ޑެންގީ ހުމަށް ފަރުވާ ހޯދަމުން ދިޔަ އަންހެނަކު ނިޔާވެއްޖެ — Ihavandhoo.com

ޑެންގީ ހުމަށް ފަރުވާ ހޯދަމުން ދިޔަ އަންހެނަކު ނިޔާވެއްޖެ

10 މެއި 2016 1

ގދ ފަރެސް މާތޮޑާ ސިއްހީ މަރުކަޒުގައި ޑެންގީ ހުމަށް ފަރުވާ ހޯދަމުން ދިޔަ 35 އަހަރުގެ އަންހެނަކު ނިޔާވެއްޖެ އެވެ. 

ޑެންގީއަށް ފަރުވާދެމުން ދަނިކޮށް މަރުވެފައި ވަނީ އެ ރަށު ހާޝިޔާ އަބްދުﷲ އެވެ. ހާޝިޔާ މަރުވެފައި ވަނީ އިތުރު ފަރުވާއަށް ގދ. ތިނަދޫގައި ހުންނަ ޑރ. އަބްދުސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ގެންދަން ތައްޔާރުވެފައި ވަނިކޮށް ކަމަށް ފަރެސްމާތޮޑާ ސިއްހީ މަރުކަޒުން ބުނެ އެވެ.

ޑެންގީ ޖެހިގެން ފަރެސްމާތޮޑާ އިން މީހަކު ނިޔާވެފައި ވާއިރު، މިދިޔަ ބުރާސްފަތި ދުވަހު ހެލްތު މިނިސްޓްރީގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ހެޑް އޮފް ސަވައިލެންސް އިބްރާހިމް ނިޝާން އަހުމަދު ވިދާޅުވީ، މި އަހަރު މިހާތަނަށް ޑެންގީ ޖެހިގެން މީހަކު މަރުވެފައެއް ނުވާ ކަމަށާއި އެހެންކަމުން ޑެންގީގައި މި އަހަރު މީހަކު މަރުނުވެ ކުރިއަށްދެވޭނެ ކަމަށެވެ.

މިދިޔަ އަހަރާ އަޅާބަލާއިރު މި އަހަރުގެ މިހާތަނަށް ޑެންގީ ޖެހިގެން ރިޕޯޓުކޮށްފައިވާ މިންވަރު ވަނީ އިތުރުވެފަ އެވެ. މި އަހަރުގެ މިހާތަނަށް 464 ކޭސް ހުށައަޅާފައިވާ އޭގެ 96 ޕަސެންޓްއަކީ ފުރާނައަށް ގެއްލުންނުވާ ޑެންގީ ހުމުގެ ކޭސްތައް ކަމަށް ހެލްތު މިނިސްޓްރީ އިން ބުނެ އެވެ. އޭގެތެރެއިން 67 ޕަސެންޓް ކޭސް ހުށައަޅާފައި ވަނީ އަތޮޅުތެރެއިންނެވެ.

އަދި މިހާރު ޑެންގީ ހުން އެންމެ ގިނައިން ފެންނަމުން ދަނީ މާލެ، ހުޅުމާލެ، ކ. ކާށިދޫ އަދި ހއ. އިހަވަންދޫން ކަމަށް ހެލްތު މިނިސްޓްރީން ވަނީ ބުނެފައެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

މިހާރު އުޅޭ މީހުން ހާދަހާވާ މޮޅުވެފައި ބޮޑާކަމާއި ކިބުރުވެރިކަންވެސް އިންތިހާއަށް ގޮއްސިއޭ ދޮތަ؟ ޑެންގޫގައި މީހަކު މަރުނުވެ ކުރިއަށް ދެވޭނެކަމަށް ބުނުމަކީ އަހެރެމެން ބަލިކަށި އިންސާނުންނަށް ބުނަން އެކަށީގެންވާ ބަސްބަހެއްނޫނެވެ․ އަދި އެ ބަލީގައި މީހަކު މަރުނުވުމަކީ އެބަލީގެ ނުރައްކާތެރިކަން ކުޑަކަން ހާމަކޮށްދޭ ދަލީލެއްނޫނެވެ․ ބައްޔެއްގެ ނުރައްކާތެރިކަން އެބަލި ފެތުރެމުންދާ ހަލުއިކަމުގެ މައްޗަށްވެސް ބިނާކުރެވޭނެއެވެ․ ޞިއްޙީ ދާއިރާގެ ދޯހަޅިނޫންކަން ކިތަންމެވަރަކަށް ބަޔާންކުރަން އުޅުނަސް އެދާއިރާގެ ދޯހަޅިކަން އެއީ ސިއްރުކުރެވޭނެ ކަމެއްނޫނެވެ․ އެމްޑީޕީ ސަރުކާރުގައިވެސް އަދި މިހާރުގެ ސަރުކާރުގައިވެސް އަދި އޭގެ ކުރިންއޮތް ސަރުކާރުގައިވެސް އެންމެ ދޯހަޅި ދާއިރާއަކީ ޞިއްޙީ ދާއިރާއެވެ․ ރައްޔިތުން ސަލާމަތުން ނުތިބެ ތާރު އެޅި މަގުތަކުގައި ދުއްވާނެ މީހަކު ނޫޅޭނެއެވެ․ ނަރުދަމާއަށް ދެކަމު ހާޖަތު ދާނެމީހަކު ނޫޅޭނެއެވެ․ ބުރިޖުމަތިން ހުރަސްކުރާނެ މީހަކު ނޫޅޭނެއެވެ․ ފުލެޓްތަކުގައި ދިރި އުޅޭނެ މީހަކު ނޫޅޭނެއެވެ․

– 11 މެއި 2016 0