ކައުންސިލަރުންގެ ޓެކްސީދަތުރު – ހައްލުލިބިފައިނުވާ މައްސަލައެއް! — Ihavandhoo.com

ކައުންސިލަރުންގެ ޓެކްސީދަތުރު – ހައްލުލިބިފައިނުވާ މައްސަލައެއް!

31 ޖެނުއަރީ 2018 3

އިހަވަންދޫ ކައުންސިލްގެ މިދައުރުގެ ކައުންސިލަރުންނަށް އެންމެބޮޑަށް އަމާޒުވާއެއް ފާޑުކިޔުމަކީ ކައުންސިލަރުންގެ ކެމްޕޭނަށް ބޭނުންކުރި ޓެކްސީއަށް މިހާތަނަށްވެސް އަގުދީފައިނުވާކަމަށް ބުނާމައްސަލައެވެ. ކައުންސިލަރުން އެބޭފުޅުންގެ ކެމްޕޭން ހަރަކާތަށް ބޭނުންކުރި ޓެކްސީގެ ވެރިފަރާތަކީ މިރަށު ނޫރުމަންޒިލް، އަބުދުﷲ އިރުޝާނެވެ. މިކަމުގައި ދެފަރާތުގެ ބަސްވެސް ހޯދައިލީމެވެ.

އިރުޝާން ބުނީ އޭނާ ފުރަތަމަ އެއްބަސްވީ ތެޔޮދިނުމުން ކާރު ދޫކުރަންކަމުގައެވެ. ނަމަވެސް އެގޮތް އެމީހުންނަށް (އެމްޑީޕީގެ ޓިކެޓްގައި ވާދަކުރި ކެނޑިޑޭޓުންނަށް) ކަމުނުދިޔަ ކަމުގައެވެ. "ދެން އަހަރެންބުނިން ތެޔޮއަޅާފަ، 500ރ ވަރުދިނީމަ އޯކޭ ވާނެއޭ" ކަންހިނގިގޮތް އިރުޝާން ކިޔައިދިނެވެ. އިރުޝާނުގެ މިވާހަކަޔާއި ކައުންސިލަރު އަޙްމަދު ރިޞްވާން (ޖިޒްވާން) އަދި ކައުންސިލަރު މުހައްމަދު ރަޝީދުވެސް އެއްބަސްވެއެވެ.

ނަމަވެސް މައްސަލާގެ ފަހުބައިގައި ދެފަރާތުގެ ވާހަކަ ވަރަށްތަފާތެވެ. އިރުޝާން ބުނާގޮތުގައި ތެލާއި 500ރ އަށް ކާރު ދޫކުރަން އޭނާ ހުށަހެޅުމުން، އެގޮތްވެސް އެމީހުންނަށް ކަމުނުދިޔަކަމަށާއި އެއަށްވުރެ ބޮޑުއެއްޗެއް އަހަރެމެން ދޭނެކަމަށް އެމީހުން ބުނިކަމަށެވެ. އެހިސާބުން 3000ރ އަށް އަގުބަދަލުވީކަމަށް އޭނާބުންޏެވެ. އިރުޝާނު ބުނާގޮތުން އޭނާ އެމުއާމަލާތުހިންގީ ކައުންސިލަރު އަޙްމަދު ރިޟްވާން (ޖިޒްވާން) އާއެވެ.

ރިޟްވާން އެކަމާ ދެކޮޅުހަދައެވެ. ރިޟްވާން ބުނާގޮތުންނަމަ ކާރު ކުއްޔަށް ނެގުމުގެ މުއާމަލާތު ހިންގީ އިރުޝާނާއި ކައުންސިލަރު މުހައްމަދު ރަޝީދާއި ދެމެދުއެވެ. ރިޟްވާން ބުނީ އިންތިހާބުވެއްޖެނަމަ އޭނާ ފަރުދީގޮތުން އިތުރަށް ރުފިޔާއެއް ވައްޓާލާނެކަމަށް ބުނިކަމަށެވެ. ނަމަވެސް 3000ރ ދޭން އެއްބަސްނުވާކަމަށް އޭނާބުނެއެވެ. ކައުންސިލަރު މުހައްމަދު ރަޝީދު ބުނީ ކާރު ކުއްޔަށްނެގީ އޭނާޔާއި އިރުޝާނާއި ދެމެދު ހިނގި މުއާމަލާތެއްގައިކަމުން، ކާރު ކުލިދެއްކުމަށް އޭނާ މަސައްކަތްކޮށް ކޮށްފައިވާނެކަމުގައެވެ. އެގޮތުން އިރުޝާނައި ކުރެވުނު މުއާމަލާތުން އެކަމުގައި އެއްބަސްވުމަކަށް އާދެވިފައިނުވާކަމަށް އޭނާބުނެއެވެ. "6 މީހެއްގެ މަސްލަހަތު ހިމެނޭކަމެއްކަމުން ކުރިން އެއްބަސްވެފައިވާ އަގަށް ބަދަލެއް އަންނަނަމަ އެކަމެއް ނުކުރެވޭނެތާ. މިހާރު އެދެފިން އަގަށް ބަދަލުއައި ސަބަބު ސާފުކޮށްދިނުމަށް. އެކަމަކު ސީދާ ޖަވާބެއްނުލިބޭ" ރަޝީދު ބުންޏެވެ. މުހައްމަދު ރަޝީދު ބުނިގޮތުގައި އެއްބަސްވެފައިވާގޮތަށް އެދުވަހު ކާރުދުއްވީ އެމީހުންގެ ތެލުގައި ކަމަށާއި، ނަމަވެސް އެއްބަސްވެފައިވާ އަގާއިމެދު ދެފަރާތުގެ ދެމެދު އުފެދިފައިވާ މައްސަލަ ހައްލުކުރަން ބޭނުންވަނީ ވާހަކަދައްކައިގެންކަމުގައެވެ.

ރިޟްވާންބުނީ އޭނާއަކީވެސް ތަފާތުވިޔަފާރިކުރާ ފަރާތެއްކަމަށާއި، ވިޔަފާރީގައި އޮންނަނީ އަގު ބަދަލުވާ ނިޒާމެއް ނޫންކަމަށެވެ. އޭނާ އިތުރަށްބުނީ އޭނާކުރާ ވިޔަފާރީގައިވެސް ބައެއްމީހުން  ލޭންދޭނަށް މުދާގެންގޮސް ފައިސާނުދޭ ކަމަށާއި، ނަމަވެސް އެފަރާތްތަކުގެ ވާހަކަ ސޯޝަލްމީޑިޔާގައި ގޮވައިގެން އެރުފިޔާލިބޭނެތޯ އޭނާ ސުވާލުއުފެއްދިއެވެ. އޭނާބުނީ ވިޔަފާރީގެ މުއާމަލާތުގައި ހިންހަމަ ނުޖެހުމެއް އުޅޭނަމަ އެކަން ވާހަކަދައްކައިގެން ހައްލުކުރުމަށް އެދޭކަމަށާއި، އެގޮތަށް ހައްލުނުވެއްޖެނަމަ ކޯޓަށް ދިއުމަށެވެ.

އިރުޝާން ބުނީ އޭނާ ލާރިއާއި ހެދިއުޅުނުނަމަ 5000ރ ވެސް ލިބެން އޮތްކަމަށާއި، ޕީޕީއެމްގެ އެކިލެވެލް ތަކުގެ މީހުން އެކިފަހަރުއައިސް ކާރު ކުއްޔަށް ދޭންއެދި އާދޭސްކުރިކަމުގައެވެ. މައްސަލަ ޝަރުއީ ކޯޓަކަށް ހުށަހަޅަން ގަސްތުނުކުރަންތޯ އެހުމުން ބުނީ، އެކަމާ ނުވިސްނަން ކަމަށާއި ދަރަނިވާނީ ދަރަންޏަށް ކަމަށާއި ކޮންމެ މީހަކީވެސް މަރުވާނެމީހެއްކަމަށާއި ގިޔާމަތް މަހުޝަރުދުވަސް އަންނާނެކަމުގައެވެ.

އިރުޝާން ބުނާގޮތުންނަމަ އޭނަ ޓެކްސީގެ ހިދުމަތްދިނީ 12 ގަޑީއިރުއެވެ. ޓެކްސީ ކުރުމުގެ ގަވާއިދުގެ (ނަންބަރު: 2013/R-1475) ޖަދުވަލު 6 ގައިވާގޮތުން 12 ގަޑީރުގެ ޓެކްސީ ދަތުރަށް އެންމެގިނަވެގެން ނެގޭނީ 840ރ އެވެ. އަދި 24 ގަޑީއިރުގެ ދަތުރަށް ގިނަވެގެން ނެގޭނީ 1400ރ އެވެ. އެއަށްވުރެ ކޮޑަކޮށް އަގުނެގުމުގެ އިޚުތިޔާރު ޑްރައިވަރުންނަށް ދޫކޮށްލާފައިވާއިރު ގަވާއިދާއި ހިލާފުވާ ފަރާތްތައް ފުރަތަމަ ފަހަރު 500ރ އިން އަދި ދެވަނަފަހަރު 1000ރ އިން ޖޫރިމަނާކުރެވޭއިރު އިތުރަށް އެފަދަ ކުށެއް ތަކުރާރުކުރާނަމަ އެފަރާތެއްގެ ލައިސަންސް ބާތިލްކުރުމުގެ އިހްތިޔާރު ކަމާބެހޭފަރާތަށް ދެއެވެ.

އިރުޝާންވަނީ އޭނާއަށް ލިބެންޖޭހޭ ކަމަށްބުނާ ރުފިޔާ ލިބުނުދުވަހަކުން އެފައިސާ ކުޑަކުދިންގެ ހިޔާއަށް ހަދިޔާކުރުމަށް ނިންމާފައިވާކަން އިއުލާންކޮށްފައެވެ.

އިހަވަންދޫ ކައުންސިލް

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

އެ ޓެކްސީ، އެ ފައިސާ ކޮޅު․ ހައްހައްހާ

– 31 ޖެނުއަރީ 2018 0

މިލިޔުން ކިޔާލުމުން ސާފުވިކަމަކީ، އިރުޝާން ތިކަމުގަ ވާހަކަދައްކަގެން މަސްސަލަ ހައްލުކުރުން ބުއްދިވެރިކަން․ އާވާރާއެއްހެން މޮޔަވެގެން ފޭސްބުކްގަ އެވަހަކަލިއެގެން ހައްލެއްނެތްކަން،

– 31 ޖެނުއަރީ 2018 2

ihtebe ah kuraa Aniyaa huhtaalaa

– 31 ޖެނުއަރީ 2018 0