ނޮޅިވަރަންފަރު ގިމަން — Ihavandhoo.com

ނޮޅިވަރަންފަރު ގިމަން

28 ފެބުރުއަރީ 2014 0

2013 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 19 ވީ ބުރާސްފަތިދުވަހުގެ ނުވަގަޑީގެ ވަގުތު ނައިސްގެން ގުރޭޑް 12 ގެ ދަރިވަރުން ދިޔައީ، އިރުކޮޅު ކޮޅުން، ސިއްރު ސިއްރުން ފާރުގައި އިން ހަތަރެސްކަން ގަޑިއަށް ބަލަމުންނެވެ. ނައިސްގެން އުޅޭވަގުތުއައިސް ޖެހުމުން ހުރިހާ ކުދިން އަވަހަށް ތިންބުރީ ޢިމާރާތުން ފައިބައިގެން ދިޔައީ ދިވެހިގަޑިއަށް ލިޔަންޖެހޭ ދަތުރުނާމާ ފުރިހަމަ ކުރުމަށްޓަކައި ހދ.ނޮޅިވަރަންފަރަށް ކުރަންޖެހޭ ދަތުރަށް ތައްޔާރުވާށެވެ. ދަތުރު ރާވަމުން އަންނަތާ އެތަކެއް ދުވަސްތަކާއި އެތަކެއް ބައްދަލުވުންތަކެއް ބޭއްވުނެވެ. މުދައްރިއްސުންނާއި ދަރިވަރުން އެކަމަށްޓަކައި އެތަކެއް މަސައްކަތްތަކެއްކޮށް، އެތަކެއް ވަގުތެއް އެކަމަށްޓަކައި ޤުރުބާން ކުރި އެވެ. އެންމެ ފަހުން އެހުރިހާކަމެއް ގިރާކޮށް، ކާމިޔާބުގެ ރަހަ ދުލުގެ ކުރީގައި ޖެހުނީއެވެ.

   ވިއްސާރައިގެ އަސަރު އުދަރެހުން ދައްކާލާފައި އެ ކުލަވަރު މުޅިން އެހެން ކުލަވަރަކަށް ބަދަލުވެ އުޑުމަތި ދިޔައީ ސާފުވަމުންނެވެ. އަހަރެން ގެއަށް ވަދެ ބަނޑަށް ކުޑަގޮތެއް ހަދާލުމަށްފަހު، ދެތިން ގަމީސް ދަބަހަށްލައި ތައްޔާރުވެލީމެވެ. އަދި ރަޙުމަތްތެރިއަކަށް ވާން ހުރި ކުއްޖާއަށް ދޭނެ ކުޑަ ހަދިޔާއެއް މަންމަ ލައްވައި ހެދީމެވެ. މަންމަމެންގެ ނަސޭހަތުގެ އަޑު އަހައި އާއިލާއާ ސަލާން ގަލާން ކުރުމަށްފަހު ފެންވަރައި ތާޒާ ވެލުމައިގެން ކުރިއަށް ދިޔައީމެވެ. ގޭތެރޭގައި ހޫރިލަ ހޫރިލާ އުޅުމަށްފަހު، ގަޑި ބަލައިލިއިރު ވަގުތު ހިނގަމުން ދަނީވެސް ހީނުކުރާހާ ބާރު މިނުގައެވެ. ފުރަން ހަމަޖެހިފައިވަނީ 11 ޖަހާއިރުކަމުން، ތަންވަޅު ބަލައި ލިބުނު ސައިކަލެއްގެ ފަހަތުގައި ފެރީ ގިމަތައާ ދިމާއަށް ދުއްވާލީމެވެ.

   އެކި ދިމަދިމާއިން ބެލެނިވެރިންނާއި ދަރިވަރުން ނުކުންނަމުންދާ މަންޒަރު ފެނެއެވެ. އެއްބަޔަކު ބަރޮލުގައި ތަކެތި އުފުއްލަމުން ދާއިރު އަނެއް ބަޔަކު ގާނޑިޔަލުގައި އެއްޗެހިތައް ފެރީއަށް ބަރުކުރަމުން ދިޔައެވެ. ގިނަ ޓީޗަރުންނާއި އެހެނިހެން ބޭފުޅުންތައް ހަމައެކަނި ދަބަހެއް ކޮނޑުގައި އަޅުވައިލައިގެން ފެރީއަށް އެރުމަށްޓައި އަތިރިމަތީގައި މަސްވެރިންދުވަހު ހަދާފައިވާ ކުޑަތައްތައް ދަށުގައި މަޑުކޮށްލައިގެން، ކެތްމަދުވެފައި، ދެކޮޅަށް ބޯހޫރުވާލަ ހޫރުވާލައި ތިއްބެވެ. ހުރިހާކަމެއް ހަމަޖެހި މީސްކޮޅު ގިނަވުމުން ފެރީއަށް މީހަކަށްފަހު މީހެއް އަރަމުން ދިޔައެވެ. އިހަވަންދޫގައި ދުއްވާ ކުރިކީލި ފެރީއަށް 13 އަންހެން ދަރިވަރުންނާއި 8 ފިރިހެން ދަރިވަރުންގެ އިތުރުން 8 ބެލެނިވެރިންނާއި 17 މުދައްރިއްސުން އެރިއެވެ. އޭރުވެސް ދިވެހި މުދައްރިސް ފަތުޙުﷲ ސަރ، ކޮންމެވެސް އިންތިޒާރެއްގައި ވައިޓަރުމަތީގައި މަޑުކޮށްލައިގެން ހުއްޓެވެ.

   އަހަރެންނަށް އެ މަންޒަރު ބަލާކަށެއް ތަނެއް ނުދިނެވެ. ފަތުޙުﷲ ސަރގެ އެދިލެއްވުމަށް ހުރިހާ ދަރިވަރުންގެ އައިޑީ ކާޑްތައް، ނެގުމުގައި ހީވާގި ވެލައިގެން އުޅުނީމެވެ. ފެރީއަށް ނުފުރި ލަސްވެގެން ދިޔައީ ޑެޕިއުޓީ ޕްރިންސިޕަލް މުޙައްމަދު އަބުދުއް ޞަމަދާއި، ދަތުރުގެ ކަންތައްތައް އެންމެ ފުރިހަމަ ގޮތުގައި ރާވައި ނެގެހެއްޓެވި އަހަރެމެންގެ ސުޕަރވައިޒަރ އަޙްމަދު ރަޝީދް ސަރ ލަސްވުމުންނެވެ. އެހެންނަމަވެސް ގިނަ ވަގުތުތަކެއް ގެއްލުވައި ނުލައި ފެރީއަށް ހއ.އިހަވަންދޫ ނެރުން ނުކުމެވުނުއިރު ގަޑިން 11 ޖަހައި 31 މިނެޓް ހިނގަނީ އެވެ. ފެރީ ނައްޓާލުމުން، ދަތުރުމަތީގެ ދުޢާ ކިޔައި ފެރީގެ ގޮނޑިއެއްގައި އަހަރެން ލައްވެލީމެވެ.

   ކޮޅު ފަސްކޮޅުގައި ހުރެފައި ފޯނުނަގައި ގަޑި ބަލައިލިއިރު، ކަނޑުމަތީގައި ބައިގަޑިއިރު ހޭދަކުރެވިފައިވާކަން އެނގުނެވެ. ނަސްފަރަށް ފެރީ އެރުމުގެ މައުލޫމާތުތައް ދިމަދިމާއިން އަންނާތީވެ، ފެރީގެ ކުރިއަށް ބަލައިލިއިރު ފެހިކުލައިގެ ގައްލަންދޫ ގަސްކަރަ ފެންނާން ހުއްޓެވެ. އެއިރުވެސް ހަމަ ވާހަކަ ދައްކާންތިބި މީހުންތައް ތުންގުޅުވައިލައިގެން ތިއްބެވެ. ބައެއްކުދިން ހޭބޯނާރައި ވާހަކަފޮތްތައް ކިޔަމުން ގެންދަނީއެވެ. ބައެއް މީހުން "ސަމްސަގް" ފަދަ މޮޅެތި ފޯނުތަކުގެ ޖާދުވީ "ޓަޗް"ގެ އަވާގެން ޖެހިގެން ދަނީއެވެ. ބާކީވެފައި ތިބީ ބޮލަށް އެނބުރުން އަރައިގެން، އަނގައިން އެއްވެސް އެއްޗެއް ބޭރުވިޔަ ނުދޭން ތިބި މީހުންނެވެ. ކުއްލިއަކަށް ކަނޑުމައްޗަށް ބަލި ކުއްޖަކު ތަންމަތިވީ، އެދުވަހުގެ ހެނދުނު ކެއިހާ އެއްޗެއް ބޭރުކޮށް ހަށިން ބާރު ދިޔައީމައެވެ. އެކަން އަޑިގުޑަން ފިލުވުމަށްޓަކައި ދެތިން މުދައްރިއްސަކު އަވަދި ނެތި އުޅުނެވެ.

   އެކި މީސްމީހުން އުޅޭ ނޫޅޭ ގޮތް ބަލަން ހުރެވުނީ ކިހާ އިރެއް ވަންދެންކަން އެނގުނީ ފެހި ކުލައިގެ ގަސްކަރައެއް ފެރީގެ މައި ދޮރޯށިން ފެނުމުންނެވެ. އެއިރު ގަޑިއެއްހާއިރު ކަނޑުމަތީގައި ހޭދަވީއެވެ. އަވަހަށް ފެރީގެ އެންމެ މަތީ ފަންގިފިލައަށް އަރައި ބަލައިލީމެވެ. ފުރަތަމަވެސް ލޮލުގައި އަޅައިގަތީ މައްޗަށް އެރިހާ ބަޔަކުމެ ރަތްދަކައަވީގައި ކަނދު އަޅާފައިވާ މިސާލަށް އަތުރާލާފައި ތިއްބައެވެ. އެއިރު މަތީގެ ދިރުނބާ ކޮޅާވީ ދިމާލުގައި ހުރި ބެލްކަނީގެ ދަގަނޑުގެ އެހީގައި ދެތިން ކުއްޖަކު ކޮޅަށް ހުރީ ފެރީގެ ބޮޑު މާލިމީ، އިބްރާހިމްބެޔާ އެކުގައެވެ. އެހިސާބަށް މަޑުހިނގުމެއްގައި ގޮސް ވަށާ ހޯދައިލިއިރު ދުރުން، ދިވެހިރާއްޖޭގެ ބައި ބައި ވެފައިވާ ފެހިކަންގަދަ ހއ.އިހަވަންދޫގެ ގަސްކަރައޮބި، އައު ގަސްކަރަތަކެއް ފެންނާން ހުއްޓެވެ.

   ބަނޑުހައިހޫނުކަން އިޙްސާސްކުރެވުމުން ތިރިއަށްގޮސް ކުލާހުގެ އަންހެންކުދިންތައް ތައްޔާރުކޮށްފައިވާ "ޕިއްޒާ"އެއް ހިފައިގެން މައްޗަށް އަރައި މަތީގައި ތިބި ފިރިހެންކުދިންނާ އެކުލެވިގެން ކެއުމަށް އިންސާފް ކުރީމެވެ. ތިރިއަށް ފޭބުމާއެކު ކައިރީގައި ހުރި އަހުމީމް ގަޑި އަހާލުމުން 12:30 އޭ ކިޔައިފައި، ފެރީމައްޗަށް އަރުވާފައިހުރި ކާނާ ކުރޮނޑިތަކުގެ މަތިނަގައި ތިރީގައި ތިބި އެންމެނަށް ކާތަކެތި ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވުމަށްފަހު، އާދެވުނީ ކޮން ހިސާބަކަށްތޯ ބަލައިލީމެވެ. އެއިރު "މުލިދޫ"އާއި "ދޮނަކުޅި" ހާމައަށް ފެންނާން އޮތެވެ. މެންދުރުގެ ވަގުތުކަމުން، ފެރީގެ ފަހަތުގައި ހުރި ވަޅުފެން ހަމަކުން ވުޟޫކޮށް އަވަދިވެގެން މަތީގައި ކުރަމުންދިޔަ މެންދުރު ނަމާދުގެ ޖަމާޢަތުގައި ބައިވެރިވެ، ޒިކުރުކޮށް ދުޢާކޮށްލަން މަޑުކޮށްލީމެވެ.

   ޖެހެމުންދިޔަ ގަދަވައިން، ދެމުންދިޔަ ދިލަ އަވީގެ ހޫނު އިންތިހާއަށް ކުޑަކޮށްދިނެވެ. ފެންނަމުންދިޔަ ވިނަރެހަކަށްފަހު ވިނަރަހެއް ދޫކޮށް ދާން އޮތް މަންޒިލް ކައިރިވަމުން ދިޔައެވެ. "ފަރިދޫ" ދޫކޮށް "ނޮޅިވަރަންފަރު"ގެ ރުއްގަސް ތަކުގެ ފުސްކަން ކެނޑެމުން ދިޔަ އެވެ. ރަށަކީ ބިޔަ އަދި އެހާމެ ދިގު ރަށެކެވެ. ރަށްކައިރީގައި ދެ ފިނޮޅު ފެންނާން އޮތެވެ. ސިޔާސީ މަސްރަޙްގެ ދުވަސްވަރުކަމުން، ސިޔާސީ ދިދަތައް ފިނޮޅުގައްޔާއި، ފަރުގައި ޖަހާފައި ހުއްޓެވެ. ރަށުގެ އެއްފަރާތުގައި ރަށުން ބުރިވެފައި އޮތް ބައެއް އޮތެއްކަމަކު، އެއީ ކުޑަ އަދި ގަސްމަދު، ގިރަމުން އަންނަ ތަންކޮޅެއްކަން އެނގެއެވެ. ރަށަށް އެރުމަށް ހަދާފައިވާ ލަކުޑީގެ އެއްފާލަން އޮތީ ފީވެ ހަލާކުވެފައެވެ. މަސްދޯނިތަކާއި ބޮއްކުރާތައްފަދަ އުޅަނދުތައް ރަށާ ދުރުނޫން ހިސާބެއްގައި އަޅާފައި ހުއްޓެވެ.

   ދުވެލި މަޑުކޮށްލީ ނޮޅިވަރަންފަރުގެ ނެރުން ފެރީއަށް ވަދެވުމުންނެވެ. ކުޑަކޮށް ހައިރާންވާން ޖެހުނީ އެއްވެސް އިންސާނީ ދިރުމެއް ރަށުގެ ރުއްގަސްތަކުގެ ދަށުން ފެންނާން ނެތުމުންނެވެ. އެހެންނަމަވެސް ރަށާކައިރިވީ ވަރަކަށް ރަށުގެ އެތަންމިތަނުގައި ހަދާފައިހުރި ހޮޅުއަށިތަކާއި ޖޯލިފަތިތައް ލޮލަށް ކުލަވަމުން ދިޔައެވެ. އަހަރެމެންނަށް އާދެވުނީ އަވަހަށްކަމަށް ޝައްކުވާން ފެށީ އެއްވެސް ދަރިވަރަކު އަދި އެއްވެސް ބޭފުޅަކުވެސް ފެންނާން ނެތީމައެވެ. ހިތަށް ގިނަވަމުން ދިޔަ ވަހުމްތައް ފިލައިގެން ދިޔައީ، އިސާހިތަކު ރަށުގެ ބޮޑުމަގަކުން، ސުކޫލްގެ އިސްވެރިންގެ ފަހަތުން، މުދައްރިއްސުންނާއި މުދައްރިސާއިންގެ އިތުރުން، ހުދުކުލައިގެ ޔުނީފޯރމްތަކުގައި ދަރިވަރުންތައް ސަފުސަފަށް ތިބެ ފާލަން ކައިރިއަށް އަންނަމުން ދާތަން ފެނުމުންނެވެ. އެއީ ބަލައިލަން ހިތްގައިމް މަންޒަރެކެވެ. ދައްކުވައިދެނީ ކިޔަމަންތެރިކަމާ އަދަބުވެރިކަމެވެ. ފާލަމުގައި ސުވާސްތީ ދެންނެވުމަށް އެތުރެމުން ދިޔަލެއް ފުރިހަމަކަމުން ދުރާލައި ތައްޔާރުވެފައިވާކަން ފާހަގަވިއެވެ. (ނުނިމޭ)

 

ދަތުރުނާމާ

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ