ދަރުމަވެރިންގެ މަސައްކަތު ބައްދަލުވުން ނިންމާ، ބައިވެރިންނަށް ލިޔުން ހަވާލުކޮށްފި

26 މާރިޗު 2017 0

މަސައްކަތު ބައްދަލުވުން ނިންމުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: އިމަގު ޖަމިއްޔާ

ހއ. އިހަވަންދޫގައި ދިރިއުޅޭ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ކެއަރ ސޮސައިޓީއާއި ގުޅިގެން އިމަގު ޖަމިއްޔާ މެދުވެރިކޮށް ހިންގުމަށް ހަމަޖެހިފައިވާ އައުޓުރީޗް ޕްރޮގުރާމަށް ބޭނުންވާ ޓުރެއިނަރުންގެ މަސައްކަތު ބައްދަލުވުން ނިންމާ ބައިވެރިންނަށް ލިޔުން ދީފި އެވެ.

 މިކަމަށްޓަކައި ރޭ 9:00 ގައި އިމަގު ވެހީގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފައެވެ. މިރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އިހަވަންދޫ ސުކޫލުގެ ޕުރިންސިޕަލް އަލްފާޟިލް އަޙުމަދު ރަޝީދު އެވެ.

މިހިނގާ މާރިޗް މަހުގެ 20 އިން 25 އަށް ހިންގުނު މި ތަމްރީނު ޕުރޮގުރާމު ފުރިހަމަ ކުރި 19 ބައިވެރިންނަށް ރޭ ވަނީ ތަމްރީނު ނިންމި ކަމުގެ ލިޔުން ހަވާލުކޮށްފައެވެ. މިމަސައްކަތު ބައްދަލުވުމުގައި ބައިވެރިންނަށް ސެޝަންތައް ނަންގަވައިދެއްވާފައި ވަނީ ކެއަރ ސޮސައިޓީގެ 3 މުވައްޒަފުން ކަމަށްވާ ކެއަރ ސޮސައިޓީގެ އެސިސްޓެންޓް ޑިރެކްޓަރ ޕްރޮގްރާމްސް އައިޝަތު ސުފާނާ، ކެއަރް ސޮސައިޓީގެ ދިރެކްޓަރ އޮޕަރޭޝްން ޝިޔާނާ ޝަމީމް އަދި ކެއަރ ޑިވިލޮޕްމެނަޓް ސެންޓަރގެ ޓީޗަރ، މަރްޔަމް ޒުހާ މުހައްމަދު އެވެ.

މިއަހަރުގެ ފެބުރުވަރީ މަހު ކެއަރ ސޮސައިޓީގެ ފަރާތުން އިހަވަންދޫއަށް ޒިޔާރަތްކޮށް، އިހަވަންދޫގައި ތިބި ނުކުޅެދުން ތެރިކަން ހުންނަ ފަރާތްތަކުގެ ހާލަތު ދެނެގަތުމަށްޓަކައި ކުޑަ ސާވޭ އެއް ކުރިއަށް ގެންދެވުނު ކަމަށާއި އިހަވަންދޫގެ އާބާދީއާއި އަޅާބަލާއިރު، އިހަވަންދޫގައި ނުކުޅެދުންތެރިކަން ހުންނަ މީހުން ނިސްބަތުން ގިނަކަން އެސާވޭ އިން ފާހަގަ ކުރެވިގެން ދިޔަ ކަމަށް ކެއަރ ސޮސައިޓީގެ އެސިސްޓެންޓް ޑިރެކްޓަރ ޕްރޮގްރާމްސް އައިޝަތު ސުފާނާ ރޭ ވަނީ ފާހަގަ ކުރައްވާފައެވެ. ސުފާނާގެ އިތުރަށް ފާހަގަ ކުރެއްވި ގޮތުގައި، އެކަމާއި ގުޅިގެން އެބޭފުޅުން ބޭއްވި ތަފާތު ބައްދަލުވުންތަކުން، އިހަވަންދޫގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަ ޕުރޮގުރާމް ތަކެއް ކުރިއަށް ގެންދިއުމަކީ މިހާރުން ފެށިގެންވެސް ވަރަށް މުހިއްމު ކަމެއްކަން ފާހަގަ ކުރެވުނު ކަމަށެވެ. އިހަވަންދޫގައި މިކަމުގައި މަސައްކަތް ކުރާނެ ބަޔަކު ތަމްރީނު ކުރެވުން އެއީ އެގޮތުން ކުރެވޭ މަސައްކަތުގެ ފުރަތަމަ ފިޔަވަހި ކަމަށާއި ދަރުމަވެރިންގެ ގޮތުގައި މަސައްކަތް ކުރާނޭ ބަޔަކު މިއަދު އިހަވަންދޫގައި ތަމްރީނު ކުރެވިފައިވާކަމަށް ސުފާނާ ފާހަގަ ކުރެއްވި އެވެ.

ކެއަރ ސޮސައިޓީ އަދި އިމަގު ޖަމިއްޔާއިން ކުރިން ކޮށްފައިވާ އިޢުލާނުގައި ވާގޮތުން މިމަސައްކަތު ބައްދަލުވުން ފުރިހަމަކުރުމަށްފަހު، ބައިވެރިން 2 އަހަރު ދުވަހުގެ އައުޓްރީޗް ޕްރޮގުރާމުގައި ދަރުމަވެރިއެއްގެ ގޮތުގައި މަސައްކަތް ކުރާނެ  އެވެ. 

އިމަގު ޖަމިއްޔާ

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ