ކައުންސިލްގެ ބޮޑުޖާފަތް ބާއްވައިފި!

އިހަވަންދޫ ކައުންސިލުން ބާއްވާ ރައްޔިތުންގެ ބޮޑު ޖާފަތް ރޭ ބާއްވައިފި އެވެ. ޖާފަތް ބޭއްވީ އޯޕަން ސްޓޭޖް ސަރަހައްދުގައެވެ. ރަށުގެ ކުދި ބޮޑު ހުރިހާ އެންމެންނަށް ދައުވަތު އެރުވިގެން ކުރިއަށް ގެންދިއަ މިޖާފަތުގައި ގާތްގަނޑަކަށް 2260 މީހުން ބައިވެރިވިއެވެ.

މިޖާފަތް އެންމެ ފަހުން ބާއްވާފައިވަނީ 2017 ވަނަ އަހަރުއެވެ. މިކަމާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ކައުންސިލްގެ ރައީސް މުހައްމަދު ރަޝީދު ވިދާޅުވީ، މިއީ ކައުންސިލްގެ މެނިފެސްޓޯގަ ހިމެނޭ ކަމެއް ކަމަށާއި 2018 ވަނަ އަހަރު މިކަން ނުކުރެވުނީ ކައުންސިލް ސަސްޕެންޑްކޮށް ކައުންސިލަށް ކުރިމަތި ކުރުވި ދަތިތަކާ ހުރެ، ކުރެވޭނެ އެއްވެސް ގޮތެއް ނެތުމުން ކަމަށެވެ.

ރައީސް އިތުރަށް ވިދާޅުވީ، މިއީ ކޮންމެ އަހަރެއްގަވެސް ބޮޑު ބަންދު ނިންމާލުމުގެ ގޮތުން ކުރާ ކަމެއް ކަމަށެވެ. އަދި މިކަމުގެ ތައްޔާރީތަކަށް ރަށުގެ ރައްޔިތުންނާއި ހުރިހާ މުއައްސަސާތަކުން ވަރަށް ފުރިހަމައަށް އެއްބާރުލުން ދެއްވިކަން ރައީސް ފާހަގަ ކުރެއްވިއެވެ.

"މިޖާފަތުގެ މަގުސަދަކީ، ރަށުގެ ހުރިހާ ރައްޔިތުން އެއްތަނަކުން ބައްދަލުވެ އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކުރުން." ރައީސް އިތުރަށް ވިދާޅުވިއެވެ.

ސަސްޕެންޝަނަށްފަހު، އަނެއްކާވެސް އާ ހިތްވަރަކާއެކު މެނިފެސްޓޯ ތަންފީޒުކުރުމުގެ މަސައްކަތް ކައުންސިލުން ދަނީ ކުރަމުންނެވެ. އެގޮތުން، ކައުންސިލުން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ޒުވާނުންގެ ބޮޑު ދަތުރުވެސް މިހާރު ވަނީ ބާއްވާފައެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ