ކައުންސިލްގެ ދަރަނި ދެއްކުމުގެ މަސައްކަތް ހަލުއިކަމާއެކު ދަނީ ކުރިއަށް : މުޙައްމަދު ރަޝީދު

6 ޖުލައި 2017 0

އިހަވަންދޫ ކައުންސިލްގެ 3 ވަނަ ދައުރު ފެށުނު އިރު، ދަރަނީގެ ގޮތުގައި ހުރި ފައިސާތަކުގެ ތެރެއިން އެއްލައްކަ އަށްވުރެ ގިނަ ފައިސާ މަސްދުވަސްތެރޭ ދައްކާފައިވާ ކަމަށް ކައުންސިލްގެ ރައީސް މުޙައްމަދު ރަޝީދު ވިދާޅުވެއްޖެ އެވެ.

ރޭ އިހަވަންދޫ ކައުންސިލުން ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުމުގައި ކައުންސިލްގެ މާލީ ހިސާބުތައް ހާމަ ކުރައްވަމުން، މުޙައްމަދު ރަޝީދު ވިދާޅުވީ، ނުދެއްކި ހުރި ބިލްތަކުގެ ޖުމުލަ ނިމިދިޔަ ޖޫން މަހުގެ ނިޔަލަށް މިހާރު ހުރީ  2951892.88 ރުފިޔާ ކަމަށެވެ. ނުދެއްކި ހުރި ގިނަ ބިލްތަކެއްގެ ފައިސާ ދައްކަމުންދާކަމަށް ހާމަކުރައްވާ ރައީސް ވިދާޅުވީ، އިއްޔެވެސް 60،000 ރުފިޔާގެ ބިލއްތައް ދައްކާފައި ވާ ކަމަށާއި ބުރާސްފަތި ދުވަހުވެސް 70 ހާސް ރުފިޔާގެ ބިލްތަކުގެ ފައިސާ ދެއްކޭނެ ކަމަށެވެ. މިފައިސާ ދައްކަމުން މިދަނީ ކައުންސިލަށް ލިބިފައިވާ އިދާރީ ބަޖެޓުގެތެރެއިން އެކިއެކި ގޮތްގޮތުން ހޯދައިގެން ކަމަށް ރައީސް ވިދާޅުވިއެވެ.

ދަރަނީގެ ބޮޑުބައެއް ދައްކަން ޖެހެނީ ސަރުކާރުގެ އެކިއެކި ކުންފުނި ތަކަށާއި މުވައްސަސާތަކަށްކަން ފާހަގަ ކުރައްވާ، 2 މިލިޔަނަށްވުރެ ގިނަ ފައިސާ ސަރުކާރުގެ ކުންފުނިތަކާއި މުވައްސަސާތަކަށް ދަންކަން ޖެހޭކަމަށް ރައީސް ފާހަގަ ކުރެއްވިއެވެ. މީގެތެރެއިން ރައްޔިތުންނާއި ފިހާރަތަކަށް ދައްކަންޖެހޭ ފައިސާތައް ވީހާވެސް އަވަހަކަށް ދެއްކުމުގެ މަސައްކަތް ކުރަމުންދާކަމަށް ރައީސް ފާހަގަ ކުރެއްވިއެވެ. ހަމަ އެހެންމެ ދައުލަތަށް ދައްކަން ޖެހޭ ފައިސާތައްވެސް ދެއްކުމުގެ މަސައްކަތް ބަޖެޓު ސެކުޝަނުން ކުރިއަށްދާ ކަމަށް ވަނީ ފާހަގަ ކުރައްވާފައެވެ.

ރޭގެ ބައްދަލުވުމުގައި ކައުންސިލްގެ ރައީސް މުޙައްމަދު ރަޝީދު ވިދާޅުވީ، އަމާޒަކީ އަންނަ އޯގަސްޓު މަހުގެ ނިޔަލަށް ކައުންސިލްގެ ދަރަނި އަދާކޮށް ހަލާސްކުރުން ކަމަށެވެ. 

އިހަވަންދޫ ކައުންސިލް

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ