއްދަތަކަށް ބޭނުން ކުރުމުން، ގިނަފަތުގައި ހުންނަނީ ސްޓިމިއުލެންޓް ލެކްޒެޓިވް އެއްކަމުގައިވާތީ ބޮޑުގޮހޮރު ފާރުވުމުގެ ފުރުސަތު ވަރަށް ބޮޑެވެ." ބައެއްބަލިމީހުންނަށް (މިސާލަކަށް:- ގޮހޮރުގައި ސްޓްރިކްޗާރ އުފެދި ގޮހޮރުގެވަކިހިސާބެއް ކޮންމެވެސްވަރަކަށް ބެދިފައިވާ މީހުން) ފައިބަރ ގިނައިންއެކުލެވޭ ކާނާބޭނުން ކުރުމުން އިތުރުއެހެން ސިއްޙީ މައްސަލަތައް ދިމާވެދާނެތީ ވީހާވެސް އަވަހަށް ޑޮކްޓަރެއްގެ ނުވަތަ ސިއްޙީއެހީތެރިއެއްގެ ލަފާހޯދަންވާނެއެވެ.

ޑޮކްޓަރަށް ދައްކައިގެން އެކިވައްތަރުގެ ލެކްޒެޓިވްސް ނުވަތަ ބަނޑުދިޔާކޮށްދޭ ބޭސް ބޭނުންކުރެވިދާނެވެ. މާބޮޑަށް ބަނޑުހަރުވުމުން އެނީމާ ނުވަތަ ބޮޑުގުންބާކުރަން ޖެހިދާނެއެވެ. ގުންބާކުރުމަށްޓަކައި،ތައްޔާރު ކުރެވިފައިވާބޭހެއް ހިމަހޮޅިއެއްގެއެހީގައި ފުރަގަސްފަރާތުގޮހޮރަށް ފޮނުވާލާނެއެވެ. އަދި މިފަދަ ބޭހެއް ލިބެންނެތްނަމަ ފެނުގެތެރެއަށް ސައިބޯނި ގިރުވައިގެން ބޭސްފެން ތައްޔާރުކުރެވިދާނެއެވެ. މިގޮތަށް ގުންބާކުރުމުގެ ކުރިން ފުރަގަސްފަރާތުގޮހޮރުގައި ނަޖިސް ހުރިކަން ޔަގީންވާންވާނެއެވެ.

ވަގުތީ ގޮތުން ނުވަތަ އަވަސް ފަރުވާއެއްގެ ގޮތުގައި ފުރަގަސްފަރާތަށްލައްވާ ބޭސްގުޅައެއްކަމުގައިވާ ސަޕޯސިޓްރީ ބޭނުންކުރެވިދާނެއެވެ. ސަޕޯސިޓްރީ ބޭނުންކުރަން ފަސޭހަވެފައި ނަތީޖާވެސް ވަރަށް ރަނގަޅުވާނެއެވެ. އަދި ހާއްސަކޮށް ބޭސްގުޅަލައްވާ ވަގުތު އިނގިލިކޮންމެވެސް ވަރަކަށް ފުރަގަސްފަރާތުން އެތެރެއަށް ލައްވާލެވިއްޖެއްޔާ ބޮޑުދާން ޖެހޭލެއް އަވަސް ވާނެއެވެ. ނަޖިސް ފުރަގަސްފަރާތުގޮހޮރުގައި ބޭރުނުވެ ހުންނަތާ ގިނައިރުވުމުން ނަޖިހުން ހިލައުފެދުމަކީ ދިމާވާ މައްސަލައެކެވެ. ވީމާ ސަޕޯސިޓްރީ ލެއްވުމުގެކުރިން ނުވަތަ އެނީމާ ދިނުމުގެ ކުރިން ހިލަތައްނަގަންވާނެއެވެ. މިކަންކަމަށް ޑޮކަޓަރެއްގެ އެހީ ހޯދުން މުހިންމެވެ.

ބަނޑުހަރުވެފައި ތިބޭ މީހުން ހަމައެކަނި ކަސްރަތުކޮށްގެން މާބޮޑު ފަސޭހަކަމެއް ލިބޭކަމަކަށް އެއްވެސް ދިރާސާއަކުން ނުދައްކައެވެ. އެހެންނަމަވެސް އެއްވެސް ކަސްރަތެއް ނުކޮށް ކަންނެތް ދިރިއުޅުމެއް އުޅޭމީހުންނަށް ބަނޑުހަރުވުގެ މައްސަލަ ދިމާވުމުގެ ފުރުސަތުބޮޑެވެ.

ދާއިމީކޮށް ބަނޑުހަރުވާ މީހުން ވަރަށްގިނަ ގޮތްގޮތަށްފަރުވާ ހޯދުމަށްފަހު ރަގަޅު ނުވުމުން އެކަމަށްހާއްސަ އޮޕަރޭޝަނެއްކުރުމުން އެ މައްސަލަ ހައްލުވެއެވެ.

ބަނޑުހަރުވުމުން ބައެއްމީހުން ކުރާކަންތައްތަކުގެ ތެރޭގައި ގްރީންޓީ ނުވަތަ ފެހިސައިފަތުފެންބުއިން، ކިރުކޮފީތައްޓެއް ބޯލުން، ދެތިންދުވަހެއް ވަންދެން ބައި ޖޯޑުގެ ގާނާފައި ހުންނަ ރޯ ކެރެޓްގެ ތެރެއަށް ދެ މޭޒުމަތީސަމްސަލުގެ ޒައިތޫނި ތެޔޮ އަޅައިގެން ކެއުން، ސަނާމުކީ ފަތްހިއްކާފައި ކުދިކުދި ކޮންގުޅަހަދައިގެން ބޭނުންކުރުން، ކިރުތައްޓަކަށް މާމުއި އަޅައިގެން ބުއިމުގެއިތުރުން ގެރިކިރުބޮއެ ހަދައެވެ.

ބޮޑުކަމުދާން ބޭނުންވާ ހިނދު ހިފަހައްޓައިގެން ހުރުމުގެ ބަދަލުގައި ވީއެންމެ އަވަހަކަށް ބޮޑުކަމުދިއުމާއި، އަދި ކޮންމެ ދުވަހަކު ބޮޑުކަމުދިއުމަށް ވަކި ވަގުތެއް އާދަކުރެވޭތޯ ބަލާށެވެ. މިސާލަކަށް ބޮޑުކަމުދާން އޮންނަ ވަގުތަކީ ހެދުނުގެ ނާސްތާއަށްފަހު އޮންނަ ވަގުތު ކޮޅު ކަމުގައި ކަނޑައަޅައި އެގޮތަށް ޢަމަލުކުރެވިދާނެ އެވެ.

 

ބަލިތައް

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ